Noorul-islam.NET :: ދީނުގެ ޢިލްމުވެރިންގެ ފަތުވާ - އަންހެނަކަށް ޤައުމުގެ ރައީސްކަން ކުރުން ހުއްދަވެގެން ނުވެއެވެ.




ދީނުގެ ޢިލްމުވެރިންގެ ފަތުވާ - އަންހެނަކަށް ޤައުމުގެ ރައީސްކަން ކުރުން ހުއްދަވެގެން ނުވެއެވެ.
Category »  ދީނީ ލިޔުން

ތާރީޚް: 16 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

 

އަންހެނާއަށް ޤައުމެއްގެ ވެރިކަން ކުރުން ހުއްދަނޫންކަމުގައި ދީނުގެ ހުރިހާ ޢިލްމުވެރިންވަނީ އެއްބަސްވެ ވަޑައިގެންފައެވެ. މިކަމާމެދު ސަލަފުއްސާލިޙުން ވިދާޅުވެފައި ވަނީ ކީކީތޯ އަޅުގަނޑުމެން ބަލާލަން އެބަޖެހެއެވެ. އަދި ދީނުގެ ޢިލްމަށް ފުންނާބު އުސް މިހާރުގެ މުފްތީން ފަތުވާ ދެއްވަނީ ކިހިނަކުންތޯ ވެސް ބަލާލައިގެން ނޫނީ ދީނުގެ މިފަދަ ކަމެއް ސާފުނުވާނެ ކަން ކަށަވެރެވެ.

ހ- ތިރީގައި މިވަނީ ސަލަފުގެ ބައެއް ދަންނަބޭކަލުންގެ ބަސްފުޅުތަކެވެ.

1- އިމާމް އިބްނު ޙަޒްމު:

އެކަލޭގެފާނުގެ ފޮތް "المحلى" ގެ "كتاب الإمامة" މިފަދައިން ލިއުއްވާފައި ވެއެވެ. "ޚިލާފަތު އެބަހީ ވެރިކަން ފިރިހެނަކަށް ނޫނީ ހުއްދަވެގެން ނުވެއެވެ. ކުޑަކުދިންނަށާއި އަންހެނުންނަށް މެއެވެ. ދަލީލަކީ: ލޮބުވެތި ރަސޫލުﷲ ގެ މިޙަދީޘުފުޅެވެ. "ތިންމީހަކަށް ވަނީ ޤަލަމް އުފުލިގެންނެވެ." އޭގެ ތެރޭގައި ކުޑަކުއްޖާ ހިމަނުއްވާފައި ވެއެވެ. އަދި އަނެއް ދަލީލަކީ އަބޫބަކްރާގެ ކިބައިން ރިވާވެގެންވާ މިހަދީޘެވެ. "އެބައެއްގެ ވެރިކަން އަންހެނަކާ ޙަވާލުކޮށްފި ބައަކަށް ކާމިޔާބެއްނެތެވެ." އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކަންމިހެން ހުރުމާއެކު މުސްލިމުންގެ އެންމެހާ ޖަމާޢަތްތަކުގައި އަންހެނާއަށް ވެރިކަންކުރުން ހުއްދަކުރާ އެއްވެސް ޖަމާޢަތެއް ނުވެއެވެ.

2- އިމާމް އަލްޖުވައިނީ:

އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. އަންހެނުންނަށް ވެރިކަން އިޚްތިޔާރު ކުރުމުގެ ދޮރު ހުޅުވިފައި ނެތްޙާލު، ވެރިކަމަށް އެކަނބަލުން އިސްވުމުގެ ދޮރު އެއްގޮތަކަށް ނެތްކަމީ ކަނޑައެޅޭ ކަމެކެވެ. އެހެންކަމުން ވެރިކަމުގެ ޝަރުޠުތަކުގެ ތެރޭގައި ފިރިހެނަކަށް ވުމާއި މިނިވަނަކަށް ވުމާއި ބުއްދިހުރުމާއި ބާލިޣުވުން ހިމެނިގެންވެއެވެ.

3- އިމާމް ޣަޒާލީ:

އެކަލޭގެފާނު "الفضائح الباطنية" މިފޮތުގައި ވެރިކަމުގެ ޝަރުޠު ބަޔާންކުރެއްވުމުގައި ހަތަރުވަނަ ޝަރުޠެއްގެ ގޮތުގައި ފިރިހެނަކަށް ވުން ހިމަނުއްވާފައި ވެއެވެ. އަދި ވިދާޅުވެފައިވެއެވެ. އަންހެނެއްގެ ކިބައިގައި މުސްތަޤިއްލުކަމާއި އަމިއްލަވަންތަ ކަމާއި ކުޅަދާނަކަމުގެ އެންމެހާ ސިފަތައް ފުރިހަމަވާ އިރުގައި ވެސް އިމާމަތުކަން ނުކުރެވޭއިރު ވެރިކަމަށް ކުރިމަތިލެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެނީ އޭނާގެ ކިބައިގައި ފަނޑިޔާރު ކަމުގެ ޝަރުޠު ވެސް ފުރިހަމަ ނުވެއެވެ. އަދި ވަރަށް ގިނަ ތަންތާނގައި ހެކިދިނުމުގެ ޝަރުޠުވެސް ފުރިހަމަ ނުވެއެވެ.

4- އިމާމް އަލްމާވަރްދީ:

އެކަލޭގެފާނުގެ އަރިހުން "الأحكام السلطانية والولايات الدينية" މިފޮތުގައި ވިދާޅުވެފައި ވެއެވެ. ވެރިކަމުގެ އެއް ޝަރުޠަކީ ފިރިހެނަކަށް ވުމެވެ. އެހެންކަމުން އަންހެނާއަށް ވެރިކަމާއި ފަނޑިޔާރު ކަން ހުއްދަ ނުވާނެއެވެ. އެއީ އޭނާއަށް އިމާމަތުކަން ނުކުރެވުމާއި ކައިވެނި ޢަޤުދުކޮށް ނުދެވުމާއި ހުރިހާ މަޤާމެއްގައި ހެކިބަސް ޤަބޫލު ނުކުރެވޭތީއެވެ.  

5- އިމާމް އަބޫ ޔަޢުލާ އަލްފައްރާ:

އެކަލޭގެފާނުގެ އަރިހުން އަންހެނާއަށް ވެރިކަން ކުރުން ހުއްދަނޫން ކަމުގައި އިމާމް މާވަރުދީ "الأحكام السلطانية" ގައި ވިދާޅުވެފައި ވެއެވެ.

6- އިމާމް އަލްބަޣަވީ:

 މިކަލޭގެފާނު "شرح السنة" ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ވެރިކަމަށާއި ޤާޟީކަމަށް އަންހެނާ އެކަށީގެން ނުވެއެވެ. އެއީ ވެރިޔާއަކީ ޖިހާދު ކުރުމަށާއި ޖިހާދަށް ލަޝްކަރު ތައްޔާރު ކުރުމުގައި އެންމެ އިސްކޮށް ނިކުންނަންޖެހޭ މީހެކެވެ. އަދި ޤާޟީއަކީ މީސްތަކުންގެ މެދުގައި އުފުދޭ ދެކޮޅުވެރިކަމާއި އަރާރުންތައް މަތަކޮށް އެބައިމީހުންގެ ކޯޅުންތަކުގެ ތެރޭގައި މުރާލިކަމާއެކު ނިކުމެ އެކެއްގެ ނުރުހުން ލިބިގެން އަނެކާ ރުހުމާއެއްގޮތަށް އިންޞާފުގެ ހަތިޔާރު އެމީހުންގެ ބޯމައްޗަށް އުފުލައިގެން ހުރެ އެބައިމީހުންނާއި ގައިގޯޅިވާންޖެހޭ މީހެކެވެ. އަންހެނާގެ އުފެދުމުގައި ހުންނަ ބަލިކަށިކަމުގެ ސަބަބުންނާއި ޠަބީޢީ އުނިކަންތަކުގެ ސަބަބުން މީގެ ތެރެއިން ގިނަކަންތައްތައް ފުރިހަމަކުރަން އޭނާވަނީ ނުކުޅެދިފައެވެ. އަދި ވެރިކަމާއި ފަނޑިޔާރު ކަމަކީ ފުރިހަމަ ކުޅެދުންތެރިކަމާއެކު ނޫނީ ނުކުރެވޭނެ ކަންކަމެވެ. އެހެންކަމުން ފިރިހެނުންގެ ތެރެއިންވެސް ފުރިހަމަ ސިފަ ލިބިގެންވާ މީހަކަށްނޫނީ މިކަމަށް އެކަށީގެން ނުވާނެއެވެ. އެކަލޭގެފާނު މިވާހަކަ ލިއުއްވާފައިވަނީ "لن يفلح قوم ولوا أمرهم امرأة" މިޙަދީޘުގެ ޝަރަޙަ ކުރެއްވުމުގައެވެ.

7- އިމާމް އިބްނު ރުޝްދު:

އެކަލޭގެފާނުގެ މަޝްހޫރު ފޮތް "بداية المجتهد" ގައި ލިއުއްވާފައި ވެއެވެ. ފަނޑިޔާރުކަން ކުރާމީހެއްގެ ކިބައިގައި ހުރުން ޝަރުޠުވާ ސިފަތަކުގެ ތެރޭގައި ވަނީ މިނިވަނަކަށް ވުން، މުސްލިމަކަށް ވުން، ބާލިޣުވުން، ފިރިހެނަކަށް ވުން، ބުއްދިހުރުން، ޢަދުލުވެރިއަކަށް ވުން، މިއެވެ. އެއަށްފަހު އެކަލޭގެފާނު މިފަދައިން ވިދާޅުވެފައި ވެއެވެ. ކަންމިހެން ހުރުމާއެކު އަންހެނާއަށް ފަނޑިޔާރުކަން ދިނުމަށް ދިފާޢުކޮށް ޖަދަލުކުރާ މީހަކުނަމަ އެކަން އެމީހާ ޤައުމުގެ އިސްވެރިކަމާ އެއްފަދަ ކުރަނީއެވެ. އަދި މިކަމަކީ ހުއްދަނޫން ކަމެއް ކަމުގައި ވާހިނދު ޢާއްމު ފަނޑިޔާރުކަން ކުރުމަކީ ހުއްދަ ނޫންކަމެއްކަމުގައި ދުށުން މާ އައުލާކަން ބޮޑެވެ.

8- އިމާމް އިބްނު ޤުދާމާ:

އެކަލޭގެފާނުގެ ފޮތް "المغنى" ގައި ލިއުއްވާފައި ވެއެވެ. ޤާޟީއެއްގެ ކިބައިގައި ހުރުން ޝަރުޠުވާ ތިންކަމެއް ވެއެވެ. އޭގެ ތެރެއިން އެއްކަމަކީ ފުރިހަމަވުމެވެ. އަދި ފުރިހަމަވުން ހިމެނިގެންވަނީ ދެވައްތަރަކަށެވެ. ފުރަތަމަ ވައްތަރަކީ: އަޙްކާމްތައް ފުރިހަމަވުމެވެ. ދެވަނަ ވައްތަރަކީ މީސްވަންތަކަން ފުރިހަމަވުމެވެ. ދެންފަހެ އަޙްކާމްތައް ފުރިހަމަވަނީ ހަތަރު ކަމަކުންނެވެ. އެއީ: ބާލިޣުވުމާއި ބުއްދިހުރުމާއި މިނިވަނަކަށްވުމާއި ފިރިހެނަކަށް ވުމެވެ. ... ދެން އެއަށް ފަހު ވިދާޅުވެފައިވެއެވެ. ޤައުމެއްގެ އިސްވެރިއަކަށް ހުރުމާއި ސްޓޭޓްތަކުގެ ގަވަރުނަރުކަން ކުރުމަކީ އަންހެނަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެންކަމުން ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އެފަދަ ކަމަކަށް އެއްވެސް އަންހެން ބޭކަނބަލަކު އިސްކުރައްވާފައި ނުވެއެވެ. އަދި އެކަލޭގެފާނަށް ފަހުގައި ޚަލީފާވެރިން ވެސް އަދި އެނޫން ބައަކު ވެސް އަދާހަމައަށް ޤާޟީކަމަށް ވެސް އަދި ރަށެއްގެ ވެރިކަމަށް ވެސް އަންހެނަކު އިސްކޮށްފައެއް ނުވެއެވެ. އަދި މިއީ ހުއްދަކަމެއް ކަމުގައި ވީނަމަ އަދާހަމައަށް މިކަން މިގޮތަށް ނޯތީހެވެ.

9- އިމާމް ޤުރުޠުބީ:

އެކަލޭގެފާނު މަޝްހޫރު ތަފްސީރު "الجامع لأحكام القرآن" ގައި މިފަދައިން ލިއުއްވާފައި ވެއެވެ. އުއްމަތުގެ ދަންނަބޭކަލުން އިޖްމާވާ ގޮތުގައި އަންހެނާ ވެރިކަމަށް އިސްވުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ޤާޟީކަމުގެ ތެރެއިން އެކަނބުލޭގެއަށް ހެކިބަސް ދެވޭތަންތަނުގައި ޤާޟީކަމަށް އިސްވުމާ މެދު އެބޭކަލުންގެ މެދުގައި އިޚްތިލާފު ވެފައި ވެއެވެ.

10- އިމާމް ޚައްޠާބީ:

އެކަލޭގެފާނު "لن يفلح قوم .... " މިޙަދީޘާ މެދު ވިދާޅުވެފައި ވެއެވެ. އަންހެނާއަށް ވެރިކަމާއި ފަނޑިޔާރުކަން ކުރުމެއް ނޯވެއެވެ. އަދިވެސް ޚައްޠާބީ ވިދާޅުވެފައި ވެއެވެ. އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުމުގެ މައްސަލައަށް ބަލާއިރު ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅަކީ އެދެކަމަކީ އޭނާއަށް މަނާކަމެއް ކަމެވެ. ނަމަވެސް އިމާމު ޠަބަރީ ވިދާޅުވަނީ ފަނޑިޔާރުކަން ކުރުން ހުއްދަ ކަމުގައެވެ. އިމާމު މާލިކުގެ އަރިހުން ވެސް އެއްބަސްފުޅުގައި މިގޮތަށް އައިސްފައިވެއެވެ. އިމާމު އަބޫޙަނީފާގެ އަރިހުގައި އަންހެނުންގެ ހެކިބަސް ޤަބޫލުވާފަދަ ކަންކަމުގައި އަންހެނުންގެ ފަރާތުން ފަނޑިޔާރުކަން ކުރެވިދާނެއެވެ.

11- އިމާމް އިބްނު ތައިމިޔާ:

އެކަލޭގެފާނުގެ "مجموع الفتاوى" ގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން އިމާމުވެރި ބެއިކަލުން އެއްބަސްވެ ވަޑައިގަންނަވާގޮތުގައި ވެރިއެއްގެ މައްޗަށް ލާޒިމުވެގެންވަނީ އޭނާއަކީ ޢަދުލުވެރި ހެކިދިނުމަށް ކަމުދާ މީހެއްކަމުގައި ވުމެވެ. މިގޮތުން އަންހެނާ ފިރިހެނާއާ އެއްގޮތަށް އެންމެހާ ޙާލަތްތަކުގައި ހެކިދިނުމަށް ކަމުދާ މީހެއްކަމުގައި ނުވެއެވެ. އަދި އެކަލޭގެފާނު "منهاج السنة النبوية" ކިއުނު ފޮތުގައި މިފަދައިން ވިދާޅުވެފައި ވެއެވެ. މުސްލިމުންވަނީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުން މިމައްސަލާގައި އަބޫބަކުރުގެފާނު އިސްކޮށްފައެވެ. އެއީ އެކަލޭގެފާނަކީ ނަބީބޭކަލުން ދޫކުރައްވާފައިވާ ވާރުތަވެރިކަމަށް (އެބަހީ ޢިލްމަށް) އެންމެ އަރާހުންނެވި އަދި އެންމެބޮޑަށް ޢަދުލު އިންޞާފުވެރި ބޭކަލަކު ކަމުގައިވާތީއެވެ. އެހެންނާ ލޮބުވެތި ސިއްތުނާ ފާޠިމަތުގެ ފާނަކީ މާތް ނަބިއްޔާގެ ދަރިކަނބަލުން ކަމުގައި ވެފައި ވާރުތަވެރިކަމުގައި އެންމެ އައުލާ އެންމެ ޙައްޤު ފަރާތެވެ. މުސްލިމުން މިޒިއްމާ އެކަލޭގެފާނާ ޙަވާލުކުރީ ފަހަރެއްގައި ވެސް އެއުރެންގެ ހިތުގައި ފާޠިމަތުގެފާނުންގެ މައްޗަށް އޮތް ލޯބީގެ ކުޑަކަމަކުންނޫނެވެ. އަދި ޢިލްމުގެ ގޮތުންނާއި ޢަދުލުވެރިކަމުގެ ގޮތުން އެކަމަނާގެ ދަރަޖަ ދަށްވާތީއެއް ވެސް ނޫނެވެ. ދީނުގެ ހުރިހާ ފިޤުހުވެރިން މިކަމުގައި އެންމެ ޙައްޤުވެރީ އަބޫބަކުރުގެފާނު ކަމުގައި އެއްބަސްވެ ވަޑައިގަންނަވާއިރު އެބޭކަލުން ކީރިތި ރަސޫލާގެ އަރިހުން ލިބިވަޑައިގަންނަވާނެ ވާރުތައިގެ މިލްކުވެރިއަކީ ފާޠިމަތުގެފާނުކަމުގައި ޝައްކެއް ނުކުރައްވައެވެ. އަދި އެބޭކަލުންގެ ހިތްޕުޅުގައި އެކަމަނާއަށް ދެވިފައިވާ ލޯބީގެ މިންވަރު ޒައްރާއެއް ކުޑަވެގެންވެސް ނުދެއެވެ. އަދި އެބޭކަލުން އެކަމަނާއަށް އެހާމެ ޤަދަރާއި ޢިއްޒަތް ކުރައްވާމެއެވެ. އެބޭކަލުން ޢަމަލު ކުރެއްވީ އިތުރު އެކަލޭގެފާނުގެ އަރިހުން ޞައްޙަ މަގުން އައިސްފައިވާ ޙަދީޘުފުޅަށެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. "އެބައެއްގެ ވެރިކަން އަންހެނަކާ ޙަވާލުކޮށްފި ބައަކަށް ކާމިޔަބީއެއް ނުވެއެވެ." އެހެންކަމުން ކީރިތި ރަސޫލާގެ އަރިހުން ފާޠިމަަތުގެފާނަށް ލިބިވަޑައިގަންނަވަންޖެހޭ ވާރުތައެއް އެކަމަނާއަށް ލިބިވަޑައިނުގަތުމާއި އަދި އެކަމަނާ އެކަމުގެ ޝަކުވާވެސް ނުކުރެއްވުމާއި އިސްލާމީ އުއްމަތުގެ މީހުން މިކަން އަބޫބަކުރުގެފާނާ ޙަވާލުކުރެއްވުން ސާބިތުކޮށްދެނީ މިކަމުގައި ހުރި ޢަދުލު އިންޞާފުގެ ބޮޑުކަމެވެ.

12- އިމާމު ނަވަވީ:

އެކަލޭގެފާނު "مغنى المحتاج" ގައި ވިދާޅުވެފައި ވެއެވެ. އަންހެނަކު ވެރިކަމާ ޙަވާލު ނުވާހުށިކަމެވެ. އެއީ ޙަދީޘުގައި އެކަން މަނާވެފައި އޮތުމުގެ ސަބަބުންނެވެ. އަދި އަންހެނުން އެކަމަށް އެންމެ ރަނގަޅަށް އަރަފޯދިފައި ނުވާކަމުންވެސް މެއެވެ.

13- އިމާމު އިބްނު ޙަޖަރު އަލް ޢަސްޤަލާނީ:

ބުޚާރީގެ ޝަރަޙަ "فتح البارى" ގައި އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ. އިމާމް ޚައްޠާބީ މިޙަދީޘާ މެދު ވިދާޅުވެފައި ވެއެވެ. އަންހެނާއަށް ވެރިކަމާއި ފަނޑިޔާރުކަން ކުރުމެއް ނޯވެއެވެ. އަދިވެސް ޚައްޠާބީ ވިދާޅުވެފައި ވެއެވެ. އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުމުގެ މައްސަލައަށް ބަލާއިރު ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅަކީ އެދެކަމަކީ އޭނާއަށް މަނާކަމެއް ކަމެވެ. ނަމަވެސް އިމާމު ޠަބަރީ ވިދާޅުވަނީ ފަނޑިޔާރުކަން ކުރުން ހުއްދަ ކަމުގައެވެ. އިމާމު މާލިކުގެ އަރިހުން ވެސް އެއްބަސްފުޅުގައި މިގޮތަށް އައިސްފައިވެއެވެ. އިމާމު އަބޫޙަނީފާގެ އަރިހުގައި އަންހެނުންގެ ހެކިބަސް ޤަބޫލުވާފަދަ ކަންކަމުގައި އަންހެނުންގެ ފަރާތުން ފަނޑިޔާރުކަން ކުރެވިދާނެއެވެ.

14- އިމާމް އިބްނު ކަޘީރު:

އެކަލޭގެފާނުންގެ މަޝްހުރު ތަފްސީރުގައި ލިއުއްވާފައި ވެއެވެ. ފިރިހެނާއަކީ އަންހެނާގެ މައްޗަށް ވާ ވެރިއެކެވެ. އެއީ ﷲ އޭނާއަށް ދެއްވާފައިވާ ދަރަޖައެއްގެ ސަބަބުންނެވެ. އެހެންކަމުން ނަބީކަމަކީ ފިރިހެނާއަށް ޚާއްޞަ ކަމެކެވެ. އަދި އެންމެ މަތީ ވެރިކަން ވެސް މިފަދައެވެ.

15- އިމާމު ޝައުކާނީ:

"نيل الأوطار" މިފޮތުގައި ޝައުކާނީ ވިދާޅުވެފައި ވެއެވެ. މިޙަދީޘުން ސާބިތުވާ ގޮތުގައި އަންހެނާއަކީ ވެރިކަމުގެ ޤާބިލިއްޔަތު ޙައްޤު މީހެއް ނޫނެވެ. އެހެންކަމުން އެއްވެސް ބައަކަށް އެއުރެންގެ ވެރިއަކަށް އަންހެނަކު އިސްކުރުން ހުއްދަވެގެނެއް ނުވާނެއެވެ. 

އަދިވެސް އެކަލޭގެފާނު "السيل الجرار" ގައި ވިދާޅުވެފައި ވެއެވެ. ވެރިކަން ކުރުމުގައި ފިރިހެނަކަށް ވުން ޝަރުޠުވެފައިވަނީ މުޅިއުއްމަތުގެ ތަދްބީރުކުރުމުގައި އަންހެނާ އެންމެ އެކަށީގެން ނުވާތީއެވެ.

16- އިމާމު އައްނައިސާބޫރީ:

"الإجماع" ކިއުނު ފޮތުގައި ލިއުއްވާފައި ވެއެވެ. ދަންނަބޭކަލުން އިޖްމާވާ ގޮތުގައި އެކަނބަލުންގެ ހެކިބަސް ހައްދު ޤާއިމުކުރެވޭ އެއްވެސް ތަނެއްގައި ޤަބޫލެއް ނުކުރެވޭނެއެވެ. އެހެން ކަމަށްވާނަމަ އާއްމު ވެރިކަން އެކަނބަލުންގެ ފަރާތުން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟

17- މުޙައްދިޘު ޝާހު ވަލިއްޔުﷲ ދިހްލަވީ:

އެކަލޭގެފާނުގެ ފޮތް "الحجة البالغة" ގައި ވިދާޅުވެފައި ވަނީ މިފަދައިންނެވެ. ދަންނާށެވެ. ވެރިއަކަށް ވުމުގައި ޝަރުޠުވެގެން ވަނީ އެމީހަކީ ބުއްދި ހުރި ބާލިޣު ވެފައިވާ މިނިވަން ފިރިހެނަކަށް ވުމެވެ. އަދި އިވުމާއި ފެނުމާއި ވާހަކަ ދެއްކުމުގެ ސިފަ ލިބިގެންވާ ހިއްވަރުގަދަ މީހެއްކަމުގައި ވުމެވެ. ވުމާއެކު މީސްތަކުން އެމީހުންގެ ޤައުމުގެ މިޢިއްޒަތް އެމީހަކާ ޙަވާލުކޮށްފި މީހަކަށް ކިޔަމަން ގަތުން ލާޒިމުވާނެއެވެ..... އަދި އެމީހެއްގެ ކިބައިން މިއިން ކަމަކާމެދު ފަރުވާކުޑަކުރުން ސާބިތުވެއްޖެ ނަމަ ވާންވާގޮތްނޫން އެހެނިހެން ގޮތްތައް ފެންނާން ފަަށައިފާނެއެވެ. އަދި އެއުރެންގެ ހިތްތައް އޭނާއާ މެދު ނުރުހުންވާން ފަށައިފާނެއެވެ. އަދި ރުޅިވެރިކަމާ އެކު މަޖްބޫރުން ހަނުތިބޭނެއެވެ.

18- ޢައްލާމާ އަލްޢިއްޒު އިންބު ޢަބްދިއްސަލާމް:

"قواعد الأحكام" ގައި ވިދާޅުވެފައި ވެއެވެ. އަންހެނުންގެ އުފެދުމާއި ޙުކުމްތަކުގެ އުނިކަމާ ހުރެ ބުއްދީގެ ގޮތުންނާއި ދީނުގެ ގޮތުން އަދި އަޙްކާމުގެ ގޮތުން ފުރިހަމަވެފައިވާ ފިރިހެނުންގެ މައްޗަށް އެކަނބަލުން ވެރިކަން ކުރުމަކީ އެކަށީގެންވާ ކަމެއްނޫނެވެ.

19- ޢައްލާމާ ޞަންޢާނީ:

ބުލޫޣުލްމަރާމުގެ ޝަރަޙަ "سبل السلام" ގައި "لن يفلح قوم..." މިޙަދީޘު ބަޔާންކުރެއްވުމަށް ފަހު މިފަދައިން ލިއުއްވާފައި ވެއެވެ. ޙަދީޘުން އަންގަވާ ގޮތުގައި އަންހެނާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ވެރިޔާކަމުގައި ވީކަމުގައި ވިއަސް، މިޙަދީޘުން ސާބިތުކޮށް ދެނީ މުސްލިމުންގެ ޢާއްމު އެއްވެސް ޙުކުމެއް ކުރުމުގައި އަންހެނަކު އިސްވުން ހުއްދަނުވާނެ ކަމެވެ. އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ކީރިތި ރަސޫލާ ޙަދީޘުކުރައްވާފައި ވެއެވެ. "އަންހެނަކަށް އަންހެނެއްގެ ކައިވެނިކޮށެއް ނުދެވޭނެއެވެ. އަދި އަންހެނަކަށް އޭނާގެ އަމިއްލަ ކައިވެނިވެސް ނުކުރެވޭނެއެވެ." މިޙަދީޘުން ސާފުކޮށް ދޭހަވަނީ އަންހެނާއަށް އޭނާގެ ކައިވެނި ކަމުގައި ވިއަސް އަދި އެނޫން މީހެއްގެ ކައިވެނި ކަމުގައި ވިޔަސް ކައިވެނި ޢަޤުދު ކުރުމަކީ އޮންނަކަމެއް ނޫންކަމެވެ. އެހެންކަމަށް ވާއިރު ޤައުމުގެ އެންމެ އިސް ވެރިކަން ނުވަތަ ޢާއްމު ވެރިކަމެއް ޤަބޫލުކުރުމަކީ ކޮން ކަހަލަ ކަމެއްކަން އެބަ އެނގެއެވެ.

20- ޢައްލާމާ އަބުލްޢަލީ އަލްމުބާރަކުފޫރީ:

ތިރުމިޛީގެ ޝަރަޙަ "تحفة الأحوذى" ގައި އިމާމު ޚައްޠާބީ ވިދާޅުވި ބަސްފުޅު ނަގުލު ކުރައްވާފައި ވެއެވެ. އަދި އަންހެނުންނަށް ވެރިކަން ކުރުމާއި ފަނޑިޔާރުކަން ކުރުން މަނާވުމުގެ ބަސްފުޅަކީ ޖުމްހޫރު ދަންނަބޭކަލުންގެ ބަސްފުޅު ކަމުގައި ބަޔާންކުރައްވާފައި ވެއެވެ.

21- ޢައްލާމާ އަލްޤަރާފީ:

"الذخيرة" ގައި މިފަދައިން ވިދާޅުވެފައި ވެއެވެ. އެއްވެސް ޒަމާނެއްގައި އަންހެނަކު ފަނޑިޔާރުކަން ކޮށްފައިވާ ވާހަކައެއް އަޑުއިވިފައެއް ނޯވެއެވެ. އަދި މިއީ މިކަމުގައި އޮތް އިޖްމާއެކެވެ. އަދި މިއީ މުސްލިމް ނޫން މީހުންގެ މަގެކެވެ. އަދި ޤައުމުގެ އެއްމެ އިސް ވެރިކަމުގެ މައްޗަށް އޮތް ޤިޔާސް ކުރުމެކެވެ.

22- ފަޟީލަތުއް ޝައިޚު ސައްޔިދު ސާބިޤު:

މިހާރުގެ މަޝްހޫރު އަތްމަތީ ފިޤުހުފޮތް "فقه السنة" ގައި ވިދާޅުވެފައި ވެއެވެ. ކާފަރެއްގެ ފަނޑިޔާރުކަމެއް ޞައްޙަ ނުވާ ހުއްޓެވެ. އަދި ކުޑަކުއްޖެއްގެ ވެސް މޮޔަމީހެއްގެ ވެސް ފާސިގެއްގެ ވެސް އަންހެނެއްގެ ވެސް ފަނޑިޔާރު ކަމެއް ހުއްދަވެގެނެއް ނުވެއެވެ. އެއީ ޙަދީޘުން މިކަން މިގޮތަށް ސާބިތުވާތީއެވެ. ޤައުމުގެ އިސްވެރިކަން މިއަށް ވުރެން އައުލާކަން ބޮޑެވެ. މިކަމުގެ ދަލީލު ލިބެނީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުއްނަތުންނެވެ. އަދި އަޞްޙާބު ބެއިކަލުންނާއި ސަލަފުގެ ޢަމަލުންނެވެ.

23- ޢައްލާމާ ޢަބްދުﷲ ބިން ޢަބްދުއްރަޙްމާން އަލްބައްސާމް:

"توضيح الأحكام" ގައި ލިއުއްވާފައި ވެއެވެ. މިޙަދީޘު ޞައްޙަކަމަށް ވެފައި އެއިން އެނގެނީ އަންހެނާގެ ވެރިކަން ޞައްޙަ ނޫންކަމެވެ. އަދި ޤައުމެއްގެ ވެރިއަކަށް އަންހެނަކު އިސްކޮށްފި ކަމުގައިވާނަމަ އެބައެއްގެ ދީނީ ކަންތަކާއި ދުނިޔަވީ ކަންތައް ވެސް ޞުލްޙަވެގެން ނުދާނެ ކަމެވެ. އަދި އެކަނބަލުން ވެރިކަން ކުރުން ހުއްދަނުވާނެ ކަމުގެ ރައުޔަކީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ. އެއިގެ ތެރޭގައި އިމާމު މާލިކާއި އިމާމު ޝާފިޢީ އާއި އިމާމު އަޙްމަދު ހިމެނިވަޑައިގަންނަވައެވެ. އަދި އިމާމު އަބޫޙަނީފާ ވިދާޅުވާ ގޮތުގައި ޙައްދުގެ މައްސަލަތައް ފިޔަވައި އެހެނިގެން ކަންކަމުގައި އެކަނބަލުންނަށް ޤާޟީކަން ކުރެވިދާނެއެވެ.

24- ޝައިޚު މުޙައްމަދު ޞިއްދީޤު ޚާން އަލްޤަނޫޖީ:

"الروضة الندية شرح الدرر البهية" ގައި ކައިވެނީގެ ވަލީގެ މައްސަލާގައި އެއާ ބެހޭ ޙަދީޘުތަކުގެ ދަށުގައި ލިއުއްވާފައި ވެއެވެ. ކައިވެނީގައި އެއަންހެނެއްގެ ވަލީވެރިއެއް ނެތް މީހެއްގެ ވަލީވެރިއަކީ ރަސްގެފާނެވެ. އެބަހީ ވެރިޔާއެވެ. މިކަން ސާބިތުވެފައިވަނީ ޞައްޙަ ޙަދީޘުންނެވެ. ޙަދީޘުގައި އައިސްފައި ވެއެވެ. "ވަލީވެރިންގެ ލިސްޓު މައްޗަށް ގޮސް އެމީހެއްގެ ވަލީއަކު ނެތްމީހެއްގެ ވަލީވެރިއަކީ ރަސްގެފާނެވެ. އިމާމް ޝާފިޢީ ވިދާޅުވެފައި ވެއެވެ. ގާތް ވަލީވެރިޔާގެ ވަލީ ލިބިގެން މެނުވީ އަންހެނެއްގެ ކައިވެނި އަޤުދު ނުކުރެވޭ ހުއްޓެވެ. އެމީހަކު ނެތްކަމުގައި ވަނީނަމަ ދުރު ވަލީވެރިއެއްގެ ބަސް ފުދޭނެއެވެ. އަދި އެފަދަ މީހަކު ވެސް ނެތިއްޖެ ޙާލަތެއްގައި ވެރިމީހާގެ ވަލީވެރިޔާއެވެ. މިހެނީ އަންހެނާގެ ވަލީވެރިއަކު ނެތިއްޖެ ހާލަތެއްގައި އޭނާގެ ވަލީވެރިއަކީ ވެރިޔާއެވެ. އެހެންކަމަށް ވާއިރު އެއަންހެނާ އަމިއްލައަށް އޭނާގެ ވަލީވެރިއަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟ ޚުދް އޭނާއަކީ އަމިއްލައަށް ތިމާގެ ކައިވެނި ވެސް ނުކުރެވޭނެ މީހެއްކަމުގައި ޙަދީޘުގައި އައިސް ފައި އެބަވެއެވެ.

25- ޑރ. މުޞްޠަފާ އައްސިބާޢީ:

އޭނާގެ ފޮތް "المرأة بين الفقه والقانون" ގައި ވިދާޅުވެފައި ވަނީ މިފަދައިންނެވެ. " ހަމަ ގައިމު ވެސް އަޅުގަނޑަށް އެނގޭ ކަމަކީ އަންހެނާ ސިޔާސީ މައިދާނުގައި އުޅުމަކީ އިސްލާމް ދީން ވަރަށް ހަރުކަށިގޮތަކަށް ހިފާ މައްސަލައެއް ކަމެވެ. މިކަމަކީ ދީނުގައި ޙަރާމް ވެގެންވާ ކަމެކޭ އަޅުގަނޑު ނުބުނި ކަމުގައި ވިއަސް ވެހެވެ. އެއީ ކޮންމެހެން އަންހެނާ އެކަމަށް އެކަށީގެން ނުވާތީކީ އެއްނޫނެވެ. އަދި ކިއެއްހެއްޔެވެ. އެމައިދާނަށް އޭނާ ނިކުތުމުން ނިކުންނަ އިޖްތިމާޢީ ގެއްލުންތަކެއްގެ ބޮޑުކަމުންނެވެ. އަދި ޞަރީޙަކޮށް ފެންނަންހުރި އިސްލާމް ދީނުގެ އެތަކެއް އަދަބުތަކާއި އަޚްލާޤަކާއި ފުށުއަރާތީއެވެ. އަދި ޢާއިލާގެ ރައްކަލާއި ސަލާމަތާ އިދިކޮޅު އެތަކެއް ބޮޑެތި ޖަރީމާތަކެއްގެ އުފެދޭތީއެވެ. އަދި މިއީ އަންހެނާ އޭނާގެ ކަންތައްތަކާބެހޭ ގޮތުން ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއެކު އެކަމަށް ފަރުވާލިބިގަތުމުން އެއްކިބާވެގަތުމެވެ.

 

ށ- ތިރީގައި މިވަނީ ބައެއް މުފްތީން މިމައްސަލައާ މެދު ދެއްވާފައިވާ ފަތުވާއެވެ.  

1-   އައްޝައިޚު ބިން ބާޒުގެ ފަތުވާ:

ސަމާޙަތުއްޝައިޚު ޢަބްދުލް ޢަޒީޒު ޢަބްދުﷲ ބިން ބާޒު 1409ހ. ގައި ޕާކިސްތާނުގެ ވެރިކަމަށް ބޭނަޒީރު ބުއްޓޫ އިންތިޚާބު ވެވަޑައިގަތުމުން އެކަމާމެދު ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވެއެވެ. " މުސްލިމުންގެ އެންމެ އިސް ވެރިކަމަށް އަންހެނަކު އައުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. މިކަމުގައި އޮތް ދީނުގެ ހެކިތައް ޤުރުއާނާއި ސުއްނަތުންނާއި އިޖްމާއިން ސާބުތު ވެގެން ވެއެވެ.

(ހ) ޤުރުއާނުގައި އޮތް މިކަމުގެ ހެއްކަކީ މާތް ﷲގެ ބަސްފުޅު "الرجال قوامون على النساء بما فضل الله بعضهم على بعض" މިއެވެ. މާނައީ: "ފިރިހެނުންނަކީ އަންހެނުންގެ މައްޗަށް އިސްވެގެންވާ ވެރިންނެވެ. ﷲ އެއުރެން އެއްބައަކު އަނެއް ބައެއްގެ މައްޗަށް މަތިވެރި ކުރައްވާފައިވާ ކަމަށްޓަކައެވެ." މިއާޔަތުގައި ފިރިހެނާއަށް އޭނާގެ ޢާއިލާގެ މައްޗަށް ވެރިކަން ކުރުމާއި ޤިވާމާވެ އިސްވުމުގެ ޙުކުމަކީ މިއާޔަތުން ޢާއްމުކޮށް އަންގައިދޭ ކަމެކެވެ. އެހެންކަމުން ޤައުމުގެ އެންމެ އިސްވެރިކަން މިއިން ސާބިތުކުރުން މާއައުލާކަން ބޮޑެވެ.

(ށ) ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން އައިސްފައިވާ ހެއްކަކީ ފާރިސްކަރައިގެ މީހުން އެމީހުންގެ ވެރިއަކަށް ކިސްރާގެ ދަރިކަނބަލުން އިސްކުރުމުން އެކަލޭގެފާނު ޙަދީޘު ކުރެއްވި މިބަސްފުޅެވެ. "ޤައުމެއްގެ މީހުން އެމީހުންގެ ވެރިކަމަށް އަންހެނަކު އިސްކޮށްފި ޤައުމަކަށް އެއްގޮތަކަށް ވެސް ސަލާމަތެއް ނެތެވެ." (ބުޚާރީ) ޝައްކެއްނެތެވެ. މިޙަދީޘުން ވެސް އަންހެނަކު ޢާއްމު ވެރިކަމަށް އިސްވުން ޙަރާމްވާކަމުގެ ހެއްކަކަށް ފުދެއެވެ. ހަމައެހެންމެ ރަށެއްގެ ވެރިކަމާއި އަތޮޅެއްގެ ވެރިކަމަށް އިސްވުން ވެސް މިހަދީޘުން މަނާއެބަކުރެއެވެ.

(ނ) ހަތަރު ޚަލީފާއިންނާއި އެންމެ ހެއު ޤަރުނު ކަމުގައިވާ ތިން ޤަރުނުގައި އަންހެނުންގެ ތެރޭގައި ދީނުގެ ތަފާތު އިލްމަށް އަރާތިއްބެވި އެންމެ ފުންނާބު އުސް ބޭކަނބަލުން ތިއްބަވަނިކޮށް ވެސް، އަމަލީގޮތުން އަންހެނަކާ ވެރިކަމާއި ފަނޑިޔާރުކަން ހަވާލުނުކޮށް އެކަމުގައި އިޖްމާވެފައިވާ ވުމީ މިކަމުގެ ސާފު ހެއްކެކެވެ.

2- މިޞުރުގެ މުފްތީގެ ފަތުވާ:

މިޞުރުގެ ސަރުކާރުގެ ކުރީގެ ރަސްމީ މުފްތީ ފަޟީލަތުއް ޝައިޚު ޑރ. ނަސްރު ފަރީދު ވާޞިލްގެ ފަތުވާ: މިފަދައިން އޭނާ ވިދާޅުވެފައި ވެއެވެ. " އަންހެނާއަށް ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ކުރިމަތި ލުމާއި އިސްވުމަކީ ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. " މިފަތުވާ ވަނީ 2005-2-28 ގައި މިސުރުގެ މަޝްހޫރު ދުވަހު ނޫހެއް ކަމުގައިވާ އަލްއަހްރާމްގައި ޝާއިޢު ކޮށްފައެވެ.

3- އަޒްޙަރުގެ ފަތުވާ ކޮމެޓީގެ ފަތުވާ:

މިޞުރުގެ އަލްޖާމިޢުލް އަޒްހަރުގެ ފަތުވާ ކޮމެޓީން 1952 ގައި ޤަރާރު ނަންބަރު 14 އާއި 15 ގައި ދެއްވާފައިވާ ފަތުވާ ޚުލާޞާއެއް ކަމުގައިވަނީ: އަޒުހަރުގެ ފަތުވާ ކޮމެޓީން ނިންމާފައިވަނީ ޢާއްމު ވެރިކަމުގައި ހިމެނޭ އެއްވެސް ވެރިކަމަކަށް އަންހެނާ އައުން ހުއްދަ ނޫންކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާކަމަށް އައުން ހުއްދަ ނޫންކަމަށާއި އެކަމަށް ކުރިމަތި ލުމަކީ ވެސް ހުއްދަނޫން ކަމެއް ކަމަށެވެ. އެއީ ބުޚާރީއާއި އެނޫންވެސް މުޙައްދިޘުން ރިވާކުރައްވާފައިވާ ޙަދީޘުން އެކަން މަނާކުރައްވާފައި ވާތީއެވެ. އަދި މިޙަދީޘުގެ މާނަ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބެއިކަލުންނަށާއި ސަލަފުގެ އެންމެހާ ދަންނަބޭކަލުންނަށް ވެސް ވިސްނިވަޑައިގެންފައި އޮތީ އެގޮތަށް ކަމަށް ވާތީއެވެ.

4- އަޒްހަރުގެ ފަތުވާ ކޮމެޓީގެ މިހާރުގެ ފަތުވާ:

1982 ގައި އަޒުހަރު ޔުނިވަރސިޓީގެ ފަތުވާ ކޮމެޓީންނާއި އަޒުހަރުގެ ބޮޑެތި ޢިލްމުވެރިންގެ އަރިހުން ވެސް ފަތުވާ އައިސްފައި ވަނީ އަންހެނުން ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާ ކަމަށާއި ވެރިކަމަށް ކުރިމަތިލުމާއި ވެރިކަން ކުރުމަކީ ޤުރުއާނާއި ޙަދީޘުން ސާބިތުވާ ފަދައިން ހުއްދަކަމެއް ނޫންކަމަށެވެ. މިވާހަކަ ވަރަށް ތަފްޞީލުކޮށް އަލްމުޖްތަމަޢު މަޖައްލާގެ 1988 ގެ 25 އޮކްޓޫބަރުގެ ޢަދަދު ގައި ލިޔެފައި ވެއެވެ. އެބޭފުޅުންގެ ތެރޭގައި އަޒުހަރު ޔުނިވަރސިޓީގެ ރައީސް ފްރޮފެސަ ޑރ. ރައޫފު ޝިބްލީ އާއި އަޒުހަރު ޔުނިވަރސިޓީގެ ޤާނޫނީ ކޮލެޖްގެ ޑީން ފްރޮފެސަރ ޑރ. ޙަސަން ޝާޛްލީ އާއި އަޒުހަރުގެ ދީނުގެ އުޞޫލާ ބެހޭ ކޮލެޖުގެ ޑީންގެ އެހޭތެރިޔާ ފްރޮފެސަރ ޑރ. ޢަބްދުލް މުޢުޠީ އާއި އަޒުހަރުގެ ޤާނޫނީ ކަންތައްތަކާ ބެހޭ އެޑްވައިޒަރ ފްރޮފެސަރ ޑރ. ފުއާދު ހިމެނިވަޑައިގަންނަވައެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި