06 ޑިސެމްބަރު 2008 (ހޮނިހިރު): މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޙައްޖުވެރިންނަށް އެހީތެރިވުމަށްޓަކައި މިނާއަށް ގޮސްތިބި ދިވެހި ކިޔަވާ ކުދިންނާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ދުނިޔޭގެ އަދުގެ އިސްލާމީ އަދި ސިޔާސީ ހާލަތާބެހޭގޮތުން މިނިސްޓަރު ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ހުރިހާ ކުދިންވެސް ގުޅިގެން އެކުވެރިކަމާއެކު އިސްލާމީ ދައުވަތު ފެތުރުމަށް މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަތެވެ. އަދި ޗުއްޓީގެގޮތުގައި ކުދިން ރާއްޖޭގައި ހޭދަކުރާ ދުވަސްވަރު ވުޒާރާއާ ގުޅުން ބެހެއްޓެވުމަށާއި ދައުވަތުގެ މައިދާނުގައި ކުދިންގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި މިނިސްޓްރީން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަށްދެއްވިއެވެ.
މީގެއިތުރުން މި ދުވަސްވަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް އައިސްތިބި ދިވެހި ޙައްޖުވެރިންނަށް އެހީތެރިވެދިނުމަށްވެސް ކުދިންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތެވެ. އަދި ކިޔަވާކުދިން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާ ހިތްވަރު ދެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި މަދީނާގެ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ 12 ކުދިންނާއި މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީގައި ކިޔަވާ 3 ކުދިން ބައިވެރިވިއެވެ.
|