Noorul-islam.NET :: މުޖްތަމަޢުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި އަދުލު އިންސާފުގެ މުހިއްމުކަން




މުޖްތަމަޢުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމުގައި އަދުލު އިންސާފުގެ މުހިއްމުކަން
Category »  މުޖުތަމަޢު

ތާރީޚް: 24 ޖުލައި 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

 

މުޖްތަމަޢުގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމި އޮތުމައްޓަކައި، ކޮންމެ މުޖްތަމަޢެއްގައިމެ، އަދުލު އިންސާފު ޤާއިމު ކުރެވޭނޭ ނިޒާމެއް އޮތުމަކީ، ކޮންމެހެންވެސް ލާޒިމުވެގެންވާ ކަމެކެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމަކާ ނުލައި، ކޮންމެ ފަރުދަކަށްވެސް އެފަރުދެއްގެ ޙައްޤުތައް ލިބިދެވޭނޭކަން ކަށަވަރުކޮށްދޭ ނިޒާމަކީ، ޢަދުލު އިންސާފުގެ ނިޒާމެވެ.

ކީރިތި ވަންތަ ﷲ ފޮނުއްވިހައި ރަސޫލު ބޭކަލުންނެއް ފޮނުއްވައި ބާވާލެއްވިހައި ފޮތްތަކެއް ބާވާލައްވައި، އެންމެހައި ޝަރީޢަތްތަކެއް ބާވާލައްވާފައިވަނީ، މީސްތަކުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމުވެފައި އޮތުމަށްޓަކައެވެ. އެކަލާނގެ ވަޙީބަސްފުޅުގައިވެއެވެ. (لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنْزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ )[الحديد 25] މާނައީ"ހަމަކަށަވަރުން ފާޅުވެގެންވާ ހެކިތަކާއެކު ތިމަންއިލާހު ރަސޫލުން ފޮނުއްވައި، އެރަސޫލުންނާއެކު ފޮތާއި، ޢަދުލު އިންސާފުގެ ތިލަފަތް ބާވައިލެއްވީ، މީސްތަކުން ޢަދުލު އިންސާފު ޤާއިމު ކުރުމަށްޓަކައެވެ."

އިސްލާމީ ތާރީޚަށް ނަޒަރު ހިންގާލާއިރު، މީގެ އެތަކެއް މިސާލު އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. މުސްލިމުންގެ ފުރަތަމަ ޚަލީފާ އަބޫބަކުރުގެފާނު ޚަލީފާކަމާއި ޙަވާލުވެވަޑައިގަތް ދުވަހު، ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްވި ތަޤްރީރުގައި އައިސްފައިވެއެވެ.  "الله ގެ ވާގިފުޅާ ލައިގެން، ތިޔަބައިމީހުން ކުރެ ބަލިކަށިމީހާއީ، އޭނާގެ ޙައްޤު އޭނާއަށް ހޯދައިދީފުމަށްދާނދެން އަހުރެންގެ ގާތުގައި ގަދަފަދަ މީހެކެވެ. އަދި އެއިލާހުގެ ވާގިފުޅާ ލައިގެން، ތިޔަބައިމީހުންގެ ތެރެއިންވާ ގަދަފަދަ މީހާއީ، އޭނާގެ އަތުން އެހެން މީހުންގެ ޙައްޤުތައް އަތުލައިދީފުމަށްދާނދެން، އަހުރެންގާތުގައި ބަލިކަށިމީހެކެވެ." 

ޤުރައިޝުވަންހައިގެ ޝަރަފުވެރި އަންހެނަކު، ވައްކަންކުރުމުން އޭނާގެ މައްޗަށް ވައްކަންކުރުމުގެ ޙައްދު ތަންފީޒުނުކުރައްވައި ދޫކޮށްލައްވާތޯ، އުސާމާ ބުނު ޒައިދު ލައްވައި ޤުރައިޝުވަންހައިގެ މީހުން، ރަސޫލާ rގެ އަރިހުގައި ދެންނެވި ހިނދު، އެކަމާ ކޯފާވެވަޑައިގެން، އިތުރު އެކަލޭގެފާނު އުސާމާއަށް ޙަދީޘްކުރެއްވިއެވެ. "ތިޔައައީ، الله ގެ ޙައްދުތަކުގެ ތެރެއިން ޙައްދެއް ޤާއިމު ނުކުރުމަށް އެދި  ޝަފާޢަތްތެރިވާން ހެއްޔެވެ؟ الله ގަންދީ ބުނަމެވެ. މުޙައްމަދުގެފާނުގެ ދަރި ފާޠިމާވެސް ވައްކަމެއް ކޮށްފިނަމަ، އޭނާގެ އަތްވެސް ތިމަންކަލޭގެފާނު ކަނޑުއްވާ ހުށީމެވެ".

ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމާމެދު އޮންނަންވާ މިއިތުބާރު ގެއްލިއްޖެ ކަމުގައިވަނީނަމަ، މުޖްތަމަޢު ފަސާދަވެ ރައްޔިތުން ބިރުވެރިކަމަކަށް ވެއްޓިގެން ހިނގައިދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ ޢަދުލު އިންސާފު ހޯދުމަށް މީސްތަކުން މަގުމައްޗަށް ނުކުތުމެވެ. މުޖްތަމަޢުގެ ކޮންމެ ފަރުދަކު އެމީހާގެ ޙައްޤުކަމުގައި ދަޢުވާކުރާ ކަންތައްތަކެއް ހޯދުމަށް، ޤާނޫނު އަތަށްލައިގެން މަގުމައްޗަށް ނުކުންނަ ހިނދު، ހަމަ އެކަމަކީ ތިމާގެ ޙައްޤުކަމުގައި ދަޢުވާކުރާ އެހެން ބަޔަކުވެސް މުޖްތަމަޢުގައި ތިބެދާނެއެވެ. އެހެންވެއްޖެ ކަމުގައިވާނަމަ، ދެން ކަންތައްވާނީ ކިހިނެއްތޯއެވެ. އެހިނދު ފެނިގެންދާނީ ޖަންގަލީގެ ހަމަތަކެވެ. އެއީ، ބާރުގަދަ މީހާއީ ޙައްޤުގެ ވެރިޔާކަމުގަ ކަނޑައެޅިގެންދާތަނެވެ.

اَلْخَلِيْفَةُ عُمَرُ بْنُ الْخَطَّابِ ގެ ދުވަސްވަރު އިސްލާމީ މުޖްތަމަޢުގައި ޢަދުލު އިންޞާފު ޤާއިމު ކުރެވިފައިވާ މިންވަރާއި އެކަމުގެ ސަބަބުން މީސްތަކުންނަށް ލިބިފައިވާ އަމާންކަމީ، އަދު އަދަށްދާނދެންވެސް މިސާލު ޖެހެވޭ ކަމެކެވެ. އެކަލޭގެފާނުގެ ދުވަސްވަރު މުސްލިމުންގެ ޚަލީފާއާ ބައްދަލުކުރަން ފާރިސްކަރައިން އައި ވަފްދަކަށް، މުސްލިމުން އެބައިމީހުންގެ ޚަލީފާ ދެއްކީ، ގަހެއްގެ ހިޔަލުގައި އަވަހާރަ ފުޅުލައްޕަވަން އޮންނަވަނިކޮށެވެ. އެހިނދު އޭނާ ބުންޏެވެ. ޢަދުލު އިންޞާފު ޤާއިމު ކުރެއްވުމަށްފަހު، ކަލޭގެފާނު ތިޔަ އޮންނެވީ އަމާން ކަމާއެކު އަވަހާރަފުޅު ލައްޕަވާށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި