Noorul-islam.NET :: ޤުރުއާން އިޙްޔާކުރާނީ ކިހިނެއް؟
ޤުރުއާން އިޙްޔާކުރާނީ ކިހިނެއް؟
Category »  ދީނީ ލިޔުން

ތާރީޚް: 24 ޑިސެމްބަރު 2010

ލިޔުއްވީ : ޝަފީޢު ޢަބްދުﷲ

ތަޢާރަފް:

އުއްމަތުގެ ސަލަފުއްޞާލިޙުން ޤުރުއާނާއި މެދު ޢަމަލުފުޅު ބެހެއްޓެވީ ކޮންގޮތަކަށްތޯއެވެ؟ އަދި އެ ޤުރުއާނާއި އަޅުގަނޑުމެންނާއި ދެމެދު އޮތީ ކިހާވަރެއްގެ ގުޅުމެއްތޯއެވެ؟ އެއާއި މެދު އަޅުގަނޑުމެންނަށް މުޢާމަލާތުކުރެވެނީ ކޮންގޮތަކަށްތޯއެވެ؟ ޖަވާބު ވަރަށްވެސް ސާފެވެ.

އެހެންކަމުން، އެހެން ސުވާލެއް، އަޅުގަނޑުމެންގެ ނަފްސުތަކާއި ކޮށްލަމާ ހިނގާށެވެ. އެގުޅުން ހީނަރުވެފައިވަނީ ކީއްވެތޯއެވެ؟ ފޮތާއި ނޫސްމަޖައްލާ ފަދަ ތަކެތި ކިޔަން ކޮންމެ ދުވަހަކުވެސް އެތައް ގަޑި އިރެއް އަޅުގަނޑުމެން ހޭދަކުރަމޫއެވެ. ނަމަވެސް، އެ މާތް ފޮތް ކިޔަވާ ތިލާވަތުކޮށްލަން އަޅުގަނޑުމެންނަށް ވަޤުތު ނުވަނީ ކީއްވެތޯއެވެ؟

 

ޤުރުއާނަކީ މީޒާނެކެވެ:

ހަމަކަށަވަރުން، އުއްމަތުގެ ވަރުގަދަކަމާއި ބަލިކަށިކަން އަދި ޢިއްޒަތާއި ނިކަމެތިކަން ކިރާލެވޭނެ މީޒާނަކީ، ހަމަ މި މާތް ޤުރުއާނެވެ. މިކަމަށް ޢިޝާރާތްކުރައްވާ ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވަނީ މިފަދައިންނެވެ. إنَّ الله - تعالى - يرفع بهذا الكتاب أقواماً، ويضع به آخرين. މާނައީ:" މި ފޮތުގެ ޒަރީޔާއިން މާތް ﷲ ބަޔަކު މީހުން މަތިވެރިކުރައްވާނެއެވެ. އަދި އަނެއްބައިމީހުން ނިކަމެތިކުރައްވާނެއެވެ". ( ޞަޙީޙް މުސްލިމް)

ވީމާ، ވަކިވަކި ފަރުދުންނާއި ޤައުމުތައްވެސް، މި މީޒާނުގައި ހިމެނިގެންދާނެއެވެ. އެހެންކަމުން، ކީރިތި ޤުރުއާނާއި ގުޅުން ބަދަހިކޮށްފި މީހެއްނަމަ އެމީހަކަށް މަތިވެރިކަމާއި ޢިއްޒަތްލިބޭނެއެވެ. އަދި މި ޤުރުއާނަށް ފުރަގަސްދީ މޫނު އަނބުރާލައިފި މީހެއްނަމަ ނިކަމެތިކަމާއި އިހާނެތިކަން އެމީހަކަށް ލިބޭނެއެވެ.

 

ޤުރުއާނާއި ސަލަފުއްޞާލިހުން:

ހަމަކަށަވަރުން، އިސްވެދިޔަ ނަބަވީ އިރުޝާދުގައި ހިއްޕަވައި، އުއްމަތުގެ ސަލަފުއްޞާލިހުންވަނީ ޤުރުއާނުގެ މަޤާމަކީ ކޮބައިކަން ވަރަށް ރަނގަޅަށް ދެނެވަޑައިގެންފައެވެ. އެގޮތުން، އެބޭކަލުން ދެކެވަޑައިގަތީ، ޤުރުއާނަކީ އެބޭކަލުންގެ ހަޔާތް އޭގެ މައްޗަށް ބިނާވާ ތަނބެއްކަމުގައެވެ. އެއީ ހަމައެކަނި ތިލާވަތުކުރުމަކުން ނޫނެވެ. ތިލާވަތުކުރުމާއި އެފޮތުގައިވާ ޙުކުމްތައް ކިޔަވާ ދިރަސާކުރުމާއި، މީސްތަކުންނަށް އެފޮތް ކިޔަވައިދެއްވާ، އަދި އެފޮތުގައިވާ ޙުކުމްތަކަށް ޢަމަލީ މައިދާނުގައި ތަޠްބީޤުކުރުމާއި އެކުގައެވެ.

ހަމަ އެފަދައިން، އެބޭކަލުންގެ ދަރީން، އެންމެ ފުރަތަމަ އުނގެނި ދަސްކުރާ އެއްޗަކީ ޤުރުއާނު ކަމުގައި ހެއްދެވިއެވެ. އެގޮތުން، ޤުރުއާނުގެ މައްޗަށް އެބޭކަލުންގެ ގެތައް ތަރުބިއްޔަތު ވެގެން ދިޔައެވެ. އަދި މަދަރުސާތަކުގެ އަސާސަކީ ނުވަތަ ތަނބަކީ ޤުރުއާންކަމުގައި ހިމެނިގެންދިޔައެވެ. މިސްކިތްތައް، ޤުރުއާނުގެ ހަލަޤާތަކުން އިޙްޔާވެ ދިރިގެން ދިޔައެވެ. އެހެންކަމުން، އެބައިމީހުންގެ އަޅުކަންތަކާއި، ނަމާދާއި، ދަތުރުފަތުރާއި، ﷲ ގެ މަގުގައި ޖިހާދުކުރުމާއި، މިނޫންވެސް ހުރިހާ ކަމެއް ބިނާވެގެންވަނީ ޤުރުއާނުގެ މައްޗަށެވެ.

ހަޤީޤަތުގައިވެސް، އެބައިމީހުންނަކީ، ޤުރުއާނުން އެބައިމީހުންގެ ހަޔާތްތައް އިޙްޔާކުރައްވާ އުޅުއްވި ބައެކެވެ. އެގޮތުން، މާތް ﷲ، އެބައިމީހުންގެ ޙަޔާތަކީ ޤަދަރުވެރި މަތިވެރި ޙަޔާތެއް ކަމުގައި ލެއްވިއެވެ.

އަލްހަސަނުލްބަސްރީ رحمه الله - އުއްމަތުގެ ސަލަފުން ސިފަކުރައްވަމުން- ވިދާޅުވެފައިވަނީ މިފަދައިންނެވެ. " ހަމަކަށަވަރުން، ކަލޭމެންގެ ކުރީގެމީހުން ޤުރުއާނާއިމެދު ދެކުނީ އެއީ އެބައިމީހުންގެ ވެރި ރައްބުގެ މެސެއްޖެއްގެ ގޮތުގައެވެ. އެގޮތުން ރޭގަނޑު އެޤުރުއާނުގެ މޫރިތި އާޔަތްތަކާއިމެދު އެބައިމީހުން ވިސްނާ ފިކުރުކުރެއެވެ. އަދި ދުވާލު ގަނޑީގައި އެ އާޔަތްތަކުގައިވާ ޙުކުމްތަކަށް ބޯލަނބައި ކިޔަމަންވެ، އެ ޙުކުމްތައް ޙަޔާތުގެ މައިދާންތަކުގައި އެބައިމީހުން  ތަންފީޒުކުރެއެވެ".

މާތްވި ޤުރުއާނާއިމެދު މުޢާމަލާތް ކުރަންޖެހޭ ގޮތަކީ އެއީއެވެ. ލައްޒަތާއި ފޮނިކަން ލިބޭ އަޅުކަމެއްގެ ގޮތުގައެވެ. މާތް ﷲ ހަނދުމަކޮށް، ކުރެވޭ ޒިކުރެއްގެ ގޮތުގައެވެ. އަދި، އެ ޤުރުއާނާއި މެދު ވިސްނާ ފިކުރުކޮށް، ޢަމަލީ މައިދާނުގައި އޭގައިވާ މެސެޖު ތަންފީޒުކުރެވޭ އެއްޗެއްގެ ގޮތުގައެވެ.

 

ޤުރުއާނަކީ އިސްލާމީ އުއްމަތުގެ ތަޢުލީމުގެ އަސާސެވެ:

ބަޔާންވެދިޔަ ފަދައިން، އުއްމަތުގެ ސަލަފުއްޞާލިޙުން، އެބައިމީހުންގެ ހަޔާތުގެ މަންހަޖެއްގެ ގޮތުގައި ބެއްލެވީ ކީރިތި ޤުރުއާނެވެ. އެގޮތުން، ކީރިތި ޤުރުއާނުގެ ޢިލްމަކީ އެބޭކަލުން އެންމެ ފުރަތަމަ އުނގެނި ދަސްކުރާ ޢިލްމެވެ. ޤުރުއާނުގެ ޢިލްމު ރަނގަޅަށް ދަސްކުރެއްވުމަށްފަހު ނޫނީ އެހެން އެއްވެސް ޢިލްމަކާ ދިމާލަށް އެބޭކަލުންނެއް ދަތުރެއް ނުކުރައްވައެވެ. އެހެނީ، އެހެނިހެން ޢިލްމުތަކާއި، ފަންނުތަކަކީ، އެއީ، ޤުރުއާނުގެ ޢިލްމާއި ޖެހިގެން، އެއަށް ތާބިޢުވެގެން އަންނަ އެއްޗެކެވެ.

ކީރިތި ރަސޫލާ صلى الله عليه وسلمގެ ޒަމާނުގައި، އެކަލޭގެފާނުގެ އަރިހަށް އިސްލާމްވުމަށްޓަކައި، އެކިއެކި ތަންތަނުން އަންނަ ވަފުދުތައް، އިސްލާމްވެ، ބައިޢަތު ހިފުމަށްފަހު، ދެން ކުރާ އެންމެ ފުރަތަމަ ކަމަކީ، ދީނުގެ ރުކުންތައް ދަސްކުރުމެވެ. ދެން ޤުރުއާން ކިޔަވަން ދަސްކުރުމެވެ. އަދި އެއަށްފަހު، އެމީހުންނަށް ފުރުޞަތު ލިބުނު މިންވަރަކުން، އެކަލޭގެފާނުގެ މާތްވި އަޚްލާޤާއި ސުންނަތް ދަސްކުރުމެވެ. ދެން އެއަށްފަހު، އިސްލާމްދީނުގެ ޝިޢާރާއިގެން، ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދާއިގެން، އެނބުރި އެބައިމީހުންގެ އަވަށްތަކާއި ރަށްރަށަށް، ދާޢީންގެ ގޮތުގައި ދަތުރުކުރެއެވެ.

އެހެންކަމުން، ސަލަފުއްޞާލިހުންގެ ޢިލްމުވެރީންގެ އަރިހުގައި، ޝަރުޢީ ޢިލްމު އުނގެނެން ބޭނުންވާ ކުއްޖާ، އެންމެ ފުރަތަމަ ދާން ޖެހެނީ ޤުރުއާން ހިތު ދަސްކުރާ ކުލާހަކަށެވެ. އެގޮތުން، ޝަރުޢީ ޢިލްމާއި އަދިވެސް އެހެނިހެން ފަންނުތަކުގެ ޢިލްމު، ޤުރުއާން ހިތު ދަސްކުރުމުގެ ކުރީން އުގެނުމަކީ، އުއްމަތުގެ ސަލަފުންގެ އަރިހުގައި ޢައިބުކަން ބޮޑު، ހުތުރުވެގެންވާ ކަމެކެވެ.

ޚުލާޞާއަކީ، އިސްލާމީ އުއްމަތުގެ ތަޢުލީމުގެ އަސާސަކީ އަދި ތަނބަކީ ޤުރުއާނާއި އެއާއި ގުޅިފައިވާ ޢިލްމާއި ތަފްސީރެވެ.

 

ޤުރުއާނާއި އަޅުގަނޑުމެން ގުޅުން ބަދަހިކުރާނީ ކިހިނެއް؟

އުއްމަތުގެ ސަލަފުން ޤުރުއާނަށް ދެއްވި އަހައްމިއްޔަތުގެ ވާހަކަތައް ބަޔާންވެގެން ހިގައްޖެއެވެ. ދެން އެބޭކަލުންނާއި އަޅުގަނޑުމެންނާއި ހުރި ތަފާތު ވަޒަންކޮށްލައްވާށެވެ. އެހެންކަމުން، ދެން އުފެދޭ ސުވާލަކީ، އަޅުގަނޑުމެންގެ މި ބަލިކަށިކަމާއި، މި މާތް މަތިވެރި ފޮތާއި ދެމެދުގައި ގުޅުން ބަދަހިކޮށްލެވޭނެ ގޮތްތަކަކީ ކޮބައިތޯއެވެ؟

އެގޮތުން، ޖަވާބަކީ، އާދޭހެވެ. ވަރަށް ގިނަ ގޮތްތަކެއް އެބަހުއްޓެވެ. އެހެނީ، ކީރިތި ޤުރުއާނަށް އެއްވެސް ބަދަލެއް، އުނި އިތުރެއް ނައިސް، މާތް ﷲ ބާއްވައިލެއްވި ގޮތަށް އަދިވެސް އަޅުގަނޑުމެންގެ އަތްމަތީގައި އެބައޮތެވެ. ނަމަވެސް، ބަދަލުވީ، އަޅުގަނޑުމެންނެވެ. ބަދަލު އައީ، ޤުރުއާނާއި މެދުގައި އަޅުގަނޑުމެން ގެންގުޅެންޖެހޭ މިންގަޑާއި ސުލޫކާއި އަދަބަށެވެ.

 އެގޮތުން މި ގުޅުން ރަނގަޅު ކުރުމަށްޓަކައި އަންނަވި ކަންތައްތައް ކުރެވިދާނެއެވެ.

        ކީރިތި ޤުރުއާނުގެ މާޤާމާއި ކޮބައިކަން ރަނގަޅަށް ދަނެގަތުން. އެގޮތުން، އެއީ މާތް ﷲ ގެ ކަލާމްފުޅުކާމާއި އެއްވެސް އިންސިއެއްގެ އަދި ޖިންނިއެއްގެވެސް ކަލާމާއި އެއާއި އެއްފަދަ ނުކުރެވޭނެކަން ދަތުން.

        ކީރިތި ޤުރުއާނުގައިވާ ހުރިހާ ޙުކުމްތަކަކަކީ އެއަށް އަޅުގަނޑުމެންގެ ބޯ ލަނބައި، ކިޔަމަންވާންޖެހޭ އެއްޗެހިކަން ދަތުން. އެފޮތުގައި އިންސާނީ ޙަޔާތަށް ބޭނުންވާނެ ހުރިހާ ކަމެއް، އަޚްލާޤިއްޔާތާއި ޝަރީޢަތާއި އިޖްތިމާޢިއްޔާތާއި މުޢާމަލާތާއި ހުރިހާ ކަމެއް ޝާމިލުވެފައިވާ ކަން ދަނެގަތުން.

        ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މާނައާއި މެދު ވިސްނާ ފިކުރުކުރުން. ޢަރަބަ އެނގޭ މީހަކު ނަމަ ތަފްސީރު ކިޔުން. ޢަރަބި ނޭނގޭ މީހަކުނަމަ، ދިވެހި ތަރުޖަމާ ނުވަތަ އިނގިރޭސި ތަރުޖަމާއެއް މެދުވެރިކޮށް، އާޔަތްތަކުގެ މުރާދާ މެދު ވިސްނުން.

        ކީރިތި ޤުރުއާން ތަޖުވީދު މަގުން ކިޔަވަން މަސައްކަތް ކުރުން. އެފަދައިން ދަސްކޮށްދޭ ކުލާސްތަކުގައި ބައިވެރިވުން. އަދި އެއަށްފަހު ޤުރުއާން ހިތު ދަސްކުރުމަށް މަސައްކަތްކުރުން.

        ކީރިތި ޤުރުއާން ކިޔަވާއިރު، ތިމަންނާގެ މި ޢަމަލު، މާތް ﷲ ބައްލަވާ ވޮޑިގެންވާކަން ދަނެ ހުރެ ކިޔެވުން.

        ކީރިތި ޤުރުއާނުގެ އެންމެ އަކުރެއް ކިޔެވުމުގެ ޘަވާބަކީ 10 ޘަވާބުކަން ދަނެ އެކަމަށް އެދިހުރެ ކިޔެވުން.

        ކީރިތި ޤުރުއާނުގެ މާތް ކަމާއި މަތިވެރި ކަމާއި ބެހޭ  ގޮތުން ކީރިތި ރަސޫލާ... ޙަދީޘްކުރައްވާފައިވާ ޙަދީޘްތައް ބަލާ ދިރާސާކުރުން.

        ކީރިތި ޤުރުއާނަކީ ޝިފާއެއްކަން ދަނެގަތުން. އަދި ރަޙްމަތެއްކަން ދަނެގަތުން. އެކިޔެވޭ ގެއެކަށް ރަޙްމަތުގެ މަލާއިކަތުން ކުއްތަންވާނެކަން ދަތުން. އަދި ނުބައި ނުލަފާ ޖިންނި ޝައިޠާނުން އެތަނަކުން ފިލާ ރައްކާވާނެކަން ދަތުން.

         ގެތައް ޤުރުއާނުން އިޙްޔާ ކުރުން.

 

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި