ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމުންނަށް އިޒްރޭލުގެ ޔަހޫދީން ކުރިމަތިކޮށްގެން އުޅޭ ބިރުވެރި ކަމާއި އަނިޔާގެ ޙިޞާރުން އެމީހުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރުމަށާއި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ބޯލަނބައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތަށް ތަބާވުމުގެ ގޮތުން، ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ނާޒިލާ (މުސީބާތުގެ ވަގުތުގައި ކިޔާ ޤުނޫތު) ކިޔުމަށް މުޅި އިސްލާމީ އުއްމަތަށް، ފަލަސްޠީނުގެ ޢިލްމުވެރިން ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލެއްވީ ފަލަސްޠީނު ޢިލްމުވެރިން ހިމެނޭ ރާބިޠަތު ޢުލަމާއި ފަލަސްޠީން އިން ނެރުނު ޚާއްޞަ ބަޔާނެއްގައި މިމަހުގެ 20 ވަނަ ދުވަހުގައެވެ. ރާބިޠާގެ މި ބަޔާނުގައި އުއްމަތަށް ބޮޑު މުޞީބާތެއް ޖެހޭ ވަގުތުތަކުގައި ޤުނޫތު ނާޒިލާ ކިޔުއްވުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އާދަފުޅެއް ކަމަށް ބަޔާން ކުރައްވާފައި ވެއެވެ.
ޤުނޫތުގައި ޔަހޫދީންނާއި އެމީހުންނަށް އެހީވާ މީހުންގެ މައްޗަށް ދުޢާކުރުމަށާއި، އަދި ޣައްޒާގެ އަހުލުވެރިންނަށް ކުރިމަތިވެފައިވާ ޙިޞާރުން އެމީހުން ސަލާމަތް ކޮށްދެއްވުމަށް ދުޢާކުރުމަށްވެސް ގޮވާލައްވާފައި ވެއެވެ.
ބަޔާނުގައި، ފަރުބަދައިގެ ހޮހޮޅައިގައި ބަންދުވި 3 މީހުން، އެމީހުންގެ ޞާލިޙު ޢަމަލުތައް މެދުވެރިކޮށް ދުޢާ ދެންނެވުމުން ﷲ ތަޢާލާ އެމީހުން އެކަމުން ސަލާމަތްކޮށްދެއްވި ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚަބަރު ދެއްވާފައިވާކަން ފާހަގަ ކުރައްވާފައި ވެއެވެ.
އަދި އިބްރާހީމް ޢަލައިހިއްސަލާމް އަލިފާނަށް އެއްލާލެވުނު ހިނދު ﷲ ތަޢާލާ އެކަލޭގެފާނު ސަލާމަތް ކުރެއްވި ކަމާއި، މޫސާ ޢަލައިހިއްސަލާމާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ފަހަތުން ފިރުޢައުނާއި އޭނާގެ ލަޝްކަރު ދިޔަ ދުވަހު، ﷲ ތަޢާލާ އެކަލޭގެފާނާއި އެކަލޭގެފާނުގެ ޤައުމު ސަލާމަތް ކުރެއްވި ކަމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި އެކަލޭގެފާނުގެ ލޮބުވެތި ޞަޙާބީން ބަދުރުގެ މައިދާނާއި އަދިވެސް އެހެނިހެން މުޞީބާތްތަކުން ﷲ ތަޢާލާ ސަލާމަތް ކުރެއްވިކަން މި ބަޔާނުގައި ހާމަކޮށްފައި ވެއެވެ.
އެހެން ކަމުން އެންމެހާ ދިވެހި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނޫރުލްއިސްލާމް.ނެޓްގެ ފަރާތުން މިގޮވާލަނީ، ކޮންމެ ނަމާދެއްގެ ފަހުގައި ދެއަތް އުފުލައި ފަލަސްޠީނުގައި ނިކަމެތި ކުރެވިފައި ތިބި މުސްލިމުންނަށް ޔަހޫދީންގެ މައްޗަށް ނަޞްރު ދެއްވުން އެދި ދުޢާ ކުރުމަށެވެ. ތިމާގެ މުސްލިމު އަޚާ ނެތްތަނުގައި އޭނާ އަށްޓަކައި ކުރާ ދުޢާ އަކީ މުސްތަޖާބު ދުޢާއެއް ކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އަންގަވާފައެވެ.
|