Noorul-islam.NET :: އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (ދެވަނަ ބައި)

އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (ދެވަނަ ބައި)
Category »  ދީނީ ލިޔުން

ތާރީޚް: 24 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

 

އިސްލާމްދީން މީސްތަކުންނަށް ލިބިދީފައިވާ މުހިއްމު ބައެއް ޙައްގުތައް:

ފުރަތަމަ: ދިރިހުރުމުގެ ޙައްޤު:

އިންސާނާ ދިރިހުރުމަކީ އެންމެ ފުރަތަމައަށް ލިބެން ޖެހޭ ޙައްގެވެ. އެހެނިހެން ޙައްގުތައް ލިބިގެންދަނީ އެޙައްގު ލިބިގެންނެވެ. މިޙައްގު ޙިމާޔަތް ކުރުމުގެ ގޮތުން އިސްލާމް ދީނުގައި ވަނީ ކަންތައް ތަކެއް ކުރުމަށް އަންގަވާފައެވެ. އެގޮތުން:

1. ޙައްގަކާއި ނުލައި މީހަކު މެރުން ވަނީ ޙަރާމް ކުރައްވާފައެވެ. ސޫރަތުލް އަންޢާމް ގެ 151 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلاَ تَقْتُلُواْ ٱلنَّفْسَ ٱلَّتِى حَرَّمَ ٱللَّهُ إِلاَّ بِٱلْحَقّ) މާނައަކީ: "މާތް ﷲ ޙަރާމްކުރައްވާފައިވާ ނަފްސެއް ޙައްގަކާއި ނުލައި މަރާނުލާށެވެ".

މި ޙައްގަކީ ހުރިހާ އިންސާނުންނަށް ލިބިގެންވާ ޙައްގެކެވެ. ކުޑަބޮޑު، ފިރިހެން އަންހެން، މުސްލިމް ޣައިރު މުސްލިމް، އެންމެންނެވެ.

2. މީހަކު މެރުމަށް މެދުވެރިވެދާފަދަ ކޮންމެ ކަމަކަކުން ދުރުހެލިވެ ރައްކާތެރި ވުމަށް އިސްލާމް ދީން ވަނީ ގޮވާލައްވާފައެވެ. އެގޮތުން:

-          މުސްލިމުންގެ މައްޗަށް ހަތިޔާރު އުފުލުން ޙަރާމް ކުރެއްވުން، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ حَمَلَ عَلَيْنَا السِّلَاحَ فَلَيْسَ مِنَّا) މާނައަކީ: "އަހަރުމެންގެ މައްޗަށް ހަތިޔާރު އުފުލައިފި މީހަކީ އަހަރުމެންގެ ތެރެއިން ވާ މީހެއް ނޫނެވެ".

-          މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ހަނގުރާމަކުރުން މަނާކުރެއްވުން، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (سِبَابُ الْمُسْلِمِ فُسُوْقٌ وَقِتَالُهُ كُفْرٌ) މާނައަކީ: "މުސްލިމުންނާއި ދިމާލަށް ހަޑުހުތުރު ބަހުން ވާހަކަދެއްކުމަކީ ފާސިގުކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަކީ ކުފުރެކެވެ".

-          ގަޞްދުގައި މީހަކު މަރައިފިނަމަ ގިޞާޞް ހިފުން. ސޫރަތުލް ބަގަރާގެ 178 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يَا أَيُّهَا ٱلَّذِينَ ءامَنُواْ كُتِبَ عَلَيْكُمُ ٱلْقِصَاصُ فِي ٱلْقَتْلَى) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ގަތުލުވެވޭ މީހުންގެ ބަދަލު ހިފުމުގެ ގޮތް ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވައިފިއެވެ".

އަދި ސޫރަތުލް ބަގަރާގެ 179 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلَكُمْ فِي ٱلْقِصَاصِ حَيَوٰةٌ يأُولِي ٱلألْبَـٰبِ لَعَلَّكُمْ تَتَّقُونَ) މާނައަކީ:"މަރަށް މަރުހިފުމުގައި ތިޔަބައިމީހުންނަށް ދިރުމެއްވެއެވެ. އޭ ބުއްދިވެރީންނޭވެ. އެކަން އެގޮތަށް ހަމަޖައްސަވާފައިވަނީ ތިޔަބައިމީހުން ތަގްވާވެރިވޭތޯއެވެ".

-          އަމިއްލައަށް މަރުވުން ޙަރާމް ކުރެއްވުން. އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: "ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ."

-          ޟަރޫރީ ޙާލަތުގައި ޙަރާމް ކުރެއްވި ތަކެތި ހުއްދަވުން. ސޫރަތުލް ބަގަރާގެ 174 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (إِنَّمَا حَرَّمَ عَلَيْكُمُ ٱلْمَيْتَةَ وَٱلدَّمَ وَلَحْمَ ٱلْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ ٱللَّهِ فَمَنِ ٱضْطُرَّ غَيْرَ بَاغٍ وَلاَ عَادٍ فَلا إِثْمَ عَلَيْهِ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ) މާނައަކީ: "ތިޔަބައިމީހުންނަށް ޙަރާމްކުރައްވާފައިވާ ކަން ކަށަވަރީ، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހެވެ. އަދި މާތް ﷲ ގެ ނަންފުޅު ފިޔަވައި އެހެން ފަރާތެއްގެ ނަމުގައި ކަތިލެވިފައިވާ ތަކެއްޗެވެ. ދެކޮޅުވެރިކަމެއް، ނުކިޔަމަންތެރިވުމެއްނެތި، މަޖްބޫރުވެއްޖެމީހާ، އެމީހާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވައި ރަޙީމްވަންތަ އިލާހެވެ".

-          ކުޑަކުދިން ގަތުލުކުރުން ޙަރާމް ކުރެއްވުން. ސޫރަތުލް އިސްރާގެ 31 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَقْتُلُواْ أَوْلادَكُمْ خَشْيَةَ إِمْلَـٰقٍ نَّحْنُ نَرْزُقُهُمْ وَإِيَّاكُم إنَّ قَتْلَهُمْ كَانَ خِطْئًا كَبِيرًا) މާނައަކީ: "ފަގީރުވެދާނެކަމުގެ ބިރަށްޓަކައި ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރިން ނުމަރާށެވެ. ތިޔަބައިމީހުންނާއިއެކު، އެދަރީންނަށް ތިމަން ﷲ ރިޒްގު ދެއްވަމުއެވެ. ހަމަކަށަވަރުން، އެދަރީން މެރުން އެއީ ބޮޑުވެގެންވާ ފާފައެކެވެ".

ސޫރަތުލް މުމްތަޙިނާގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (يٰأَيُّهَا ٱلنَّبِىُّ إِذَا جَاءكَ ٱلْمُؤْمِنَـٰتُ يُبَايِعْنَكَ عَلَىٰ أَن لاَّ يُشْرِكْنَ بِٱللَّهِ شَيْئاً وَلاَ يَسْرِقْنَ وَلاَ يَزْنِينَ وَلاَ يَقْتُلْنَ أَوْلْـٰدَهُنَّ وَلاَ يَأْتِينَ بِبُهُتَـٰنٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلاَ يَعْصِينَكَ فِى مَعْرُوفٍ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ) މާނައަކީ: "އޭ ނަބިއްޔާއެވެ. އީމާންވެއްޖެ އަންހެނުން ބައިޢަތު ހިފުމަށްޓަކައި، ކަލޭގެފާނުގެ ގާތަށް އަންނަ ހިނދު، ﷲ އާއި އެހެން އެއްވެސް އެއްޗެއް ޝަރީކު ނުކުޅައުމަށާއި، ވައްކަން ނުކުޅައުމަށާއި، ޒިނޭ ނުކުޅައުމަށާއި، ދަރީން ނުމެރުމަށާއި، ބުހްތާނު ދޮގު ހަދައިގެން ވާހަކަތައް ނުފެތުރުމަށާއި، ހެޔޮކަންތައް ކުރުމުގައި ކަލޭގެފަނަށް ނުކިޔަމަންތެރި ނުވުމުގެ މައްޗަށް، އެކަނބަލުން ލައްވައި ހުވާ ކުރުވުމާއި އެކު، ބައިޢަތު ހިއްޕަވާ ހުށިކަމެވެ. އަދި އެކަނބަލުންގެ ފާފަ ފުއްސަވައި ދެއްވުން އެދި މާތް ﷲ އަށް ދަންނަވައިދެއްވާށެވެ. ހަމަކަށަވރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމް ވަންތަ އިލާހެވެ".

 

ދެވަނައީ: އިންސާނާގެ ކަރާމާތްތެރިކަން:

އިންސާނާގެ ކަރާމާތްތެރިކަން ޙިމާޔަތްކޮށްދިނުމުގެ ގޮތުން ވަރަށް ގިނަ ކަންތައްތަކަކަށް އަންގަވާފައިވެއެވެ. އެގޮތުން:

1.     އަނެއް މުސްލިމާ އާއި ދިމާލަށް ހަޑިހުތުރު ބަހުން މުޚާޠަބު ނުކުރުމަށާއި، އެމީހުން ނުރުހޭފަދަ ލަގަބު ތަކުން ގޮވާ ނޫޅުމަށް ވަނީ އަންގަވާފައެވެ. ސޫރަތުލް ޙުޖުރާތުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَنَابَزُواْ بِٱلأَلْقَـٰبِ) މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކަށް ހަޑިހުތުރު ލަގަބުތަކުން ގޮވާ ނުހަދާށެވެ".

  ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (سِبَابُ الْمُسْلِمِ فُسُوْقٌ وَقِتَالُهُ كُفْرٌ) މާނައަކީ: "މުސްލިމުންނާއި ދިމާލަށް ހަޑުހުތުރު ބަހުން ވާހަކަދެއްކުމަކީ ފާސިގުކަމުގެ ތެރެއިންވާ ކަމެކެވެ. އަދި މުސްލިމުންނާއި ހަނގުރާމަ ކުރުމަކީ ކުފުރެކެވެ".

2.      ޣީބަ ބުނުން ޙަރާމް ކުރެއްވުން. ސޫރަތުލް ޙުޖުރާތު ގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (وَلاَ يَغْتَب بَّعْضُكُم بَعْضاً) މާނައަކީ: "ތިޔަބައިމީހުން އެކަމު އަނެކަކަށް ޣީބަ ބުނެ ނޫޅޭށެވެ".

"ޣީބަ" އަކީ ކޮބައިކަން ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވައި ޙަދީޘް ކުރެއްވި އެވެ. "ތިޔަބައިމީހުންނަށް ޣީބަ އަކީ ކޮންއެްޗެއްކަން އެނގޭ ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. ﷲއާއި ރަސޫލާ މޮޅަށްދެނެވޮޑިގެންވެއެވެ. ޙަދީޡް ކުރެއްވިއެވެ. "އެއީ ތިބާގެ އަޚާ ނެތްތަނުގައި އޭނާ ނުރުހޭ ވާހަކަ ދެއްކުމެވެ". އެހިނދު ޞަޙާބީން ދެންނެވިއެވެ. "އެމީހާގެ ކިބައިގައި ހުރި ކަމެއްގެ ވާހަކަދެއްކިނަމަވެސްތޯއެވެ"؟ ޙަދީޘް ކުރެއްވިއެވެ. "އޭނާގެ ކިބައިގައި ހުރި ކަމެއްކަމަށްވަނީނަމަ އެއީ ޣީބައެކެވެ. އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަދައްކައިފިނަމަ އެހެދުނީ ބޮޑުވެގެންވާ ދޮގެކެވެ".

3.     އެކަކު އަނެކަކަށް މަލާމާތް ކުރުން ޙަރާމް ކުރެއްވުން، ސޫރަތުލް ޙުޖުރާތު ގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ لاَ يَسْخَرْ قَوْمٌ مّن قَوْمٍ عَسَىٰ أَن يَكُونُواْ خَيْراً مّنْهُمْ وَلاَ نِسَاء مّن نّسَاء عَسَىٰ أَن يَكُنَّ خَيْراً مّنْهُنَّ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ފިރިހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް ނުހަދާށެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަވެވުނު މީހުން މާތް ﷲ ގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައިވެސް ވެދާނެއެވެ. އަދި އަންހެނުން އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ. އެފުރައްސާރަކުރި މީހުންނަށްވުރެ ފުރައްސާރަވެވުނު މީހުން މާތް ﷲ ގެ ޙަޟްރަތުގައި މާ ހެޔޮކަން ބޮޑުބަޔަކު ކަމުގައިވެސް ވެދާނެއެވެ".

4.     މުސްލިމުންގެ ކަންތައްތައް ޖާސޫސްކޮށް، އެކަކު އަނެކަކުގެ ޢައިބު ހޯދުން ޙަރާމް ކުރެއްވުން. ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ ٱجْتَنِبُواْ كَثِيراً مّنَ ٱلظَّنّ إِنَّ بَعْضَ ٱلظَّنّ إِثْمٌ وَلاَ تَجَسَّسُواْ) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަގުނަ ހީތަކާ ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ބަޔެއް ހީއަކީ ކުށެކެވެ. އަދި ތިޔަބައިމީހުން އެކަމު އަނެކަކުގެ މައްޗަށް ޖާސޫސް ކޮށް ނުހަދާށެވެ".

5.     މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ނުބައި ހީތަށް ހީކުރުން މަނާކުރެއްވުން. ސޫރަތުލް ޙުޖުރާތުގެ 12 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (يٰأَيُّهَا ٱلَّذِينَ ءامَنُواْ ٱجْتَنِبُواْ كَثِيراً مّنَ ٱلظَّنّ إِنَّ بَعْضَ ٱلظَّنّ إِثْمٌ وَلاَ تَجَسَّسُواْ) މާނައަކީ: ""އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަގުނަ ހީތަކާ ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ބަޔެއް ހީއަކީ ކުށެކެވެ. އަދި ތިޔަބައިމީހުން އެކަމު އަނެކަކުގެ މައްޗަށް ޖާސޫސް ކޮށް ނުހަދާށެވެ".

  ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (اِيَّاكُمْ وَالظَّنَّ فَإِنَّ  الظَّنَّ أَكْذَبُ الْحَدِيْثِ) މާނައަކީ: "ތިޔަބައިމީހުން ހީތަކާއި ދުރަށް ދާށެވެ. ހަމަކަށަވަރުން ނުބައިހީކުރުމަކީ އެންމެ ބޮޑު ދޮގެވެ".

6.     މަރުވުމަށްފަހުގައި ވެސް މުސްލިމުންގެ ކަރާމާތް ރައްކާތެރި ކުރެއްވުމަށް އަމުރުކުރެއްވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (كَسْرُ عَظْمِ الْمَيِّتِ كَكَسْرِهِ حَيّاً) މާނައަކީ: "މައްޔިތެއްގެ ކަށިގަނޑު ބިންދައިލުމަކީ ދިރިހުއްޓާ ބިންދާލުންފަދަ ކަމެކެވެ".

7.     މައްޔިތާ ގިނައިރު ނުބާއްވާ އަވަހަށް ހިނަވާ ކަފުންކޮށް ޖަނާޒާގެ ކަންތައް ނިންމުމަށް އަމުރުކުރެއްވުން. އިމާމް އަޙްމަދު- ރަޙިމަހުﷲ ވިދާޅުވިއެވެ. (كَرَامَةُ الْمَيِّتِ تَعْجِيْلُهُ) މާނައަކީ: "މައްޔިތާގެ ކަރާމަތަކީ އަވަސް ކުރުމެވެ".

ތިންވަނައީ: މިނިވަން ކަމުގެ ޙައްގު

1.     ހުރިހާ އިންސާނުންނަކީ ﷲ ގެ އަޅުންނެވެ. އެހެން އެއްވެސް ފަރާތެއްގެ އަޅުންނެއް ނޫނެވެ. އިންސާނުން ހައްދަވައި، ރިޒްގު ދެއްވާ، ހުރިހާ ކަމެއް ބަލަހައްޓަވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ. އިންސާނުން އެކަމަށް އެއްބަސްވިޔަސް ނުވިޔަސް، އެކަން އޮތީ އެގޮތަށެވެ.

2.      ޒާތީ މިނިވަން ކަމުގައި ހުރިހާ އިންސާނުން ހަމަހަމަވުން.

3.      އިސްލާމްދީނާއި އަޅުވެތިކަން: އިންސާނީ ތާރީޚުގައި، ގަދަފަދަ މީހުން ނިކަމެތިންނަށް، އިހާނާތްތެރިކޮށް ހިތައި، އެބައިމީހުން އަޅުވެތިކޮށް ނިކަމެތިކޮށް، ގިނަބައެއްގެ ޙައްގުތައް ނިގުޅައިގަނެވި ގެއްލިފައިވަނިކޮށް، މިކަންތައްތައް ހަމަހަމަ ގޮތެއްގައި އެންމެހައި އިންސާނުންނަށް ހޯދައިދީފައިވަނީ، އިސްލާމްދީނުގައި ކަން ޔަގީނެވެ. އެންމެހައި މީސްތަކުންގެ އަޞްލު ރުޖޫޢަވަނީ އެއް އަޞްލަކަށް ކަމަށާއި، އޭގެތެރެއިން އެއްވެސް މީހަކަށް އަނެކެއްގެ މައްޗަށް ވަކި ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެން ނުވާކަން އިސްލާމްދީނުގައި އަންގަވާފައިވެއެވެ. ﷲ ގެ ޙަޟްރަތުގައި މީހާގެ ދަރަޖަ އުފުލިގެން ދަނީ އޭނާގެ ތަގްވާވެރިކަން ހުރިމިންވަރަކުންނެވެ. ސޫރަތުލް ޙުޖުރާތުގެ 13 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ أَكْرَمَكُمْ عِنْدَ اللهِ أَتْقَاكُمْ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ މާތް މީހަކީ އެންމެ ތަގްވާވެރި މީހާއެވެ".

އިސްލާމްދީނުގައި އިންސާނުން އަޅުވެތިކުރުން އޮންނަކަމަށް ބުނެ، ކުރެވޭ ދަޢްވާ އަކީ ބާޠިލް ދަޢްވާ އެއް ކަން ޔަގީނެވެ. ސަބަބަކީ، އަޅުވެތިކަމަކީ އިސްލާމްދީން އައުމުގެ ކުރިންވެސް އޮތް ކަމަކަށްވެފައި، އިސްލާމްދީނުގައި އިންސާނުން މިނިވަން ކުރުމަށް ބާރުއަޅުއްވާފައިވާ އަންގަވާފައިވެއެވެ. އަދި އިސްލާމްދީނުގައި ވަނީ އަޅުވެތިކަމުގެ ދޮރުތައް ހަނިކުރައްވައި، އަޅުވެތިކަމުން ސަލާމަތްކުރުމަށް ގިނަގުނަ ދޮރުތަކެއް ހުޅުއްވާފައެވެ. މިގޮތުން ވަރަށް ގިނަ ފާފަތަކުގެ ކައްފާރާ އެއްގެ ގޮތުގައި ކުރުމަށް ކަނޑައެޅިފައިވާ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަޅަކު މިނިވަންކުރުން ހިމެނެއެވެ. މިގޮތުން ބަލާއިރު:

-          ޡިހާރުގެ ކައްފާރާ ބަޔާން ކުރައްވާ މާތް ﷲ ސޫރަތުލް މުޖާދަލާ ގެ 3 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَٱلَّذِينَ يُظَـٰهِرُونَ مِن نّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُواْ فَتَحْرِيرُ رَقَبَةٍ مّن قَبْلِ أَن يَتَمَاسَّا) މާނައަކީ: "އަދި ދަންނާށެވެ. ތިމާމެންގެ އަނބިންނާއިމެދު، ޡިހާރުކޮށްފިމީހުން، އެއުރެންގެ ބަސް އަނބުރާ ގެންނަން އެދިއްޖެނަމަ، އެކަނބަލުންގައި އެބައިމީހުން ބީހުމުގެ ކުރިން، އަޅަކު މިނިވަން ކުރާހުށިކަމެވެ".

-          މީހަކު މަރައިފިމީހެއްގެ ކައްފާރާ، ސޫރަތުއް ނިސާގެ 92 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ.( وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِناً إِلاَّ خَطَئاً وَمَن قَتَلَ مُؤْمِناً خَطَئاً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلاَّ أَن يَصَّدَّقُواْ فَإِن كَانَ مِن قَوْمٍ عَدُوّ لَّكُمْ وَهُوَ مْؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُمْ مّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَى أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةً فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مّنَ ٱللَّهِ وَكَانَ ٱللَّهُ عَلِيماً حَكِيماً) މާނައަކީ: "ކުށަކުން އޮޅިގެން މެނުވީ މުއިމިނަކު ގަތުލުކުރުމަކީ، މުއިމިނަކަށް އޮތް ކަމެއް ނޫނެވެ. ކުށަކުން އޮޅިގެން މުއިމިނަކު ގަތުލުކޮށްފިމީހާ، މުއިމިން އަޅަކު މިނިވަންކުރުމާއި، މަރުވިމީހާގެ އަހްލުވެރިންނާއި ޙަވާލު ކުރެވޭގޮތުގައި މަރުގެ ދިޔަ ދިނުން ހުއްޓެވެ. އެއީ އެބައިމީހުން އެއިން ޞަދަގާތްނުކުރާ (ކަނޑައިނުލައި) ނަމައެވެ. މަރުވިމީހާއީ، މުއިމިނަކު ކަމުގައިވުމާއި އެކު، ތިޔަބައިމީހުންނާއި ޢަދާވާތްތެރިވެގެން އުޅޭ ގައުމެއްގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، މުއިމިން އަޅަކު މިނިވަންކުރުމެވެ. އެބަޔަކާއި ތިޔަބައިމީހުންނާއި ދެމެދުގައި އެއްބަސްވުމެއް، ޢަހުދެއް ހިނގާފައިވާ ބައެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ އެމީހެއްގެ އަހްލުވެރިންނާއި ޙަވާލުކުރެވޭ ގޮތެއްގައި، މަރުގެ ދިޔަ ދިނުމާއި، މުއިމިން އަޅަކު މިނިވަން ކުރުމެވެ. ފަހެ، މިނިވަންކުރާނެ އަޅަކު ނުލިބުނު މީހާ، ވިދިވިދިގެން ދެމަސް ދުވަހު ރޯދަ ހިފުން ހުއްޓެވެ. އެއީ މާތް ﷲ ގެ ޙަޟްރަތުން ތައުބާ ލިބިގަތުމަށެވެ. މާތް ﷲ އީ ދެނެވޮޑިގެންވާ ޙިކްމަތްވަންތަ އިލާހެވެ".

-          ހުވަޔާއި ޚިލާފުވުމުން ދޭން ޖެހޭ ކައްފާރާ، ސޫރަތުލް މާއިދާގެ 89 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (لاَ يُؤَاخِذُكُمُ ٱللَّهُ بِٱللَّغْوِ فِى أَيْمَـٰنِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ ٱلأيْمَـٰنَ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَـٰكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ) މާނައަކީ: "ތިޔަބައިމީހުންގެ ހުވާތަކުގެ ތެރެއިން ގަޞްދުނެތި ކުރާ ހުވާތަކާއިމެދު، މާތް ﷲ ތިޔަބައިމީހުން ކުށްވެރި ނުކުރައްވާނެތެވެ. ނަމަވެސް ކަށަވަރުކޮށް ގަޞްދުކޮށްގެން ކުރާ ހުވާތަކާއިމެދު، ކުށްވެރި ކުރައްވާނެތެވެ. ފަހެ، އެކަމުގެ ކައްފާރާ އަކީ، ތިޔަބައިމީހުންގެ އަނބިދަރީންނަށް ކާންދީ އުޅޭ މެދުމިނަކުން، ދިހަ މިސްކީނުންނަށް ކާންދިނުމެވެ. ނުވަތަ އެބައިމީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަން ކުރުމެވެ".

ހަތަރުވަނައީ: ދީނީ މިނިވަންކަން

ސޫރަތުލް ބަގަރާގެ 255 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (لا إِكْرَاهَ فِى ٱلدّينِ قَد تَّبَيَّنَ ٱلرُّشْدُ مِنَ ٱلْغَيّ) މާނައަކީ: "އެއްވެސް މީހަކު ދީނަށްވެއްދުމަށް ޓަކައި މަޖްބޫރުކުރުވުމެއް ނެތެވެ. ރަގަޅުގޮތާއި ނުރަގަޅުގޮތް ބަޔާންވެއްޖެއެވެ".

ނަމަވެސް މީގެ މާނައަކީ ކުރިން މުސްލިމަކަށް ހުރި މީހަކު ދީންދޫކޮށް މުރްތައްދުވުން ހުއްދަވާ ވާހަކައެއް ނޫނެވެ. މީގެ މާނައަކީ ޣައިރު މުސްލިމުންނަށް އިސްލާމްދީން ގަބޫލުކުރުމަށް މަޖްބޫރު ނުކުރެވޭނެ ވާހަކަ އެވެ. އޭގެ ބަދަލުގައި އެމީހުންނަށް އިސްލާމްދީނަކީ ޙައްގު ދީންކަން ވިސްނައިދީގެން ދީނަށް ވެއްދުމަށް މަސައްކަތް ކުރާނީއެވެ.

މުރްތައްދުވާ މީހާގެ ޙުކުމް:

ސޫރަތުލް ބަގަރާގެ 217 ގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُوْلـئِكَ حَبِطَتْ أَعْمَـٰلُهُمْ فِي ٱلدُّنْيَا وَٱلآخِرَةِ وَأُوْلـئِكَ أَصْحَـٰبُ ٱلنَّارِ هُمْ فِيهَا خَـٰلِدُونَ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން ދީނުން ބޭރުވެއްޖެ ކޮންމެ މީހަކުމެ ދަންނާށެވެ. އެމީހަކު ކާފިރަކަށްހުރެ މަރުވެއްޖެނަމަ، އެމީހަކީ އެމީހެއްގެ ހުރިހާ ޢަމަލުތައް ދުނިޔެއާއި އާޚިރަތުގައި ތާކުންތާކު ނުޖެހި ގެއްލިދާމީހުންނެވެ.އަދި އެފަދަ މީހުންނަކީ ނަރަކައިގެ އަހްލުވެރީންނެވެ. އެބައިމީހުން އެތަނުގައި ދެމިތިބޭނެއެވެ".

ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ بَدَّلَ دِيْنَهُ فَاقْتُلُوْهُ) މާނައަކީ: "ދީން ބަދަލުކޮށްފިމީހާ ގަތުލު ކުރާހުށިކަމެވެ".

ފަސްވަނައީ: ތަޢުލީމު ލިބިގަތުމުގެ ޙައްގު:

ތަޢުލީމް އުނގެނުމަށް އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ މިންވަރު:

ސޫރަތުއް ތައުބާގެ 122 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَمَا كَانَ ٱلْمُؤْمِنُونَ لِيَنفِرُواْ كَافَّةً فَلَوْلاَ نَفَرَ مِن كُلّ فِرْقَةٍ مّنْهُمْ طَائِفَةٌ لّيَتَفَقَّهُواْ فِى ٱلدّينِ وَلِيُنذِرُواْ قَوْمَهُمْ إِذَا رَجَعُواْ إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ) މާނައަކީ: "އެންމެން އެކުގައި ހަނގުރާމަ އަށް ނިކުތުމެއް މުއިމިނުންނަކަށް ނުވެއެވެ. މުއިމިނުންގެ ތެރެއިން ކޮންމެ ގަބީލާ އަކުން ބަޔަކު، ހަނގުރާމައަށް ނިކުންނަމަ ނޫންހޭ؟ ހަނގުރާމައަށް ނުގޮސް ތިބި މީހުން ދީނުގައި ފިގްހުވެރި ވުމަށްޓަކައެވެ. އެބަހީ ދީނުގެ ޙުކުމްތައް އުނގެނި ދަސްކުރުމަށްޓަކައެވެ. އަދި އެބައިމީހުންގެ ގައުމުގެ މީހުން ހަނގުރާމަ އިން ނިމިގެން އެބައިމީހުންގެ ގާތަށް އަތުވެއްޖެ ހިނދު، ގައުމުގެ މީހުންނަށް ނަޞޭޙަތްތެރިވެ އިންޛާރު ދިނުމަށްޓަކައެވެ. އެބައިމީހުން ބިރުވެތިވެ ރައްކާތެރިވޭތޯއެވެ".

މިއާޔަތުގެ ތަފްސީރުގައި އިބްނުއް ސަޢްދީ- ރަޙިމަހުﷲ ވިދާޅުވިއެވެ. "މިއިން ދޭހަވަނީ ޢިލްމު ހޯދުމުގެ މުހިންމު ކަމެވެ. ޚާއްޞަ ގޮތެއްގައި ދީނީ ޢިލްމެވެ".

މުޢާވިޔާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާތީ އެއްސެވީމެވެ.(مَنْ يُرِدِ اللهُ بِهِ خَيْرًا يُفَقِّهْهُ فِيْ الدِّيْنِ) މާނައަކީ: "މާތް ﷲ މީހަކާމެދު ހެޔޮގޮތެއް މެދުވެރިކުރައްވައިފިނަމަ ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ކުޅަދާނަކަން އެމީހަކަށް ދެއްވައެވެ". އަދިވެސް ޙަދީޘް ކުރައްވައެވެ. (مَنْ سَلَكَ طَرِيْقًا يَلْتَمِسُ فِيْهِ عِلْمًا سَهَّلَ اللهُ لَهُ طَرِيْقًا إِلَى الْجَنَّةِ) މާނައަކީ: "ޢިލްމު ހޯދުމަށް މަގެއް ކޮށައިފިމީހަކަށް ސުވަރުގެއަށް ދިޔުމުށް މަގެއް މާތް ﷲ ފަސޭހަކޮށްދެއްވައެވެ"

އުގަންނައި ދިނުމަށް ވަގުތެއް ޚާއްޞަ ކުރުން:

އަބޫވާއިލް- ރަޙިމަހުﷲ- ގެ ކިބައިން ރިވާވެގެންވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު-ރަޟިޔަﷲ ޢަންހު- މީސްތަކުންނަށް އުނގަންނަވައި ދެއްވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ. އެއްދުވަހަކު މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ކޮންމެ ދުވަހަކުވެސް އުގަންނަވައިދެއްވާނެ ނަމަ ހާދަހާ ރަގަޅެވެ. ވިދާޅުވިއެވެ. ތިމަންކަލޭގެފާނު އެގޮތަށް ކަންތައް ނުކުރައްވަނީ ތިޔަބައިމީހުން ފޫހިވެދާނެކަމަށް ބިރުންނެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ އަޞްޙާބުންނަށް އުގަންނަވައިދެއްވުމުގައިވެސް މުނާސިބު ވަގުތު އިޚްތިޔާރު ކުރައްވައެވެ".

ޢިލްމު ފޮރުވުމުގެ ނުބައިކަން:

ސޫރަތުލް ބަގަރާގެ 159 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ ٱلَّذِينَ يَكْتُمُونَ مَآ أَنزَلْنَا مِنَ ٱلْبَيِّنَـٰتِ وَٱلْهُدَىٰ مِن بَعْدِ مَا بَيَّنَّـٰهُ لِلنَّاسِ فِي ٱلْكِتَابِ أُولَـئِكَ يَلْعَنُهُمُ ٱللَّهُ وَيَلْعَنُهُمُ ٱللَّـٰعِنُونَ) މާނައަކީ: "ހަމަކަށަވަރުން ތެދުމަގާއި އާޔަތްތަކާއި ހެކިތަކުގެ ތެރެއިން ތިމަން ﷲ ބާވާލެއްވި ތަކެތި، މީސްތަކުންނަށް ބަޔާންކޮށްދެއްވައި ފޮތުގައި އެކަން ސާފުކޮށްދެއްވުމަށްފަހު، އެކަންވަންހަނާކޮށް ފޮރުވާމީހުންނަށް މާތް ﷲ ލަޢްނަތް ލައްވާނެއެވެ. އަދި ލަޢުނަތް ދޭމީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދޭނެއެވެ".

ގާތްތިމާގެ މީހުންނާއި އަނބިދަރިންނަށް އުގަންނައިދިނުން:

ގާތް ތިމާގެ މީހުންނާއި އަނބިދަރިންނަށް ތިމާ އަށް ލިބިފައިހުރި ޢިލްމެއް ފޯރުކޮށް ދިނުމަކީ އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ތިމާ އަށް އެގިފައި ހުރި މިންވަރަކުން އެއެއްޗެއް އެންމެ ފުރަތަމަ ފޯރުކޮށް ދޭން ޖެހޭ ބަޔަކީވެސް އެއީ އެވެ.

ހަވަނައީ: އިންސާނާ އަށް ޙައްގު އުނގަންނައިދިނުން:

ކޮންމެ އިންސާނަކަށްވެސް ޙައްގު ގޮތަކީ ކޮބައިކަން އެގެން ޖެހެއެވެ. އަދި އިންސާނާ އާއި ޙައްގު ދީނާއި ދެމެދުގައި ހުރަހެއް ބެހެއްޓުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިފަދަ ހުރަސްތައް ނައްތާލާ މުގުރާލުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. މިކަން ފުރިހަމަ ކުރުމަށްޓަކައި އިސްލާމްދީނުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅުއްވާފައެވެ. އެގޮތުން:

1.     ޙައްގާއި ބާޠިލްގޮތް އެއްކޮށް، ޙައްގު ގޮތް ފޮރުވުމަށް މަސައްކަތް ކުރުން. ސޫރަތުލް ބަގަރާގެ 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَلاَ تَلْبِسُواْ ٱلْحَقَّ بِٱلْبَـٰطِلِ) މާނައަކީ:"ތިޔަބައިމީހުން ޙައްގު ވަންހަނާކޮށް، ޙައްގާއި ބާޠިލް ނުއޮޅުވާށެވެ".

2.      ޢިލްމުފޮރުވުން ޙަރާމް ކުރެއްވުން. ސޫރަތުލް ބަގަރާގެ 42 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (وَلاَ تَلْبِسُواْ ٱلْحَقَّ بِٱلْبَـٰطِلِ وَتَكْتُمُواْ ٱلْحَقَّ وَأَنتُمْ تَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުން ދެނެތިބެ ޙައްގު ވަންހަނާކޮށް ޙައްގާއި ބާޠިލް ނުއޮޅުވާށެވެ".

3.      އިޖްތިހާދުގެ ދޮރު ހުޅުއްވާ، އިޖްތިހާދު ކުރާ މީހާގެ ދަރުމަ އިތުރު ކުރެއްވުން. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا حَكَمَ الْحَاكِمُ فَاجْتَهَدَ فَأَصَابَ فَلَهُ أَجْرَانِ، وَإِذَا حَكَمَ فَاجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ) މާނައަކީ: "ޙާކިމަކު އިޖްތިހާދުކޮށް އޭނާގެ އިޖްތިހާދު ރަގަޅުވެއްޖެނަމަ ދެއަޖްރުލިބޭނެއެވެ. އިޖްތިހާދުކޮށް އޭނަގެ އިޖްތިހާދު ނުބައިވެއްޖެނަމަ އެއް އަޖްރު ލިބޭނެއެވެ". އިމާމް ޝާފިޢީ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އޭނާ އަށް ދަރުމަލިބެއެވެ. އެހެންނަމަވެސް އޭނާ އަށް ދަރުމަ ލިބެނީ ކުރި ކުށަކަށް ނޫނެވެ. ރަގަޅުގޮތް ހޯދުމަށް މަސައްކަތް ކުރީތީވެއެވެ".

ހަތްވަނައީ: މަސައްކަތް ކުރުމުގެ ޙައްގު:

އިންސާނާ މަސައްކަތްކޮށް ރިޒްގު ހޯދުމަށް އިސްލާމްދީނުގައި ވަގުތެއް ކަނޑައަޅުއްވާފައިވެއެވެ. ސޫރަތުއް ނަބައުގެ 11 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَجَعَلْنَا ٱلنَّهَارَ مَعَاشًا) މާނައަކީ: "އަދި ދުވާލަކީ ދިރިއުޅުން ހޯދުމުގެ ވަގުތު ކަމުގައި ތިމަން ﷲ ލެއްވީމެވެ".

އަދި ރިޒްގު ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށްވެސް އިސްލާމްދީންވަނީ ގޮވާލައްވާފައެވެ. ސޫރަތުލް މުލްކުގެ 15 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (هُوَ ٱلَّذِى جَعَلَ لَكُمُ ٱلأَرْضَ ذَلُولاً فَٱمْشُواْ فِى مَنَاكِبِهَا وَكُلُواْ مِن رّزْقِهِ وَإِلَيْهِ ٱلنُّشُورُ) މާނައަކީ: "ތިޔަބައި މީހުންނަށް ޓަކައި ފަސޭހަ ތަނެއް ކަމުގައި ބިން ހެއްދެވީ އެކަލާނގެއެވެ. ފަހެ، އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގާ ދަތުރުކުރާށެވެ. އަދި އެކަލާނގެ ރިޒްގުން ކައިހަދާށެވެ. އެނބުރިދިޔުން އޮތީ އެކަލާނގެ ޙަޟްރަތަށެވެ".

ސޫރަތުލް ޖުމުޢާގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فَإِذَا قُضِيَتِ ٱلصَّلَوٰةُ فَٱنتَشِرُواْ فِى ٱلأَرْضِ وَٱبْتَغُواْ مِن فَضْلِ ٱللَّهِ) މާނައަކީ: "އަދި ފަހެ ނަމާދުކޮށް އަވަދިވެއްޖައުމުން ބިމުގައި ފެތުރިގަންނާށެވެ. އަދި މާތް ﷲ ގެ ނިޢްމަތްތަކަށް އެދި މަސައްކަތް ކުރާށެވެ".

މިއާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު-ރަޙިމަހުﷲ ވިދާޅުވިއެވެ. "ބަންގީގެ އަޑުއިވުމުން ވިޔަފާރިދޫކޮށްލާ ޖަމާޢަތަށް ޙާޟިރުވުމަށް އެންގެވުމަށްފަހުގައި، ޖަމާޢަތް ނިމިގެން ބިމުގައި ފެތުރިގަނެ ރިޒްގު ހޯދަން މަސައްކަތްކުރުމަށް އިޛްނަ ދެއްވިއެވެ".

މަސައްކަތު މީހުންގެ ޙައްގު ތަކަށް ފަރުވާތެރިވެ ރައްކާތެރިވުމަށް ވެސް އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅުއްވައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ގުދްސިއްޔަ ޙަދީޘެއްގައި ވަޙީ ކުރައްވައެވެ.( ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أُعْطِىَ بِيْ ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرّاً فَأَكَلَ ثَمَنَهُ، وَرَجُلٌ اِسْتَأْجَرَ أَجِيْراً فَاسْتَوْفَى مِنْهُ وَلَمْ يُعْطِهِ أَجْرَهُ) މާނައަކީ: "ގިޔާމަތް ދުވަހުން ތިން މީހެއްގެ ޚަޞްމަކަށް ތިމަންކަލޭގެފާނު ވެވަޑައިގަންނަވަމެވެ. އަމާނާތެއް ޙަވާލުވުމުން އެޔަށް ޣައްދާރުވާމީހާ، މިނިވަނަކުވިއްކާ އޭގެ އަގު ކައިފިމީހާ، އަދި އުޖޫރައަށް މީހަކުލައްވާ މަސައްކަތް ކުރުވާ، އެމީހާގެ މަސައްކަތް ފުރިހަކަކުރުމަށްފަހުގައި އޭނާގެ ޙައްގު ނުދިން މީހާ).

މާތް ﷲ ޙަލާލު ކުރެއްވި ކޮންމެ މަސައްކަތެއް ކޮށްގެންވެސް ރިޒްގު ހޯދުމަކީ އިސްލާމްދީން މަނާކުރައްވާ ކަމެއް ނޫނެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ގޮސް ތިބޭ އިރުގައިވެސް ވިޔަފާރިކުރެވިދާނެކަން އަންގަވައި ސޫރަތުލް ބަގަރާގެ 198 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُواْ فَضْلاً مّن رَّبّكُمْ) މާނައަކީ: "ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހުގެ ފަރާތުން ލިބޭ ދަރުމަވަންތަކަމެއް (ވިޔަފާރި ކުރުން ފަދަ ގޮތުން ހޯދާ ތަނަވަސް ކަމެއް) އެދިގަތުމަކުން ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ".

[ނިމުނީ]

މި ލިޔުމުގެ ފުރަތަމަ ބައި: އިސްލާމްދީނުގައި އިންސާނީ ޙައްޤުތައް (ފުރަތަބައި)

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި