Noorul-islam.NET :: ޤައުމާއިގެން އަމާން ބަދަރަކަށް
ޤައުމާއިގެން އަމާން ބަދަރަކަށް
Category »  މުޖުތަމަޢު

ތާރީޚް: 9 ޖުލައި 2010

ލިޔުއްވީ : ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

ދިވެހިރާއްޖެއަކީ، އެއް ޤައުމިއްޔަތެއް އޮންނަ އެއްބަހަކުން ވާހަކަ ދައްކާއުޅޭ، އެއްދީނަކަށް ތަބާވާ ރައްޔިތެއް އޮންނަ ޤައުމެކެވެ. ހިޖްރީ ސަނަތުން 548 ވަނަ އަހަރު މިރާއްޖެ އިސްލާމްވީ އިރުއްސުރެ ފެށިގެން، ފާއިތުވެގޮސްފައިމިވާ ގާތްގަނޑަކަށް ނުވަ ޤަރުނު ދުވަސް، ދިވެހިން ފާއިތު ކޮށްފައިވަނީ، ބައިބައިވުންތަކާއި ދެކޮޅުވެރިވުމުން އެއްކިބާވެތިބެ، ވަރަށްވެސް އެކުވެރި، އަޚުވަންތަ ބައެއްގެ ގޮތުގައެވެ. މާތްވެގެންވާ އިސްލާމް ދީން ދައްކުވައިދިން ރިވެތި އަޚްލާޤުގެ މަތީގައެވެ. ރާއްޖެއިސްލާމް ވީފަހުން، ފާއިތުވެދިޔަ މިދިގު ތާރީޚަށް ނަޒަރުހިންގާ ބަލައިލާއިރު، ދިވެހިންގެ މެދުގައި މާބޮޑު ބައިބައިވުންތަކަކާއި ދެބަސްވުންތަކެއް އުފެދިފައިވާކަމަށް ތާރީޚުން ފެންނާކަށް ނެތެވެ.

ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަޙުން މިއަދު ފެންނަމުންމިދާ މަންޒަރުތަކަކީ، ހަމަގައިމުވެސް މީގެ ކުރިން ދިވެހިން ދުށުމަށް އެދިއެދި ތިބި މަންޒަރުތަކެއް ނޫނެވެ. ޚިޔާލުތަފާތުވުމަކީ މައްސަލައެއް ނޫނެވެ. އެހެނަސް، އެކަމުގެ ސަބަބުން އުފެދޭ ދެކޮޅުވެރިކަމަކާއި ރުޅިވެރިކަމެއްގެ ނޭދެވޭ އަސަރު، ޤައުމުގެ ޢާއްމު މަޞްލަޙަތަށް ކުރަމުންދާ ކަމުގައިވަނީނަމަ، އެއީ ހަމަ ޤައިމުވެސް، އެއާމެދު އެންމެންމެ ފުންކޮށް ވިސްނަންޖެހޭ، ކަންބޮޑުވާވަރުގެ ކަމެކެވެ. ސިޔާސީގޮތުން އުފެދިގެން މިއުޅޭ ޚިޔާލު ތަފާތުވުންތަކަކީ، އަޅުގަނޑުމެންގެ ތެރޭގައި މިއަދާ ހަމަޔަށް އޮތް، އެއްބައިވަންތަކަން ނަގާލަންޖެހޭ ކަމަކަށް ހަދައިގެން ނުވާނެއެވެ. މާދަމާ ދިވެހި ތާރީޚު ލިޔެވޭއިރު، މިކަންތައްތައް އަޅުގަނޑުމެންނަށް ނިސްބަތް ނުކުރެވޭފަދަ ގޮތަކަށް މިއަދު އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަން ވެއްޖެއެވެ.

މިދެންނެވި ދެކޮޅުވެރިކަމާއި ޚިޔާލުތަފާތުވުމުގެ ސަބަބުން، އަލަށް ފާސްކުރެވުނު ޤާނޫނު އަސާސީން ހެދުމަށް ލާޒިމްކުރާ އެތައް ޤާނޫނެއް އެވަނީ ނެހެދި ފުނިޖެހިފައެވެ. އެކަމުގެ ސަބަބުން އެތަކެއް ޙައްޤުތަކެއް ގެއްލިދަނީއެވެ. މީގެ ނޭދެވޭ އަސަރު، ސީދާގޮތުންނާއި ނުސީދާގޮތުން ކުރަމުންދަނީ ދިވެހި ރައްޔިތުންނަށެވެ.

އަރައިރުންވުމާއި ދެބަސްވުމުން ލިބޭނީ ހަމަ ގެއްލުމާއި ހަލާކެވެ. ކީރިތި ޤުރްއާނުގެ މިބަސްފުޅާމެދު ނިކަން އަޅުގަނޑުމެން ވިސްނާލަމާތޯއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَأَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ وَاصْبِرُوا إِنَّ اللَّـهَ مَعَ الصَّابِرِينَ [الأنفال: ٤٦] މާނައީ "އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ދެބަސްވެ އަރައިރުން ނުވާށެވެ! އެހެން ހަދައިފިނަމަ، ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ކެނޑި ވަސްވެސް ނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ."

އިސްލާމް ދީނުގައި އަޅުގަނޑުމެންނަށް އިރުޝާދު އައިސްފައިވަނީ، ހެޔޮކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވުމަށާއި، ނުބައި ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިނުވުމަށެވެ. މާތް ﷲ ވަޙީކުރައްވައެވެ. ﴿ وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ وَاتَّقُوا اللَّـهَ إِنَّ اللَّـهَ شَدِيدُ الْعِقَابِ [المائدة 2 ] މާނައީ"ހެޔޮކަންތައްތަކުގައި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރި ނުވާށެވެ!"

 ދުޝްމަނުންނާ އެކުވެސް ޞުލްޙަވުން އޮންނައިރު، އަޅުގަނޑުމެން އެއް ޤައުމެއްގައި ދިރިއުޅެމުންދާ އެއްރައްޔިތެއްގެ މެދުގައި ޞުލްޙަ ނުވެވެންވީ ސަބަބެއް ނެތެވެ. އިސްލާމީ ތާރީޚުގައި ހިނގައިދިޔަ މަޝްހޫރު ޙުދައިބިޔާގެ ޞުލްޙައަކީ މިކަމުގެ ލާމަސީލު މިސާލެކެވެ. އެއީ، ބޭރުފުށުން ފެންނަންއޮތް ގޮތުގައި، އޭގެ ސަބަބުން މުސްލިމުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ވާކަމަށް އެކުލެވިގެންވާ ސުލްޙައިގެ މުޢާހަދާއެކެވެ. އެހެނަސް ދެކޮޅުވެރިކަމާއި އަރައިރުމަށްވުރެ، ޞުލްޙަވެރިކަމުގެ ބޭނުންތެރިކަން ބޮޑުކަމުން، ރަސޫލުﷲ صلى الله عليه وسلم މި މުޢާހަދާގައި ސޮއިކުރެއްވީ، އެކަމުން  ރައްޔިތުންނަށް ލިބިގެންދާނޭ ލާބައަކާއި މަންފާއަކަށް ޓަކަވެ. ނަތީޖާއަކަށް ވެގެންދިޔައީ އިސްލާމީ ދައުލަތަށް އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެން ދިއުމެވެ.

ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވެ ވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން، މިކަންކަމާމެދު ވިސްނަވައި، ބުއްދިއާއި ވިސްނުން އިސްކުރައްވައިގެން ޞުލްޙައިގެ މޭޒު ދޮށަށް އައުމަށް ނަޞޭޙަތް ތެރިވަމެވެ. ޤައުމުގެ މަޞްލަޙަތަށް ޓަކައެވެ. އެންމެންގެ މަންފާއާއި ލާބައަށް ޓަކައެވެ. ޤައުމާއިގެން އަމާން ބަނދަރަކަށް އާދެވޭތޯއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި