The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


ޙައްޖުމަހުގެ ފުރަތަމަ ދިހައިގައި ކުރުން އެދެވިގެންވާ ބައެއް އަޅުކަންތައް

Category »  އެޑިޓޯރިއަލް
Sunday, November 30, 2008
ލިޔުއްވީ : މުޙައްމަދު އަނީލް

ޙައްޖު މަހުގެ ދިހައިގެ މާތްކަމާއި، އޭގައި ވާ ދަރުމައާއި ސަވާބު ހޯދުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެންނަށް ވަރަށްވެސް މުހިއްމު ކަމެކެވެ. މިގޮތުން އަޅުގަނޑުމެންނަށް އަދާ ކުރެވިދާނެ ބައެއް އަޅުކަންތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

 

ތެދުވެރި އިޚްލާޞްތެރި ތައުބާއަކުން ތައުބާވުން:

މިފަދަ މާތް ދުވަސްވަރަކާ ބައްދަލުވާހިނދު އެންމެ އިސްކަމެއް ދޭންޖެހޭނީ ފުރިހަމަ ތެދުވެރި ތައުބާއަކުން ﷲ އަށް ތައުބާވުމަށެވެ.

ތައުބާ ވުމުގައި 3 ޝަރުޠެއް ވެއެވެ.

1- އެ ކުރަމުން ދިޔަ ނުބައިކަމެއް ހުއްޓާލުން

2- އެ ނުބައިކަމެއް ކުރެވުނުކަމުގެ މައްޗަށް ހިތާމަ ކުރުން

3- މީގެ ފަހުން އެފަދަ ކަމަކަށް އަރައި ނުގަތުމަށް ޢަޒުމު ކަނޑައެޅުން.

މި ތިން ޝަރުޠު ބަޔާން ކުރެއްވުމަށްފަހު، އިމާމް ނަވަވީ ރަޙިމަހުﷲ، އެކަލޭގެފާނުގެ ފޮތް، ރިޔާޟުއްޞާލިޙީންގައި ވިދާޅުވެފައިވެއެވެ. فَإِنْ فُقِدَ أَحَدُ الثَّلاثَةِ لَمْ تَصِحَّ تَوبَتُهُ. މިތިންކަމުގެ ތެރެއިން އެއްވެސް ކަމެއް އުނިވެއްޖެނަމަ އޭނާގެ ތައުބާ ޞައްޙައެއް ނުވާނެއެވެ.

މީގެ އިތުރަށް، މީހެއްގެ ޙައްޤަކަށް އަރައިގަނެވިފައިވާނަމަ، އޭނާގެ ކިބައިން މާފަށް އެދުމަކީ ހަތަރުވަނަ ޝަރުޠެވެ.

 

ރޯދަހިފުން

މި ދިހައިގައި ކުރެވޭ އެންމެ މާތް އަޅުކަންތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަހިފުމަކީ ސުއްނަތް ވެގެންވާ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ހެޔޮ ކަންތައްތައް މި ދިހައެއްގައި ގިނަ ކުރުމަށް އިރުޝާދުދެއްވާފައެވެ. އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙައްޖުމަހުގެ ފުރަތަމަ 9 ދުވަހު ރޯދަ ހިއްޕެވިކަމަށް ޞައްޙަ ޙަދީޘްގައި ވާރިދުވެގެންވެއެވެ. [أخرجه النسائي 4/205 وأبو داود وصححه الألباني في صحيح أبي داود 2/462] 

 

ތަކުބީރު ކިޔުން

ޙައްޖުމަހުގެ ފުރަތަމަ ދިހައިގައި ތަކުބީރުކިޔުން ސުއްނަތް ވެގެން ވެއެވެ. މިސްކިތްތަކާއި، ގެތަކާއި މަގުތަކުގައި ތަކުބީރު ބާރަށް ކިޔުމަކީ ސުންނަތެކެވެ. އެއީ ﷲ އަށް ކުރެވޭ އަޅުކަމެކެވެ. އެއިލާހުގެ މަތިވެރިކަން އިޢުލާނު ކުރުމެވެ.

ތަކުބީރު ބާރަށް ކިޔާނީ ފިރިހެނުންނެވެ. އަންހެނުން ކިޔަން ޖެހޭނީ ސިއްރުންނެވެ.

މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ސުއްނަތް މިވަނީ ގެއްލިގޮސްފައެވެ. އެހެންކަމުން އެދެވިގެންވަނީ މި ސުއްނަތް ދިރުވުމުގެ ގޮތުން ބާރަށް ފާޅުގައި ތަކުބީރު ކިޔުމެވެ. އިބްނު ޢުމަރު އާއި އަބޫހުރައިރާ -ރަޟިޔަﷲ ޢަންހުމާ- ބާޒާރުމައްޗަށް ނުކުމެވަޑައިގެން ހަރުއަޑުން ތަކުބީރު ވިދާޅުވިކަމަށް ސާބިތުވެފައިވެއެވެ. އޭގެ ބޭނުމަކީ ޖަމާޢީ ގޮތެއްގައި އެންމެން އެއް އަޑަކުން ތަކުބީރުކިޔަމުން ގެންދިޔުމެއް ނޫނެއެވެ. ހަރުއަޑުން ތަކުބީރު ކިޔުމުގެ ބޭނުމަކީ ގެއްލި ނެތެމުންދާ ސުއްނަތެއް ދިރުވައި އާލާކުރުމެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ. ( مَن أحيا سنة مِن سنتي قد أميتت بعدي فإنّ له مِن الأجر مثل مَن عمل بها مِن غير أن ينقص مِن أجورهم شيئاً ) [أخرجه الترمذي 7/443] ތިމަންކަލޭގެފާނަށްފަހު ތިމަންކަލޭގެފާނުގެ ސުއްނަތެއް ދިރުވައިފި މީހާއަށް، އެސުއްނަތަށް ޢަމަލުކުރާ މީހާއަށް ލިބޭނެ ސަވާބާއި ދަރުމަ، އެ ޢަމަލު ކުރާ މީހާގެ ދަރުމައިން އެއްވެސް މިންވަރެއް އުނިނުވެ، ލިބޭނެއެވެ.  

ތަކުބީރު ކިޔާނެގޮތް:

اللَّهُ أَكْبَرُ ، اللَّهُ أَكْبَرُ لاَ إِلَهَ إِلاَّ اللَّهُ ، وَ اللَّهُ أَكْبَرُ وَلِلَّهِ الْحَمْدُ

މިނޫން އެހެން ގޮތްގޮތަށްވެސް ތަކުބީރު ކިޔުން ވާރިދުވެފައިވެއެވެ.

 

ޙައްޖާއި ޢުމްރާ

މި ދުވަސްވަރު މުސްލިމު އަޅާ ކުރާ އެންމެ ހެޔޮ ޢަމަލު ތަކުގެ ތެރޭގައި ޙައްޖާއި ޢުމްރާވުން ހިމެނެއެވެ. އަދި އެ ޙައްޖާއި ޢުމްރާގެ މަނާސިކުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ހިމެނެއެވެ. އަދި ޙައްޖު ފާސިދުވާފަދަ އެއްވެސް ކަމެއް ޙައްޖުގެ ތެރޭގައި ނުކުރުންވެސް ހިމެނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރައްވާފައިވެއެވެ. ( الحج المبرور ليس له جزاء إلا الجنة ). މަޤުބޫލް ޙައްޖެއްގެ ޖަޒާއަކީ ސުވަރުގެ ކަމުގައި މެނުވީ ނުވެއެވެ.

 

އެހެނިހެން ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުން.

ހެޔޮ ޢަމަލުތައް ގިނަކުރުމަކީ ﷲގެ ލޯބި ތިމާއަށް ލިބޭނެ ކަމެކެވެ. އަދި ތިމާގެ އީމާންކަން އިތުރުވާނެ ކަމެކެވެ. އެހެންކަމުން ރަނގަޅު ހެޔޮ ޢަމަލު ކުރުމަށް އަވަސްވެގަންނަން ޖެހޭނެއެވެ.

 

އުޟްޙިޔާ ކަތިލުން:

ﷲ އަށްޓަކައި، އެއިލާހުގެ ޙަޟްރަތުން ސަވާބާއި ދަރުމަ އެދިހުރެ، އުޟްޙިޔާ ކަތިލުމަކީ ގަދަވެގެންވާ ސުއްނަތެކެވެ. މިއީވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތިގެން ގޮސްފައިވާ ސުއްނަތެކެވެ.

ސުއްނަތް ދިރުވުމުގެ ސަވާބާއި ދަރުމަ ލިބޭތޯ މަސައްކަތް ކުރަން ޖެހޭނެއެވެ.

އަދި މިއީ މިފަދަ ދުވަސްވަރެއް ތިމާގެ ޙަޔާތުގައި އަންނާނެ އެންމެ ފަހު ފަހަރު ކަމުގައި ދެކި، މި ދުވަސްތަކުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގަތުމަށް ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރައްވާށެވެ.

 

މިއީ ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގައި އަދާކުރެވިދާނެ ބައެއް ޢަމަލުތަކެވެ. މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ އިތުބާރުހުރި ޢިލްމީ ވެބްސައިޓްތަކުންނެވެ.

ﷲ ތަޢާލާ އަޅަމެން އެންމެންނަކީ މި ދިހައިގެ ފައިދާ އެންމެ ހެޔޮ ގޮތުގައި ލިބިގަންނަ ބަޔަކު ކަމުގައި ލައްވާށިއެވެ! އަދި އަޅަމެންގެ ތެރޭގައި އެއިލާހުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ސުއްނަތް ދިރުވުމުގެ ހެޔޮތައުފީޤްދެއްވައި، އަޅަމެންނަކީ މަރުވުމުގެ ކުރިން ފުރިހަމަ ތައުބާއެއްވާ ބަޔަކު ކަމުގައި ލައްވާށި! އާމީން.

وآخر دعوانا أن الحمد لله رب العالمين.



 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި