Noorul-islam.NET :: އޭ ޒުވާނުންނޭވެ! މިއީ ވެސް ޒުވާނުންނެވެ. އަހަރެމެންނަކީ ވެސް ޒުވާނުންނެވެ.

އޭ ޒުވާނުންނޭވެ! މިއީ ވެސް ޒުވާނުންނެވެ. އަހަރެމެންނަކީ ވެސް ޒުވާނުންނެވެ.
Category »  މުޖުތަމަޢު

ތާރީޚް: 21 އޭޕްރީލް 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)



އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އޭ ޒުވާނުންނޭވެ! ތިޔައީ މުޖުތަމަޢުގެ މުސްތަޤުބަލެވެ. ތިޔައީ އިސްލާމީ އުއްމަތުގެ ކުރިމަގެވެ. މި އުއްމަތް އޭގެ ޢިއްޒަތާއި ޝަރަފާއި ހަމައަށް ގެންދެވޭނީ މިއަދުގެ ޒުވާނުންނަށެވެ.

ޢަލީ ބުނު އަލް ފުޟައިލު ބުނު ޢިޔާޟު (ރަޙިމަހުﷲ) ގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ މިއަދުގެ ޒުވާނުންނަށް އެއީ ރިވެތިވެގެންވާ މިސާލެކެވެ. ކީރިތި ޤުރުއާނާއިމެދު ވިސްނައި އޭގެ މާނައަށް ތަދައްބުރު ކުރެއްވުމުގެ ފުރިހަމަ ނަމޫނާއެކެވެ.

أبو بكر بن عياش (ރަޙިމަހުﷲ) ވިދާޅުވިއެވެ.

އަހަރެން، ފުޟައިލް ބުނު ޢިޔާޟުގެ ފަހަތުގައި މަޣުރިބު ނަމާދު ކުރީމެވެ. އޭރު އަހަރެންގެ ކައިރީގައި ފުޟައިލުގެ ދަރިކަލުން ޢަލީ ހުންނެވިއެވެ. އޭރު ފުޟައިލު ކިޔަވާ ވިދާޅުވީ {أَلْهَاكُم التَّكَاثُر} ސޫރަތެވެ. ކިޔަވާ ވިދާޅުވަމުން ވަޑައިގެން {لَتَرَوُنَّ الْجَحِيْم} އާއިހަމައަށް ކިޔަވައި ވިދާޅުވި ހިނދު ޢަލީ ހޭފުޅު ނެތިގެން ވެއްޓިވަޑައިގެންނެވިއެވެ. އޭރު ފުޟައިލް ވެސް ގެންދެވީ ކީރިތި ކުރައްވަމުންނެވެ. ކީރިތި ކުރެއްވުމުގެ ސަބަބުން އެއާޔަތަށް ވުރެ ކުރިއަށް ވަޑައިނުގެންނެވުނެވެ.

ދެން އެރޭ ޢަލީ ހޭފުޅު އަރާ ވަޑައިގެންނެވީ ރޭގަނޑު ދެބައި ވީ ފަހުންނެވެ. أبو الفضيل ވިދާޅުވިއެވެ. އެއްރެއަކު އަހަރެން ޢަލީ ބެލެހެއްޓުމަށް ހުރީމެވެ. އެގޭގައެވެ. އޭރު ޢަލީ ވިދާޅުވަމުންގެންދެވިއެވެ. އަލިފާނެވެ! ..... އަލިފާނެވެ! .... އަލިފާނެވެ! .... މި އަލިފާނުން (އެބަހީ؛ ނަރަކައިން) ސަލާމަތް ވެވޭނީ ކޮންއިރަކުން ހެއްޔެވެ؟ އަދި ވިދާޅުވިއެވެ. "އޭ ލޯބިވާ ބައްޕާއެވެ! ބައްޕައަށް މިދުނިޔޭގައި އަޅުގަނޑު ހިބަކޮށްދެއްވި އިލާހުގެ ޙަޟްރަތުގައި، އާޚިރަތުގައިވެސް ބައްޕައަށް އަޅުގަނޑު ހިބަކޮށް ދެއްވުން އެދި ދަންނަވާށެވެ" އެހިނދު ފުޟައިލު ބުނު ޢިޔާޟު ވިދާޅުވިއެވެ. "އަދި ހިތް ފުނޑުފުނޑުވެ، ހިތާމަ ވެރިވެފައިވާ ޙާލުގައި މެނުވީ އަދިވެސް (ޢަލީ) ނުވެއެވެ." އަދިވެސް ފުޟައިލު ވިދާޅުވިއެވެ. "(ޢަލީ) އަހަރެންނަށް ރުއިމާއި ހިތާމަކުރުމުގައި އެހީތެރިވިއެވެ. އޭ އަހަރެންގެ ހިތުގެ މޭވާއެވެ! ﷲ ދަރިފުޅުގެ ކިބައިން ޤަބޫލު ކުރައްވާނެތެވެ."

محمد بن ناجية (ރަޙިމަހުﷲ) ވިދާޅުވިއެވެ.

އަހަރެން ފުޟައިލް ބުނު ޢިޔާޟުގެ ފަހަތުގައި ފަތިސް ނަމާދު ކުރީމެވެ. އަދި (الحاقة) ސޫރަތް ކިޔަވާ ވިދާޅުވިއެވެ. ކިޔަވާ ވިދާޅުވަމުން ވަޑައިގެން  (خُذُوهُ فَغُلُّوهُ) [މާނައީ: (زبانىّ ملائكة ންނަށް اللَّه އަންގަވާނެތެވެ.) އޭނާ ހިފައި ކަސްތޮޅު އަޅާށެވެ!]  މިއާޔަތާ ހަމައަށް ކިޔަވާ ވިދާޅުވި ހިނދު ގަދައަށް ކީރިތި ކުރައްވަމުންގޮސް ކުރިއަށް ވަޑައިނުގެންނެވުނެވެ. ފަހެ އެހިނދު ފުޟައިލުގެ ދަރިކަލުން ޢަލީ ހޭފުޅު ނެތިގެން ވެއްޓި ވަޑައިގެންފިއެވެ.

އޭ އަދުގެ ޒުވާނުންނޭވެ! ލަވައާއި މިޔުޒިކު ދޫކޮށް، ޤުރުއާން އަޑުއަހައި އެއާއިމެދު ވިސްނައި އޭގައިވާ ވަޢުދުތަކާއި ވަޢީދުތަކާމެދު ވިސްނާ ބަޔަކަށް ވާކަށް ނުވޭހެއްޔެވެ؟ علي بن الفضيل މަޝްހޫރު ވެ ވަޑައިގެންފައިވަނީ ކޮންކަމަކުންކަން އެނގޭ ހެއްޔެވެ؟ އެ ޒުވާނާ މަޝްހޫރުވެފައިވަނީ އެއްވެސް ފަންނެއްގެ ސަބަބަކުންނެއް ނޫނެވެ. އަދި ކުޅިވަރެއްގެ ސަބަބުންނެއް ނޫނެވެ. އެހެނެއްކަމަކު އެއީ ޤުރުއާން އަޑުއިވޭހިނދު ހިތަށް ވަންނަ ބިރުވެރިކަމުގެ ސަބަބުންނެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ ޤުރުއާން އަޑުއެއްސެވުމުން ހިތުގައި ﷲ އަށް ބިރުވެތިކަން އުފެދި، ނަރަކައިގެ ޢަޛާބުގެ ބިރުވެރިކަން އުފެދި، އެންމެ ފަހުން އެކަމުގެ ސަބަބުން ދުނިޔެ ދޫކުރެއްވި ބޭކަލެއްގެ ގޮތުގައެވެ.

الخطيب (ރަޙިމަހުﷲ) ވިދާޅުވިއެވެ.

ޢަލީ ނިޔާވީ އޭނާގެ ބައްޕަ (ފުޟައިލް) އަށް ވުރެ ކުޑަ ދުވަސްކޮޅެއް ކުރީގައެވެ. އެއީ ކިޔެވެނިކޮށް އަޑު އިވިވަޑައިގެންނެވި އާޔަތެއްގެ ސަބަބުންނެވެ. ފަހެ އެއާޔަތް އަޑު އިވި ވަޑައިގެންނެވި ހިނދު ހޭފުޅުނެތިވަޑައިގެންނެވިއެވެ. އަދި އެގޮތުގައި އަވަހާރަވެ ވަޑައިގެންނެވިއެވެ. (إنا لله وإنا إليه راجعون)

إبراهيم بن بشار (ރަޙިމަހުﷲ) ވިދާޅުވިއެވެ.

އެ އާޔަތެއް އަޑު އިވި ވަޑައިގަތުމުގެ ސަބަބުން علي بن الفضيل އަވަހާރަވެ ވަޑައިގެންނެވި އާޔަތަކީ الأنعام ސޫރަތުގެ (( وَلَو تَرَى إِذْ وُقِفُوا عَلَى النَّارِ فَقَالُوا يَا لَيْتَنَا نُرَد.. )) މި އާޔަތެވެ. އެހާ ހިސާބުން ޢަލީ އަވަހާރަ ވިއެވެ. އަދި ޢަލީގެ މައްޗަށް ކަށުނަމާދު ކުރި މީހުންގެ ތެރޭގައި އަހަރެން ވީމެވެ. ﷲ ތަޢާލާ ޢަލީއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.   

އޭ ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! އަހަރެމެންގެ ޙާލަތަށް ވިސްނާލާށެވެ! ކީރިތި ޤުރުއާން ކިޔެވޭ ހިނދު އަހަރެމެންނަށް އެއިން އަސަރެއް ކުރޭ ބާވައެވެ؟ އަހަރެމެންގެ ލޮލުން ﷲ އަށް ބިރުން އެންމެ ކަރުނަ ތިއްކެއް ވިޔަސް އޮހޮރިގެން ދިޔަ ބާވައެވެ؟

ވިސްނާލާށެވެ! ފިލްމުތައް ބެލުމުގައި ޓީވީ ދޮށުގައި ތިބޭއިރު އެއިގެ ތަރިން ރޮންޏާ ރޮވެއެވެ. ހެންޏާ ހެވެއެވެ. ނުވަތަ އަހަރެމެން ސަޕޯޓުކުރާ ފުޓުބޯޅަ ޓީމު ބަލިވުމުން އަޑުން އަޑުނަގާ ރޮވެއެވެ. އަދި އެއީ ފަޚުރަކަށް ބެލެއެވެ. ނަމަވެސް....

ނަމަވެސް ކީރިތި ޤުރުއާން ކިޔަވަމުން، އެއާމެދު ވިސްނައި މީހަކު ރޯއަޑު އިވިއްޖެނަމަ އެއީ ވަރަށް ކަޓު މީހެކެވެ. ބުނެލެވެނީ "މިއީ ދެން ކޮން  ކަމެއް ހެއްޔެވެ؟ ބޮޑެތި ފިރިހެނުން ތިބެގެން ރޮނީއެވެ... " ތެދެކެވެ. ހިތުގައި އީމާންކަން ބަލިވެފައިވާ މީހަކަށް އެއީ ކަޓުކަމަކަށް ވީނަމަވެސް އެއީ ﷲގެ ޙަޟްރަތުގައި ވަރަށް ބޮޑުކަމެކެވެ. އެއިލާހަށް ބިރުން އެކަނި ހުރެ އޮހޮރާލެވޭ އެއްމެ ކަރުނަ ތިއްކެއްގެ އަގުވެސް ތިޔަބައިމީހުންގެ ތިޔަ ކަސޯޓީތަކާއި ފިލްމުތަކާއި، ޑުރާމާތަކާއި ފުޓުބޯޅަޓީމުތަކަށްވުރެ ﷲ ގެ ޙަޟްރަތުގައި ލޮބުވެތި ވެގެންވެއެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހް! އިބައިލާހަކީ ދުޢާ ކުރާ މީހުންގެ ދުޢާ އައްސަވާ ވޮޑިގެންވާ އިލާހެވެ! އަޅަމެންގެ ޒުވާން ޖީލު އިޞްލާޙު ކުރައްވާފާނދޭވެ! އަޅަމެންގެ ޒުވާން ޖީލު އިޞްލާޙު ކުރައްވާފާނދޭވެ! އަޅަމެންގެ ޒުވާން ޖީލު އިޞްލާޙު ކުރައްވާފާނދޭވެ! އެބައިމީހުންނަކީ އެބައިމީހުންގެ އުއްމަތުގެ ކަރާމަތާއި ޢިއްޒަތް އަނބުރާ ގެނެސްދެވޭފަދަ ބައެއް ކަމުގައި ލައްވާ ފާނދޭވެ! އާމީން. وصلى الله وسلم على سيدنا محمد، وعلى آله وصحبه ومن سار على نهجه إلى يوم الدين

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި