|
ދި-މުދިމުގެ ތަޢާރަފް:
މިއީ ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓާއި
ދިވެހިސޮފްޓު ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއެކު
ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ އެކެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގެ
ނަމާދުވަގުތު ހިމެނޭ ގޮތަށް ނަމާދު ވަގުތު ވަނުމުން ގަޑިން ބަންގި ގޮވާގޮތަށް
ފަރުމާ ކުރެވިފައިވާ ސޮފްޓްވެއާ އެކެވެ.
މި ސޮފްޓުވެއާ ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ނަމާދުވަގުތުތައް މިނިސްޓްރީ
އޮފް އިސްލާމިކް އެފެއާޒުން ހޯދައިގެންނެވެ. މިވަގުތު ސޮފްޓުވެއާގައި
ހިމެނިފައިވާނީ ދެ ބަންގިއެވެ. އެއީ މައްކާގެ މަސްޖިދުލްޙަރާމްގެ ބަންގިއާއި
މަދީނާގެ މަސްޖިދުއްނަބަވީގެ ބަންގިއެވެ.
މިއީ ހިލޭ ބެހުމަށް ތައްޔާރުކުރެވިފައިވާ ސޮފްޓުވެއާއެކެވެ. އެއްވެސް ފަރާތަކުން މި
ސޮފްޓުވެއާ ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މި ސޮފްޓުވެއާ ހިލޭ
ޑައުންލޯޑު ކުރެއްވުމަށް ތިރީގައިވާ ވެބްސައިޓަށް ވަޑައިގަންނަވާށެވެ.
www.noorul-islam.net/prayertime
ދިމުދިމު ފަރުމާކުރެވިފައިވަނީ ސޮފްޓުވެއާ
އަޕްޑޭޓްތައް ނެޓުގައި ހުރިތޯ ސޮފްޓުވެއާއިން އަމިއްލައަށް ބަލައި، އަޕްޑޭޓްތައް
ޑައުންލޯޑުކޮށް އިންސްޓޯލް ކުރެވޭ ގޮތަށް ފަރުމާކުރެވިގެންނެވެ. އެހެންކަމުން
ސޮފްޓުވެއާގެ އަޕްޑޭޓް ހޯދުމަށް އަލުން ސޮފްޓްވެއާ އިންސްޓޯލް ކުރައްވާކަށް
ޖެހިވަޑައެއް ނުގަންނަވާނެއެވެ.
ދި-މުދިމުގެ ކުރިމަގުގެ ތަޞައްވުރު:
މިވަގުތު ހަމައެކަނި ނަމާދު ވަގުތަށް ބަންގި
ގޮވާ ގޮތަށް ދިމުދިމު ރިލީޒް ކުރެވުނު ކަމުގައި ވިޔަސް، ކުރިމަގުގައި ވަރަށް ބޮޑެތި
ބަދަލުތައް ދިމުދިމަށް ގެނައުމަށް ވަނީ ރޭވިފައެވެ. އޭގެތެރޭގައި އިތުރު
ޚިދުމަތްތައް ދިމުދިމުން ލިބޭނެ މަގު ފަހި ކޮށްދިނުންފަދަ ކަންތައްތައް ހިމެނުމަށް
ވަނީ ރޭވިފައެވެ. އެގޮތުން؛ ދިމުދިމުގެ މޯބައިލް ވާޝަނެއް ޤާއިމުކުރުމުގެ
މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ނަމާދުވަގުތު ޕްރިންޓް ކުރުމުގެ
ޚިދުމަތްވެސް މި ސޮފްޓުވެއާއިން އިރާދަކުރެއްވިއްޔާ ލިބިގެންދާނެއެވެ. އަދި
ސޮފްޓުވެއާއާއެކު ކީރިތި ޤުރްއާނުގެ އޯޑިއޯއާއި ދީނީ ދަރުސްތަކުގެ އޯޑިއޯ
ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
ސޮފްޓްވެއާ ތައްޔާރުކުރި
ފަރާތްތަކުގެ ކުރު ތަޢާރަފެއް
ނޫރުލްއިސްލާމް އިސްލާމީ ވެބް ނެޓްވޯކް:
2006 ވަނަ އަހަރުން ފެށިގެން ދިވެހި ރައްޔިތުންގެ އިސްލާމީ ހޭލުންތެރިކަން
އިތުރުކޮށް އިސްލާމީ ފިކުރު އުފައްދައި އިސްލާމްދީނުގެ ތަޢުލީމް ފެތުރުމުގެ
ނިޔަތުގައި ހިންގަމުންދާ ވެބްސައިޓެކެވެ. ހަރުކަށިކަމާއި ދީނުގެ އަޞްލުތަކާއި ދުރު
ޙައްދުފަހަނަޅާފައިވާ ފިކުރުތަކުންނާއި ލާދީނީ ފިކުރުތަކުން މުޖުތަމަޢު ސަލާމަތް
ކުރުމަކީ ސައިޓްގެ އެންމެ މުހިއްމު އެއް މަޤްޞަދެވެ. ސައިޓުގައި ދިވެހިންނަށް
މުހިއްމު ގިނަގުނަ ބައިތަކެއް ވަނީ ހިމަނާފައެވެ. އޭގެތެރޭގައި ދީނީ ފޮތްތައް
ހިމެނޭ ލައިބްރަރީ އަކާއި، ކުޑަކުދިންނަށް ޚާއްޞަ ވެބްސައިޓަކާއި ދީނީ ދަރުސްތަކަށް
ޚާއްޞަ ވެބްސައިޓްތަކެއްވަނީ ހިމަނާފައެވެ. އަދި މީގެ އިތުރުން ނޫރުލްއިސްލާމް
ޓީމުން ފަރުމާކޮށް ތައްޔާރު ކޮށްދީފައިވާ ދީނީ ދަރުސް ވީޑިއޯ ސައިޓަކާއި ދީނީ
ސުވާލާއި ޖަވާބު ސައިޓެއްވެސް ގެންދަނީ ހިންގަމުންނެވެ.
ދިވެހިސޮފްޓު:
2006 ވަނަ އަހަރުންފެށިގެން އައިޓީ ދާއިރާގައި ޙަރަކާތްތެރިވަމުންދާ މި ކުންފުނިން
މިހާތަނަށް ގިނަ ސޮފްޓްވެއާތަކެއް ފަރުމާކޮށްފައިވެއެވެ. މިގޮތުން ފާހަގަކޮށްލެވޭ
ބައެއް ސޮފްޓްވެއާތަކުގެ ތެރޭގައި، ލައިބްރަރީތަކުގެ މެނޭޖްމަންޓް
ފަސޭހަކޮށްދިނުމަށް ފަރުމާކުރެވިފައިވާ ދި-ލައިބްރޭރިއަން އާއި، ސްކޫލްތަކުގެ
އިންވެންޓްރީ ބެލެހެއްޓުމުގައި ފަސޭހަކޮށްދިނުމަށް ފަރުމާކުރެވިފައިވާ ދި
އިންވެންޓްރީ ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ. އަދި މީގެ އިތުރުން މިހާރު ފަރުމާ
ކުރެވެމުންދާ މުހިއްމު ބައެއް ސޮފްޓުވެއާ ތަކުގެ ތެރޭގައި ޑިސިޕްލިން
ސޮފްޓުވެއާއަކާއި ބެލެނިވެރިންނަށް އެސްއެމްއެސްގެ ޛަރީޢާއިން ދަރިވަރުންގެ ހާޒިރީ
އެންގޭ ފަދަ އެޓެންޑެންސް ސޮފްޓްވެއާއެއް ހިމެނެއެވެ. މާލެއާއި ރާއްޖެތެރޭގެ ވަރަށް
ގިނަ ސްކޫލްތަކާއި އޮފީސްތަކުގެ ހިންގުމުގައި ދިވެހިސޮފްޓުން ފަރުމާ ކޮށްފައިވާ
ސޮފްޓުވެއާ ތަކުގެ ބޭނުން ދަނީ ކުރަމުންނެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް:
11 ނޮވެމްބަރ 2008 ވީ އަންގާރަ ދުވަހު ސަރުކާރުން އުފެއްދެވި އިސްލާމިކް އެފެއާޒް
މިނިސްޓްރީއަކީ މިވަގުތު ދިވެހިރާއްޖޭގެ އިސްލާމީ ހޭލުންތެރިކަން
އިތުރުކުރެއްވުމާއި އިސްލާމްދީނުގެ ޞައްޙަ ތަޢުލީމު ފެތުރުމުގެ މަސައްކަތް އެންމެ
ފުޅާ ދާއިރާއެއްގައި ކުރައްވަމުން ގެންދަވާ މުއައްސަސާއެވެ. މިގޮތުން ކޮންމެ ހުކުރު
ދުވަހަކު އާ ޚުޠުބާއެއް ދިވެހިރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތްތަކެއްގައި
ކިޔޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، ކަމުގެ ޤާބިލް ޢިލްމުވެރިންނަށް އަމިއްލައަށް
ހުކުރު ޚުޠުބާ ވިދާޅުވުމުގެ ފުރުޞަތު ދެއްވުމާއި، ރޭޑިއޯތަކާއި ޓީވީތައް
މެދުވެރިކުރައްވައި ރައްޔިތުންނަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް
ހިންގެވުމާއި، ދީނީ ޢިލްމުވެރިންނަށް ދީނުގެ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު
ތަނަވަސްކޮށްދެއްވުމާއި، ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތްކުރާ
ފަރާތްތަކަށް އެހީތެރިވެލައްވާ އެހީތެރިވެލެއްވުން ފާހަގަކޮށްލެވެއެވެ.
===========================================================
ދިމުދިމު ސޮފްޓުވެއާގައި ބޭނުންކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން
ނެރުއްވާފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ނަމާދުވަގުތު ފޮތުގައިވާ
ނަމާދުވަގުތުތަކެވެ.
|