މި މަޢުޟޫއަށް ބަޙުޘް ކޮށްލުމަށްޓަކައި ފުރަތަމަ ބަލާލަންވީ ޙަޤީޤަތްތަކެއް ވެއެވެ.
1- އ.ދ ގައި ބައިވެރި ވުމުގެ މާނަޔަކީ އެ ބައިވެރިވާ ޤައުމުތަކުގެ ދީނާއި ޘަޤާފަތް ދޫކޮށްލުމަށް މަޖުބޫރުވުމެއްނޫނެވެ. އެހެންކަމުން ކޮންމެ ޤައުމަކަށްވެސް ލިބިގެންވާ ޙައްޤުތަކެއް ވެއެވެ. އ.ދ ގެ ޗާޓަރުގައި ވާ ގޮތުގައި އ.ދ ގެ މަޤްޞަދަކީ ޤައުމުތަކުގެ މެދުގައި އެއްޤައުމު އަނެއްޤައުމަށް ހަމަހަމަ ވެގެންވާ ޙައްޤުތަކެއް ލިބިގެންވާ ކަމަށްޓައި އިޙްތިރާމްކޮށް ދެފަރާތުގެ ދެމެދުގައި އެކުވެރި ގުޅުންތައް އުފެއްދުމާއި ބައިނަލް އަޤުވާމީ ސުލްޙައަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.
އ.ދ ގެ މިހާރުގެ ޗާޓަރުގައިވާ އެއްވެސް މާއްދާއަކުން އެއްވެސް ޤައުމެއްގެ ދާޚިލީ ޤަޟިއްޔާއަކަށް ނުވަތަ ދާޚިލީ ސިޔާސަތަށް ފާޑުކިޔައި އެކަންތައް ބަދަލުކުރުވުމަށް މަސައްކަތް ކުރުމުގެ ޙައްޤެއް އ.ދ އަށް ލިބިގެން ނުވެއެވެ.
2- ޑިމޮކްރެޓިކް ސެކިއުލަރ އުޞޫލުތަކަށް ބަލާއިރުވެސް، މަދުބަޔަކު ދެކޭގޮތް ގިނަބައެއްގެ މައްޗަށް ތަންފީޛު ނުކުރެވޭނެއެވެ.
3- އެއްވެސް ޤައުމަކަށް އެތެރެވާ ބޭރުޤައުމެއްގެ މީހަކަށް، އެއެތެރެވާ ޤައުމެއްގައި ވޯޓުލުމުގެ ޙައްޤު ލިބިގެން ނުވަނީ އެޤައުމުގެ އަހުލުވެރީން ނޫން، ބޭރުމީހުންނަށް އެ ގައުމުގައިވޯޓުލުމުގެ ޙައްޤު ލިބިގެންނުވާކަމަށްޓަކައެވެ. އިނގިރޭސި ވިލާތުން އަންނަ ބިދޭސީއަކަށް ރާއްޖޭގައި ވޯޓްލެވޭކަށް ނުޖެހޭނެއެވެ. ޙަޤީޤަތުގައި ބޭރުމީހަކު ޤައުމަކަށް އެތެރެވާއިރު އޭނާއާއި އެޤައުމުގެ ސަރުކާރާއި ދެމެދު ވަރަށް މުހިއްމު އެގްރީމެންޓެއް ހަދައެވެ. މި އެގްރީމެންޓަކީ އެ އެތެރެވާ ސަރުކާރަކުން އޭނާއަށް ދޭ ވިސާއެވެ. އެހެންކަމުން މި އެއްބަސްވުމަށްފަހު މީގެ ސަބަބުން ލިބިގެންނުވާކަމެއް ހޯދައިގަތުމަށް ދަޢުވާ ކުރުމަކީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އަދި އެ ޤައުމެއްގެ ހުރިހާ ޢާއްމު ޤަވާޢިދު ތަކެއްވެސް އެއެތެރެވި ބިދޭސީމީހާގެ މައްޗަށް ތަންފީޒުވާންވާނެއެވެ. އެހެންކަމުން ވިސާގެ އެއްބަސް ވުމުގެ ކުރިން އެޤައުމަށް އެތެރެވުމާއި ނުވުން އިޚްތިޔާރު ކުރުމުގެ ޙައްޤު ބޭރުމީހާއަށް ލިބިގެންވެއެވެ. އަދި އެމީހާ ވިސާ ހޯދައިގެން އެގައުމަކަށް އަންނަނީ އެއްވެސް މަޖުބޫރުކަމެއްނެތި އެމީހާގެ ފުރިހަމަ އިޚްތިޔާރުގައެވެ. އެހެންކަމުން ވިސާ ޤަބޫލުކުރުމުގެ ކުރިން އެޤައުމަކަށް އެތެރެވުމަށްފަހު އެގައުމެއްގައި އޭނާއަށް މަނާ ކަންތަކާއި ހުއްދަ ކަންތައްވިސްނައި ދިރާސާ ކުރުމަށްފަހު އެޤައުމަކަށް ވަނުމަށް ނުވަތަ ނުވަނުމަށް ނިންމާނީއެވެ.
އެހެންކަމުން ވިސާގެ އެއްބަސްވުމަސްފަހު ބޭރު މީހާ އެއަންނަ ޤައުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމަޔަށް ތަބާވާން ޖެހޭނެއެވެ. އަދި އެޤައުމުގެ އާދަކާދަތަކާއި ޘަޤާފަތްތަކަށްވެސް އިޙްތިރާމް ކުރަންޖެހޭނެއެވެ. މިއީ ވަރަށް ޢާއްމު އުޞޫލުތަކެކެވެ. ތިޔަ ވިދާޅުވާ އެންމެ ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް ޢަމަލު ކުރަނީ މި އުޞޫލަށެވެ.
ތިރީގައި މިބަޔާން ކޮށްލަނީ މިކަމުގެ ބައެއް މިސާލު ތަކެވެ.
1- އެމެރިކާގައި ހުރި ބޭރުމީހަކަށް ދަރިޔަކު ލިބިއްޖެނަމަ އެދަރިފުޅަށް އެމެރިކާގެ ޕާސްޕޯޓަކާއިނުލާ އެމެރިކާއަށް ނުވަދެވޭނެއެވެ. މިގޮތަށް އެތެރެވެއްޖެކަން މިކުއްޖާއާއި މައިންބަފައިންގެ އަޞްލު ޤައުމުގެ ސަރުކާރަށް އެނގިއްޖެނަމަ އެމީހުންނަށް އަދަބު ދިނުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެހެންނަމަވެސް މިކަމުގައި މިކުއްޖާއާއި އޭނާގެ މައިންބަފައިންނަށް އެމެރިކާއަށް ނުދިޔުމަށް ފުރިހަމަ އިޚްތިޔާރު ލިބިގެންވެއެވެ. ކޮންމެހެން އެމެރިކާއަށް ދާކަށް އެއްވެސް ބަޔަކަށް އެމީހުންނަށް މަޖުބޫރެއްނުކުރެވެނެއެވެ. އަދި އެމެރިކާގެ މިގާނޫނު ބަދަލުކުރުމަށް ދަޢްވާކުރުމުގެ ޙައްގެއް އެ ދަރިފުޅުގެ މައިންބަފައިންނަކަށް ލިބިގެނެއްވެސް ނުވެއެވެ.
2- ދުނިޔޭގެ ގިނަ ޤައުމުތަކުން ތަފާތު އެކިވައްތަރުގެ ވިސާ ދޫކުރެއެވެ. މި ވިސާ ތަކުގައި ތަފާތު ވައްތަރުގެ ހުރަސްތަކެއްހުރެއެވެ. އެއް ވައްތަރެއްގެ ވިސާއިން ހުއްދަ ކުރާ ކަންތަކެއް އަނެއް ވައްތަރުގެ ވިސާއިން ހުއްދަ ނުކޮށްފާނެއެވެ.
3- ޢައިރު މުސްލިމް ޤައުމުތަކުގައި މުސްލިމުން މައިނޯރިޓީގެ ގޮތުގައި ދިރިއުޅެއެވެ. މިޙާލަތުގައި އިސްލާމީ ޝަރީޢަތުގެ ވަރަށް ޢާއްމު އުޞޫލުތައް ތަންފީޒު ކުރުމަށްވެސް އެމީހުންނަށް ފުރުސަތު ދެވިފައި ނުވެއެވެ. އެމީހުންގެ އމިއްލަ ޤައުމުގައި ބައިމަދުމީހުންގެ ގޮތުގައި އުޅެމުންދާ މީހުންގެ މިސާލަކީ މިއީކަމަށްވާއިރު، ބޭރުޤައުމުތަކުން މުސްލިމް ޤައުމަށް އަންނަ މީހާއަށް އެ ޤައުމުގައި ހުންނަ ދުވަސްކޮޅުގައި އެޤައުމުގެ ޤާނޫނާއު ޤަވާޢިދަށް ބޯލަނބައި ޘަޤާފަތަށް އިޙްތިރާމް ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. ސަބަބަކީ އޭނާ މިޤައުމަށް އައީ އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީއެވެ. އޭނާ އައީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ.
ޤައުމުތަކުން އަންނަ ޑިޕޮލޮމެޓުންނަށް ވިސްނާލާއިރުވެސް އެމީހުން އަންނަނީ ތަފާތު ދީންތަކުންނެވެ. އެހެންކަމުން އެބައިމީހުން އުޅޭތަންތަނުގައި ސިއްރުން ފާޅުނޫންގޮތުގައި އެބައިމީހުންނަށް އަޅުކަންކުރެވިދާނެއެވެ. މި ކަމަކީ ޑިޕޮލޮމެޓިކް ކޮންވެންޝަންތަކުގެ ދަށުންވެސް ރައްކާތެރި ކުރެވިގެންވާ ކަމެކެވެ. އަދި ހަނދާންކޮށްލަންވީ ކަމަކީ ހުރިހާ ޑިޕޮލޮމެޓިކް ކޮންވެންޝަންތައްވެސް ގޮވާލަނީ ޤައުމުތަކުގެ ޤާނޫނުތަކަށް އިޙްތިރާމް ކުރުމަށެވެ.
ދިވެހި ރާއްޖެޔަކީ ދުނިޔޭގައި އޮތް ހަމައެކަނި ސައްތައިންސައްތަ އިސްލާމީ ޤައުމެވެ. މިޤައުމުގެ ރައްޔިތަކަށް ވެވޭނީވެސް މުސްލިމަކަށް ވެގެންނެވެ. މިއީ މިޤައުމުގެ ރައްޔިތުން ރުހޭ ގޮގޮތްވެސްމެއެވެ. އެމީހުން ބޭނުންވެސްވާ ގޮތެވެ. ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުންވެސް ފާސްކޮށްފައިވަނީ މިގޮތަށެވެ. ރާއްޖޭގެ ރައްޔިތުންގެ 2% މީހުންވެސް ރާއްޖޭގައި އިސްލާމްދީންނޫ އެހެން ދީނަކަށް ފާޅުގައި އަޅުކަން ކުރެވޭގޮތަށް ހެދުމަށް ތާޢީދެއް ނުކުރެއެވެ. ދިވެހި ރައްޔިތުކަން ޤާނޫނު އަސާސީގެ ދަށުން ކާފިރު ވުމުގެ ސަބަބުން ނިގުޅައިގަނެވިފައިވާ މަދުބަޔަކު މިފަދަ ދުވަހެއް ދެކެން ބޭނުންވިޔަސް ، އިރާދަކުރެއްވިއްޔާ މިކަމެއް ނުވާނެއެވެ.
ރާއްޖެއިން ބޭރުން އަންނަމީހުން ރާއްޖޭގައި، ދިވެހިންގެ ދީނާއި އިދިކޮޅު ޙަރަކާތްތަކެއް ބާއްވަން ބޭނުންވާކަމުގައި ވަނީ ނަމަ ރާއްޖެޔަށް ނާންނާނީއެވެ. ސަބަބަކީ ދިވެހި ވިސާ ހޯދާ މީހަކަށް ރާއްޖޭގައި އޮތް ޤާނޫނާއި ޚިލާފުވުމަށް ތަން ނުދޭތީއެވެ. އަދި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ރާއްޖޭގެ ޤާނޫނު އަސާސީންވެސް ނުދޭތިއެވެ. ރާއްޖެއަށް އައުމުގެ ކުރިން ރާއްޖޭގައި ފައްޅި ނުހުންނަކަން ޢައިރު މުސްލިމް މީހާ ދެނެގަންން ޖެހެއެވެ. އަދި ޑިމޮކްރަސީގެ އުޞޫލުތަކުގެ ދަށުން ދިވެހިންގެ މެޖޯރިޓީ އޮތީ ޢައިރު މުސްލިމް މީހާ އޭނާގެ ފައްޅި ރާއްޖެއަށް އިމްޕޯރޓު ކޮށްދޭގޮތަކަށްނޫނެވެ.
އަދި މިއަދު ދިވެހިން ގެ ތެރެއިން ދެވަނަ ނަންބަރު ޢަދަދަކަށް ނާރާހާ މަދުބަޔަކު ތިމަންނަމެންނަކީ ކަލަކު ވާކަމަށް ޤަބޫލު ނުކުރާމީހުންނޭ، ތިމަންނަމެންގެ ޙައްޤުތަކޭ ކިޔައިގެން އުޅެންބޭނުންވާނަމަ އެމީހުންނަށް ދޭންއޮތް ނަސޭޙަތަކީ ވީހާވެސް އަވަހަށް އިސްލާމް ވާށޭ، މިއެވެ. ނޫންނަމަ އެމީހުންގެ ޙަޤީޤަތެއްނެތް އެތީސްޓު ދީން ހިފައިގެން ޖައްވަށް ދިޔުމަށެވެ. ޖައްވުގައިވާ ގިނިހިލަތައް ގުނައިލަ ގުނަލާއި ތިބުމުން އެމީހުންނަށް ފުދޭނެއެވެ. އާޚިރުގައި ޖަހައްނަމް ނޫން އެހެންތަނެއް އެމީހުންނަށްޓަކައި ނުވެއެވެ.
ނަޞާރާއިންނަށް ދޭންއޮތް ނަސޭޙަތަކީ ވީހާވެސް އަވަހަށް ޙައްޤު ދީނަށް އެނބުރި ރުޖޫޢަ ވާށޭ، މިއެވެ. މިސްކިތް ކައިރީގައި ފައްޅިއަކާއި ނައިޓް ކުލަބެއް އެޅުމަކީ ދިވެހިންގެ ޑިމޮކްރަސީއެއް ނޫންކަން ހަނދާންކޮށްދެމެވެ. ދިވެހިންގެ ގިނަ މީހުން އެދެނީ މި ބިމުގައި ތާއަބަދު ތައުޙީދުގެ ކަލިމަ މަތިވެރި ވުމެވެ. ނަޞާރާއިންނަށް އޮތީ ވަޓިކަން ސިޓީއެވެ. އެތާނަގައި މިސްކިތްނޭޅޭ ފަދައިން މި ދިވެހި ދީބުގައިވެސް ފައްޅިނޭޅޭނެއެވެ.
|