Noorul-islam.NET :: ކީރިތި ﷲއަށް އީމާންވެގެން ތިބި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ކާފަރު ކުރުމާއި އެކަމުގެ ނުރައްކާތެރިކަން
ކީރިތި ﷲއަށް އީމާންވެގެން ތިބި މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ކާފަރު ކުރުމާއި އެކަމުގެ ނުރައްކާތެރިކަން
Category »  ދީނީ ލިޔުން

ތާރީޚް: 8 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ

        

މި މައްސަލައިގާ އަލިއަޅުވައިލާނީ މުސްލިމުންގެ ތެރޭގައި މިކަންފެށިގެންއައި ގޮތަށާއި އެ ދުވަސްވަރަށާއި މި ކަމުގެ ނުރައްކާތެރިކަމަށާއި މި ކަމުގެ ޙުކްމަށެވެ. މި ބައިތަކުގެ މަޢްލޫމާތު ތިރީގައި މިވަނީއެވެ:

1.     މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ކާފަރުކުރަން ފެށި ގޮތާއި އެކަން ފެށިގެން އައި ދުވަސްވަރު:

         އިސްލާމީ ތާރީޚަށް ބަލާއިރު މުސްލިމުންގެ މެދުގައި މިކަން ފެށިގެން އައީ މަޝްހޫރު ޞިއްފީން ހަނގުރާމައަށްފަހު ޙަކަމުން ނިންމެވިގޮތާ ނުރުހިގެން ޢަލީގެފާނުގެ ލަޝްކަރުން އެކަލޭގެފާނު ދޫކޮށް ދިޔަ މީހުންގެ ކިބައިންނެވެ. މި ޖަމާޢަތަށް ނަން ދެވުނީ "ޚަވާރިޖުން" ގެ ނަމުންނެވެ. މިއީ ސިޔާސީ ގޮތުން ފެށިގެން އައި ކަމެއް ކަމުގައި ވިޔަސް ފަހުން މިކަމުގެ ތެރެއަށް ޢަޤީދާގެބައިވެސް ވަދެއްޖެއެވެ. އެހެންކަމުން ޢަޤީދާގެ ތަފާތު މަޛްހަބުތަކަށް އެމީހުން ބައިވެގެން ދިޔައެވެ. މި ހުރިހާ މަޛްހަބުތަކުންވެސް އެންމެ ބޮޑަށް ފާހަގަކުރެވޭ މައްސަލައަކީ ހަރުކަށިކަމާއި ހައްދު ފަހަނަޅާ ދިއުމެވެ. އަދި އެމީހުންގެ މަޛްހަބާ ޚިލާފުވެއްޖެ ކޮންމެ މުސްލިމަކީ ކާފިރަކަށް ހެދުމެވެ. އަދި އެމީހުންގެ ޢަޤީދާގައި، މުސްލިމުންގެ ތެރެއިން ބޮޑު ފާފައަކަށް އަރައިގަންނަ ކޮންމެ މީހަކީ މިއްލަތުން ބޭރުވެގެންވާ ކާފިރެކެވެ. މިސާލަކަށް އެމީހުންގެ މަޛްހަބުގައި ޙައްޖު ދޫކޮށްލާ ކޮންމެ މުސްލިމަކީ ކާފިރެކެވެ. މިކަމުގެ ދަލީލަކަށް ދައްކަނީ ކީރިތި ޤުރްއާނުގެ އާޔަތެކެވެ. އެއީ:  {وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيْلاً وَمَنْ كَفَرَ فَإِنَّ اللهَ غَنِيٌّ عَنِ الْعَالَمِيْنَ} آل عمران : 97  މި އާޔަތުގެ މާނައީ: " ޙައްޖަށް ދިއުމުގެ މަގު ތަނަވަސްވެގެންވާ މީހެއްގެ މައްޗަށް، ގެފުޅަށްގޮސް ﷲއަށް ޙައްޖުވުން ވާޖިބުވެގެންވެއެވެ. އަދި ކާފިރުވި މީހާ ދަންނާށެވެ! ހަމަ ކަށަވަރުން ﷲއީ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ." ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އެއްވެސް ބޭކަލަކު ޙައްޖުގެ އަޅުކަން އަދާނުކުރާ މީހަކީ ކާފިރެއްކަމަކަށް މި އާޔަތުން ދަލީލެއް ނުނަންގަވައެވެ.

         މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ކާފިރުކުރުމުގެ ނޭދެވޭ ޢަމަލު ފެށިގެންއައީ ޚަވާރިޖުންގެ ކިބައިންކަމުގައި ވިޔަސް، ކުރީގައި ދެންނެވިހެން އެ ޖަމާޢަތް 20 ބަޔަށްބެހި އެއްބަޔަކު އަނެއްބަޔަކު ކާފިރުކުރަން ފެށިއެވެ. އަދި މިއަދު ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި މިފަދަ ޖަމާޢަތްތައް އުޅޭކަން ފާހަގަކުރެވެއެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވޭ އެއް ޖަމާޢަތަކީ "ޖަމާޢަތުއްތަކްފީރި ވަލްހިޖްރާ" އެވެ.

 

2.     މުސްލިމުން އެއްބަޔަކު އަނެއް ބަޔަކު ކާފިރުކުރުމުގެ ނުރައްކާތެރިކަން:

         އިސްލާމީ އުއްމަތަށް މިއަދު ކުރިމަތިވެފައިވާ އެންމެބޮޑުއެއްގޮންޖެހުމަކީ އެ އުއްމަތުގެ މުސްލިމުން އެއްބަޔަކު އަނެއްބަޔަކު ކާފަރުކުރާ މައްސަލައެވެ. އެހެންކަމުން މުސްލިމުންގެ މެދުގައި ބޭއްވުމަށް ދީނުގައި އަންގަވާފައިވާ އިސްލާމީ ވަޙްދަތު މި ވަނީ ފުނޑުފުނޑުވެ ބިމާ ހަމަވެފައެވެ. އޭގެ ސަބަބުން ޣައިރު މުސްލިމުންގެ ކުރިމަތީގައި މިއަދު މިވަނީ އިސްލާމީ އުއްމަތުގެ އަގު ވެއްޓި އެއްވެސް އާރެއް ބާރެއް ނެތް ބަޔަކަށްވެފައެވެ. ނަމަވެސް މިކަމުގެ އިޙްސާސަށްވުރެ މުސްލިމުންނަށް ބޮޑުވެގެން އުޅޭތަންފެންނަނީ ދީނުގައިވާ ފަރްޢީ މައްސަލަތަކުގައި ހުރި ޚިޔާލު ތަފާތުވުންތަކެވެ.

ރަސޫލުﷲގެފާނު އެމީހުން ސިފަކުރައްވަނީ: {يَحْقِرُ أَحَدُكُمْ صَلاَتَهُ إِلَى صَلاَتِهِمْ وَ قِيَامَهُ إِلَى قِيَامِهِمْ وَ قِرَاءَتَهُ إِلَى قِرَاءَتِهِمْ}، މާނައީ: "އޭނާގެ ނަމާދުގެ ކުރިމަތީގައި އެހެންމީހުންގެ ނަމާދުގެ އަގު ވައްޓާލައެވެ. އަދި އޭނާގެ ރޭއަޅުކަމުގެ ކުރިމަތީގައި އެހެން މީހުންގެ ރޭއަޅުކަމުގެ އަގު ވައްޓާލައެވެ. އަދި އޭނާގެ ކިޔެވުމުގެ ކުރިމަތީގައި އެހެންމީހުންގެ ކިޔެވުމުގެ އަގު ވައްޓާލައެވެ." އެކަމަކު އެމީހުންނަކީ، رَسُولُ اللّهِ صَلَّى اللّهُ عَلَيْهِ وَسَلَّمَޙަދީޘް ކުރައްވާފައިވާފަދައިން: {يَمْرُقُونَ مِنَ الدِّيْنِ كَمَا يَمْرُقُ السَّهْمُ مِنَ الرَّمِيَّة}، މާނައީ: "ދުނި ދަނޑީގެތެރެއިން ތީރު ނުކުމެގެންދާފަދައިން، އެ މީހުން ދީނުން ބޭރުވެގަނެއެވެ." ޤުރްއާނާ އެ މީހުންނާ ވާ ގުޅުމަކީ، ޙަދީޘުގައި ވާފަދައިން: {يَقْرَؤُونَ القُرْآنَ لاَيُجَاوِزُ تَرَاقِيْهِمْ}، މާނައީ: "އެމީހުން ޤުރްއާން ކިޔަވައެވެ. ނަމަވެސް އެ ކިޔަވާ އެއްޗެއް ކަރުން އެތެރެއަކަށް ނުދެއެވެ." އެމީހުން ފާހަގަކުރެވޭ ޢަލާމާތަކަށް ޙަދީޘުގައި އައިސްފައިވަނީ:{يَقْتُلُونَ أَهْلَ السُّنَّةِ وَيَدَعُونَ أَهْلَ الأَوْثَانِ}، މާނައީ: "އެމީހުން، ސުންނަތުގެ އަހުލުވެރިން މަރާނެއެވެ. އަދި ކާފިރުން ނުމަރާ ދޫކޮށްލާނެއެވެ."    ކުރީ ޒަމާނުގައި ޚަވާރިޖުންގެ ޙާލަކީ މިއީއެވެ. މިޒަމާނުގައި އެމީހުންގެ ޚަލަފުންގެ ޙާލަކީވެސް މިއީއެވެ.

އެމީހުން ވެރިން ކާފިރުންނަށް ހަދައެވެ. އެއީ، މާތް ﷲގެ ޥަޙީއާ އެއްގޮތަށް ވެރިކަން ނުކުރާތީއެވެ. އެމީހުން ރައްޔިތުން ކާފިރު ކުރެއެވެ. އެއީ، ރައްޔިތުން ވެރިންނަށް ރުހި ޤަބޫލުވާތީއެވެ. އެމީހުން ދީނީ ޢިލްމުވެރިން ކާފިރުކުރެއެވެ. އެއީ، އެމީހުން، ވެރިންނާއި ރައްޔިތުން ކާފިރުންނަށް ނުހަދާތީއެވެ. އެމީހުންގެ ޚިޔާލުތަކާ ދެކޮޅުހަދާ ކޮންމެ މީހަކީ އެމީހުންގެ ނަޒަރުގައި ކާފިރެކެވެ. އެމީހުންގެ ޚިޔާލު ޤަބޫލުކުރިޔަސް އެމީހުންގެ ޖަމާޢަތަށް ނުވަންނަ ކޮންމެ މީހަކީ ކާފިރެކެވެ. އެމީހުންގެ ޖަމާޢަތަށްވަދެ އިމާމު ޤަބޫލުކުރުމަށްފަހު އެއްވެސް ސަބަބަކާހުރެ އެ ޖަމާޢަތުން ބޭރުވުމަކީ މުރުތައްދު ވުމެކެވެ. މަޛްހަބުތަކުގެ އިމާމުންގެ ބަސް ޤަބޫލުކުރާ މީހުންނަކީ ކާފިރުންނެވެ. އިޖްމާޢު ، ޤިޔާސް، ފަދަ އުޞޫލުތައް ޤަބޫލުކުރާ މީހުންނަކީ އެމީހުންގެ ނަޒަރުގައި ކާފިރުންނެވެ. ހިޖުރައިން ހަތަރުވަނަ ސައްތައިގެ ފަހުގެ އެންމެންނަކީ އެމީހުންގެ ގާތުގައި ކާފިރުންނެވެ. އެއީ ތަޤްލީދު ކުރާތީއެވެ. މިބައިމީހުން މިވަނީ މީސްތަކުން ކާފިރުކުރުމުގައި އިސްރާފުގެ ދަރަޖައަށް ވެއްޓިފައެވެ.

3.  މުސްލިމުން އެއްބަޔަކު އަނެއް ބަޔަކަށް ކާފަރުކުރުމުގެ ޙުކުމް:

އިސްލާމީ އުއްމަތުގެ ބޮޑު ޢިލްމުވެރިއެއްކަމުގައިވާ އައްޝައުކާނީ ވިދާޅުވެފައިވެއެވެ." ދުވާލުގެ އިރުފަދައިން ހާމަކަން ބޮޑު ދަލީލެއް ނެތި މުސްލިމަކު ކާފަރުކުރުމަކީ އެއްވެސް މުސްލިމަކަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. "

        އެހެންކަމުން ތިމާގެ މުސްލިމް އަޚާގެ ކިބައިން ފާސިޤުކަން ފާޅުވިކަމުގައިވިޔަސް އޭނާއާ ދިމާއަށް ކާފަރެކޭ ބުނުން ހުއްދަވެގެނެއް ނުވެއެވެ. މިކަމުގެ ބޮޑުކަން މި އަންނަ ރިވާޔަތުން ސާބިތުވެއެވެ:{قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: وَمَنْ دَعَا رَجُلاً بِالْكُفْرِ أَوْ قَالَ عَدُوُّ اللهِ وَلَيْسَ كَذَلِكَ إِلاَّ حَارَ عَلَيْهِ}رواه مسلم. މާނައީ: "އަދި މުސްލިމަކު ކާފިރަކަށް ނުވާ ޙާލު ނުވަތަ ﷲގެ ޢަދުއްވަކަށް ނުވާ ޙާލު އޭނާއަށް އެސިފަތަކުން ގޮވި މީހަކަށް އެ ސިފަތައް ރައްދުވާހުއްޓެވެ." ވީމާ ޝަރްޢީ ހަމަތަކުގެ މަތީން މުސްލިމަކު ދީނުން ބޭރުވެއްޖެކަން ސާބިތު ނުވާހާ ހިނދަކު އޭނާ ކާފަރު ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެހެނީ މުސްލިމަކު ކާފަރުވެއްޖެނަމަ އެއާ ގުޅިގެން އެމީހާގެ މައްޗަށް އިސްލާމީ ޝަރީޢަތުން ޙުކުމްތަކެއް ކަނޑައެޅެއެވެ. އެއީ:

         ހ. އޭނާ ޤަތުލުކުރުން ހުއްދަވެދެއެވެ.

ށ. އޭނާގެ މުދާ ހިފުން ހުއްދަވެދެއެވެ.

    ނ. އޭނާގެ އަނބިމީހާއާ ވަކިކުރަން ޖެހިދެއެވެ.

    ރ. ވާރުތަވުމާއި ވާރުތަކުރުމުން ކެނޑިދެއެވެ.

         ބ. އޭނާ މަރުވުމުން ހިނެވުމެއް ކަފުން ކުރުމެއް ކަށުނަމާދުކުރުމެއް މުސްލިމުންގެ ޤަބުރުސްތާނުގާ ވަޅުލުމެއްވެސް ނެތެވެ.

 މިހެންވެ ކީރިތި ރަސޫލާ ވަނީ މުސްލިމަކާ ދިމާއަށް ކާފިރެކޭ ބުނުން މަނާ ކުރައްވާފައެވެ.(ނިމުނީ)

 

************

މި ލިޔުމަށް މަޢްލޫމާތު ނަގާފައިވަނީ:

http://www.alsakher.com

 

http://www.saaid.net

-    ދީނީ ކަންތައްތަކުގާ ޙައްދުފަހަނަޅާ ދިއުން، ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ, ފުރަތަމަ ޗާޕު 2009
 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި