Noorul-islam.NET :: އިސްލާމްދީނުގައި އުޚުއްވަތްތެރިކަން

އިސްލާމްދީނުގައި އުޚުއްވަތްތެރިކަން
Category »  މުޖުތަމަޢު

ތާރީޚް: 9 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީޕް

އުޚުއްވަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރަޖަ އެއް ދެއްވާފައިވާ ކަމެކެވެ. އިސްލާމީ އެއްބަނޑުއެއްބަފާ މުޖްތަމަޢެއް ތަމްޘީލުކޮށްދޭ ކަމަކަށްވާތީވެއެވެ. އެހެންކަމުން މިކަމަށް އިސްލާމްދީނުގައި ވަރަށް މަތިވެރި އަހައްމިއްޔަތެއްވަނީ ދެއްވާފައެވެ.

ސޫރަތު އާލު ޢިމްރާންގެ 103 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاعْتَصِمُواْ بِحَبْلِ اللّهِ جَمِيعاً وَلاَ تَفَرَّقُواْ وَاذْكُرُواْ نِعْمَتَ اللّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاء فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً) މާނައަކީ: "އަދި، މާތް ﷲ ގެ ދީނުގެ ރައްކާތެރިކަން ތިޔަބައިމީހުން އެންމެން އެކުގައި ލިބިގަންނާށެވެ. ވަކިވަކި ވެގެން ނުދާށެވެ. އަދި ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައި ވީހިނދު، މާތް ﷲ ތިޔަބައިމީހުން މައްޗަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. ދެން އެހިނދު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންކަމުގައިވިއެވެ. އޭރު ތިޔަބައިމީހުން ތިބީ ނަރަކައިގެ ވަޅުގަނޑެއްގެ ތިންފަތްމަތީގައެވެ. ދެން މާތް ﷲ ތިޔަބައިމީހުން އެކަމުން ސަލާމަތް ކުރެއްވީއެވެ. ތިޔަބައިމީހުންނަށް ތެދުމަގު ލިބޭތޯ، މާތް ﷲ އެކަލާނގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ އެފަދައިންނެވެ".

މި އާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހު ﷲ- ވިދާޅުވިއެވެ. "މުސްލިމުން އެއްބަޔަކު އަނެއްގެ ބަޔެއްގެ މައްޗަށް ޙަސަދަވެރިކަމެއް ރުޅިވެރިކަމެއް ނެތް ބަޔެއްގެ ގޮތުގައި، އަދި އެބައިމީހުންނާއި ޚިލާފްވެގަތް މުޝްރިކުންނާއި ކުރިމަތިލުމުގައި ގަދަފަދަ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް ނަޞްރުދީ، ވާގިވެރިވެ، އެހީތެރިވެދީ އުޅޭ، ބަޔެއްކަމުގައި ލެއްވީ ޙައްގުކަލިމަ ގަބޫލު ކުރުމުގެ ސަބަބުން މުސްލިމުން ކަމުގައި ލައްވައި، ހިތްތައް އެކުވެރި ކުރެއްވުމުގެ ސަބަބުންނެވެ".

އިސްލާމީ އުޚުއްވަތްތެރިކަމަކީ އީމާންކަމާއި ތަގްވާ އާއި ގުޅިފައިވާ އެއެޗެކެވެ. ސޫރަތުލް ޙުޖުރާތު ގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّمَا الْمُؤْمِنُونَ إِخْوَة) މާނައަކީ: "ހަމަކަށަވަރުން މުއިމިނުންނަކީ އަޚުންތަކެކެވެ". މާނައަކީ ޙުރްމަތްތެރިވެގެން ވުމާއި ދީނުގެ ގޮތުން އަޚުންތަކެއް ކަމުގައި ވުމެވެ. ނަސަބުގެ ގޮތުން އަޚުންތަކެއް ކަމުގައި ވުމެއް ނޫނެވެ. އެހެންވެ ޢަރަބި ހަރުބަހެއްގައި ބުނެ އުޅެއެވެ. " أُخُوَّةُ الدِّيْنِ أَثْبَتُ مِنْ أُخُوَّةِ النَّسَبِ ، فَإِنَّ أُخُوَّةَ النَّسَبِ تَنْقَطِعُ بِمُخَالَفَةِ الدِّيْنِ ، وَأُخُوَّةُ الدِّيْنِ لَا تَنْقَطِعُ بِمُخَالَفَةِ النَّسَبِ" މާނައަކީ: "ދީނުގެ އުޚުއްވަތްތެރިކަމަކީ ނަސަބުގެ އުޚުއްވަތްތެރި ކަމަށްވުރެ ވަރުގަދަ އެއްޗެކެވެ. ހަމަކަށަވަރުން ދީންތަފާތުވުމުގެ ސަބަބުން ނަސަބުގެ އުޚުއްވަތްތެރިކަން ކެނޑިގެންދެއެވެ. އެހެންނަމަވެސް ނަސަބު ތަފާތުވުމަކުން ދީނުގެ އުޚުއްވަތްތެރިކަން ކެނޑިގެންނުދެއެވެ".

އިސްލާމީ އުޚުއްވަތްތެރިކަމަކީ އީމާންކަމާއި ގުޅިފައިވާ ކަމެކެވެ. މީސްތަކުންގެ މެދުގައި އީމާންކަމަކާއި ނުލާ އުޚުއްވަތްތެރިކަމެއްވަނީނަމަ، އެއީ ޙަގީގީ ތެދުވެރި އުޚުއްވަތްތެރިކަމެއް ނޫނެވެ. އެޔަކު އެއްވެސް މޭވާ އެއް ފޮނިކަމެއް ނެތެވެ. ހަމަ އެއާއި އެކު، އުޚުއްވަތްތެރިކަމަކާއި ނުލައިވާ އީމާން ކަމަކީ ފުރިހަމަ އީމާންކަމަކަށް ނުވެއެވެ. އޭގެ ސަބަބުން ޢަދާވާތްތެރިކަމަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ޒުޚްރުފް ސޫރަތުގެ 67 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (الأَخِلاَّءُ يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلاَّ الْمُتَّقِينَ) މާނައަކީ: "އެދުވަހުން (ގިޔާމަތްދުވަހުން) ހުރިހާ އެކުވެރިން އެކަކު އަނެކަކަށް ޢަދާވާތްތެރިންކަމުގައިވެދެއެވެ. ތަގްވާވެރިވީ މީހުންފިޔަވައެވެ".

އިސްލާމީ މުޖްތަމަޢުގައި އުޚުއްވަތްރިކަން ހިފެހެއްޓެވުމަށް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަރަށް ގިނަގުނަ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފައެވެ. އެގޮތުން އެކަކު އަނެކަކަށް އެހީތެރިވެ އުޅުމަށާއި، އެކަކު އަނެކަކާއި މެދުގައި ރަގަޅަށް ހީކުރުމަށާއި، ހިނިތުން މޫނަކާއިގެން އަޚާ އާއި ބައްދަލު ކުރުމަށާއި، ތަވާޟުޢުވެރި ވުމަށާއި މިނޫންވެސް މުއިމިނުންގެ މެދުގައި އުޚުއްވަތްތެރިކަން ދެމެހެއްޓޭނެ ކަންތައްތައް ކުރުމަށް އުއްމަތަށް ނަޞޭޙަތްތެރިވެ ވަޑައިގެންފައިވެއެވެ.

މުއިމިނުންގެ މެދުގައި އުޚުއްވަތްތެރިކަން ދެމެހެއްޓެވުމަށް ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި މަސައްކަތްޕުޅު ދެގޮތަކުން ފެނިގެންދެއެވެ.

ފުރަތަމަ ގޮތަކީ: އެކަލޭގެފާނުގެ ބަސްފުޅުތަކެވެ. އެގޮތުން މުސްލިމް އަޚުންނާއި މެދު ހެޔޮކޮށް ހީ ކުރުމަށާއި، އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އުޅުމަށާއި، ޒިޔާރަތް ކުރުމަށާއި، މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވުމަށާއި މީނޫންވެސް މުއިމިނުންގެ ހިތްތަކުގައި އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަން ދެމެހެއްޓޭނެހާ ކަންތައްތައް ކުރުމަށްވަނީ އަމުރު ކުރައްވާފައެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيْثِ) މާނައަކީ: "ތިޔަބައިމީހުން ހީތަކާއި ދުރުހެލިވެ ރައްކާތެރިވާށެވެ. ހަމަކަށަވަރުން ހީ އަކީ އެންމެ ނުބައި ވާހަކައެވެ". 

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنِ اسْتَطَاعَ مِنْكُمْ أَنْ يَنْفَعَ أَخَاهُ فَلْيَنْفَعْهُ) މާނައަކީ: "ތިޔަބައިމީހުންގެ އަޚާ އަށް ފައިދާކުރަނިވި ފަދަ ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަން ކޮށްދޭށެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنْ عَادَ مَرِيْضاً نَادَى مُنَادٍ مِنَ السَّمَاءِ ، طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا) މާނައަކީ: "ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ އުޑުން ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. ކަލޭ ތިޔަކުރީ ވަރަށް ހެޔޮ ރަގަޅު ކަމެކެވެ. ތިކަމަށްޓަކައި ކަލޭ އެޅި ކޮންމެ ފިޔަވަޅަކީ ވެސް ވަރަށް ރަގަޅު ހެޔޮ ކަމެކެވެ. ކަލޭ ސުވަރުގެއިން ގަނޑުވަރެއް ތައްޔާރުކޮށްފިއެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (مَنِ اتَّبَعَ جَنَازَةَ مُسْلِمٍ إِيْمَاناً وَاحْتِسَاباً وَكَانَ مَعَهُ حَتَّى يُصَلَّى عَلَيْهَا وَيُفْرَغَ مِنْ دَفْنِهَا ، فَإِنَّهُ يَرْجِعُ مِنَ الْأَجْرِ بِقِيْرَاطَيْنِ ، كُلُّ قِيْرَاطٍ مِثْلُ أُحُدٍ، وَمَنْ صَلَّى عَلَيْهَا ، ثُمَّ رَجَعَ قَبْلَ أَنْ تُدْفَنَ ، فَإِنَّهُ يَرْجِعُ بِقِيْرَاطٍ) މާނައަކީ: "އީމާންކަމާއި ދަރުމައަށް އެދިގެން މުސްލިމެއްގެ ޖަނާޒާގައި ބައިވެރިވެ، އޭނާގެ މައްޗަށް ކަށުނަމާދުކުރެވި، ވަޅުލައި ނިމެންދެން ބައިވެރިވެއްޖެމީހާ އަށް ދެ ގީރާޠު ދެއްވާނެއެވެ. ކޮންމެ ގީރާޠަކީ އުޙުދު ފަރުބަދަ ފަދައެވެ. އޭނާގެ މައްޗަށް ކަށުނަމާދުކޮށްފައި ވަޅުލުމުގައި ބައިވެރި ނުވެއްޖެނަމަ އެއް ގީރާޠު ދެއްވާނެއެވެ".

ދެވަނަ ގޮތަކީ: އެކަލޭގެފާނުގެ ޢަމަލުފުޅުތަކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަކީ ހުރިހާ މުސްލިމުންނަށްޓަކައި ހުރި ރިވެތިވެގެންވާ ނަމޫނާ އެކެވެ. އިތުރު އެކަލޭގެފާނު ކަމަކަށް އަމުރު ކުރައްވާނަމަ ފުރަތަމަ އެކަމެއް ޢަމަލުން ކުރައްވާ ބޭކަލެއްކަމުގައި ވެވަޑައިގަންނަވައެވެ. އަލްބައްރާއު ބިން ޢާޒިބް- ރަޟިޔަﷲ ޢަންހު- ރިވާކުރެއްވިއެވެ. (رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْخَنْدَقِ، وَهُوَ يَنْقُلُ التُّرَابَ حَتَّى وَارَى التُّرَابَ شَعْرَ صَدْرِهِ) މާނައަކީ: "ޚަންދަގު ހަނގުރާމައިގެ ދުވަހު ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެލި އުފުއްލަވާތަން ތިމަންކަލޭގެފާނު ދުށީމެވެ. އެކަލޭގެފާނުގެ މޭގެ އިސްތަށިތަކުގައިވެސް ވެލީގެ އަޘަރު ހުއްޓެވެ".

އިސްލާމީ އުޚުއްވަތްތެރިކަމަކީ އިލާހީ ނިޢުމަތެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އިޚްލާޞްތެރިވީ އަޅުންނަށް އެކަލާންގެ ދެއްވާ ހަދިޔާ އެކެވެ. ﷲ ވަޙީ ކުރެއްވިއެވެ. (فَأَصْبَحْتُم بِنِعْمَتِهِ إِخْوَاناً) މާނައަކީ: "މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢުމަތެއްގެ ސަބަބުން ތިޔަބައިމީހުން އަޚުންތަކެއްކަމުގައި ލެއްވިއެވެ". އެކަމަކީ ކިތަންމެ ވަރަކަށް މުދާ ހޭދަކުރިކަމުގައިވީނަމަވެސް ލިބޭނެ އެއްޗެއްނޫންކަމާއި، އެއީ މާތް ﷲ ދެއްވި އަގުބޮޑު ހަދިޔާ އެއްކަން ބަޔާން ކުރައްވާ އަލްއަންފާލް ސޫރަތުގެ 63 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لَوْ أَنفَقْتَ مَا فِي الأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَكِنَّ اللهَ أَلَّفَ بَيْنَهُمْ) މާނައަކީ: "ކަލޭގެފާނު މުޅިބިމުގައިވާހާ އެއްޗެއް ހޭދަކުރެއްވިނަމަވެސް އެބައިމީހުންގެ ހިތްތައް އެކުވެރިނުކުރެއްވޭނެއެވެ. ނަމަވެސް ﷲ އެބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވީ އެވެ".

އާލު ޢިމްރާން ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ (وَاذْكُرُوا نِعْمَةَ اللهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ) މާނައަކީ: " އަދި ތިޔަބައިމީހުން ޢަދާވާތްތެރިން ކަމުގައި ވީހިނދު، މާތް ﷲ ތިޔަބައިމީހުން މައްޗަށް ދެއްވި ނިޢްމަތް ތިޔަބައިމީހުން ހަނދާން ކުރާށެވެ. ދެން އެހިނދު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ)،

މުއިމިނުންގެ މެދުގައިވާ އުޚުއްވަތްތެރިކަން ޞިފަކުރައްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَثَلُ الْمُؤْمِنِيْنَ فِيْ تَوَادِّهِمْ وَتَرَاحُمِهِمْ، كَمَثَلِ الْجَسَدِ الْوَاحِدِ، إِذَا اشْتَكَى مِنْهُ عُضْوٌ، تَدَاعَى لَهُ سَائِرُ الْأَعْضَاءِ بِالسَّهَرِ وَالْحُمَّى) މާނައަކީ: "މުއިމިނުންގެ މެދުގައިވާ އެކުވެރިކަމާއި އެކަކު އަނެކަކަށް ރަޙުމްކުރުމުގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލެވެ. ހަށިގަނޑުގެ އެއްގުނަވަނަކަށް ވޭންއެޅުމުން މުޅިހަށިގަނޑު ހޭލާހުރުމުގައްޔާއި އެކަމުގައި ބައިވެރިވެއެވެ". މަގްޞަދަކީ މުއިމިނުންގެ އެކުވެރިކަމެވެ. އޭގެ ސަބަބުން އެކަކަށް ލިބޭ ކޮންމެ ދެރައެއްގައި އެހެން ހުރިހާ މުއިމިނުންވެސް ބައިވެރިވެއެވެ.

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (اَلْمُؤْمِنُ لِلْمُؤْمِنِ كَالْبُنْيَانِ يَشُدُّ بَعْضُهُ بَعْضًا) މާނައަކީ: "އެއް މުއިމިނަކު އަނެއް މުއިމިނެއްގެ މިޘާލަކީ އެކަތިއަނެކައްޗައް ގުޅިފައިވާ ޢިމާރާތެއްގެ މިޘާލެވެ"،

އެހެންކަމުން، އިސްލާމީ އުޚުއްވަތްތެރިކަމުގެ ސަބަބުން މުޖްތަމަޢުގެ އެންމެންނަކީ ރޫޙާނީ ގޮތުން ގުޅިލާމެހިފައިވާ އެއްބައިވަންތަ ބައެއް ކަމުގައި ހަދައިދެއެވެ.

އިސްލާމީ އުޚުއްވަތްތެރިކަމުގެ މާތްކަން:

1.    އެބައިމީހުންނީ އީމާންކަމުގެ ފޮނި ލިބިފައިވާ މީހުން ކަމުގައިވުން. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ثَلَاثَةٌ مَنْ كُنَّ فِيْهِ وَجَدَ بِهِنَّ حَلَاوَةَ الْإِيْمَانِ: أَنْ يَكُوْنَ اللهَ وَرَسُوْلَهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الْمَرْءَ لَا يُحِبُّهُ إِلَّا لِلّه، وَأَنْ يَكْرَهَ أَنْ يَعُوْدَ إِلَى الْكُفْرِ بَعْدَ أَنْ أَنْقَذَهُ اللهُ مِنْهُ كَمَا يَكْرَهُ أَنْ يُقْذَفَ فِي النَّارِ) މާނައަކީ: "ތިންކަމެއް ފުރިހަމަވެއްޖެމީހާ އީމާންކަމުގެ ފޮނިކަން ޙާޞިލްކޮށްފިއެވެ. ﷲ އާއި އެކަލާނގެ ރަސޫލާ އެހެން ކޮންމެ އެއްޗަކަށްވުރެބޮޑަށް އެމީހެއްގެ ކިބައަށް ލޯބުވެތިކަންބޮޑުވެއްޖެމީހާ، އަދި މީހަކުދެކެ ލޯބިވަނީ ހަމައެކަނި ﷲ އަށް ޓަކައި ކަމުގައި ހަދައިފިމީހާ އާއި، ނަރަކައިގެ އަލިފާންގަނޑުގެތެރެއަށް ވެއްޓިގަތުމަށް ނޭދޭފަދައިން ކުފުރުވެރިކަމުން ސަލާމަތްކުރެއްވުމަށްފަހު އެޔަށް އެނބުރި ދިޔުމަށް ނޭދޭމީހާ އެވެ.

2.     އެބައިމީހުންނީ ﷲ ގެ ލޯތްބާއި ޢަރްޝީގެ ހިޔާވަހިކަން ލިބިގެންވާ މީހުންކަމުގައި ވުން. ﷲ ތަޢާލާ ގިޔާމަތްދުވަހުން ބަސްވަޙީ ކުރައްވާނެއެވެ. (أَيْنَ الْمُتَحَابُّوْنَ بِجَلَالِيْ، اَلْيَوْمَ أُظِلُّهُمْ فِيْ ظِلِّيْ يَوْمَ لَا ظِلَّ إِلَّا ظِلِّيْ) މާނައަކީ: "ﷲ ތަޢާލާ ވަޙީ ކުރައްވާނެއެވެ. ތިމަން ﷲ ގެ ޖަލާލުވަންތަކަމަށްޓަކައި ލޯބިވީމީހުންކޮބައިހެއްޔެވެ؟ ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެންހިޔާވަހި ކަމެއް ނުވާ މިއަދުގައި އެބައިމީހުންނަށް ހިޔާވަހިކަން ދެއްވާނަމެވެ".

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (سَبْعَةٌ يُظِلُّهُمُ اللهُ فِيْ ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ". مِنْهُمْ " وَرَجُلَانِ تَحَابَّا فِيْ اللهِ اجْتَمَعَا عَلَيْهِ وَتَفَرَّقَا عَلَيْهِ) މާނައަކީ: "ތިމަން ﷲ ގެ ހިޔާވަހިކަންފިޔަވާ އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި ހަތްމީހަކަށް ހިޔާވަހިކަން ދެއްވާނަމެވެ. އޭގެ ތެރޭގައި ﷲ އަށް ޓަކައި ލޯބިވެ ގުޅުންބަދަހިކޮށް، އަދި ﷲ އަށް ޓަކައި ވަކިވާ މީހުންވެއެވެ".

އަދިވެސް ޙަދީޘް ކުރެއްވިއެވެ. (إِنَّ رَجُلاً زَارَ أَخًا لَهُ فِيْ قَرْيَةٍ أُخْرَى، فَأَرْصَدَ اللهُ تَعَالَى عَلَيى مَدْرَجَتِهِ مَلَكًا، فَلَمَّا أَتَى عَلَيْهِ، قَالَ: أَيْنَ تُرِيْدُ؟ قَالَ: أُرِيْدُ أَخًا لِيْ فِيْ هَذِهِ الْقَرْيَةِ، قَالَ: هَلْ لَكَ مِنْ نِعْمَةٍ تَرُبُّهَا عَلَيْهِ؟ قَالَ: لَا، غَيْرَ أَنَّنِيْ أَحْبَبْتُهُ فِيْ اللهِ تَعَالَى، قَالَ: فَإِنِّيْ رَسُوْلُ اللهِ إِلَيْكَ أُخْبِرُكَ بِأَنَّ اللهَ قَدْ أَحَبَّكَ كَمَا أَحْبَبْتَهُ فِيْهِ) މާނައަކީ: "މީހަކު އޭނާގެ އަޚަކަށް ޒިޔާރަތްކުރުމަށް ޓަކައި އަޚާގެ ރަށަށް ދަތުރުކުރިއެވެ. އޭނާގެ ދަތުރުގެ މަގުމަތީގައި މަލާއިކަތްބޭކަލަކާއި ބައްދަލުވިއެވެ. މަލާއިކަތާ ސުވާލުކުރެއްވިއެވެ. ތިޔަދަނީ ކޮންތަނަކަށް ހެއްޔެވެ؟ ޖަވާބުގައި ބުންޔެވެ. މި ރަށުގައި އުޅޭ އަހަރެންގެ އަޚަކަށް ޒިޔާރަތް ކުރާށެވެ. މަލާއިކަތާ ދެންނެވިއެވެ. "އޭނާގެ ކިބައިން އެއްވެސް ކަމެއް ބޭނުންވެފައި އެބައޮތްހެއްޔެވެ؟ އޭނާ ޖަވާބުގައި ބުންޔެވެ. ނޫނެކެވެ. ހަމައެކަނި ﷲ އަށް ޓަކައި އޭނާ ދެކެލޯބިވާތީވެއެވެ. މަލާއިކަތާ ދެންނެވިއެވެ. "އަހުރެންނީ ކަލޭގެ ގާތަށް މާތް ﷲ ފޮނުއްވި ރަސޫލު ބޭކަލަކީމެވެ. ﷲ އަށް ޓަކައި ތިބާގެ އަޚާ ދެކެ ލޯބިވީ ފަދައިން ﷲ ތިބާ ދެކެ ލޯބިވެވަޑައިގެންފިކަމުގެ ޚަބަރު ތިބާ އަށް ދިނުމަށް ޓަކައެވެ".

3.     އެބައިމީހުންނީ ގިޔާމަތް ދުވަހުން ސުވަރުގޭގެ އަހްލުވެރިން ކަމުގައި ވާނޭކަން. ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ عَادَ مَرِيْضاً نَادَى مُنَادٍ مِنَ السَّمَاءِ ، طِبْتَ وَطَابَ مَمْشَاكَ وَتَبَوَّأْتَ مِنَ الْجَنَّةِ مَنْزِلًا) މާނައަކީ: "ބަލިމީހަކަށް ޒިޔާރަތްކޮށްފިނަމަ އުޑުން ގޮވާލައްވާ ބޭކަލަކު ގޮވާލައްވާނެއެވެ. ކަލޭ ތިޔަކުރީ ވަރަށް ހެޔޮ ރަގަޅު ކަމެކެވެ. ތިކަމަށްޓަކައި ކަލޭ އެޅި ކޮންމެ ފިޔަވަޅަކީ ވެސް ވަރަށް ރަގަޅު ހެޔޮ ކަމެކެވެ. ކަލޭ ސުވަރުގެއިން ގަނޑުވަރެއް ތައްޔާރުކޮށްފިއެވެ".

4.      އެކަމަކީ ﷲ އަށް ކުއްތަންވަންތަ ވުމުގެ ގޮތުން ކުރެވޭނެ އެންމެ ހެޔޮކަންތައް ކަމުގައިވުން. އެންމެ ފުރިހަމަ އީމާން ކަމަކީ ކޮބައިތޯ ސުވާލު ކުރެވުމުން ކީރިތި ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أَنْ تُحِبَّ لِلّهِ وَتُبْغِضَ لِلّهِ...". قِيْلَ: وَمَاذَا يَا رَسُوْلَ اللهِ؟ فَقَالَ: "وَأَنْ تُحِبَّ لِلنَّاسِ مَا تُحِبُّ لِنَفْسِكَ، وَتَكْرَهُ لَهُمْ مَا تَكْرَهُ لِنَفْسِكَ) ﷲ އަށް ޓަކައި ލޯބިވާށެވެ. އަދި ﷲ އަށް ޓަކައި ރުޅިވާށެވެ. ދެންނެވުނެވެ. ﷲ ގެ ރަސޫލާއެވެ. ދެން ކޮންކަމެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ތިބާގެ އަމިއްލަ ނަފްސަށް ކުރާ ލޯބި މީސްތަކުންނަށްވެސް ކުރުމެވެ. އަދި ތިބާގެ އަމިއްލަ ނަފްސަށް ނޭދޭކަންތައް އަނެކުންނާއި މެދުވެސް ނޭދުމެވެ".

އުޚުއްވަތްތެރިކަމުގެ ސަބަބުން މާތް ﷲ އެބައިމީހުންގެ ފާފަ ފުއްސަވާނެކަން. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمَيْنِ يَلْتَقِيَانِ يَتَصَافَحَانِ إِلَّا غُفِرَ لَهُمَا قَبْلَ أَنْ يَتَفَرَّقَا) މާނައަކީ: "ދެމުސްލިމަކު އެއްވެ އަތާ އަތްޖޯޑުކޮށް ސަލާމްކޮށްފިނަމަ އެދެމީހުން ވަކިވެގެން ދިޔުމުގެ ކުރިން މާތް ﷲ އެދެމީހުންގެ ފާފަ ފުއްސަވާ ދެއްވާނެއެވެ".

އިސްލާމީ އުޚުއްވަތްތެރިކަމުގެ ޝަރުޠުތައް:

1.     އުޚުއްވަތްތެރިކަން ބާއްވަނީ ﷲ އަށް ޓަކައި ކަމުގައިވުން. އަދި ﷲ ގެ ރުއްސެވުން ހޯދުމަށްޓަކައި ކަމުގައިވުން. ދުނިޔަވީ މަޞްލަޙަތެއް، ފައިދާއެއް އެކަމުގެ ފަހަތުގައި ނުވުން. މި އުޚުއްވަތްތެރިކަމުގެ ހުރިހާވެސް ބޭނުމަކީ އަދި މަގްޞަދަކީ ﷲ ތަޢާލާގެ ރުއްސެވުމާއި ލޯބި ޙާޞިލް ކުރުން ކަމުގައި ވުން. ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إنما الأعمال بالنيات) މާނައަކީ: "ހަމަކަށަވަރުން ޢަމަލުތައްވަނީ ނިޔަތާއި އެއްގޮތަށެވެ".

2.    ކޮންމެ ޙާލަތެއްގައިވެސް އުޚުއްވަތްތެރިކަން ބޭއްވުން. މޫސާ ޢަލައިހިއްސަލާމް ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދެންނެވިއެވެ. އެކަލޭގެފާނާއި ހަވާލު ކުރެވުނު ރިސާލަތު މީސްތަކުންނަށް ފޯރުކޮށްދިނުމަށްޓަކައި އެހީތެރިއެއް ކަމުގައި ހާރޫން ޢަލައިހިއްސަލާމް ހަމަޖައްސަވައި ދެއްވާށެވެ. ޠާހާ ސޫރަތުގެ 29 އިން 35 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَاجْعَلْ لِي وَزِيرًا مِنْ أَهْلِي (29) هَارُونَ أَخِي (30) اشْدُدْ بِهِ أَزْرِي (31) وَأَشْرِكْهُ فِي أَمْرِي (32) كَيْ نُسَبِّحَكَ كَثِيرًا (33) وَنَذْكُرَكَ كَثِيرًا (34) إِنَّكَ كُنْتَ بِنَا بَصِيرًا) މާނައަކީ: "މޫސާ ޢަލައިހިއްސަލާމް ދުޢާގައި ވިދާޅުވިއެވެ. މިއަޅާގެ މަސައްކަތުގައި އެހީވާނެ މީހަކު މިއަޅާގެ ޢާއިލާގެ ތެރެއިން ދެއްވާފާންދޭވެ. އެމީހަކު އަޅުގެ އަޚް ޙާރޫން ކަމުގައި ހަމަޖައްސަވައިދެއްވާފާންދޭވެ. އޭނާ މެދުވެރިކުރައްވާ އަޅުގެ ބާރު ގަދަކުރައްވާފާންދޭވެ. އަދި އޭނާ އަޅުގެ މަސައްކަތުގައި ބައިވެރިކުރައްވާފާންދޭވެ. އަޅަމެން އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމަށް ހެކިވެ، ގިނަގިނައިން ޘަނާ އާއި ޝުކުރު ދެންނެވުމަށްޓަކައެވެ. އަދި އަޅަމެން ގިނަގިނައިން އިބަ ﷲ ގެ މަތިން ހަދުމަ ކުރުމަށްޓަކައެވެ. ހަމަކަށަވަރުން އިބަ ﷲ އަޅަމެންގެ ޙާލު ދެނެވޮޑިގެންވަމެވެ".

ރަސޫލު ﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ما نفعني مالُ أحدٍ قطّ مَا نفعني مالُ أبي بكر) މާނައަކީ: "އަބޫބަކުރުގެފާނުގެ މުދަލުން ތިމަންކަލޭގެފާނަށް ފައިދާކުރިވަރަށް އެހެންމީހެއްގެ މުދަލުން ތިމަންކަލޭގެފާނަށް ފައިދާ އެއް ނުކުރެއެވެ".

3.      އިސްލާމްދީނުގައި އެއް މުސްލިކަމު އަނެއް މުސްލިމެއްގެ މައްޗަށް ދެއްވާފައިވާ ޢާއްމު ޙައްގުތައް ދިނުން. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (حق المسلم على المسلم ست: إذا لقيه سلَّم عليه، وإذا عطس أن يشمِّته، وإذا مرض أن يعُوده، وإذا مات أن يشيعه، وإذا أقسم عليه أن يبرَّه، وإذا دعاك فأجِبْه) މާނައަކީ: "އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްގުތައް ހަޔެކެވެ. ބައްދަލުވެއްޖެނަމަ ސަލާމް ކުރާށެވެ. ކިނބިހި އަޅައި، އަލްޙަމްދު لله ކިޔައިފިނަމަ "ޔަރްޙަމުކަﷲ" އޭ ބުނާށެވެ، ބަލިވެއްޖެނަމަ ޒިޔާރަތްކުރާށެވެ، މަރުވެއްޖެނަމަ ޖަނާޒާގައި ބައިވެރިވާށެވެ، ހުވައެއްކޮށްފިނަމަ ނުވަތަ ވަޢުދެއްވެއްޖެނަމަ އެވަޢުދެއްފުއްދައިދޭށެވެ، ދަޢްވަތެއް ދީފިނަމަ އެޔަށް އިޖާބަ ދޭށެވެ".

އިސްލާމީ އުޚުއްވަތްތެރިކަމުގެ ރިވެތި ނަމޫނާތައް:

1.     މުހާޖިރުންނާއި އަންޞާރުން އަޚް ކުރެއްވުން. އަދި އައުސްވަންހަ އާއި ޚަޒްރަޖް ވަންހައިގެ މީހުން އަޚް ކުރެއްވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މުހާޖިރިއްޔަ ބޭކަލެއްގެ އަތްޕުޅުގައްޔާއި އަންޞާރިއްޔަ ބޭކަލެއްގެ އަތްޕުޅުގައި ހިއްޕަވާ ޙަދީޘް ކުރެއްވިއެވެ. ﷲ އަށް ޓަކައި ދެމީހުން ދެމީހުންނަށް (މުހާޖިރީ އަކާއި އަންޞާރީ އެއް) އަޚުންކަމުގައިވާށެވެ".  ސަޢުދު ބިން ރަބީޢާ އާއި ޢަބްދުއްރަޙްމާން ބިން ޢައުފު އަޚް ކުރެއްވި ހިނދު ސަޢުދު ކަންތައްކުރެއްވިގޮތަކީ އެކަލޭގެފާނުގެ މުދަލުގެ ދެބައިކުޅައެއްބައި ޢަބްދުއްރަޙްމާނަށް ހަދިޔާ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ދެގެއިންކުރެ އެއްގެ ޢަބްދުއްރަޙްމާނަށް ހަދިޔާ ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަނބީންގެ ތެރެއިން ޢަބްދުއްރަޙްމާނަށް ކަމުދާ ބޭކަނބަލަކު ވަރިކުރައްވާ ޢިއްދާ ހަމަވުމުން ކައިވެނިކޮށްދެއްވިއެވެ.

ނަމަވެސް މުހާޖިރުން އިޚްތިޔާރު ކުރެއްވީ ޢިއްފަތްތެރިކަމެވެ. ޢަބްދުއްރަޙްމާން ބިން ޢައުފް- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނުގެ މުދަލާއި އަނބިން އަދި ގޯތި ހުރިގޮތަށް ބަހައްޓާށެވެ. ތިމަންކަލޭގެފާނަށް ބާޒާރު ހުންނަ ތަން ބުނެދޭށެވެ. ދެން ސަޢުދު ބިން ރަބީޢާ އަތުން ދަރަންޔަށް ފައިސާކޮޅެއް ނަންގަވައިގެން ވިޔަފާރި އެއް ފެއްޓެވިއެވެ. މާތް ﷲ ރިޒްގުގެ މަގުތައް ތަނަވަސްކޮށްދެއްވިއެވެ. މާތް ﷲ އަލްޙަޝްރު ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (لِلْفُقَرَاءِ الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِنْ دِيارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلاً مِنْ اللهِ وَرِضْوَانًا وَيَنْصُرُونَ اللهَ وَرَسُولَهُ أُوْلَئِكَ هُمْ الصَّادِقُونَ (8) وَالَّذِينَ تَبَوَّءُوا الدَّارَ وَالإِيمَانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلا يَجِدُونَ فِي صُدُورِهِمْ حَاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلَى أَنْفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَنْ يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمْ الْمُفْلِحُونَ(9))

2.    ބަދުރު ހަނގުރާމައިގެ ދުވަހުގައި މުޝްރިކުންގެ ހަތްދިހަ މީހުން އަސީރުކުރެވުނެވެ. އޭގެ ތެރޭގައި މުޞްޢަބް ބިން ޢުމައިރު ގެ އަޚް ޢަޒީޒުވެސް ހިމެނުނެވެ. އެތަން މުޞްޢަބަށް ފެނިވަޑައިގަތުމުން އޭނާގެ މުސްލިމް އަޚާ އަށް ދެންނެވިއެވެ. "ތިބާގެ ތިޔަ އަސީރުގެ މައްޗަށް ހަރުކަށިވެ ރައްކާތެރިވާށެވެ. އަދި އޭނާގެ ކބައިން ތިބާ ބޭނުންވަރަކަށް ފައިސާ އަށް އެދޭށެވެ. ހަމަކަށަވަރުން އޭނާގެ މަންމަ އަކީ މުދާވެރިއެކެވެ. އެހިނދު ޢަޒީޒު ވިދާޅުވިއެވެ. "ތިޔައީ ތިބާގެ އަޚާ އާއި މެދުގައި ކަންކުރަން އެންމެ ރަގަޅު ގޮތް ހެއްޔެވެ؟"، އެހިނދު މުޞްޢަބް ވިދާޅުވިއެވެ. "ތިޔައީ އަހަރެންގެ އަޚެއް ނޫނެވެ. އަހަރެންގެ އަޚަކީ މިހުރީއެވެ. މިހެންވިދާޅުވެ މުސްލިމް އަޚާ އަށް އިޝާރާތް ކުރެއްވިއެވެ.

މިއިން އެގެނީ ނަސަބުގެ އަޚްވަންތަކަމަށްވުރެ ދީނުގެ ގޮތުން އޮންނަ އަޚްވަންތަކަން ވަރުގަދަ ކަމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި