بســـم الله الرحمن الرحيم
(ނިޝާން)
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ،
ދިވެހިރާއްޖެ
ކުދިންގެ ބެލެނިވެރިންނަށް އިލްތިމާސެއް
އެނގިވަޑައިގަންނަވާނޭ ފަދައިން ދުނިޔެއަށް ފެތުރެމުންދާ ފެޝަންތަކަކީ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވިޔަފާރި އުޞޫލުން މައިގަނޑުގޮތެއްގައި މާލީ ނަފާ ހޯދުމަށްޓަކައި ހިންގާ ބޮޑުވެގެންވާ ސިނާއެކެވެ. އެކަން އެބައިމީހުން ކުރަނީ ނަފްސާނީ އުކުޅުތަކާއި ހެއްލުންތެރި ރޭވުންތަކާއި އިންސާނާގެ އުނި އިޙްސާސްތަކަށް ބަލައިގެން ވަރަށް ހަރުދަނާ ޝަޚްޞިއްޔަތަކަށް ނޫނީ އެ ފެޝަންތަކުގެ ދަލުން ނުނެއްޓެވޭ ފަދަ ގޮތްގޮތަށެވެ. އެނގިވަޑައިގަތުން ބޭނުންތެރިވާނޭ ފަދައިން، މިކަންކުރުމުގައި މީހުންގެ ހިތްތައް ލެންބުމަށްޓަކައި ބޭނުންކުރެވޭ އުޞޫލުތަކަކީ ބަލާމީހުންގެ ހިތްތަކުގައި ޖިންސީ ޖަޒުބާތު އުފެއްދުން އެއްޖިންސު އަނެއްޖިންސަށް ޝައުޤުވެރިކަން އިތުރު ކުރުވުމާއި ހެދުންއަޅާމީހާއަށް ބަލާމީހާގެ ސަމާލުކަން ބޮޑުކުރުމެވެ. ފެޝަން އުފެއްދުމާއި ފެޝަން ވިއްކުމުގައި އަވަސްއަވަހަށް ވިޔަފާރި ރޯލުކުރުމާއި އެއް ފެޝަން އުވާލައި އަނެއް ފެޝަން ގެނައުމާއި އުވިގެން ދުވަސްވެފައިވާ ފެޝަންތައް އިއާދަކުރުން ފަދަ ނަފާބޮޑުކުރުމުގެ ހުރިހާކަމެއް އެ މަސައްކަތުގައި އެކުލެވިގެންވެއެވެ.
އެގިވަޑައިގަންނަވާނޭ ފަދައިން ދުނިޔެތެރެއަށް އޮއިވަރު އޮއިވަރަށް އެކި ޒާތަޒާތުގެ ފެޝަންތައް ދޭތެރެ ދޭތެރެއިން ފެތުރެމުންދަނީ ވަރަށްވެސް ބާރުމިނެއްގައި ވަރަށްވެސް ބާރުގަދަ ގޮތެއްގައެވެ. އަދި މުޖްތަމަޢުގެ ތެރޭގައި ހުންނަ ބާރުގަދަ ނުފޫޒުތަކުގެ ތެރެއިންނެވެ. އަދި ފެޝަންތައް ފެތުރިގެންދާއިރު ޑިޒައިނުގައި ޙައްދުންނެއްޓުން އަބަދުވެސް ގާތެވެ. ވުމާއިއެކު އޮއިވަރުގެ ތެރޭގައި ސަލާމަތް ދަތުރެއް ކުރެވޭނީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެ ތިބެގެންނެވެ. މިސާލަކަށް ފަސްދޮޅަހުގެ އަހަރުތަކުގެ ތެރޭގައި ހެދުންތައް ކުރުވެގެންގޮސް ނިވާކަން ވަރަށްވެސް ކުޑަވެގެން ދިޔައެވެ. ހަމައެހެންމެ ފައިކުރި ފުޅާވެގެންގޮސް ވަރަށް ފުޅާވެގެންވެސް ދިޔައެވެ. މިގޮތުން މިހާރަކަށް އައިސް މުކުތަމަޢުގެ ތެރެއިން ފެންނަ ބައެއް އަންހެން ހެދުން އާދަޔާ ޚިލާފަށް ކުރުވަމުންދާ ތަނާއި އަރިމަތިންނާއި ކުރިމަތިން މާބޮޑަށް ފެޅިފައި ހުންނަތަންވެސް އެބަ ފެންނަމުން ދެއެވެ. ހަމައެހެންމެ، މަދުންނަމަވެސް ބައެއް ފިރިހެން ހެދުންވެސް މިނުންނައްޓާގޮތަށް ފެޝަންތަކަށް އިޖާބަދެވިފައި އެބަ ހުރެއެވެ.
ވުމާއިއެކު ބެލެނިވެރިންނަށް އިލްތިމާސްކުރަމެވެ. މިދެންނެވި ޙައްދުން ނައްޓާފައިވާ ފެޝަންތަކުން ކުދިން ސަލާމަތްކުރައްވައި އިސްލާމީ ދިވެހި މުޖުތަމަޢުގެ ރީތި އަޚްލާޤަށް ފެތޭގޮތުގައި ހެދުންތައް ބަހައްޓަވައި ކަމާވަގުތާ ގުޅޭގޮތުން ހެދުމުގެ ޑިޒައިނަށް ބަދަލުގެންނެވި ކަމުގައި ވިޔަސް ވާންޖެހޭ ނިވައިކަމުގެ މިންގަނޑުހިފެހެއްޓެވުން އެދެމެވެ. އަދި ދުނިޔެ ތެރެއަށް ތަޢާރަފްވާ ފެޝަންތަކަށް އަމިއްލަ އަޚްލާޤުގެ މިންގަނޑުން ބޭރުވާގޮތަށް އިޖާބަ ނުދިނުމުގައި ޢަޒުމް ވަރުގަދަ ކުރާށާއި ފެޝަނުގެ އޮއިވަރަކީ ވަރަށްބޮޑު ހެއްލުމެއްކަން ކެޑިނޭޅި ކުދިންނަށް ވިސްނައި ދެއްވަމުން ގެންދެވުން އެދެމެވެ. އަދި އެކި މޫސުމަށް ބަދަލުވާ އުސޫލުން ބަދަލުވާ ފެޝަންތަކަށް ހެއްލުމުގައި އޮތް ގެއްލުމާއި އޮތް އޮޅުން ކުދިންނަށް ސާފުކޮށްދެއްވުން ވެސް އެދެމެވެ.
މިގޮތުން ހެދުން އެޅުމުގަޔާއި އަދި އަލަށް ހެދުން ހޯއްދަވާއިރު މިދަންނަވާ އުޞޫލްތައް ހިފެހެއްޓެވުމާއި އެގޮތްތައް ކުދިންނަށް ދަސްކޮށްދެއްވަން ފެނެއެވެ.
1- ވެވަޑައިގަތް ވަރަކުން ކޮންމެ ޙަފްލާއަކަށް ކޮންމެ މުނާސަބަތަކަށް އާ ހެދުންތައް ނުހޯއްދެވުމާއި އިޤްތިޞާދު ކުރެއްވުމަށް ތަރުހީބު ދެއްވުމާއި އިސްރާފުން މަނާވެވަޑައިގަތުން.
2- ނިވާކަންކުޑަ ފެޝަންތަކަށް އިޖާބަ ނުދެއްވުން.
3- ހަށިގަނޑުގެ ބައްޓަންތައް ފާޅުވާފަދަ ވައްތަރުތަކަށް އިޖާބަ ނުދެއްވުން.
4- މޫސުމް މޫސުމަށް ބަދަލުވާ އަގުބޮޑު ފެޝަންތަކަށް އިޖާބަ ނުދެއްވުން.
5- ސްކޫލް ކުދިންގެ ޔުނިފޯމުގެ މިންތައް ސުކޫލުން ހޯއްދަވައިގެން ޔުނީފޯމް ރަނގަޅަށް ބެހެއްޓެވުން.
އަޅުގަޑުމެންގެ މީސްކޮޅުމަދު ކުޑަ މުޖުތަމަޢުގައި އެންމެ މީހެއްވެސް މަގުން ނެއްޓި އެއްކިބާ ވުމަކީ އަޅުގަޑުމެން ޤަބޫލްކުރަންވާވަރު ކަމެއް ނޫން ކަމުގަޔާއި ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރިކަމުގައިވިޔަސް އަޅުގަޑުމެން އިޖާބަދީގެން ނުވާނެ އަޅުގަނޑުމެންގެ އަޚްލާޤީ މިންގަޑަށް ނުފެތޭ ކަންތައްތަކުން ކުދިން ދުރުހެލި ކުރައްވައި އެފަދަކަންކަމުން ކުދިން ސަލާމަތް ކުރެއްވޭތޯ ގަދައަޅައި މަސައްކަތް ކުރެއްވުން އެދެމެވެ. އެހެނީ އެފަދަ ކަންކަމަކީ ކުއްޖާއަށް ރަގަޅުހާ ކަންތައްތަކަށާ ކުއްޖާގެ މުސްތަޤްބަލަށް ހުރަސް އަޅާ ކަންކަމެވެ.
އަދި ބައެއްކުދިން ޔުނިފޯމް ލުމުގައި ސްކޫލް ޔުނިފޯމްގެ މިންތައް ނުހިފެހެއްޓި ހުންނަކަން ފާހަގަކުރެވެމުންދާކަމުގައާއި އެކަންވެސް އިޞްލާހޙު ކުރެއްވުމަށް މިފުރުސަތުގައި ދަންނަވަމެވެ. އާއަހަރު ފެށޭއިރު އާޔުނިފޯމް ފެއްސެވުމުގައި މިމިނިސްޓްރީގެ ސަރކިއުލަރ ނަމްބަރު 61/94 (11 އޯގަސްޓް 1994) އިން ސްކޫލްތަކުގައި ދަންނަވާފައިވާ ޤަވާޢިދާ އެއްގޮތަށް، ކުއްޖާ ބޮޑުވަމުން ދާނެކަމަށް ވިސްނަވައިގެން، މިކަމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ސްކޫލްކުދިންގެ ބެލެނިވެރިންގެ އިތުރުން ސްކޫލް މަދަރުސާ ފަދަ ތަންތާގެ ވެރިންނާއި ސުޕަވައިޒަރުންނާއި މުދައްރިސުންފަދަ އެންމެހާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.
13 ރަޖަބު 1419
02 ނޮވެމްބަރު 1998
[ސޮއި]
މުޙައްމަދު ލަޠީފް
މިނިސްޓަރ އޮފް އެޑިޔުކޭޝަން
| |
| |
|
Click on each image below to see the FULL sized image |
| |
|

|
|

|
|