Noorul-islam.NET :: އުފަންދުވަސް ފާހަގަކުރުމުގެ ޙަޤީޤަތަކީ ކޮބާ؟ ފާހަގަ ކުރުމުގެ ކުރިން ވިސްނާލައްވާށެވެ!

އުފަންދުވަސް ފާހަގަކުރުމުގެ ޙަޤީޤަތަކީ ކޮބާ؟ ފާހަގަ ކުރުމުގެ ކުރިން ވިސްނާލައްވާށެވެ!
Category »  މުޖުތަމަޢު

ތާރީޚް: 11 އޯގަސްޓް 2010

ލިޔުއްވީ : އަޙްމަދު މިޙްސަން މުޙައްމަދު

 

އުފަންދުވަހުގެ ހަފްލާތައް ދުނިޔޭގައި ފާހަގަ ކުރަންފެށީ ކިހިނެއް ކަމާމެދު ވިސްނިންތޯއެވެ؟ ރަޙްމަތްތެރިންނާއި ގާތްތިމާގެމީހުން އުފަންދުވަހުގެ ހަފްލާގައި ހަދިޔާ ބަދިޔާ ބަދަލުކޮށް "އުފާވެރި އުފަންދުވަހަކަށް" އެދި އުޅެއެވެ. ސުވާލަކީ މި އާދަ އިންސާނުންގެ ތެރޭގައި އުފެދިގެން އައިސްފައިވަނީ ކިހިނަކުންތޯއެވެ؟

ކުޑަކުދިންގެ އެންސައިކްލޮޕީޑިޔާއެއް ކަމުގައިވާ ޗައިލްޑު ކްރާފްޓުގައި ވެއެވެ. " މީގެ އެތައްހާސް އަހަރުތަކެއްގެ ކުރިން ފެށިގެންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްމީހުން އުފަންދުވަހަކީ ވަރަށް ޚާއްޞަ ދުވަހެއް ކަމުގައި ދެކެމުން އައިސްފައި ވެއެވެ. އެވޭލާ ޒަމާނުގައި ބައެއްމީހުން ގަބޫލުކުރަމުން ގެންދިޔަ ޢަޤީދާ އަކީ އެމީހެއްގެ އުފަންދުވަހުގައި އެމީހަކު ވާނީ ރަނގަޅު ރޫހުތަކުގެ ރައްކާތެރިކަމުގެ ދަށުގައެވެ. ނުވަތަ ނުބައި ރޫހުތަކުގެ އަނިޔާވެރިކަންމަތީގައެވެ. މިހެންކަމުން ޢާއިލާ އާއި ރަޙުމަތްތެރިން އެމީހަކު ރައްކާތެރި ކުރުމަށް ޖަމާވެ އުފަންދުވަސް ފާހަގަ ކުރަންފެށިއެވެ. މިއީ އުފަންދުވަހުގެ ޙަފްލާތައް ވުޖޫދުވެގެން އައިގޮތެވެ.

އުފަންދުވަހުގެ ކޭކުގައި އުއްބައްތި ޖެހުން ފެށިގެން އައިސްފައިވަނީ  ޤަދީމީ ގްރީސް އިންނެވެ. ގްރީކް މީހުންނަކީ ވަރަށް ގިނަ ބާޠިލް ކަލާންގެ ތަކަކަށް އަޅުކަންކޮށް އުޅުނުބަޔެކެވެ. އޭގެ ތެރެއިން އެއް ކަލާންގެޔަށް "އާރޓެމިސް" އޭ ކިޔައި އުޅުނެވެ. އެމީހުން އީމަންވާ ގޮތުގައި އާރޓެމިސް އަކީ ހަނދުގެ ކަލާންގެއެވެ. ގްރީސް މީހުން އާރޓެމިސް ގެ އުފަންދުވަސް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ މަހަކު ޙާއްސަ ކޭކެއް އާރޓެމިސްގެ ފައްޅިޔަށް ގެންގޮސް ހަދައެވެ. މި ކޭކުތައް ހުންނަނީ ފުރިހަމަ ހަނދުގެ ބައްޓަމަށެވެ. އަދި ހަނދަކީ އެއިން އަލިކަން ލިއްބައިދޭ އެއްޗަކަށް ވާތީވެ އެމީހުންވެސް މިކޭކު ތަކުގައި ރޯކުރެވިފައިވާ އުއްބައްތިތަށް ބެހެއްޓިއެވެ.

ގްރީކް މީހުން ގެ އަޤީދާއަކީ ކޮންމެ މީހަކުވެސް ވިހެއުމާއެކު އެނާގެ ގާތަށް ރަނގަޅު ރޫހުތަކާއި ނުބައި ރޫހުތައް އާދެއެވެ. އަދި މި ރޫހުތައް މުޅިހަޔާތުގައި އެމީހަކަށް ފާރަވެރިވަމުން ގެންދާނެއެވެ. އަދި މި ރޫހަކީ އެދުވަހު އުފަންވެފައިވާ 'ކަލަކާއި' ގުޅުމެއްވާ އެއްޗެއްކަމުގައި އީމާންވިއެވެ.

ރޯމަނުންގެވެސް އޮތީ މިފަދަ އަޤީދާ އެކެވެ. ޒަމާންވީ ޤަބޫލުކުރުންތަކުގައި އުފަންދުވަހުގެ އުއްބައްތި ތަކުގައި ތިމާ އެދޭ އެދުން ފުރިހަމަ ކުރުމުގެ ބާރު އެކުލެވިގެންވާކަމުގައި ޤަބޫލުކުރެއެވެ. އަލިފަނަކީ އިލާހާއި ގުޅުވައިދޭ އެއްޗެއްކަމުގައި ޤަބޫލުކުރަމުން އައިސްފައި ވެއެވެ.

އެހެންކަމުން ރޯކުރެވޭ އުއްބައްތި ތަކަކީ އެދުވަހު އުފަންވެފައިވާ ކުއްޖާއަށް ކުރެވޭ ޚާއްޞަ އިޚްތިރާމެކެވެ. އަދި އެއެއްޗަކުން ކުއްޖާއަށް ހެޔޮގޮތް މެދުވެރިވާނެ އެއްޗެކެވެ.

"އަހަރެމެން އުފަންދުވަސް ފާހަގަ ކުރުމަށްޓަކައި ޚާއްސަ އަނގޮޓިއެއް އަޅަމެވެ. އަދި އުފަންދުވަހުގެ ކޭކުތަކުގައި ބެހެއްޓޭ އުއްބައްތިތަކަށް ފުމޭހިނދު މުހިއްމު ކަމަކަށް އެދެމުއެވެ. މި އެދޭ އެދުމަކީ ތިމާއަށް ނޫން އެހެންއެއްވެސް މީހަކަށް ނޭނގޭ އެއްޗެއްގެ ގޮތުގައި ސިއްރު ކުރަމުއެވެ. މި ގޮތަށް ޢަމަލު ނުކުރެވިއްޖެ ކަމުގައިވަންޏާ އެދުން ޙަޤީޤަތަކަށް ނުވާނެކަން ޤައިމެވެ."

މީހުން އުފާވެރި އުފަންދުވަހަކަށް އެދި އުޅެނީ ކީއްވެގެން ހެއްޔެވެ؟ "އެއީ އާއިލާއާއި އެކުވެރި ރަޙްމަތްތެރިންގެ ހެޔޮ އެދުންތަކުގެ ސަބަބުން ނުބައި ރޫޙުތަކުން މީހާ ސަލާމަތް ކޮށްދޭތީއެވެ."

ޤަދީމީ މިޞްރު މީހުންވެސް އުފަންދުވަސް ފާހަގަކޮށް އުޅުނެވެ. ނަމަވެސް އެމީހުންގެ ރަސްރަސްކަލުން ތަކަށް އެކަންޏެވެ. އެމީހުން ޗަރުކޭހުގެ ކުޅިވަރު ތަކާއި ޕެރޭޑްތަކާއި ބޮޑެތި ޖާފަތްތަށް ތައްޔާރުކުރެއެވެ. ރޯމަނުންވެސް ޕެރޭޑް ތަކާއި އަސްރޭސްތައް ބޭއްވިއެވެ. މިގޮތަށް އެމީހުންގެ އިލާހުންތަކުގެ އުފަންދުވަސްތައް ފާހަގަކޮށް އުޅުނެވެ. އާދައިގެ ދެރަނިކަތިންގެ އުފަންދުވަހުގައި ކުޑަވެގެން އެމީހުންނަކަށް ޤަދަރެއް ހާތަންވެސް ނުކުރެއެވެ.

އުފަންދުވަހުގެ ކޭކަށް މިހާތަނަށްވީ އެންމެ 2 ޤަރުނެވެ. ކުރީގެ ކޭކުތައް ހެދިފައިވަނީ ޕާން ފުށްގަނޑަކުންނެވެ. އޭގެ މަތީގައިވަނީ ފޮނި ފަށަލައެއްލެވިފައި ވެއެވެ. މިފަދަ ކޭކުތައް ފުރަތަމަ ތައްޔާރުކުރަން ފެށީ ޖަރުމަންވިލާތުގައެވެ.

އެމީހުންގެ އަޤީދާއަކީ ކޭކު ފިހުމުގެ ތެރޭގައި މަސައްކަތުގައި އޭތި ވެއްޓިއްޖެނަމަ އެއީ އަންނަ އަހަރުގައި ތިމާއަށް ބަދުނަސީބުވެރިކަން މެދުވެރި ވާނެ ކަމެކެވެ. ކޭކު ފިހޭއިރު އޭގެތެރެޔަށް އެމީހުން ފައިސާ ފޮއްޗާއި އަނގޮޓި ލައެވެ. ފައިސާ ފޮތި ލެވިފައިވާ ކޭކުކޮޅެއް ލިބޭމީހާ މުދާވެރިޔަކަށް ވާނޭކަމަށް އެމީހުން ޤަބޫލުކުރެއެވެ. އަދި އަނގޮޓި ލިބޭ މީހާއާއި ކައިވެނި ކުރަންޖެހޭނެ ކަމުގައި ދެކުނެވެ.

ބޯދާ ޒަމާނުގެ މީސްމީހުން ބޮޑެތި ހުޅުގަނޑުތަކަށް އަޅުކަންކޮށް އުޅުނެވެ. އެމީހުންގެ އަޤީދާއަކީ އޭގައިވާ ދުމަކީ އެމީހުންގެ ފިކުރުތައް އިލާހުންތަކުގެ ގާތަށް ގެންގޮސްދޭ ވަސީލަތެކެވެ. މިޒަމާނުގައި އިންސާނުން ޤަބޫލުކުރަނީ އެންމެ ނޭވާއަކުން ހުރިހާ އުއްބައްތިޔެއްގެ ހުޅުކޮޅުތައް ނިއްވާލައިފިކަމުގައި ވާނަމަ އެމީހަކު އެ އެދުނު އެދުމެއް ފުރިހަމަ ވާނެކަމުގައެވެ.

އުފަންދުވަސް ފާހަގަކުރުމުގެ މިފަދަ އެންމެހާ އާދަތަކުގަިވަނީ ފާލު ބެލުމާއި، މުސްތަޤުބަލަށް ހެޔޮ އުއްމީދުތަށް ކުރުމާއި ، ނުބައި ރޫހުތަކުން ސަލާމަތް ވުމަށްޓަކައި ކުރެވޭ އެކިއެކި ކަންތައްތަކެވެ. އެހެންކަމުން އުފަންދުވަހުގެ މުނާސަބަތުގައި ކުރެވޭ މިފަދަ ކަންތައްތަކަކީ އިސްލާމްދީނުގެ ތައުޙީދާއި އަސާސީ އުޞޫލުތަކާއި އެދީނުގެ ޢަޤީދައާއި ވަރަށް ބޮޑެތި ޚިލާފުވުންތަކެއް ހުރިކަންތަކެކެވެ.

އުފަންދުވަހުގެ ހަފްލާތައް ބޭއްވުމުގެ އާދަ ފެށިގެން އައިސްފައިވަނީ މީގެ އެތަކެއް އަހަރުތަކެއް ކުރީން ޔޫރަޕުންނެވެ. އެމީހުންގެ ތެރޭގައި ބިރު ހީވެފައި އޮންނަ ގޮތުގައި އެދުވަހު ޚާއްސަގޮތެއްގައި އެމީހަކާ ނުބައި ރޫހުތައް އަޅައިގަނެގެން އުޅޭނެކަމުގައެވެ. އެހެންކަމުން ހެޔޮއެދޭމީހުން އެމީހަކު ޙިމާޔަތްކުރުމުގެ ގޮތުން އެނާޔަށް ޒިޔާރަތްކޮށް ހެޔޮއެދި އުޅުނެވެ. އަދި ހަދިޔާތައް ދިނުން އެއީ ނުލަފާ ރޫހުތައް ދުރުކޮށްދިނުމަށް އެޅޭ ބާރެއްކަމުގައި ދެކުނެވެ. މިއީ މިކަން ދެމިގެން އައިސްފައިވާ ގޮތެވެ.

އެންމެ ފުރަތަމަ ފާހަގަ ކުރެވިފައިވަނީ ރަސްރަސްކަލުންގެ އުފަންދުވަހެވެ. ދުވަސްތައް ފާއިތިވުމާއެކު ކުޑަކުދިންވެސް މީގެތެރޭގައި ހިމެނުނެވެ. އެންމެ ފުރަތަމަ ކުޑަކުދިންނަށްޓަކައި އުފަންދުވަސް ފާހަގަ ކުރެވިފައިވަނީ "ކިންޑަރފެސްޓް" ގެ ނަމުގައި ޖަރުމަން ވިލާތުގައެވެ.

އެހެންވީއިރު މިފަދަ ހަފްލާތަކާއި މުސްލިމުންނާއި ހުރީ ކޮންގުޅުމެއްތޯއެވެ. އަދި ފެންނަ ފެނުމަށް މިފަދަ ކަންތައް މަޖާވެފައި، ނުބައިކަމެއް އެކުލެވިގެންވާ ކަމަށް ނުފެނުނުކަމުގައި ވިޔަސް މުސްލިމަކު މިފަދަ ކަމެއްގެ ތެރެއަށް ވަންނާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޝައިތާނާ މުސްލިމުން މަގުފުރެދުމަށްޓަކައި ކާފަރުންގެ މިފަދަ ޢަމަލުތައް ޒީނަތްތެރިކޮށް މުސްލިމުންނަށް ދައްކާނެއެވެ.

ކޮންމެއަކަސް މިކަންތައް އައިސްފައިވަނީ ލާދީނީ ވިސްނުމަކުންނެވެ. މާތްﷲ އަށް ޝިރުކު ކުރާމީހުންގެ ތެރެއިންނެވެ. އަދި މިފަދަ ކަންކަން މުސްލިމުން ފާހަގަ ކުރުމަކީ މުސްލިމުން ޔަހޫދީންނާ ނަޞާރާ އިންނާ އެއްފަދަ ވެގަތުމެކެވެ. އަހަރެމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ވަނީ އެބައިމީހުންނާއި އެއްފަދަ ނުވުމަށް އަހަރެމެނަށް އަމުރު ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. لَتَتَّبِعُنَّ سُنَنَ مَنْ كَانَ قَبْلَكُمْ شِبْرًا بِشِبْرٍ ، وَذِرَاعًا بِذِرَاعٍ ، حَتَّى لَوْ دَخَلُوا حُجْرَ ضَبٍّ لاتَّبَعْتُمُوهُمْ " ، قَالُوا : يَا رَسُولَ اللَّهِ ، فَمِنَ الْيَهُودِ وَالنَّصَارَى ؟ قَالَ : " فَمَنِ النَّاسُ إِلا الْيَهُودُ وَالنَّصَارَى ؟ " " ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރީން އައި މީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންނަށް އެކަމުގައި ތަބާވާނެއެވެ. (އެބަހީ އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ.) އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެރަސޫލާއެވެ. އެބަޔަކީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟" (ބުޚާރީީ: 8/151، މުސްލިމް 4/2054 (އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (أخرجه أبو داود وأحمد) "ބަޔަކާއި ވައްތަރުވެގެންފި މީހަކު ވަނީ އެބައިމީހުންގެ ތެރެއިންނެވެ ."

އަނަސް ބިން މާލިކް ރިވާކުރެއްވި ޙަދީޘް ފުޅެއްގައި ވެއެވެ. قدم رسول الله صلى الله عليه وسلم المدينة، ولهم يومان يلعبون فيها، فقال: ((ما هذا اليومان؟ قالوا: كنا نلعب بهما في الجاهلية فقال رسول الله: إن الله أبدلكما بخير منهما: يوم الأضحى وعيد الفطر)) [رواه أبو داود ح 1134، والنسائي 1556، وأحمد ح 1241[ " ރަސޫލާ صلى الله عليه وسلم މަދީނާއަށް ވަޑައިގެން އުޅުއްވަނިކޮށް މަދީނާގެ އަހުލުވެރިން އުފާފާޅުކުރުމުގެ ގޮތުން ކުޅެ މަޖާކޮށް އުޅުމުގައި 2 ދުވަހެއް ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބައިމީހުން މި އުފާ ފާޅުކުރާ ދެދުވަހަކީ މިއީ ކޮން 2 ދުވަހެއް ތޯއެވެ؟ " އެބައިމީހުން ދެންނެވިއެވެ.  ޖާހިލިއްޔަ ޒަމާނުއްސުރެ އަހަރުމެން މި 2 ދހުވަހުގައި މަޖާކޮށް ކުޅެ އުޅެމެވެ." ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން އެ ދެދުވަހަށްވުރެ މާ ހެޔޮކަނބޮޑުވެގެންވާ  2 ދުވަހެއް މާތްﷲ ތިޔަބައިމީހުންނަށް ވަނީ ދެއްވާފައެވެ. އެއީ ފިތުރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ."

މި ބަސްފުުޅުތަކުން ދޭހަވެގެންދަނީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އުއްމަތަށް ކާފަރުންގެ ޢީދުތައް ފާހަގަކުރުން މަނާ ކުރައްވަފއިވާކަމެވެ. އަދި އެކަލޭގެފާނު މަސައްކަތްފުޅު ކުރެއްވީވެސް މިފަދަ ޚުރާފާތްތައް ފޮހެލެއްވުމަށެވެ. އެބަިމީހުންގެ ކުފުރު އިސްލާމްދީނުގައި ޤަބުލުކުރެވިގެން ނުވާފަދައިން އެބައިމީހުންގެ މިފަދަ އެއްވެސް ޢަމަލެއް މިދީނުގައި ޤަބޫލުކުރެވިގެން ނުވެއެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ވަނީ މުބާހު ކަންތައްތަކުގަޔާއި ޢިބާދާތުގެ ހުރިހާކަމެއްގައި ވީހާވެސް ބޮޑަށް ކާފަރުންނާއި ތަފާތުވުމުގެ މައްޗަށް ބާރު އަޅުއްވާފައެވެ. އަދި އެކަލޭގެފާނުގެ ޢަމަލުފުޅުން އެކަންވަނީ ދައްކަވާފައެވެ. މި ތަފާތު ތަކަކީ މުސްލިމުންނާއި އެބައިމީހުންނާއި ވަކިކޮށް ދެނެގަނެވޭނެ ހަމައެކަނި ގޮތެވެ. ސަބަބަކަށް ވަނީ އެބައިމީހުންނާއި ތަފާތުވީ ވަރަކަށް އެބައިމީހުންގެ ކުފުރުގެ ޢަމަލުތަކާއި މުސްލިމުން ދުރުހެލިވާނެތީއެވެ.

ލޮބުވެތި ޙަބީބް ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "إن لكل قوم عيداً وهذا عيدنا " "  ހަމަކަށަވަރުން ކޮންމެ ބަޔަކަށްވެސް ޢީދެއްވެއެވެ. މިއީ އަހަރުމެންގެ ޢީދެވެ." އެބަހީ ކޮންމެ ބަޔަކަށްވެސް އެބައިމީހުންގެ  ޢީދުގައި އުފަލާއި މަޖާކުޅައުމުގައި ކަންތައްތަކެއްވެއެވެ. އަހަރުމެންގެ ޢީދުގައިވެސް އަހަރުމެންނަށް އުފަލާއި މަޖާކުޅައުމުގައި ކަންތައްތަކެއްވެއެވެ.

ސޫރަތުލް މާޢިދާގެ 48 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފއިވެއެވެ. ( لِكُلٍّ جَعَلْنَا مِنْكُمْ شِرْعَةً وَمِنْهَاجًا) "ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށް ޝަރީޢަތަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާންގެ ލެއްވީމެވެ."  މި އާޔަތުން ދޭހަކޮށްދެނީ ކޮންމެ އުއްމަތަކަށް ޚާއްސަ ކުރެވިގެންވާ ކަންތަކެއް ﷲ ލެއްވިކަމުގައެވެ. "ލި ކުއްލި" (ކޮންމެ ބަޔަކަށް) ވާ ލާމު ރަމްޒުކޮށްދެނީ އެބަޔަކަށްޓަކައި އެކަނިކަމެވެ. އެހެންކަމުން ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތައް ޚާއްސަ ވެގެންވަނީ ހަމައެކަނި އެމީހުންނަށެވެ. އަދި އެއީ އަހަރެމެން މުސްލިމުންނާ އެއްވެސް ގޮތަކަށް ގުޅިފައިވާ ކަމެއްނޫނެވެ. އެމީހުންނަކީ އެހެން ޤިބްލައެއްގެ އަހުލުވެރި ބަޔެކެވެ. އެމީހުންގެ އަޅުކަންތަކުގައި އަހަރެމެންގެ ޤިބްލަ އެމީހުންވެސް އިޚްތިޔާރު ނުކުރެއެވެ.

ޔަހޫދީންނާ ނަޞާރާއިންނާއި ހުރިހާ މުޝްރިކުން ދުވަހަކުވެސް އަހަރެމެންނަށް ހެޔޮނޭދޭނެއެވެ. الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވައި އަންގަވާފައި ވެއެވެ "وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ" البقرة:120.މިއާޔަތުގެ މާނައަކީ: "އަދި ހަމަކަށަވަރުން ޔަހޫދީންނާއި ނަޞާރާއިން، ކަލޭގެފާނު އެބައިމީހުންގެ މިއްލަތަށް ތަބާވެއްޖައުމަށް ދާންދެން ދުވަހަކުވެސް ކަލޭގެފާނަށް ނުރުހޭނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތެދުމަގަކީ ހަމަކަށަވަރުން الله سبحانه وتعالىގެ ތެދުމަގެވެ. ދެން ކަލޭގެފާނަށް الله تعالىގެ ކިބައިން އެކަމުގެ ޢިލްމު އައުމަށްފަހު އެބައިމީހުންގެ ހެއްލުންތަކަށް ތަބާވެއްޖެނަމަ، الله تعالىގެ ކިބައިން އެއްވެސް އެހީތެރިކަމެއް އަދި ނަޞްރެއްވެސް ކަލޭގެފާނަކަށް ނުވެއެވެ." ސޫރަތުލް ބަޤަރާ:120.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި