(މަދީނާ) 12 ނޮވެމްބަރު 2008 (ބުދަ) : މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވާ ދިވެހި ޙައްޖުވެރިންނަށް އެހީތެރިވުމަށާއި މަދީނާއިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމަށް މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދިވެހި ކިޔަވާކުދިން ތައްޔާރުވަމުން އެބަ ގެންދެއެވެ.
މިގޮތުން މިރޭ (12 ނޮވެމްބަރު 2008ވީ ބުދަ ދުވަހުގެ ރޭ) މިކަމާބެހޭގޮތުން އެބޭފުޅުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި ޙައްޖުވެރިންނަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
މިގޮތުން ޙައްޖުވެރިން މަދީނާއަށް ފައިބާވަޑައިގަންނަވާ ހިސާބުން ފެށިގެން، މަދީނާއިން ފުރާވަޑައިގަންނަވަންދެން އެހީތެރިވެދިނުމަށް ހަމަޖައްސާފައިވެއެވެ. އަދި ޙައްޖުވެރިން ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ތަންތަނަށް އެ ބޭފުޅުންނާއެކު ދިޔުމާއި އެބޭފުޅުންނަށް އެ ތަންތަނާއި ބެހޭ ފުރިހަމަ، ޞައްޙަ މަޢުލޫމާތާއި އިރުޝާދު ދިނުމުގައި ޙަރަކާތްތެރިވާން އެބޭފުޅުން ވަނީ ތައްޔާރުވެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މަސްޖިދުއްނަބަވީއާއި، ޤުބާ މިސްކިތާއި، އަދި އުޙުދު ހަނގުރާމަ ހިނގި މައިދާނަށް ޙައްޖުވެރިން މަދީނާގައި ޒިޔާރަތް ކުރާނެއެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން ޙައްޖުވެރިންނަށް އެހީތެރިވުމުގައި ދިވެހި ކިޔަވާކުދީން ވަރަށް ހީވާގިކަމާއެކު، އެއްވެސް ފޫހިކަމެއް ނެތި މަސައްކަތް ކުރައްވަމުން ގެންދާނެ ކަމަށް އެބޭފުޅުންނާ ޚަބަރު ދެއްވައެވެ.
ޙައްޖުވެރިންނަށް އެހީތެރިވުމަށް މިބޭފުޅުން މިއަހަރު މައްކާއަށް ދިޔުމުގައި ދަތިތަކެއް ވަނީ ކުރިމަތި ވެފައެވެ. އެހެންނަމަވެސް ކަމާބެހޭ ފަރާތްތަކާ ގުޅައިގެން އެކަމަށް މަގުފަހި ކުރުމަށް އެބޭފުޅުން ގެންދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. މިކަމުގައި ކިތަންމެ ހަނި ފުރުޞަތެއް ލިބުނު ކަމުގައި ވިޔަސް ދިވެހި ލޮބުވެތި ޙައްޖުވެރިންނަށް އެހީތެރިވުމަށް މައްކާއަށް ދާނެކަމަށް އެބޭފުޅުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ދިވެހިރާއްޖެއިން ޙައްޖަށާއި ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުންނަށް އެހީތެރިވެ ދިނުމުގައި، ހިލޭސާބަހަށް، ﷲގެ ވަޖުހުފުޅަށްއެދިގެން، މަދީނާގައި ކިޔަވާ ވިދާޅުވާ ދިވެހި ބޭފުޅުން އަބަދުވެސް މަސައްކަތް ކުރައްވައެވެ. ޙައްޖުވެރިންނަށް އެބޭފުޅުންގެ ފަރާތްޕުޅުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާކަމުގައި ޙައްޖު ގުރޫޕްތަކުން މަޢުލޫމާތު ދެއްވައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ދިވެހިރާއްޖެއިން ގިނަ ޢަދަދެއްގެ ޙައްޖުވެރިން ކުރިއަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނެވާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ދިވެހި ޙައްޖުވެރިންގެ ޚަބަރުތައް ވީހާވެސް ތާޒާކޮށް ގެނެސް ދެވޭތޯ ނޫރުލްއިސްލާމް.ނެޓް އިން މަސައްކަތް ކުރަމުންގެންދާނެއެވެ.
|