Noorul-islam.NET :: ނަމާދުގެ އަހައްމިއްޔަތު




ނަމާދުގެ އަހައްމިއްޔަތު
Category »  ދީނީ ލިޔުން

ތާރީޚް: 16 އޮކްޓޯބަރ 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

ނަމާދަކީ، އިސްލާމްދީނުގައި ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާ އަޅުކަމެކެވެ. އެއީ އިސްލާމް ދީނުގެ ރުކުނެކެވެ. އަދި ކީއްހެއްޔެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމަށް ފަހު އަދާކުރަން ޖެހޭ އެންމެ ފުރަތަމަ ރުކުނަކީ ނަމާދެވެ. އިސްލާމް ދީނުގެ އެހެން ރުކުންތަކާ ޚިލާފަށް، ނަމާދަކީ އެންމެހައި މުކައްލަފުން، ހުރިހާ ޙާލަތެއްގައިމެ އަދާކުރަންޖެހޭ އަޅުކަމެކެވެ. މިސާލަކަށް ބަލިމީހުންނާއި ދަތުރުވެރިންނަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެއީ ދޫކޮށްލާ ދުވަސްތައް އެހެން ދުވަސްތަކަކުން ފުރިހަމަ ކުރާ ގޮތަށެވެ. ހަމައެފަދައިން ޢުމުރުން ދުވަސްވެ ގައިގެ ބާރުދެރަވުމުގެ ސަބަބުން، ރޯދަ ހިފުމަށް އުދަނގޫވާ މީހުންނާއި، ދާއިމީ ބޮޑު ބައްޔެއްގެ ސަބަބުން ރޯދަހިފުމަށް ޢުޛުރުވެރިވާ މީހުންނަށް ރޯދަ ހިފުމުގެ ބަދަލުގައި އޮންނަނީ ފިދުޔަ ދިނުމެވެ. ޙައްޖުގެ އަޅުކަން އަދާކުރުން ވާޖިބުވަނީ، އެކަމުގެ ކުޅަދާނަކަން ލިބިގެންވާ މީހުންގެ މައްޗަށެވެ. ތަނަވަސްކަން ލިބިގެންވީ ނަމަވެސް ޞިއްޙަތެއް ނެތްނަމަ ތިމާގެ ބަދަލުގައި އެހެންމީހަކު ފޮނުވައިގެންވެސް ޙައްޖުގެ އަޅުކަން އަދާކުރެވިދާނެއެވެ.

ނަމަވެސް ނަމާދަކީ، އެއްވެސް އިސްތިސްނާއެއް ނެތި އެންމެހައި މުކައްލަފުން ހުރިހާ ވަގުތެއްގައި، ހުރިހާ ޙާލަތެއްގައި އަދާކުރަންޖެހޭ އަޅުކަމެކެވެ. ދަތުރު މަތީގައްޔާއި، ބަލިޙާލުގައްޔާއި، ހަނގުރާމައިގެ މައިދާނުގައިވެސް ނަމާދު ކުރަންޖެހެއެވެ. މާތް ﷲ ވަޙީކުރައްވައެވެ. إِنَّ الصلاة كانت على المؤمنين كتاباً موقوتاً  [النساء 103]  މާނައީ: "ހަމަކަށަވަރުން ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ."

ނަމާދު ކުރުމަކީ ހިތްހަމަޖެހުން ލިބޭ ކަމަކަށްވެފައި،  ކަންބޮޑުވުމާއި ހާސްވުންފަދަ ކަންކަމުން ސަލާމަތް ކޮށްދޭ ކަމެއްވެސް މެއެވެ. އެހެންކަމުން ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަންބޮޑުވެ ވަޑައިގަންނަވާ ކޮންމެ ފަހަރެއްގައިމެ، ނަމާދު ކުރެއްވުމަށް އަވަސްވެ ވަޑައިގަންނަވާ ކަމުގައި ޙަދީޘުގައި ވާރިދުވެފައިވެއެވެ. އަދި އެކަލޭގެފާނު ޙަދީޘު ކުރައްވާފައިވެއެވެ. "وَجُعِلَتْ قُرَّةُ عَيْنِيْ فِي الصَّلاَةِ" މާނައީ: "ނަމާދުގައި ތިމަން ކަލޭގެފާނު ހިތްޕުޅު ހަމަޖެހުން ލެއްވިގެންވެއެވެ." އެހެން ނުވާންވީ ކީއްވެތޯއެވެ. ނަމާދުކުރުމުން އެންމެހައި ނުބައި ކަންތައްކާއި ހުތުރުކަންތައްތަކުން ދުރުކޮށްދޭ ކަމަށް ކީރިތި ވަންތަ ﷲ އަންގަވާފައިވެއެވެ.

އެހެންކަމުން، އަޅުގަނޑުމެންގެ ދަރިން ތަރުބިޔަތު ކުރުމުގައި ނަމާދު ކުރުމަށް ބާރުއެޅުމަށް ޚާއްޞަ ސަމާލުކަމެއް ވަނީ ދޭންޖެހިފައެވެ. ޢުމުރުން ހަތް އަހަރުވުމުން ކުދިންނަށް ނަމާދު ކުރުމަށް އެންގުމަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  އިރުޝާދު ދެއްވާފައިވެއެވެ. އަދި ދިހަ އަހަރުވާއިރު ނަމާދާމެދު ފަރުވާކުޑަ ކުރާނަމަ އަދަބުދީގެން ނަމާދު ކުރުވުމަށްވެސް މިއިރުޝާދުގައި އައިސްފައިވެއެވެ.    

ސްކޫލު މަދުރަސާތަކުގައި ކިޔަވާ ދަރިވަރުންގެ އަޚްލާޤު، ދުވަހުން ދުވަހަށް ދަށްވަމުންދާ ކަމުގެ ޝަކުވާ އަބަދާއި އަބަދު ލިބެމުންދާއިރު، ދަރިވަރުން ތަރުބިޔަތު ކުރުމުގައި މިފަދަ ކަންކަމާމެދު ވިސްނުން ހުއްޓެވެ. ސްކޫލުގައި އެކުދިން ހޭދަކުރާ ވަގުތުތަކުގައި ނަމާދުވަޤުތެއް ދިމާވާނަމަ ނަމާދު ކުރެވޭނޭ އިންތިޒާމުތައް ހަމަޖައްސައިދީ އެކަމަށް ބާރުއެޅުމީ ސްކޫލުގެ އިދާރާއިން އެޅިދާނޭ ހަރުދަނާ ތަރުބަވީ ފިޔަވަޅެއްކަން ކަށަވަރެވެ.      

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި