Noorul-islam.NET :: އިސްލާމިކް މިނިސްޓްރީ އިން ރައީސުލްޖުމްހުރިއްޔާއަށް ފޮނުއްވި ސިޓީ

އިސްލާމިކް މިނިސްޓްރީ އިން ރައީސުލްޖުމްހުރިއްޔާއަށް ފޮނުއްވި ސިޓީ
Category »  މުޖުތަމަޢު

ތާރީޚް: 10 އޮކްޓޯބަރ 2010

މަޞްދަރު : މިއަދު އޮންލައިން

بسم الله الرحمن الرحيم

 

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް 

 މާލެ، ދިވެހިރާއްޖެ.

 

ނަންބަރު: 1028/2010/1/2ޢ-142

 

 

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްއަޚް ޢަލްފާޟިލް މުޙައްމަދު ނަޝީދަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ޢިއްޒަތްތެރި ރައީސެވެ! އަޅުގަނޑު މަނިކުފާނަށް މިސިޓީލިޔަން ގަސްތުކުޅައީ، ދިވެހިރާއްޖޭގެ ވަރަށް ގިނަ ފަރާތްތަކަކުން، ތަޢުލީމީ ދާއިރާގެ ތެރެއިން އިސްލާމްދީނާއި ގުޅުން ހުރި ބައެއްކަންތައްތަކާމެދު ކަންބޮޑުވުންތަކެއް އެކިސިފަ ސިފައިގައި އަޅުގަނޑާ ހަމައަށް ފޯރުކުރަމުން ގެންދާތީވެއެވެ. އަދި މަނިކުފާނަކީ މިވަގުތު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވުމުންނާއި، އަޅުގަނޑުގެ ހިތުގައި މަނިކުފާނަށާއި ސަރުކާރަށް އޮތް ހެޔޮ ޝުޢޫރެއްގެ ސަބަބުންނާ ވެސް އެކުގައެވެ. އަދި، މިނިސްޓްރީ އޮފް އިސްލާމީކް އެފެއާޒްގެ މެންޑޭޓްގެ ތެރޭގައި ތައުލީމީ ކަންކަމުގައި ސަރުކާރަށް ލަފާދިނުން ވެސް ހިމެނޭތީވެ. ދެތިން ކަމަކާމެދު އެއްޗެއް ދަންނަވާލުމުގެ ގޮތުންނެވެ.

އަދި، މިސިޓީގައި އަޅުގަނޑު ބަޔާންކުރާ ވާހަކަތައް މިބަޔާން ކުރަނީ ޤާނޫނު އަސާސީއާއި، އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯއާއި، މަނިކުފާނު ކަނޑައަޅުއްވާފައިވާ ގައުމީ ތަރައްގީގެ އޮނިގަނޑުން ކުރަހާދީފައިވާ ދައުލަތުގެ ދީނީ އަދި ތަރުބިއްޔަތުގެ ރޫޙާ އެއްގޮތައް ކަންކަން ގެންދިއުމުގައި އެހީތެރިކަން  ފޯރިކޮށްދިނުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި ދައުލަތާ ނުވަތަ ސަރުކާރާ އިދިކޮޅަށް މަސައްކަތް ކުރުމުގެ މަޤްޞަދެއްގައެއް ނޫނެވެ.
އަޅުގަނޑުމެން ސަރުކާރުގައި މިދެމިތިބެނީ އެފަދަ ނިފާޤު ސިޔާސަތެއްގެ ހިޔަލުގައެއް ނޫނެވެ. އަޅުގަނޑުމެންނަކީ ޙައްގާއި ހަގީގަތަށް ލޯބުކުރާ ބަޔަކީމެވެ، އަދި މިސަރުކާރަކީ އަޅުގަނޑުމެންގެ ވެސް ފުރިހަމަ ބައިވެރިވުން އޮވެގެން ގާއިމު ވެފައިވާ ސަރުކާރެއްކަމުން އަޅުގަނޑުމެންނަށް ވެސް ފެންނަ ލަފަޔަލާއި ރައުޔެއް މަނިކުފާނާއި ދިވެހި ރައްޔިތުންނާއި ޙިއްސާކުރުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަމުގައި ދެކި، ގަދަ ކީރިތިވަންތަ ﷲ ގެ ޙަޟްރަތުން ވާގި އެދިހުރެ އެކަންކަން ބަޔާންކުރަމެވެ.

ފުރަތަމަ ކަމަކީ، މަތީ ޘާނަވީގައި އިސްލާމް، ދިވެހި މިދެމާއްދާ އޮޕްޝަނަލް ކުރުމުގެ މައްސަލައެވެ.

ޢިއްޒަތްތެރި ރައީސެވެ! ޤާނޫނު އަސާސީގެ ދެވަނަ ބާބު ކަމުގައިވާ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ 36 ވަނަ މާއްދާގެ (ނ) ގައި ބަޔާން ވެގެންވަނީ އަންނަނިވި ގޮތަށެވެ.

ތައުލީމީ ނިޒާމުގެ ތެރެއިން އިސްލާމްދީނަށް ބޯލަނބައި ކިޔަމަންގަތުމަށް ބާރު އެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި، އިންސާނީ ހައްގުތަކަށް އިޚްތިރާމް ކުރުމަށާއި، އާއްމުކޮށް އެންމެންގެ މެދުގައި ސުލްހަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަނައިދީ، މިކަންކަން ކުރިއެރުވުމަށް ބާރުއަޅާންވާނެއެވެ
ބަޔާންވެ އެދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމު އެއަސާސްތަކެއްގެ މަތީގައި ގާއިމް ކުރެވެންޖެހޭ މަތިވެރި ދަސްތޫރީ އަސާސްތަކެވެ. ވީމާ ތައުލީމީ ނިޒާމުގެ ތެރެއިން  މިހަމަތަކަށް ތަނަވަސް ގޮތެއްގައި ޖާގަ ދެވެންވާނެއެވެ. ތައުލީމީ ފަލްސަފަ ބައްޓަން ކުރެވެންވާނީ މިހަމަތަކުގެ މައްޗަށެވެ.

ދިވެހިރާއްޖޭ ފަދަ އިސްލާމީ ގައުމެއްގެ ތައުލީމު މިމަގުން ކަސިޔާރުވެއްޖެނަމަ ގައުމުގެ މަޞީރު ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމީ ހަމަ ޔަގީންކަމެވެ. ތައުލީމަކީ ގައުމުގެ މައިބަދައެވެ. އަދި ތައުލީމު ވާންޖެހޭނީ އެންމެހާ އިސްތިޢުމާރީ ވަކިތަކުން ސަލާމަތްވެފައިވާ، އަދި ފިކުރީ ހަނގުރާމައިން މިނިވަން ވެފަޮއވާ އެއްޗަކަށެވެ. މިހެން ނުވެއްޖެނަމަ ގައުމުގެ އަމިއްލަވަންތަކައި ޘަގާފަތާއި، މިނިވަންކަމަށް ހުރަސްތައް ކުރިމަތި ނުވެނުދާނެއެވެ.

އާދެ! އަދި، ގާނޫނު އަސާސީގެ ހަމަ އެބާބުގެ 67 މާއްދާގެ (ކ) ގައިވަނީ ދިވެހިދައުލަތުގެ ދީންކަމުގައި ވާ އިސްލާމްދީނާއި، ރާއްޖޭގެ ތަޤާފަތާއި، މާދަރީ ބަހާއި ގައުމީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުން މިއީ އަސާސީ ހައްގެއް ކަމުގައެވެ.
މިހެންކަމުން އިސްލާމްދީނަށް ލޯބިޖެއްސޭނޭ، ނުވަތަ ދީން ރައްކާތެރިކުރެވޭނޭ، ނުވަތަ ގައުމީ ބަސް ދެމެހެއްޓޭނެ، ނުވަތަ ބަސް ދިރުވޭނެ އެންމެ ބޮޑު އެއްވަސީލަތަކީ، ތައުލީމީ ނިޒާމެވެ. މިހެންކަމުން، ޒަމާނުއްސުރެން ރާއްޖޭގެ  ތައުލީމުގެ ތެރޭގައި ޚާއްޞަކޮށް ޘާނަވީ އެންމެހާ މަރްހަލާތަކުގައި އިސްލާމް ދިވެހި މިމާއްދާ ވަނީ މަޖުބޫރު ކުރެވިފައެވެ. ގައުމީ ވިސްނުމަކުން ބަލާނަމަ މިއީ ވަރަށް ރަނގަޅު ކަމެކެވެ. އަދި،  ސަރުކާރުގެ ވަޒީފާ ލިބުމުގައި ވެސް މިދެމާއްދާއަކީ މުހިންމު ދައުރެއް އަދާކުރާ ދެމާއްދާއެވެ. މިހެންކަމުން މި ދެމާއްދާ ވަނީ، ޘާނަވީ މަރްޙަލާތަކުގައި ޖާގަ ހޯދާފައެވެ. މިހާރު މިދެމާއްދާ އަކީ މަޖުބޫރު ދެމާއްދާއެވެ. އަޅުގަނޑަށް އިތުބާރު ހުރި މަގުން މައުލޫމާތު ލިބިފައވާ ގޮތުން އީޑީސީ އިން މުޤައްރަރު އެކުލަވާލާފައިވަނީ ވެސް މިދެމާއްދާ ހަމަ މަޖުބޫރީ ދެ މާއްދާ ގޮތުގައި އޮތުމަށެވެ. މިދެމާއްދާ މަތީ ޘާނަވީގައި އިޚްތިޔާރީ ކުރުވުމާ މެދު ވިސްނި ބަޔަކު ވިސްނީ މާ ފަހުންނެވެ. މިދެމާއްދާ މަތީ ޘާނަވީ މަރްހަލާގައި އިޚްތިޔާރީ ދެމާއްދާއަށް ހެދުމަކީ މިފަދަ ޒަމާނެއްގައި ނޭދެވޭ ނަތީޖާއެއް އެއިން ނިކުމެދާނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. އިސްލާމް މާއްދާއިން ކުދީން ފާސްނުވާ ކަމަށް ބުނެ، އެމާއްދަ އިޚްތިޔާރީ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމުގައި ފެނެއެވެ. ފުރަތަމަ ފާސްނުވާ ސަބަބުތައް ދެނެގަތުން މުހިންމެވެ. އަދި، އެ މާއްދާ އޮތީ ދަރިވަރުން ޝައުގުވެރި ކުރުވަ ގޮތަކަށްތޯ ނުވަތަ ނޫންތޯ ބެލުން ވެސް މުހިންމެވެ.

އާދެ! އިސްލާމް މާއްދާގެ މުޤައްރަރު ޒަމާނާ އެއްވަރަށް ތަރައްގީ ކުރެވެން ޖެހެނެއެވެ. އެމާއްދާ އަކީ ހަމަ ތާރިޚީ ކަންތައްތަކެއްގެ މައްޗަށް ބުރަވެފައިވާ މާއްދާއަކަށް ވެގެން ނުވާނެއެވެ. އެއީ މުސްލިމެއްގެ އަމަލީ ހަޔާތާ ގުޅިފައިވާ މާއްދާއަކަށް ވާންވާނެއެވެ. އެމާއްދާ އިޚްތިޔާރީ ކުރުމުގެ ބަދަލުގައި، މަތީ ޘާނަވީ މަރްހަލާއަކީ ކުއްޖާ މުޖްތަމަޢަށް ނެރޭ މަރުހަލާކަމުން އެމާއްދާގެ ޛަރީޢާއިން ޒަމާނީ މައްސަލަތައް އޮޅުން ފިލުވައދިނުން މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ. މިކަން ވެގެންދާނީ ހައްދުފަހަނަ އެޅުން ނައްތާލެވޭނެ މަގަކަށެވެ. މިސާލަކަށް އެމާއްދާ މެދުވެރިކޮށް ކިޔަވާދެވޭ މަޢޫޟޫލުތަކުގެ ތެރެގައި ދީނުގައި މެދުމިންކަމުގެ އަސްލަށް ދެވިފައިވާ ގަދަރާއި މަގާމާއި ހައްދުފަހަނަ އެޅުން ނަހީކުރެވިގެންވާ މިންވަރާއި، މީރިތި ގުރްއާނާއި ސައެންސާއި، ސައިންސްގެ އަލީގައި ﷲގެ އެއްކައުވަންތަކަން ދެނެގަތުމާއި އިސްލާމްދީނުގައި އިންސާނީ ހައްގުތަކަށް ދީފައިވާ ގަދަރާއި، މީސްތަކުންގެ ފުރާނައާއި، މިލްކިއްޔާތު ރައްކާތެރިކޮށް  ދީފައިވާ މިންވަރާއި، އެހެނިހެން ދީންތަކުގެ މީހުނާ އިސްވެ އަދާވާތްތެރިނުވުމަށް ބާރުއަޅާފައިވާ  މިންވަރާއި، މުޙައްމަދުގެފާނުގެ ރިސާލަތަކީ ޙައްޤު ރިސާލަތެއްކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އިސްލާމް  ދީން ދީފައިވާ ތަނަވަސް ޖާގައާއި، އޭގެ އަޚްލާޤީ މިންގަނޑުތަކާއި ޖިހާދަކީ ކޮބައިކަމާއި، ޖިހާދުގެ ނަމުގައި ހިންގޭ  ޓެރަޒިޒަމްގެ ޢަމަލުތަކުގެ ނުބައިކަމާއި، މި ނޫނަސް މިފަދަ މުހިންމު މަޢުޟޫތަކުގެ މައްޗަށް މުޤައްރަރެއް އެކުކަވާލައި ހަމަ މަޖްބޫރު މާއްދާ އެއްގެ ގޮތުގައި ބޭއްވުން ފެނެއެވެ. ނަތީޖާ އަކަށް ވެގެންދަނީ ދުނިޔެއަށް ތަނަވަސް  ލޮލެއް ހުޅުވިފައިވާ އަދި އެހެނިހެން އިންސާނުންނަށް އިޙްލާތިރާމްކުރާ، އަދި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް  ހިތާ މުސްލިމުން އިންސާނަކު މުޖަތަމައަށް ނެރޭ މަރްޙަލާއަކަށެވެ. މިގޮތަށް  މިކަން ނުކުރެވިއްޖެނަމަ، އަދި އިސްލާމް މާއްދާ ތަރައްޤީ ނުކުރެވިއްޖެނަމަ، ނުވަތަ ތަރައްޤީ ނުކޮށް އިޚްތިޔާރީ ކުރެވިއްޖެ ނަމަ ބަންދުވެފައިވާ ސިނކުނޑި ތަކެއް އުފެދުމުގެ އިތުރުން އެއާމެދު ފޫހިވެ އިންޓަރނެޓުން އިސްލާމްދީން ދަސްކުރަން ފަށާފާނެއެވެ. ނަތީޖާ އަކީ ހަރުކަށިކަމާއި، ނޭއްގާނީ ވިސްނުންތަކެއްގެ ވެރި ޖީލެއް އުފެދިގެން ދިއުމެވެ. ދިރާސާ ތަކުން ދައްކާގޮތުން މިހާރުވެސް ކުދީން އެންމެ ބޮޑަށް ދީންވެރިވާ މަރްޙަލާ އަކީ މަތީ ޘާނަވީއެވެ. އަދި، ދީނާމެދު ކުދީންގެ ހިތްތަކުގައި ސުވާލު އުފެދޭ މަރްޙަލާއަކީ ވެސް އެއީއެވެ. އެ މަރްޙަލާގައި އެސުވާލްތަކަށް  އެކަށޭނަ  ޖަވާބެއް ނުދެވިއްޖެ ނަމަ، ނުވަތަ ދީންވެރިވުމުގައި ގެންގުޅެންވީ ރަނގަޅު ގޮތް ބަޔާން ނުކުރެވިއްޖެ  ނަމަ. މުސްތަޤްބަލުގައި ޤައުމު ފުނޑުފުޑުވެގެން ހިނގައިދާނެއެވެ. ވީމާ މި މިކަންކަމާމެދު ވިސްނާވަޑައިގަތު ހުއްޓެވެ.

ދެވަނަކަމަކީ ، އަލްމަދްރަސަތުލްޢަރަބިއްޔަތުލް އިސްލާމިއްޔާގެ މައްސަލައެވެ.

އިއްޒަތްތެރި ރައީސެވެ! އަލްމަދްރަސަތުލްއަރަބިއްޔަތުލް އިސްލާމިއްޔާ އަކީ ދިވެހިރާއްޖޭގައި ޢަރަބި، އިނގިރޭސި، ދިވެހި، މިތިންބަހުން ލިޔަވައިދޭ ހަމައެކަނި މަދްރަސާއެވެ. އެތަނުން ނިކުންނަ ދަރިވަރުންނަކީ މި ތިން ބަހަށް އެހާމެ  މޮޅު ދަރިވަރުންނެވެ. އެއީ ހަމަ  އެކަނި އަރަބި ކިޔަވައިދޭ ތަނެއްނޫނެވެ. އެއީ ޢަރަބިބަހުން ބޮޑު ބައެއް ކިޔަވާ ދިނަސް، އިނގިރޭސި ބަސް ވެސް ކިޔަވާދޭ މަދްރަސާއެކެވެ. އެތަނުން ނިކުތް ދަރިވަރުންނަކީ ޤައުމަށް ނުހަނު ފައިދާކޮށްދީފައިވާ ބައެކެވެ. އޭގެ ތެރެއިން ޑޮކްޓަރުންނާއި ލޯޔަރުންނާއި ، ޢިލްމުވެރިން ފެނިފައިވެއެވެ. މަސްތުވާ ތަކެއްޗާއި ޖަރީމާއެއްގައި އެތަނުގެ އެއްވެސް ދަރިވަރަކު ބައިވެރިވެފައިވާ ކަން މިހާތަނަށް އެނގިފައިނުވެއެވެ. އަދި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޢަމަލު ހިންގާ ގްރޫޕްތަކުން  މިމަދްރަސާއިންތަޢުލީމު ފުރިހަމަ ކޮށްފައިވާ ކުއްޖަކު ވާކަން އަދާ ހަމައަށް އެނގިފައިނެތެވެ. އެތަނަށް، މަދްރަސާ މިނަން ކިޔާތީ ބޭރުގެ ބައެއް މީހުން ބިރުގަނެއެވެ. އެއީ ބައެއް ޤައުމުތަކުގައި ހުންނަ ފަދަ ޓެރަރިސްޓުން އުފައްދާ މަރުކަޒުތަކަށް ވެސް އެހެން ކިޔާތީކަމަށް ވެދާނެއެވެ. އެމަދްރަސާއަކީ ޓެރަރިސްޓުންގެ ހާއްޔެއްނޫނެނެވެ. އެއީ އިސްލާމްދީނުގެ މެދުމިންކަމުގެ އުޞޫލަށް ކިޔަވައިދޭ ނިޒާމީ މުހިންމު މަރުކަޒެކެވެ. އެތަންވަނީ ޒަމާނާ އެއްވަރަށް ތަރައްޤީކުރަންޖެހިފައެވެ. މެލޭޝިޔާ ފަދަ ތަރައްޤީވެފައިވާ ތަހުޒީބު އިސްލާމީ ޤައުމުތަކުގައި މިފަދަ އިސްލާމިކް ސްކޫލްތައް ހިންގާ ގޮތް ބައްލަވައި، އެފަދަ  ހެޔޮ ޒަމާނީ މުހިންމު ބަދަލުތަކެއް އެތަނށް ގެނެސް އެތަން ޙިމާޔަތްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ދަންނަވަމެވެ. އަދި އެތަނުގެ ޖާގަ ތަނަވަސް ކޮށްދެއްވައި، އެތަނުން ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ގިނަ ދަރީންނަށް ފުރުޞަތު ފަހިވާނޭ ގޮތައް ކަންކަން އިންތިޒާމުކުރުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. މިއަދު އެސްކޫލާއި އެތަނުގެ ދަރިވަރުން ހޭދަކުރަމުން އެދަނީ ހިތާވެރި، ދުވަސްތަކެވެ. އެތަނުގެ އަޞްލު ޢިމާރާތައް މެދުވެރިވި ކަންތަކާ ވިދިގެން އެތަނަށް އަޅާލައްވައި ސަރުކާރުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރަމެވެ. އަދި މަނިކުފާނުގެ ވެރިކަމުގައި މިފަދަކަންތައް ހެޔޮ ބަދަލު ގެންނަވައި ތަރައްޤީކުރެއްވުމަކީ ތާރީޚީ ގޮތުން ފަހުގެ ޖީލުތައް އެކަމާ ފަޚުރުވެރިވެ މަނިކުފާނަށް ޝުކުރުވެރިވާނެ ކަމެކެވެ.

ތިންވަނަ ކަމަކީ. ސްކޫލްތަކުގައި ދެ ޖިންސު މައްސުނި ކުރުމުގެ މައްސަލައެވެ.

ޢިއްޒަތްތެރި ރައީސެވެ. ދިވެހިރާއްޖޭގެ ގިނަ ސްކޫލްތަކުގައި ދެޖިންސު އެއްކޮށް ކިޔަވާ ދިނަސް ، އެ  ނިޒާމަކީ ހުޅަނގުގެ ފަހުގެ ދިރާސާތަކުން އެނގިފައިވާ ގޮތުގައި ކާމިޔާބު ނިޒާމެއްނޫނެވެ. ހުޅަނގުގައި ވެސް ވަކިން ތަޢުލީމު ދިނުމުގެ ނިޒާމު ތަޢާރަފްކުރުމަށް ބައެއް މުއައްސަސާތަކުންދަނީ ބާރުއަޅަމުންނެވެ. މިކަމުގެ ކުރެވިފައިވާ ބައެއް ދިރާސާތައް އަޅުގަނޑުވެސް ދުށިމެވެ. ހުޅަނގުގެ ބައެއް ފިލޯސަފަރުންނާއި ތަޖުރިބާކާރު ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުން  ވަކި ވަކިން ކިޔަވާ  ދިނުމަކީ އެންމެ ކާބިޔާބު ގޮތެވެ. މިހެންކަމުން ދިވެހިރާއްޖޭ އެންމެހާ ސްކޫލްތައް އެނިޒާމަށް އަނބުރާލުމުގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަތުން މުހިންމު ކަމުގައި ދެކެމެވެ. އަޚްލާޤީ ގޮތުން ދިވެހި ޒުވާނުންގެ ކަންތައްތައް ހުރި ހިސާބު ވަރަށް ރަނގަޅަށް ދިރާސާކުރެވެން ވާނެއެވެ. މިހެން  މިދަންނަވަނި  މިހާރުވެސް ގިނަ ސްކޫލްތަކުގައި އެއްކޮށް އޮތުމުގެ ސަބަބުން ނުކުމެފައިވަ ނޭދެވެ ނަތީޖާއަށް ބަލާފައެވެ. އަޚްލާޤީ ގޮތުން މިކަމުގައި ދެޖިސްގެ ދަރިވަރިންނަށް ވަރަށް  ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ތަޖުރިބާކަރުން  ދެކެއެވެ. ދާއިރާގެ އިސް ތަޖުރިބާކާރުން  ވަރަށް ގިނަ ފަރާތްތަކާ އަޅުގަނޑު މިމަމާގުޅޭ ގޮތުން  މަސްވަރާކުރުމުން މިކަމަކީ އެފަރާތްތަކުން އެހާތާއީދުކުރާ ކަމެއްކަމުގައި ނުވެއެވެ. މިއީ ޤައުމީ ފެންވަރުަގައި ވަރަށް ބޮޑަށް މަޝްވަރާކުރެންޖެހޭނެ ކަމެކެވެ. ކަމުގެ ތަޖުރިބާކާރުންނާއި ފަލްސަފާވެރިންގެ ލަފާހޯދެންޖެހޭނެ ކަމެކެވެ. އަދި، ހުރިހާ ސްކޫލެއް އަންހެން  ފިރިހެން އެއްކޮށްލުމަކީ އިންސާފުވެރި ކަމެއް ކަމުގައި ވެސް ނުދެކެއެވެ. އެގޮތަށް އެކަން ކުރައްވައިފި ނަމަ، ވަކިވަކިން ދަރީން ކިޔަވަން ފޮނުވަން ބޭނުންވާ ފަރާތްތަކަށް އޮތް ޙައްޤުވެސް އުނިވެގެންދެއެވެ. އަދި މިރިހާ ސްކޫލެއް އެގޮތަށް ބަދަލުކުރެވިއްޖެ ނަމަ، ބައެއްމީހުން ދަރީން ކިޔަވަން ނުފޮނުވާފާނެކަމުގެ ބިރުހީވެއެވެ. އެއީ މިހާރު ވެސް ސްކޫލްގެ ނިޒާމުގެ ތެރޭގައި ހުންނަ ބައެއް ނޭދެވޭ ކަންކަމުގެ ސަބަބުން ދަރީން ސްކޫލަށް ނުފޮނުވާ ބައެއް ބެލެނިވެރިން ދިވެހިރާއްޖޭގައި އެބައުޅެއެވެ. އަދި  ދެޖިންސު އެއްކޮށް ކިޔަވާ ދިނުން ފަދަ ކަމަކަށް މަޖްބޫރުކޮށްފި ހިނދެއްގައި، ގިނަ ބަޔަކު ދަރީން ސްކޫލަށް ނުފޮނުވައިފިނަމަ، އެކަން ވެގެވެންދާނީ ޤައުމަށް ހުރި ހިތާމަވެރި ކަމަކަށެވެ. ބޮޑު ކާރިޘާއަކަށެވެ. މިހެންވީމާ މިފަދަ ކަންކަން ޘާޤާފަތާ ފުށުއަރާ ގޮތަށް ގެންދިއުމާއި އެއްވެސް ފަރާތެއްގެ ޙައްޤު ނުގެއްލޭގޮތަށް ތަރުތީބުކުރުމަކީ އެއީ އެންމެ ބުއްދިވެރިގޮތްކަމުގައި އަޅުގަނޑަށް ފެނެއެވެ. އަދި އެމެރިކާ، އިނގިރޭސި ވިލާތް ފަދަ ތަހުޒީބު ޤައުމުތަކުގެ އިތުބާރު ހުރި މުއައްސަސާތަކުން މިފަދަ ކަންކަމުގައި ކޮންފައިވާ ދިރާރާތަކާއި ތަޖްރިބާއަށް ބައްލަވާލެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކެމެވެ. އަދި މިފަދަ ކަންކަމުގައި އިސްލާމީ ރިވެތި ޘަޤާފަތާއި އަޚްލާގީ މަގުން ހިނގެވުމަކީ ޤައުމުގެ ތަރައްޤީއާއި ތަޢުލީމީ ނައު ގެ މަޞީރު އަމާން ބައްރަކަށް ގެންގޮސްދޭނެ ކަމެކަން ޔަޤީނެވެ.

ޢިއްޒަތެރި ރައީސެވެ! އަޅުގަނޑަށް ފެންނަ ފެނުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ހާމަކުރައްވާފައިވާ ގޮތަށް ދެޖިންސު އެއްކޮށްގެން ހުރިހާ ސްކޫލެއް ބައްޓަންކުރުމަކީ ދަރިވަރުންގެ އެންމެ މަތީ ޢާއްމު މަޞްލަޙަތަށް ރަނގަޅު ގޮތެއް ނޫނެވެ. އަދި އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ދަރިވަރުންގެ އަޚްލާޤު ރަނގަޅުވެދާނެ ކަމެއްކަމެއްވެސް ނޫނެވެ. އަދި ޤައުމުގައި ދެ ޖިންސަން ވަކި ޚާއްޞަ ސްކޫލްތަކެއް ހުރުމަކީ ޘަޤާފީ ގޮތުންނާއި އަޚްލާޤީ ގޮތުންނާއި، ޢިލްމީ ގޮތުން ބޮޑަށް ފައިދާ ކުރާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެވެ. ހުޅަނގުގެ ވަރަށް ގިނަ ޤައުމުތަކުގައިވެސް، އަންހެނުން ކުދީންނަށް، އަދި ފިރިހެން ކުދީންނަށް ޚާއްޞަ ސްކޫލްތައް ވަރަށް ގިނައިން ހުންނަކަމުގައި ދާއިރާގައި މަސައްކަތްކުރައްވާ  ދުވަސްވީ ބޭފުޅުން އަޅުގަނޑަށް މަޢްލޫމާތު ދެއްވާފައިވެއެވެ. މިހާރު ހުޅަނގުން ބޮޑަށް ބާރު އަޅަމުންދަނީ ވެސް އެނިޒާމަކަށެވެ. އަދި ކުޑަކުދީން ބޮޑެތި ކުދީންގެ މާޙައުލަކަށް ވެއްދުމުން ، އެއިން ކުޑަކުދީންގެ ތަރުބިޔަތަށް ނުރަނގަޅު އަސަރެއްކޮށްފާނެ ކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެއެވެ. ކުޑަކުދީންނަށް ބޭނުންވަނީ ވަކި މާޙަލެކެވެ. ތަރުބަވީ ވަކި ވެއްޓަކާއި ވަކި ސްލޫކެކެވެ. މިހެންކަމުން މިކަންކަމާމެދު ވިސްނާވަޑައިގަތް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ  މުޞްތަފާ ލުތުފީ އަށް ނަސޭޙަތްތެރިވެ ވަޑައިގަތުމަށް ނުހަނު އަދަބުވެރިކަމާއެކު މަނިކުފާނުގެ އަރިހުން އެދެމެވެ.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ މަނިކުފާނުގެ ވެރިކަމުގައި ދިވެހި އުއްމަތަން ފެހިކަމާއި ފަހިކަން  ދެއްވައި ތަރައްޤީއާއި ތަހުޒީބުގެ ދޮރުތައް އިތުރަށް ހުޅުވައި ދެއްވުމެވެ.

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

28 ޝައްވާލް 1431

70 އޮކްޓޯބަރ 2010

އަލްމުޚްލިޞް

ސޮއި

ޢަބްދުލްމަޖީދު ޢަބްދުލްބާރީ

މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް


ރައީސުލްޖުމްހޫރިއްޔާގެ އޮފީސްމާލެ، ދިވެހިރާއްޖެ
ކޮޕީ: މިނިސްޓްރީ އޮފް އެޑިޔުކޭޝަން

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި