Noorul-islam.NET :: ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޖާމިނުކަން ލިބިގަންނަމާތޯއެވެ؟
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ޖާމިނުކަން ލިބިގަންނަމާތޯއެވެ؟
Category »  ދީނީ ލިޔުން

ތާރީޚް: 24 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

ކަންކަމާމެދު ނުވަތަ މީސްމީހުންނަށް ޖާމިނުވުމަކީ ޖާމިނުކަން ލިބޭ މީހާއަށް ހިންހަމަޖެހުން ލިއްބައިދޭ ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް އިތުބާރު ކުރެވޭ ފަރާތަކުން މިފަދަ ޖާމިނުކަމެއް ލިބޭކަމުގައިވާނަމަ އެޖާމިނުކަމަކީ ވަރަށް އިތުބާރުކުރެވޭ، އަދި ޖާމިނުކަން ލިބޭ މީހުންގެ ހިންހަމަޖެހުން އެހާމެބޮޑަށް އިތުރުކޮށްދޭނެ ކަމެއްކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

މިގޮތުން ޖާމިނުވުމަކީ މީސްތަކުން އެމީހުންގެ ދިރިއުޅުމުގެ ތަފާތު ކަންކަމުގައި ބޭނުންކުރަމުންދާ ވަސީލަތެކެވެ. ތިމާމެންގެ ގަނެވިއްކުމުގައްޔާއި ޢާއްމު ވިޔާފާރީގެ ތެރޭގައްޔާއި ވިޔާފާރި މުދަލުގައެވެ. އެހެންކަމުން ޖާމިނުކަން ލިބިފައިވާ މުދަލާ އަޅާބަލާއިރު، އެފަދަ ޖާމިނުކަމެއް ލިބިފައިނެތް މުދަލަކީ މީހުންގެ ކުރިމަތީގައި ތަފާތުތަކެއް ހުންނަ މުދާތަކެއްކަން ކަށަވަރެވެ. ކޮންމެ މީހަކުވެސް ތިމާގެ މުދާ، ޖާމިނުކަމާއެކު އެއްތަނުން އަނެއްތަނަށް ނަގުލުވެގެންދިއުމަށް އެދެއެވެ. އެއީ އޭގައި އިތުބާރު ބޮޑުވެ، ގެއްލުމުން ސަލާމަތްވެގެންވާކަމުގެ ބަރޯސާވެރިކަން އޮންނާތީއެވެ.

ކަންމިހެން އޮތްއިރު މާތް ﷲ ޢާލަމްތަކަށް ކައުކުރެއްވި سَيِّدُنَا مُحَمَّدٌ رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ އެކަމަކާމެދު ޖާމިނުވެ ވަޑައިގެންފިނަމަ އެޖާމިނުވުމުގައި އޮންނަ އިތުބާރާއި ބަރޯސާގެ ބޮޑުމިން އިޙްސާސަށް ގެންނަމާތޯއެވެ؟ ވަކިން ޚާއްޞަކޮށް އެކަމެއްގެ ބަދަލުގައި އެކަލޭގެފާނު ޖާމިނުވެވަޑައިގަތް އެއްޗަކީ ނުވަތަ ތަނަކީ، އަޅުގަނޑުމެން އެތަނަކަށް ބޮޑު އުއްމީދުތަކަކާއި އިންތިޒާރުތަކެއް ކުރަމުންދާ މަތިވެރި ނިޢުމަތްތައް ލިބެނިވި ސުވަރުގެ ކަމުގައިވާނަމަ އެކަން ހާދަހާ މާތްވާނެނޫންތޯއެވެ؟ އަދި ކުޑަ މަސައްކަތަކާއި ފަސޭހަކަމާއެކު އެމަސައްކަތުގެ ބޮޑު ބަދަލުގެ ޖާމިނުކަން އޮންނަ ކަމުގައިވާނަމަ އެއީ ހާދަހާ އުފާވެރިކަމަކަށް ވެގެންދާނެ ކަމެއްތޯއެވެ؟

ނިކަން ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَގެ މިޙަދީޘުފުޅާމެދު ވިސްނާލައްވާށެވެ! މާތް ﷲ ރުއްސުންލެއްވި ޢުބާދާ އިބްނު ޞާމިތުގެ އަރިހުން އިމާމު އަޙްމަދާއި އިބްނު ޙިއްބާން ރިވާކުރެއްވި މިޙަދީޘުފުޅުގައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. اضْمَنُوا لِي سِتًّا مِنْ أَنْفُسِكُمْ أَضْمَنْ لَكُمْ الْجَنَّةَ اصْدُقُوا إِذَا حَدَّثْتُمْ وَأَوْفُوا إِذَا وَعَدْتُمْ وَأَدُّوا إِذَا اؤْتُمِنْتُمْ وَاحْفَظُوا فُرُوجَكُمْ وَغُضُّوا أَبْصَارَكُمْ وَكُفُّوا أَيْدِيَكُمْ  މާނައީ: ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ އަރިހުގައި ހަކަމެއް ކުރާނެކަމުގެ ޖާމިނުކަމާއި ޔަޤީންކަން ދޭށެވެ! އެއިރުންތިމަންކަލޭގެފާނު އެހަކަމުގެ ބަދަލުގައި ތިޔަބައިމީހުންނަށް ސުވަރުގެ ލިބޭނެކަމާމެދު ޔަޤީންކަން ދެއްވައި، ޖާމިނުވެ ވަޑައިގަންނަވާހުށީމެވެ. އަޑުއަހާށެވެ! ތިމާ ދައްކާ ވާހަކައިގައި ތެދުބުނާށެވެ! ކުރާ ވަޢުދުތަކަށް ވަފާތެރިވާށެވެ! ތިމާއާއި ޙަވާލުކުރެވޭ އަމާނާތްތަކަށް ރައްކާތެރިވާށެވެ! ތިމާމެންގެ ޢައުރަ ރައްކައުތެރިކުރާށެވެ! ހުއްދަނޫން ތަންތަނަށް ބެލުމުން ތިމާމެންގެ ލޯ ސަލާމަތްކުރާށެވެ! އަދި ޙަރާމްވެގެންވާ ކަންތައްތަކުން ތިމާގެ އަތް ރައްކައުތެރިކުރާށެވެ! މިއެވެ.

ބަޔާންވެދިޔަ ޙަދީޘުގައި ލޮބުވެތި ރަސޫލާ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ހަކަމެއް ބަޔާންކުރަށްވާފައިވެއެވެ. އެހަކަމަކީ، އެކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް ވަރަށް ލުއި ފަސޭހަ އެހާމެ ކުޑަ ކަންތައްތަކެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ޖާމިނުވެވަޑައިގަންނަވަނީ އެހާމަތިވެރި ތަނެކެވެ. އެތާގެ ނިއުމަތްތަކުގެ ވާހަކަ ދައްކާނަމަވެސް އެވާހަކަތައް ދައްކައި ކޮޅުން ނުލާހައި ގިނައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ސުވަރުގޭގެ ސިފަތައް ވަރަށް ގިނަތަންތާގައި ބަޔާންކުރަށްވާފައި ވެއެވެ. ސޫރަތުޤާފުގެ 31 އިން 35 އަށް މާތް ﷲ މިފަދައިން ބަޔާންކުރަށްވާފައި ވެއެވެ. وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ (٣١) هَذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ (٣٢)مَنْ خَشِيَ الرَّحْمَنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُنِيبٍ (٣٣) ادْخُلُوهَا بِسَلامٍ ذَلِكَ يَوْمُ الْخُلُودِ (٣٤) لَهُمْ مَا يَشَاءُونَ فِيهَا وَلَدَيْنَا مَزِيدٌ (٣٥) މާނައީ: ޤިޔާމަތްދުވަހު ޞާލިޙު އަޅުންނާ ސުވަރުގެ ގާތްކުރެވޭނެއެވެ. ފަހަރެއްގައިވެސް އެމީހުންނާ އެތަން ދުރެއްނުކުރެވޭހުއްޓެވެ. އެހިނދު ނިދާއިއްވެވޭނެއެވެ. މިހިރީ ތިޔަބައިމީހުންނަށްޓަކައި ކުރެވެމުންދިޔަ ވަޢުތަކެވެ. މިގޮވަތި ޚާއްޞަކުރެވިގެންވަނީ ތިމާމެންގެ ކުށްތަކުން އެނބުރި ރުޖޫޢަވެ، ﷲގެ ޙަޟުރަތުގައި ތައުބާވެ، ތިމާގެ ޢަމަލުތަކަށް ރައްކައުތެރިވާ މީހުންނަށެވެ. އެއީ ތިމާގެ ލޮލުން ދުށުމެއްނެތި، ރަޙްމާންވަންތަ ﷲއަށް ބިރުވެތިއުޅެ، އިޚްލާޞްތެރި ހިތަކާއިގެން އެއިލާހުގެ ޙަޟުރަތަށް ކުއްތަންވި މީހެކެވެ. އެހިނދު ނިދާ އިއްވެވޭހުއްޓެވެ. ސަލާމަތްތެރިކަމާއެކު ތިޔަބައިމީހުން ސުވަރުގެއަށް ވަންނާށެވެ! ދަންނާށެވެ! މިދުވަސް ވެގެންދާނީ ދާއިމީ ދިރިއުޅުމެއް ލިބިގެންދާނެ ދުވަހަކަށެވެ. އެތާގައި އެމީހުން އެދޭހާ ތަކެއްޗެއް އެމީހުންނަށް ލިބޭނެއެވެ. އަދި ދަންނާށެވެ! އަހުރެންގެ ޙަޟުރަތުގައި އެމީހުންގެ ހިތަށްވެސް ނާރާނޭ ގިނަގުނަ ނިޢުމަތްތައް އެމީހުންނަށްޓަކައި އަދިވެސް ކަނޑައެޅިފައި އެބަވެއެވެ. މިއެވެ.

އާދެ، ބަޔާންވެގެން ދަޔައީ، މުސްލިމުން ތިމާމެންގެ ފަރާތުން ޖާމިނުވާނޭ ކަންތައްތަކަކަށް ލޮބުވެތި ރަސޫލާގެ އަރިހުން ޖާމިނުވެފައިވާ މަތިވެރި ނިޢުމަތްތަކުގެ ގިނަގުނަ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މިއީ ހަކަމަކާމެދު ޖާމިނުވާ މީހަކަށްޓަކައި ކީރިތި ރަސޫލާ ވެވަޑައިގަތް ޖާމިނުވުމެކެވެ. ތިރީގައި މިވަނީ މިބުނެވުނު ހަސިފައެވެ.

ފުރަތަމަ ސިފައަކީ ތެދުބުނުމެވެ. ތެދުބުނާ މީހަކަށް ދޮގުހަދަން ނުކެރޭނެއެވެ. އަދި އޭނާގެ ކުރިމަތީގައި ދޮގުހެދުމުގެ މަގު ހުޅުވިފައެއް ނޯންނާނެއެވެ. އޭނާގެ ޙަޔާތުގެ އެންމެހައި ކަންކޮޅުތަކެއްގައި ތެދުބުނުމުގެ ސިފަ އައިސް އޮންނާނީ އޭނާ ވަށާލައިގެން، އޭނާ ރައްކައުތެރި ކޮށްގެންނެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރަށްވާފައިވާ ފަދައިންނެވެ. عَلَيْكُمْ بِالصِّدْقِ فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللَّهِ صِدِّيقًا މާނައީ: ތިޔަބައިމީހުން ތެދުބުނުމުގައި ދެމިތިބޭށެވެ. ދަންނާށެވެ! ތެދުބުނުމަކީ ޚާލިޞް ހެއުކަންތައްތަކަށް މަގު ފަހިކޮށްދޭ ކަމެކެވެ. އަދި ހެއުކަންތައްތަކަކީ ސުވަރުގެއަށް މަގުދައްކައިދޭ ކަމެކެވެ. އަދި މީހާ ތެދުބުނުމުގައި ދެމިހުރެ، ތެދުބުނަން އާދަކޮށްގެން އުޅެމުންގޮސް އެންމެފަހުން އޭނާގެ ނަން ﷲގެ ޙަޟުރަތުގައި ޞިއްދީޤުންގެ ލިސްޓުގައި ލިޔެވިގެންދާނެއެވެ. މިއެވެ. މިރިވާޔަތް ރިވާކުރެއްވީ އިމާމު މުސްލިމެވެ.

ދެވަނަ ސިފައަކީ، ވަޢުދަށް ވަފާތެރިވުމެވެ. ތިމާގެ އަޙުދުތަކަށް ރައްކައުތެރިވެ އެކަންކަމުގެ މަތީ ދެމިހުރުމެވެ. މިއީ މުއުމިނެއްގެ ޚާއްޞަ ސިފަތަކުގެ ތެރެއިން އެއްސިފައެވެ. ތަޤްވާވެރިއެއްގެ ޢަލާމަތެއް މެއެވެ. މުއުމިނުންނަކީ ތިމާމެން ކުޅަ ވަޢުދަކާ ޚިލާފުވާން ދަންނަ ބައެއްނޫނެވެ. އެހެނީ ވަފާތެރިވުމަކީ މުސްލިމް މުޖްތަމަޢެއްގެ އަސާސީ ސިފައެކެވެ. އެމީހުންގެ އެންމެހައި މުޢާމަލާތްތަކުގައި އެސިފަ އެކުލެވިގެންވާނެއެވެ. އަދި އެންމެހައި މުޢާމަލާތަކާއި އިޖްތިމާޢީ އެންމެހައި ގުޅުންތަކާއި އެންމެހައި ވަޢުދުތަކާއި ޢަހްދުތައް ވަނީ ވަފާތެރިކަން މައްޗަށް ބަރޯސާވެރިވެގެންނެވެ. އަދި ވަފާތެރިކަން ނެތިދާ ކޮންމެ ހިނދަކު އެންމެހައި މުޢާމަލާތްތަކުގައި އިތުބާރާއި ބަރޯސާވެރިކަން ނެތި ހިނގައިދާނެއެވެ.

ތިންވަނަ ކަމަކީ އަމާނާތް އޭގެ ޙައްޤުވެރިންނާ ހަމައަށް ފޯރުކޮށްދިނުމެވެ. މިއީ މާތް ﷲ އެކަމުގެ އަހުލުވެރިންނަށް ސަނާއާއި މަދަޙައިގެ ބަސްފުޅު އަންގަވާފައިވާ، އަޚްލާޤީ މާތް ސިފައެކެވެ. އީމާންކަމާއި އިސްލާމީ ރިވެތި އަޚްލާޤު ފުރިހަމަކޮށްދޭ ކަމެއްމެއެވެ. އާދެ، އަމާނާތްތެރިކަމަކީ ދީން ރައްކައުތެރިކޮށްދޭ ކަމެކެވެ. ތިމާގެ އަބުރާއި މުދަލާއި ނަފްސާއި ފުރާނައާއި ތިމާގެ ވިސްނުމާއި ޢިލްމާއި އެނޫންވެސް ސިފަތައް ރައްކައުތިރިކޮށް ސަލާމަތްކޮށްދޭ މާތް ޚުލްޤެކެވެ. ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރަށްވާފައިވާ ފަދައިންނެވެ. الْمُؤْمِنُ مَنْ أَمِنَهُ النَّاسُ عَلَى أَمْوَالِهِمْ وَأَنْفُسِهِمْ މާނައީ: މުއުމިނަކީ ތިމާގެ ފަރާތުން މީސްތަކުންގެ މުދަލާއި ނަފްސުތަކަށް އަމާންކަން ލިބިގެންވާ މީހެކެވެ. މިއެވެ. މިޙަދީޘު ރިވާކުރެއްވީ އިމާމު އަޙްމަދާއި ނަސާއީއެވެ.

ހަތަރުވަނަ ސިފައަކީ ތިމާގެ ޢައުރަ ރައްކައުތެރި ކުރުމެވެ. މިބަހުގެ މުރާދަކީ ޙަރާމް ކަންތައްތަކުން ސަލާމަތްތެރިވުމާއި ބާޠިލް ކަންކަމުން ދުރުހެލިވުމެވެ. މާތް ﷲ އަލްމުއުމިނޫން ސޫރަތުގެ 5 އާޔަތުގައި ވަޙީކުރަށްވާފައި ވެއެވެ. وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (٥) މާނައީ: މުއުމިނުންނަކީ ޙަރާމް ގޮތްގޮތުން ތިމާމެންގެ ޢައުރަ ރައްކައުތެރިކޮށް ސަލާމަތް ކުރުންމަތީ ދެމެތިބޭނޭ މީހުންނެވެ. މިއެވެ. މިހެނީ ޢައުރަ ރައްކައުތެރިވުމަކީ ނަސްލު ރައްކައުތެރިވުމުގެ ސަބަބެކެވެ. އަދި ނަސްލާއި ނަސަބު ރައްކައުތެރިވުމަކީ މުޖްތަމަޢު ޠާހިރުވެ ބަލިމަޑުކަމުންނާއި އާފާތްތަކުން ސަލާމަތްވުމަށްޓަކައި ކޮށާލެވޭ މަގެކެވެ.

މިމަތިވެރި ސިފަތަކުގެ ތެރެއިން ފަސްވަނަ ސިފައަކީ ޙަރާމްކުރަނިވި ކަންތައްތަކުން ތިމާމެންގެ ލޯ ރައްކައުތެރިކުރުމެވެ. މާތް ﷲ ވަޙީކުރަށްވާފައިވެއެވެ. قُلْ لِلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ذَلِكَ أَزْكَى لَهُمْ إِنَّ اللَّهَ خَبِيرٌ بِمَا يَصْنَعُونَ (٣٠) وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ ... (٣١) މާނައީ: އޭ ނަބިއްޔާއެވެ! ހިނގާފައިދާއިރު ހުއްދަނޫން ތަންތަނަށް ބެލުމެއްނެތި، އިސްދަށަށް ޖަހައިގެން ދިއުމަށާއި ތިމާމެންގެ ޢައުރަ ނިވާކޮށް ރައްކައުތެރިކުރުމަށް މުއުމިން ފިރިހެންތަކުންނަށް އަންގާށެވެ! އެމީހުންނަށްޓަކައި އޮތް އެންމެ ޠާހިރު ގޮތަކީ މިއީއެވެ. ދަންނާށެވެ! އެމީހުން ކުރާހާކަމެއް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި ހަމަ އެހެންމެ ހިނގާފައިދާއިރު ހުއްދަނޫން ތަންތަނަށް ބެލުމެއްނެތި، އިސްދަށަށް ޖަހައިގެން ދިއުމަށާއި ތިމާމެންގެ ޢައުރަ ނިވާކޮށް ރައްކައުތެރިކުރުމަށް މުއުމިން އަންހެންތަކުންނަށްވެސް އަންގާށެވެ! މިއެވެ.

ޝައްކެއްނެތެވެ. ހިނގާފައިދާއިރު ޙަރާމްކަމެއް ފެނިދާނެތީ ތިމާގެ ލޯތިރިކޮށް، އިސްދަށަށް ޖަހައިގެން ހިނގުމުގައި ވަރަށް ގިނަ ފައިދާ އެކުލެވިގެން ވެއެވެ. އެހެނީ އެކަމަކީ އެމީހާގެ އީމާންކަމުގެ ފޮނިރަހަ އިޙްސާސްކޮށްދީ އެކަމަށް އެމީހާއަށް މަގުފަހިކޮށްދޭކަމެކެވެ. އަދި ހިތް އަލިކޮށްދޭކަމެކެވެ. ހަމައެހެންމެ ސިކުނޑި ތަނަވަސްކޮށްދިނުމާއި ނަފްސު ޠާހިރުކުރުމާއި ނަފްސު އިޞްލާޙުކުރުމާއި ޙަރާމްކަންތައްތަކާއި ބާޠިލް ކަންތައްތަކުން މީހާ ރައްކައުތެރިކޮށްދީ އެކަންކަމުން މީހާ އެއްކިބާ ކޮށްލަދޭ ކަމެއްމެއެވެ.

ހަވަނަ ސިފައަކީ މީސްތަކުންނަށް އަނިޔާއެއްލިބި އުނދަގުލެއް ވެދާނެ ކަންކަމުން ތިމާމެންގެ އަތް ދުރުހެލިކޮށް ބަލަހައްޓާ މީހުންނެވެ. ﷲގެ އަޅުތަކުންނަށް އުނދަގޫކުރާ މީހާއީ މުޖްމަޢު ފަސާދަކޮށްލަން އުޅޭ މީހެކެވެ. މިފަދަ ކަންކަމަކީ ތިމާގެ އަދަބު ކުޑަކަމާއި އަޚްލާޤުގެ ދަށްކަން އަންގައިދޭ ކަމެއްމެއެވެ. އެހެންކަމުން އެއްވެސް މީހަކަށް ލިބިދާނެ ގެއްލުމަކަށް ނުވަތަ އުނދަގުލަކަށް ރައްކައުތެރިވެ، ތިމާ އެކަމުން ދުރުހެލިވުމަކީ ތިމާގެ ކިބައިގައިހުރި އަޚްލާޤެއްގެ މަތިވެރިކަމަކާއި އަދަބުވެރިކަމެއްގެ މާތްކަމާއި ޚުލްޤުގެ ހެއުކަން އަންގައިދޭ ސިފައެކެވެ. އޭނާ ކުރާ ކޮންމެ ކަމަކާމެދު އޭނާ ވިސްނާނީ އެކަމުން މީސްތަކުންނަށް ފައިދާ ލިބޭނެ މިންވަރަކާ މެދުއެވެ. އަދި އެކަމުން އެއުރެންނަށް ގެއްލުމެއް ލިބިދާނެ ގޮތަކާ ބެހޭގޮތުންނެވެ. އެހެނީ އޭނާގެ ނަޒަރުގައި އޭނާގެ ނަފްސަށް ވުރެން މުސްލިމުންގެ ނަފްސުގެ އަގުބޮޑުވެގެން ވެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން އިމާމު މުސްލިމް ރިވާކުރަށްވާފައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ رَجُلٌ بِغُصْنِ شَجَرَةٍ عَلَى ظَهْرِ طَرِيقٍ فَقَالَ وَاللَّهِ لَأُنَحِّيَنَّ هَذَا عَنْ الْمُسْلِمِينَ لَا يُؤْذِيهِمْ فَأُدْخِلَ الْجَنَّةَ މާނައީ: ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. އެއްފަހަރެއްގައި މީހަކު ހިނގާފައި ދަނިކޮށް މަގުމައްޗަށް ވެއްޓިފައިއޮތް ގަހަކާ ދިމާވެއްޖެއެވެ. އެހިނދު އޭނާގެ ހިތަށް އެރިއެވެ. މިގަސް މިހެން އޮތުމަކީ މިމަގުން ހިނގާފައިދާ މުސްލިމުންނަށް އުނދަގޫވާނޭ ކަމެކެވެ. މިގަސްޖެހޭނީ މިތަނުން ނަގާށެވެ. މިހެންބުނެ، އޭނާ މަގުމަތިން ގަސްނަގައި ދުރުކުރިއެވެ. މިކަމާހުރެ މާތް ﷲ އޭނާއަށް ސުވަރުގެ ދެއްވިއެވެ. މިއެވެ.

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ބަޔާންވެ ދިޔަ ހަކަމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މުސްލިމަކަށް ވެސް ސުވަރުގޭގެ ދޮރުކޮޅާ ހަމައަށް ވާޞިލްވުމަށް ކޮށާލެވޭ މަގެކެވެ. މިކަންކަމުން ﷲގެ ޙަޟުރަތުން ލިބިނެވި ނިޢުމަތްތައް ގިނަގުނައެވެ. އެއިލާހުގެ ރުހިވޮޑިގަތުން އެންމެ ގާތް މީހެއްކަމުގައި މިކަންކަމާހުރެ އެނާ ވެގެންދާނެއެވެ. އެހެންކަމުން މިދުނިޔެ ދޫކޮށް ކަށްވަޅާ ހަމައަށް ދާންޖެހުމުގެ ކުރިން މިބުނެވުނު ލުއިފަސޭހަ ހަކަމުގެ ތެރެއިން ކޮންމެ ކަމަކީވެސް ތިމާ އަމިއްލަ ރުހުމުގައި ކޮށްއުޅޭ ކަމަކަށް ހެދުމަށް މަސައްކަތް ކުރަމާތޯއެވެ؟ ތިމާގެ ހިތާއި ހަށިގަނޑާއި ނަފްސާ ގުޅިފައިވާ، ތިމާގެ ޠަބީޢަތް އެކަންތައްތަކަށް ހޭނިފައިވާ ކަންތައްތަކަށް މިކަންތައް ވެއްޖެނަމަ އޭނާއަށް އެއޮތީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިފައިކަން ކަށަވަރެވެ.

އަޅުގަނޑުމެންނަކީ މިމަތިވެރި މާތް ހަސިފަ އެކުލެވިގެންވާ ނަފްސުގެ ވެރިންކަމުގައި ލެއްވުމަށް މާތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.

 

މަޞްދަރު: ޙުސައިން ރަޝީދު އަޙްމަދު ޑޮޓް ކޮމް

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި