Noorul-islam.NET :: ޙަޤީޤީ އެކްސްޓްރީމިސްޓުންނަކީ ކޮން ބައެއްތަ؟
ޙަޤީޤީ އެކްސްޓްރީމިސްޓުންނަކީ ކޮން ބައެއްތަ؟
Category »  މުޖުތަމަޢު

ތާރީޚް: 4 އޮކްޓޯބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ

ޓެރަރިޒަމާއި ފަންޑަމެންޓަލިޒަމާއި މިއާގުޅޭ މިފަދަ އެހެން ބަސްތަކަކީ މިފަހަކަށް އައިސް ވަރަށް ގިނައިން އަޑުއިވެމުންދާ ބަސްތަކަކަށް މިވަނީ ވެފައެވެ. އަދިހަމަ އެހެންމެ މިއާ އިދިކޮޅު މާނަ ދޭހަކޮށްދޭ، "މެދުމިނާއި" "މަޢާފުކުރުމާއި" މިފަދަ ބަސްތަކަކީވެސް ތަކުރާރުކޮށް އިވެމުންދާ ބަސްތަކެކެވެ. މިފަދަ ބަސްތައް ތަކުރާރުކުރަމުންދާ ފަރާތްތަކުގެ އިސްސަފުގައި ތިބިތަން މި ފެންނަނީ ހުޅަނގުގެ ލީޑަރުންނާއި ހުޅަނގުގެ މީޑިޔާއެވެ. ދެން ހުޅަނގުގެ ލީޑަރުން ލެއްވި ކޮރަކަށް ކޮރެއް ލައްވަމުން ހިންގަވާ، ބައެއް އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި ހުޅަނގުގެ ފިކުރުތަކުން ހިތް ކަޅިވެފައިވާ ބައެއް އިސްލާމީ ޢިލްމުވެރިންނާއި މުފައްކިރުންނެވެ. މި ފަރާތްތަކުން މިފަދަ ބަސްތައް ބޭނުންކުރަމުންގެންދަނީ އެ ބަސްތަކުގެ ޙަޤީޤީ މާނަ އޮޅޭ ގޮތަށެވެ. އެހެންކަމުން  އިސްލާމްދީނުގެ އަޞްލު އުޞޫލުތަކުގައި ހިފަހައްޓާ، ސަރުކާރާއި މުޖްތަމަޢުގެ އަފްރާދުން އެ އުޞޫލުތަކުގައި ހިފުމަށް ގޮވާލާ، އިސްލާމީ ޤައުމުތައް އަޅުވެތިކޮށް އިސްލާމީ ޘަޤާފަތް ކިލަނބުކޮށް ހުޅަނގުގެ އިސްތިޢްމާރީ ދަލުގައި މުސްލިމުން ޖެއްސުމަށް ހިންގޭ މަކަރުވެރި ރޭވުންތަކާދެކޮޅަށް އަޑުއުފުލާ ކޮންމެ މީހަކީ އެފަދަ މީހުންގެ ނަޒަރުގައި "ފަންޑަމެންޓަލިސްޓް" އެކެވެ.  ނުވަތަ "އެކްސްޓްރީމިސްޓް" އެކެވެ. ނުވަތަ "ޓެރަރިސްޓް" އެކެވެ. "މުއްލާ" އެކެވެ. ނަމަވެސް ހުޅަނގުގެ މަޞްލަޙަތަށް ބޯލަނބައި އެމީހުންގެ ސިޔާސަތާއެއްގޮތަށް ދައުލަތް ހިންގައި ހުޅަނގުން ބޭނުންވާގޮތަށް ދީނުގެ ފަތުވާތަށް ނެރޭ ޢިލްމުވެރިންނާއި ވެރިންނަކީ "މެދުމިނު އުޞޫލުގެ މީހުން" ނެވެ. ނުވަތަ "ނަމޫނާ ލީޑަރުން" ނެވެ. ނުވަތަ "ޕްރޮފެސަރުން" ނެވެ.

އިސްލާމްދީނުގެ އަޞްލު އުޞޫލްތަކުގައި ހިފަހައްޓާ މީހުންނަށް ހުޅަނގުގެ މީހުން "އެކްސްޓްރީމިސްޓު"ންނޭ ކިޔާއިރު ކީރިތި ޤުރްއާނާއި ލޮބުވެތި رَسُوْلُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ގޮވާލެވިފައިވަނީ އުޞޫލުތަކުގައި ގަދަފަދައަށް ހިފެހެއްޓުމަށެވެ. ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތައް ފަހަނަޅާ ނުދިއުމަށާއި އެއަށް ފަރުވާކުޑަކޮށް ނަގައި އެއްލައިނުލުމަށެވެ. ކީރިތި ޤުރްއާނުގައި މާތްﷲ ޥަޙީކުރައްވާފައިވެއެވެ.  ﴿ خُذُواْ مَا آتَيْنَاكُم بِقُوَّةٍ ﴾ الأعراف١٧١ މާނައީ: "ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ފޮތުގައިވާ ޙުކުމްތަކުގައި ގަދަފަދައަށް ހިފަހައްޓާށެވެ." ޢިލްމުވެރިން ވިދާޅުވާގޮތުގައި "ގަދައަށް ހިފެހެއްޓުމަކީ" އެ ޙުކުމްތަކާމެދު ފަރުވާކުޑަނުކޮށް ފުރިހަމައަށް ޢަމަލުކުރުމެވެ.  رَسُوْلُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. [إِنَّ اللهَ حَدَّ حُدُوْدًا فَلاَ تَعْتَدُوْهَا، وَفَرَضَ فَرَائِضَ فَلاَ تُضَيِّعُوْهَا، وَحَرَّمَ مَحَارِمَ فَلاَ تَنْتَهِكُوْهَا...] رواه الدارقطني وغيره . މާނައީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އިންތަކެއް ކަނޑައަޅުއްވާފައެވެ. ފަހެ ތިޔަބައިމީހުން އެ އިންތައް ފަހަނަޅައި ނުދާށެވެ! އަދި އެ އިލާހު ވަނީ ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ފަރުޟުތައް ނަގައިނުލާށެވެ. އަދި އެ އިލާހު ވަނީ ކަންތައްތަކެއް ޙަރާމްކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ކަންތައްތަކަށް އަރައިނުގަންނާށެވެ.......". މި ދަލީލުތަކާއި މިއާ ގުޅޭ އެހެނިހެން ދަލީލުތަކުގެ އަލީގައި ދެންނެވެންއޮތީ ޙަޤީޤީ ހައްދުފަހަނަޅާފައިވާ "އެކްސްޓްރީމިސްޓުން" ނަކީ ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތަކާމެދު ފަރުވާލެއް ނުބަހައްޓާ އެ ޙުދޫދުތައް ނައްތާލައި ދީން ފުނޑުފުނޑުކޮށްލުމަށް މަސައްކަތްކުރާ މީހުން ކަމަށެވެ. އަދި ދީނުގެ އުޞޫލުތަކުގައި ހިފެހެއްޓުމަށް ޤުރްއާނާއި ސުންނަތުގައި ބާރުއަޅުއްވާފައިވާއިރު އަދި ދީނުގައި ކަނޑައެޅިފައިވާ ޙުދޫދުތަކާއި ވާޖިބުކުރައްވާފައިވާ ކަންތައްތަކަށް ޢަމަލުކުރުމުގައާއި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވެގަތުމަށާއި އެފަދަ އެއްވެސް ކަމަކަށް ފަރުވާ ކުޑަކޮށް ފަސޭހަވެނުގަތުމަށް އަމުރުވެވިގެންވާއިރު އެ އުޞޫލުތައް ހިފަހައްޓާ މީހުންނަށް "ފަންޑަމެންޓަލިސްޓުން"ގެ ލަޤަބުދީ، އެފަދަ މީހުންނާ ދިމާކޮށް މަލާމާތްކޮށް ހެދުމަކީ ﷲއާއި އެ އިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ކުރެވޭ މަލާމާތެއްކަމުގައިނޫނީ ނުވާނެއެވެ.

އަޅުގަނޑުމެން މުސްލިމުން އަޅުގަނޑުމެންގެ ދީނުގެ ކަންތައްތަކުގައި ހިފަންޖެހެނީ ހުޅަނގާއި މުސްލިމުންގެ ތެރެއިން ހުޅަނގުގެ ހިޔަންޏަށް މުޑިނަގައިގެން އުޅޭ މަދު ބަޔަކު ބުނާހާ ގޮތަކަށްނޫނެވެ. ޙަޤީޤީ މުސްލިމުންނަކީ އެއަށްވުރެ މާ ހަރުދަނާ، އެހާމެ ސާބިތުކަންމަތީ ތިބޭ ބައެކެވެ. އެމީހުންގެ އެސާބިތުކަމުގެ ބިންގަލަކީ އެމީހުން ހެއްދެވި ޚާލިޤުވަންތަ އިލާހާއި އެމީހުންނާ ގުޅުވައިދޭ ވަރުގަދަ ޢަޤީދާއާއި އީމާންކަމެވެ. އެހެންކަމުން ބަޔަކުމީހުން ކޮންމެ ނަމެއް ކިޔައިގެން ދީނުގެ ކަންތައްތައް އޮޅުވާލަން މަސައްކަތް ކުރިކަމުގައިވިޔަސް ފުރިހަމަ މުސްލިމަކު ހަމަ ހިލާ އެފަދަ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ. (ނިމުނީ)

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި