Noorul-islam.NET :: އަޅުކަންކުރުންމަތީ ދެމިތިބުމުގެ މުހިއްމުކަން

އަޅުކަންކުރުންމަތީ ދެމިތިބުމުގެ މުހިއްމުކަން
Category »  ދީނީ ލިޔުން

ތާރީޚް: 7 ސެޕްޓެމްބަރ 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ބަރަކާތްތެރި ރަމަޟާން މަހާ އަޅުގަނޑުމެން އަލްވަދާޢު ކިޔަމުންދާ ހިނދު، ހަނދާނަށް ގެންނަންޖެހޭ މުހިއްމު ކަންތައްތައްތަކެއް ވެއެވެ. އޭގެތެރެއިން އެއްކަމަކީ، އަޅުކަންކުރުމަކީ ވަކި ދުވަސްވަރަކާ ގުޅިފައިވާ ކަމެއްނޫންކަމެވެ. ވަކިން ޚާއްޞަކޮށް ނަމާދުކުރުމީ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަމެއްނޫންކަން އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހެއެވެ. ހަމައެހެންމެ އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ތަރާވީޙު ނަމާދު ކުރުމާއި ފިޠުރު ޒަކާތް ދިނުމެއްވެސް ނުމެނޫންމެވެ. ރަމަޟާން މަހު ރޯދަ ހިފުން ފަރުޟުވެގެން ވީނަމަވެސް، ނަމާދަކީ އަހަރުތެރޭގައި އަންނަ ހުރިހާ މަހެއްގައި، އަހަރުތެރޭގައި އަންނަ ކޮންމެ ދުވަހަކު ފަސްފަހަރު ކުރުމަށް، މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިގެންވާ އަޅުކަމެކެވެ. މިކަންތައްތައްވެސް ފަރުޟުކުރެއްވީ، ރަމަޟާން މަހު ރޯދަ ހިފުންވެސް ފަރުޟުކުރެއްވި ކީރިތިވަންތަ ﷲއެވެ. ރަމަޟާންމަހު މީސްތަކުން ކުރާ ކަންތައްތައް ބައްލަވައިވޮޑިގެންވާ ފަދައިން، އެހެނިހެން މަސްތަކުގައިވެސް، މީސްތަކުންގެ ޙާލަތު އެކަލާނގެ ދެކެ ދެނެވޮޑިގެންވެއެވެ. އެހެންކަމުން، ރަމަޟާން މަސް ފާއިތުވެ ދިޔަކަމުގައި ވީނަމަވެސް މުސްލިމުން ކުރާ އަޅުކަމަށް ހީނަރުކަމެއް އަންނާކަށް ނުޖެހެއެވެ. މުސްލިމުންގެ ކިބައިން އިސްލާމް ދީން އެދިގޮވަނީ، މަރު އަތުވެއްޖެއުމަށް ދާނދެން، އަޅުކަންކުރުން މަތީ ދެމިތިބުމަށެވެ. ﷲ ވަޙީކުރެއްވިއެވެ. {واعْبُدْ رَبَّكَ حَتَّى يَأْتِيَكَ اليَقِينُ} [الحجر 99] މާނައީ:"ތިބާގެ ގާތަށް މަރު އަތުވެއްޖެއުމަށް ދާނދެން އަޅުކަންކުރުން މަތީ ދެމި ހުންނާށެވެ!"

ދުނިޔެމަތީގައިލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފާމީހުންގެ ޙާލަތު ކީރިތި ޤުރްއާނުގައި ބަޔާންވެގެންވެއެވެ. އެއިން މީހެއްގެ ގާތަށް މަރު އަންނަހިނދު، ދުނިޔެމަތީގައި ވަގުތު ބޭކާރު ކޮށްލެވުނީތީ އެކަމާ ދެރަވެ، އިތުރު ފުރުޞަތަކަށް އެދޭނެކަމަށާއި، އެހެނަސް މަރަކީ ވަގުތު ކަނޑައެޅިފައިވާ އެއްޗެއް ކަމަށާއި، އެއްވެސް މީހެއްގެ ގާތަށް މަރު އަތުވެއްޖެ ހިނދެއްގައި ލަހެއް ފަހެއް ނުކުރެވޭނެކަން އަންގަވާފައިވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. حَتَّى إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَبِّ ارْجِعُونِ (٩٩)لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَكْتُ كَلا إِنَّهَا كَلِمَةٌ هُوَ قَائِلُهَا وَمِنْ وَرَائِهِمْ بَرْزَخٌ إِلَى يَوْمِ يُبْعَثُونَ (١٠٠) [المؤمنون 99-100] މާނައީ"އެއިން މީހެއްގެ ގާތަށް މަރު އަންނަހިނދު ދަންނަވާނެތެވެ. އަޅުގެ ވެރިއިލާހު! މިއަޅާ ދުނިޔޭގެ ޙަޔާތަށް އަލުން ފޮނުއްވާނދޭވެ! މިއަޅާއަށް އިތުރު ފުރުޞަތެއް ދެއްވާނދޭވެ! އެއީ، މިއަޅާއަށް ނުކޮށް ދޫކޮށްލެވުނު ކަންތައް އަލުން ކުޅައުމަށެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. މަޙްޝަރު ކުރެވޭ ދުވަހާ ހަމައަށް އެމީހުންގެ ފަހަތުގައިވަނީ ބަރުޒަޚީ ޢާލަމުގެ ފަރުދާއެވެ." 

އިންސާނާގެ ޠަބީޢަތް ބަޔާންކުރެއްވަމުން މާތްﷲ ވަޙީކުރައްވައެވެ. {إنَّ الإنسَانَ خُلِقَ هَلُوعاً. إذَا مَسَّهُ الشَّرُّ جَزُوعاً . وإذَا مَسَّهُ الخَيْرُ مَنُوعاً} [المعارج 19-21] މާނައީ" ހަމަކަށަވަރުން އިންސާނާ ޚަލްޤު ކުރެވިގެންވަނީ ކެއްތެރިކަން ކުޑަ މީހެއްގެ ގޮތުގައެވެ. އެ އިންސާނާއަށް ނުބައިކަމެއް ކުރިމަތިވެއްޖެ ހިނދެއްގައި ކެތްތެރިކަން ކުޑަވެދެއެވެ. އަދި އޭނާއަށް ހެޔޮގޮތެއް މެދުވެރިވެ ތަނަވަސްކަމެއް ލިބިއްޖެނަމަ، އެއިން ހޭދަކުރުމުން މަނާވެގަނެއެވެ." މިއީ އިންސާނާގެ ޠަބީޢަތްކަމުގައިވީ ހިނދު، މިކަމުން އިސްތިސްނާ ކުރެވިގެންވަނީ ނަމާދު ކުރުންމަތީ ދެމި ތިބޭމީހުންނެވެ. މިކަން އަންގަވަމުން އެކަލާނގެ ވަޙީކުރައްވައެވެ. {إلاَّ المُصَلِّينَ. الَذِينَ هُمْ عَلَى صَلاتِهِمْ دَائِمُونَ} [المعارج 22-23] މާނައީ"ނަމާދު ކުރާމީހުން މެނުވީއެވެ. އެބައިމީހުންނީ ނަމާދުކުރުންމަތީ ދެމިތިބޭމީހުންނެވެ." އާނއެކެވެ. މިއާޔަތުން ދޭހަވަނީ އެބައިމީހުންނަކީ ހަމައެކަނި ނަމާދު ކުރާމީހުން ނޫންކަމެވެ. އޭގެ ބަދަލުގައި، އެބައިމީހުންނީ ނަމާދު ކުރުންމަތީ ދެމިތިބޭ މީހުންނެވެ. ވުމާއެކު، ނަމާދުކުރުންމަތީ ދެމިތިބުމުގެ މުހިއްމުކަން އަޅުގަނޑުމެންނަށް އެނގިގެން ދެއެވެ.  

އެހެންކަމުން، ރަމަޟާން މަސް ފާއިތު ދިޔަކަމުގައިވިއަސް މުއުމިނުން ކުރާ އަޅުކަން ހުއްޓުމަކަށް ގެންނާކަށް ނުޖެހެއެވެ.  ރަމަޟާން މަސް ނިމި ތަރާވީޙު ނަމާދު ހުއްޓުނަކަސް ދަމުނަމާދާއި އެހެނިހެން ސުންނަތް ނަމާދުތައް ނިމުމަކަށް ނާދެއެވެ. ފިޠުރު ޒަކާތުގެ ވަގުތު ނިމިދިޔައަސް މުދަލު ޒަކާތާއި ޞަދަޤާތުގެ ވަގުތު ނިމިގެނެއް ނުދެއެވެ. ތަރާވީޙު ނަމާދު ނިމިދިޔައަސް މުޅި އަހަރު ދަވަހަކީ ޤުރުއާން ކިޔެވުމުގެ ދުވަސްތަކެކެވެ. އެހެންކަމުން، އަޅުކަމަކީ ވަކި މޫސުމަކަށް ޚާއްޞަ ވެގެންވާ ކަމެއް ނޫންކަން އަޅުގަނޑުމެން ހަނދާނަށް ގެންނަން ޖެހެއެވެ. 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި