(މި ލިޔުމާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯދުމަށްފަހު އަޕްޑޭޓް ކުރެވިފައި)
20 އޮކްޓޯބަރ 2008 [ސ.ހިތަދޫ]: އައްޑު އަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގެ އެކްޓިންގ ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި، އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ޖީ ރާޖުކުމާރު، މި އުއްމަތުގެ ހިތްތަކުގެ ވިންދާ ގުޅިފައިވާ، އަހަރެމެންގެ ލޮބުވެތި ރަސޫލާ، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަބުރުފުޅާބެހި އިހާނެތި ބަސްތަކެއް ރައްދުކޮށްފިއެވެ.
ސްކޫލުން މަޢުލޫމާތު ދެއްވި އިސް ބޭފުޅަކު ވިދާޅުވީ، އެސްކޫލްގައި ބޭއްވުނު އެންޓްރެންސް އިމްތިޙާނުގެ ސޯޝަލް ސްޓަޑީޒް ޕޭޕަރުގައި އޮތް ސުވާލެއްގައި އޭޝިޔާ ބައްރުގައި އިސްލާމްދީން ފެތުރުމަށް އެންމެ ބޮޑު ބާރަކަށްވީ ކާކުތޯ؟ އޮތް ސުވާލަށް ކުދިބަޔަކު، "އެއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް" ކަމަށް ލިޔުނު ކަމަށާއި، މާކްސްކީމްގައި އޮތީ އެހެން ޖަވާބަކަށް ވުމުން އެ ކުދިންނަށް މާކްސް ދިނުމާމެދު ޕެނަލްގައި ބަހުސް ކުރެވުނު ކަމަށެވެ. އަދި އެ ބަހުސް ގައި އެގޮތަށް ޖަވާބު ލިޔުނު ކުދިންނަށް މާކްސް ދިނުމަށް ފާސްކުރިކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
މާކް ކުރުން ނިމުމަށްފަހު ޕެނަލްގައި ހިމެނުނު މާކް ކުރާ މުދައްރިސުންގެ ތެރޭގައި މި ސުވާލާމެދު އަނެއްކާވެސް ބަހުސް ކުރެވެން ފެށިއެވެ. ސަބަބަކީ ސޯޝަލް ފޮތުގައި އޮންނަނީ އިސްލާމްދީން އޭޝިޔާ ބައްރުގައި ފެތުރުމުގެ އަސްލަކަށްވީ، ވިޔަވާރިވެރިންކަމުގައެވެ. ވާހަކައިގައި ރާޖުކުމާރު އޭނާގެ ކޮޅު ދިފާޢު ކުރަމުން ބުނެފައިވަނީ (infact he was thrown out of MAKKAH) ، "ޙަޤީޤަތުގައި، އޭނާ (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) ވަނީ މައްކާއިން ގަދަކަމުން ބޭރުކުރެވިފައެވެ." އެހެން ކަމުން އެކަލޭގެފާނު ފަދަ އަމިއްލަ ރަށުން ބޭރުކުރެވުނު މީހަކަށް އޭޝިޔާ ބައްރުގައި އިސްލާމްދީން ފެތުރުމަކީ މުސްތަޙީލު ކަމެއް ކަމުގައި މިފަދަ އިބާރާތަކުން ވަރަށް އިހާނެތިކޮށް އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ނިސްބަތްކޮށް ރާޖު ކުމާރު ވާހަކަ ދެއްކި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެވަގުތު އެތާނގައި ހުންނެވި އިންޑިޔާގެ މުސްލިމު ޓީޗަރަކު، ރާޖުކުމާރާ މުޚާޠަބުކޮށް "ކަލޭ މިވަގުތު އިންޑިޔާގައި ހުރިނަމަ އެތާނގެ މުސްލިމުން ކަލޭ ކަތިލީހޭ، އަހަރެންވެސް ކަލެއާއެކު އިންޑިޔާގައި ހުރިނަމަ، އަހަރެންގެ އަތުން ކަލޭ މަރާލެވުނީހޭ، ނުވަތަ ކަލެއާ ހަނގުރާމަކޮށް އަހަރެންގެ ފުރާނަ ދުއްވާލީމުހޭ" މިފަދައިން ބުނިކަމަށް ވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.
ނޫރުލްއިސްލާމް ޓީމަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ރާޖުކުމާރަކީ އޭނާގެ ފިކުރު ސްކޫލްގައި ފެތުރުމަށް މަސައްކަތް ކުރާ މީހެކެވެ. މިގޮތުން މިފަދަ ޢަމަލެއް މިއަހަރުގެ މެދުތެރޭގައި ހިންގާފައި ވެއެވެ. އެއީ އިރު ކޭތައާއިބެހޭ މައުލޫމާތު ދިނުމަށް ސްކޫލްގެ ދަރިވަރުންނަށް ބެހެއްޓި ޑިސްޕްލޭ ބޯޑެއްގައި، ކޭތަ ހިފުމާއި ގުޅިގެން އިންޑިޔާގެ ބާޠިލު ދީންތަކުގެ މީހުން ޤަބޫލު ކުރާގޮތް ލިޔެ ބަހައްޓި ކަމަށާއި އެ ސްކޫލްގެ ބައެއް މުއައްޒަފުންގެ ބާރު އެޅުމުގެ މަތިން އެ ލިޔުން ނެގުނު ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެހެންކަމުން، މި ފުރުޞަތުގައި ﷲ އަށް ބިރުވެތިވެ ވަޑައިގެންނެވުމަށާއި މި މައްސަލަ ވަރަށް ސީރިއަސްކޮށް ނެންގެވުމަށް ނޫރުލްއިސްލާމް ޓީމުގެ ފަރާތުން މުޙިއްބުއްދީން ސްކޫލްގެ މެނޭޖްމެންޓަށް ގޮވާލަމެވެ. އަދި މީނާ ސްކޫލުން ވަކިކޮށް ރާއްޖެއިން ފޮނުވާލުމަށް ގޮވާލަމެވެ. އަދި މައްސަލަ ބެއްލެވުމުގެ މަރުޙަލާގައި މީނާ ކުލާސްތަކަށް ދިޔުން މަނާކުރެއްވުމަށްވެސް ގޮވާލަމެވެ. އެހެނީ މީނާ، މީނާގެ ދިފާޢުގައި ދަރިވަރުންގެ ބޮލަށް މީނާގެ ވަސްވާސްތައް ވައްދަން މަސައްކަތް ކުރުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. އަދި މީނާއާ މެދު އަވަސް، ހަރުކަށި ފިޔަވަޅު އަޅުއްވައި، އެއީ ދެން އެހެން މީހަކު މިފަދަ ކަމެއް ނުކުރުމަށް ބާރުއެޅޭފަދަ ފިޔަވަޅަކަށް ހައްދަވާށެވެ.
މިއަދު މީނައާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމުގައި ހަރުދަނާވެ ވަޑައިނުގެންނެވި ނަމަ މާދަމާ އެހެން މީހަކު މިއަށްވުރެ ބޮޑު ކަމަކާއިގެން ތެދުވުމަކީ އެކަށީގެންވާ ކަމެކެވެ.
އައްޑޫގެ ލޮބުވެތި ރައްޔިތުންނޭވެ! ލޮބުވެތި ބެލެނިވެރިންނޭވެ! ސްކޫލްގެ މުއައްޒަފުންނޭވެ!
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޢުމަރުގެފާނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނެވި ދުވަސް ހަނދުމަކުރާށެވެ! އެހިނދު ޢުމަރު ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ! އޭ ﷲ ގެ ރަސޫލާއެވެ! އަހަރެންގެ އަމިއްލަ ނަފްސު ފިޔަވައި އެންމެ ބޮޑަށް ލޯބިވަނީ ކަލޭގެފާނު ދެކެއެވެ!
އެހިނދު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ! އޭ ޢުމަރެވެ! ކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވުރެ ބޮޑަށް ތިމަންކަލޭގެފާނަށް ލޯބިކޮށްފުމަށް ދާނދެނެވެ.
އެހިނދު ޢުމަރު ވިދާޅުވިއެވެ. މިހާރު އަހުރެންގެ އަމިއްލަ ނަފްސަށްވުރެ ލޯބިވަނީ ކަލޭގެފާނު ދެކެއެވެ.
ހަނދުމަ ކުރައްވާށެވެ! އެކަލޭގެފާނު އަހަރެމެން ނަރަކައިގެ ތުންފަތްމަތީގައި ތިއްބާ އަޅުގަނޑުމެންގެ އުނަގަނޑުގައި ހިއްޕަވައި އަޅުގަޑުމެން އެ ނަރަކައިން މިންޖު ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ.
އެކަލޭގެފާނަށް ލޯބި ނުކުރާ މީހާގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ.
ޙަދީޘް ކުރައްވަނީ: (فوالذي نفسي بيده لا يؤمن أحدكم حتى أكون أحب إليه من والده وولده) ފަހެ އެއިލާހުގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުވާ އިލާހު ގަންދީ ވިދާޅުވަމެވެ. އެމީހެއްގެ ގާތުގައި އެމީހެއްގެ މައިންބަފައިންނާއި ދަރިންނަށްވުރެ ތިމަންކަލޭގެފާނު ލޮބުވެތިކަން ބޮޑުވެއްޖެއުމަށްދާންދެން ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އީމާންވާ ކަމުގައި ނުވެއެވެ.
އައްޑޫގެ ލޮބުވެތި ރައްޔިތުންނޭވެ! ލޮބުވެތި ބެލެނިވެރިންނޭވެ! ސްކޫލްގެ މުއައްޒަފުންނޭވެ! މަޑުން ނުތިއްބަވާށެވެ! ތިޔަބޭފުޅުންގެ ލޮބުވެރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނުގެ ދިފާޢުގައި އަޑު އުފުލާށެވެ! ޙިކުމަތާއިއެކު ކުރިއަށް ވަޑައިގަންނަވާށެވެ. ވީ މިންވަރަކުން މީނާގެ މި ޢަމަލާދެކޮޅަށް އިޙްތިޖާޖު ކުރާށެވެ!
އޭ އެންމެހާ މުސްލިމުންނޭވެ! ދިވެހިންނޭވެ! އޭ ސިޔާސީ ލީޑަރުންނޭވެ! އޭ ޤައުމުގެ ވެރިންނޭވެ! އޭ ދީނުގެ ދިފާޢުގައި އަޑު އުފުލާ ޖަމާޢަތްތަކާއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދިފާޢުކޮށްދެއްވާށެވެ!
|