Noorul-islam.NET :: ތަޢުލީމީ ދާއިރާގެ ނަވުގައި ކުރިއްސުރެ ހުރި ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.

ތަޢުލީމީ ދާއިރާގެ ނަވުގައި ކުރިއްސުރެ ހުރި ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 26 ސެޕްޓެމްބަރ 2010

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

އަޅުގަނޑުމެންގެ ޤައުމުގެ ތަޢުލީމީ ދާއިރާގެ ހުރިހާ ދިމާއަކުންވެސް އިވެނީ އެއް އަޑެކެވެ. ދަރިވަރުންގެ އަޚްލާޤް ގޯސް ވާހަކައެވެ. ޤައުމީ މަންހަޖުގެ ބޮޑެތި ބައްދަލުވުންތަކުންނެވެ. ސްކޫލްގެ މެނޭޖްމެންޓްގެ ބައްދަލުވުންތަކުންނެވެ. ސްކޫލްގެ ބެލެނިވެރިންގެ ބައްދަލުވުންތަކުންނެވެ. ސެޝަން އެސެމްބްލީ ތަކުގައެވެ. ދަރިވަރުންގެ އަޚްލާޤް ރަނގަޅު ކުރުމުގެ ވާހަކަދެކެވޭ ބައްދަލުވުންތައް ކިތަންމެ ގިނަ ކަމުގައި ވިޔަސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ. ދުވަހުން ދުވަހަށް ދަރިވަރުންގެ އަޚްލާޤް ގޯސްވެ، ބައެއް ކަންތައް އެއީ އޯކޭ ކަންތައްތަކެއް ކަމުގައި ހަދާލެވިއްޖެއެވެ.

ކަން މިހެން ހުރި އިރު، ހަނދާނަށް އަންނަނީ އަޅުގަނޑުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވަރަށް ގިނައިން ވިދާޅުވެ ދެއްވާ ވަރަށް އަގުހުރި މިސާލެކެވެ.

ކަނޑުމަތީގައި ދުއްވާ އުޅަނދެއްގައި ތިބި ބަޔެކެވެ. އެ އުޅަނދުގެ އަޑީގައި ލޯވަޅެއް ހެދި، އެއިން އުޅަނދަށް ފެން އަރަން ފަށައިފިއެވެ. އެވަގުތު ކައްޕިތާނު އުޅަނދުގައި ތިބި އެންމެން އެއްކޮށްފައި ކަންތައް ކުރާނެ ގޮތާމެދު މަޝްވަރާކުރިއެވެ. އެކި މީހުން އެކި ޖަވާބު ދެމުން ގެންދިޔައެވެ. އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ. ހުރިހާ އެންމެންވެސް އެއް ހިއްވަރާއެކު، އުޅަނދަށް އަރަމުންދާ ފެން ހިއްކުމަށް ބާލިދީ ތަކާއެކު މަސައްކަތް ކުރުމަށް އެކަކު ޚިޔާލު ދިނެވެ. އަނެކަކު ބުނެލީ ޝިފްޓު ބަހާލައިގެން އެ މަސައްކަތް ކުރުމަށެވެ. އެއިގެ ތެރޭގައި ހުރި ތަންކޮޅެއް ޒަމާނީ ތަޢުލީމުގެ މީހަކު ބުންޏެވެ. ހަދަންވީ ގޮތް ތިމަންނަ އަށް އެނގެއެވެ. އެންމެން ވެސް ޙިއްސާ ވާގޮތަށް ކުއްޔަށް ޕަންޕެއް ގެންނަން ހިނގާށެވެ. އެއިރުން އީޒީ ކަމާއެކު، މިކަން ކުރެވިދާނެއެވެ.

ހުރިހާ އެންމެންގެ ޚިޔާލު މިގޮތަށް ހުރިއިރުވެސް އެކަކަށްވެސް އެ އުޅަނދުގެ އަޑީބައިގައި ހެދިފައިވާ ލޯވަޅު ބަންދު ކުރުމުގެ ޚިޔާލެއް ނައެވެ.

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިސާލެވެ. އެންމެންވެސް މަޝްވަރާ ކުރަނީ ދަރިވަރުންގެ އަޚްލާޤް ރަނގަޅު ކުރާނެ ގޮތަކާމެދު އެވެ. އަޚްލާޤީ މައްސަލަތަކުން ދަރިވަރުން ދުރުކުރާނެ ގޮތަކާމެދުގައެވެ. ކަމުގެ އަޞްލު ހޯދައި ، އަސްލު ބައްޔަށް ބޭސްކުރުމުގެ ޚިޔާލެއް އެއްވެސް މީހަކަށް ނާދެއޭ ދެންނެވިއަސް ދޮގަކަށް ނުވާނެއެވެ.

އަޅުގަނޑުމެން އަދިވެސް މަސައްކަތް މިކުރަނީ ކުރިއްސުރެ އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރި އުކުޅުތައް ބޭނުންކޮށްގެން ދަރިވަރުން އިޞްލާޙު ކުރެވޭތޯއެވެ. އެ އުކުޅުތަކާއި މެތަޑް ތަކުން އެއްވެސް ނަތީޖާއެއް ނުނެރެވި މިހާތަނަށް އެ މެތަޑްތައް ފެއިލްވަމުންދާއިރުވެސް މެއެވެ.

މިހާތަނުން އަނެއްކާވެސް އަޅުގަނޑުގެ ހަނދާނަށް އައީ އަޅުގަނޑުގެ އުސްތާޛެއް ކަމަށްވާ އަލްފާޟިލް މުޙައްމަދު ސަޢުދީ ޙަސަންގެ ބަސްފުޅެކެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަޅުގަނޑު އުސްތާޛާ ބައްދަލުވި ދުވަހު، ދިވެހިރާއްޖޭގެ ތަޢުލީމީ ޙަޔާތަށް އަންނަމުންދާ ބަދަލުތަކާއިމެދު ދެކެވުނު ވާހަކައިގައި ވިދާޅުވިއެވެ.

މީހަކު ގިނަ ދުވަސްތަކެއް ވަންދެން އަންނަން ގެންގުޅޭ މުންޑަށް އޭނާ ވަރަށް ލޯބި ކުރާނެއެވެ. އޭތީ ދާވެއްޖެނަމަ، އަވަހަށް ދޮވެލާނެއެވެ. އަދި ދުވަސްވެ އޭގައި ބާގަނޑެއް ހެދިއްޖެނަމަ އޭގައި ޕެޗެއް އަޅައިގެންވިޔަސް އޭތި ބޭނުން ކުރެވޭތޯ ބަލާނެއެވެ. ނުވަތަ އެގޮތަށް އޭނާ ލޯބި ކުރާނެއެވެ. އެހެންނަމަވެސް އޭތީގައި ޕެޗު އަޅައިގެންވެސް ބޭނުންނުކުރެވޭ ވަރަށް ބާވުމުން ދެން އެ މުންޑު ދޫކޮށްލައި އާ މުންޑެއް ހޯދަން އޭނާއަށް މަޖުބޫރުވެދެއެވެ.

މިއީ އަޅުގަނޑުގެ އުއްމީދު، ދިވެހި ތަޢުލީމީ ނިޒާމާމެދު އާވެގެންދިޔަ ވާހަކަ ކޮޅެކެވެ. ސަބަބަކީ މިހާރު ދިވެހި ތަޢުލީމީ ނިޒާމުގެ މުންޑުގައި ބާގަނޑުތައް ހެދި ޕެޗު ނޭޅޭ ހިސާބަށް ގޮސްފައިވީ ވަގުތެއްގައި މި ބާ މުންޑު ދޫކޮށް އިޞްލާޙީ އާ މުންޑެއް ހޯދުމުގެ ފުރުޞަތު އޮތްކަމުގެ އުއްމީދެއް އާވެގެން ދިޔަ ކަމެވެ.

މި ލިޔުމުގައި އަޅުގަނޑުގެ ނުކުތާއަކީ ދެޖިންސް މަސްހުނިކޮށްގެން ކިޔަވައިދިނުމުގެ ވާހަކައެވެ. އެއީ ފެއިލްވެފައިވާ ނިޒާމެއްކަމަށް، އަދުގެ (ނަމުން އިސްލާމްވެގެން ތިބި) މުސްލިމުންނަށް ޤަބޫލު ކުރެވުމުގެ ކުރިން ޣައިރު މުސްލިމުން ޤަބޫލުކޮށްފިއެވެ.

ޙަޤީޤީ ތަފާތު ހިސާބުތަކަށް ބައްލަވާށެވެ. ޖިންސް ވަކިކޮށް ތައުލީމީ ނިޒާމް ބައްޓަން ކުރުމުގެ ފަހުގެ ތާރީޚަށް ބަލާށެވެ. އޭރުން ޙަޤީޤަތް އެނގިގެންދާނެއެވެ.

1996 ވަނަ އަހަރު އެމެރިކާގެ ކޯޓަކުން ދެޖިންސް ވަކިކޮށް ތަޢުލީމު ދޭ ސްކޫލްތައް ޤާއިމު ކުރުމުގެ ހުއްދަ ދިނެވެ. އެމެރިކާގެ ދެޖިންސް ވަކިކޮށް ތަޢުލީމް ދިނުމަށް ބާރުއަޅާ ޖަމިއްޔާއެއް ކަމަށްވާ ނޭޝަނަލް އެސޯސިއޭޝަން ފޯ ސިންގަލް ސެކްސް ޕަބްލިކް އެޑިޔުކޭޝަންގެ ވެބްސައިޓްގައިވާ ހިސާބުތައް ދައްކާގޮތުން، މިފަދަ ސްކޫލްތަކުގެ ޢަދަދުވަނީ 2002 ވަނަ އަހަރު 11 ސްކޫލުން 2009 ވަނަ އަހަރު 540 ސްކޫލަށް އިތުރުވެފައެވެ.

މީގެ އިތުރުން 2009 ވަނައަހަރު އިނގިރޭސިވިލާތުގައި، 7 ލައްކަ އަންހެން ކުދިންގެ ކީސްޓޭޖް2 އާއި ޖީސީއެސްއީ ގެ ނަތީޖާތަކަށް ބަލައިގެން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ދަރިވަރުންގެ ހަމައެކަނި އަންހެން ކުދިންގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑުތަން ރަނގަޅުވެފައިވެއެވެ. މީގެތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ދަށް ގްރޭޑްތަކުގައި ނަތީޖާ ދަށްކޮށް ލިބިފައިތިބި ކުދިންނެވެ.

2007 ވަނަ އަހަރު އިނގިރޭސި ސަރުކާރުގެ އެހީގައި ނެރެވުނު ރިވިއު އެއްގައި ވަނީ ދެޖިންސް ވަކިކޮށް ތަޢުލީމު ދިނުމަށް ބާރުއަޅައި އެކަމަށް ގޮވާލާފައެވެ.

މަތީގައި މި ބަޔާން ކޮށްލީ ޖިންސް ވަކިކޮށް ތަޢުލީމު ދިނުމާ ބެހޭގޮތުން ދުނިޔޭގެ މީހުން ކުރަމުންދާ ދިރާސާތަކެވެ. އޭގެ ތެރެއިން ކުޑަ މިންވަރެކެވެ.

ކަން މިހެން އޮތްއިރު މިއަދު އަޅުގަނޑުމެންނަށް އިވެމުންދާ އަޑުތަކަށް ބަލާއިރު، މިހާރުވެސް ފެއިލްވެފައިވާ ކަމެއް އިތުރަށް ތަހުލީލު ކުރުމުގެ ގޮތުން އިތުރު ސްކޫލްތަކަކަށް ތަންފީޒު ކުރަން އުޅޭ ވާހަކައެވެ.

މިއީ އަޅުގަނޑުމެންގެ ތަޢުލީމީ ނައު ޣަރަޤު ވެގެން ދިޔުމަށް އެޅޭ އިތުރު ލޯވަޅެކެވެ. މިހާރުވެސް އުޅަނދުގައި ބޮޑެތި ލޯވަޅު އެބަހުއްޓެވެ.

މި ފުރުޞަތުގައި ނޫރުލްއިސްލާމް ޓީމްގެ ނަމުގައްޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް މި ގޮވާލަނީ މަތީގައި ބަޔާންކުރެވިފައިވާފަދަ ދިރާސާތައް މުރާޖަޢާކުރެއްވުމަށެވެ. އަދި ދަރިވަރުންގެ އަޚްލާޤަށް ހެޔޮ ބަދަލެއް ގެންނަވަން މަސައްކަތް ކުރައްވާނަމަ، ޖިންސް ވަކިކޮށް ސްކޫލްތައް ޤާއިމުކުރެއްވުމަށެވެ. ނުވަތަ ސްކޫލްތަކުގައި ކްލާސްރޫމްތަކުގައިވިޔަސް މި ބަދަލު ގެންނެވުމަށެވެ.  

ލޮބުވެތި ބެލެނިވެރިންނޭވެ! ތިޔަބޭފުޅުންގެ ދަރިންނަކީ ﷲ ތިޔަ ބޭފުޅުންނާ ޙަވާލު ކުރެއްވި އަމާނާތެކެވެ. އެދަރިންގެ ތަރުބިއްޔަތަކީ ތިޔަ ބޭފުޅުންގެ ޒިންމާއެކެވެ. ކަމާ ބެހޭ ފަރާތްތަކަށް ދަންނަވައިގެން، އެފަރާތްތަކަށް ބާރުއަޅުއްވައިގެން މިފިތުނައިން ދަރިން ސަލާމަތް ކުރައްވާށެވެ. ފުރާވަރުގެ އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކުލާހެއްގައި ތިބެ މަސްހުނިވެ ހެދުމުން ނިކުންނާނޭ އަޚްލާޤީ މައްސަލަތައް ތިޔަބޭފުޅުންނަށް ތަޞައްވުރު ކުރެއްވޭނެއެވެ.

އަދި ހަނދުމަ ކުރައްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ބެލެނިވެރިއެކެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބަޔަކާމެދު މާދަމާ- ޤިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ސުވާލު ކުރައްވާނެއެވެ.

ﷲ ގެ ކޯފާއެއް އަތުވެއްޖެނަމަ އަންނާނީ ހަމައެކަނި ނުބައި ޢަމަލުތައް ހިންގި މީހުންނަށް އެކަންޏެއްނޫނެވެ. އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތް ނުކޮށް ތިބޭމީހުންވެސް އޭގައި ޝާމިލު ވާނޭކަން ކަށަވަރެވެ . މާތް ﷲ ވަޙީ ކުރައްވައެވެ. وَاتَّقُوا فِتْنَةً لا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً  [الأنفال : 25]  މާނައީ : ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަނި ކުރިމަތިވެ ނުދާނޭ ފިތުނައަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. އެބަހީ ﷲ ގެކޯފާއެއް އަތުވެއްޖެ ހިދެއްގައި ކުރިމަތިވާނީ ހަމައެކަނި ފާފާކުރިމީހުންނާ އެކަންޏެއް ނޫނެވެ.

 اللهم ހައްދަވައި ގެންގުޅުއްވާ އިލާހު! އެންމެހައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކާއި ބަލިމަޑުކަމާއި ތަދުމަޑުކަން އަޅުގަޑުމެންގެ މުޖްތަޢުންނާއި އެންމެހައި އިސްލާމީ މުޖްތަޢްތަކުން ދުރުހެލިކުރައްވައި ރައްކާތެރި ކުރައްވާދޭވެ! އާމީން

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި