Noorul-islam.NET :: ސަލާމަތް ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް ދިއުމުގެ މުހިއްމުކަން




ސަލާމަތް ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް ދިއުމުގެ މުހިއްމުކަން
Category »  ދީނީ ލިޔުން

ތާރީޚް: 13 ޖޫން 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙަސަން ލަޠީފް މޫސާ

ފުރަތަމަ خُطْبَـــة

إِنَّ الحَمْدَ لِلَّهِ نَحْمَدُهُ وَ نَسْتَعِيْنُهُ وَ نَسْتَغْفِرُهُ وَ نُؤْمِنُ بِهِ وَ نَتَوَكَّلُ عَلَيْهِ ، وَ نَعُوْذُ بِاللَّهِ مِنْ شُرُوْرِ أَنْفُسِنَا وَ سَيِّئَاتِ أَعْمَالِنَا ، مَنْ يَهْدِهِ اللَّهُ فَلاَ مُضِلَّ لَهُ وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ ، وَ أَشْهَدُ أَن لاَ إِلهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيْكَ لَهُ وَ أَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ ، صَلَوَاتُ اللَّهِ وَ سَلاَمُهُ عَلَيْهِ ، وَعَلَى آلِهِ وَ صَحْبِهِ وَسَلَّمَ تَسْلِيْمًا كَثِيْرًا إِلَى يَوْمِ الدِّيْنِ ، أَمَّا بَعْدُ ! فَيَا أَيُّهَا المُسْلِمُوْنَ ! اتَّقُوا اللَّهَ تَعَالَى فِيْ كُلِّ وَقْتٍ وَحِيْنٍ ، وَاسْتَعِدُّوا إِلَى لِقَائِهِ فِيْ يَوْمٍ لاَ يَنْفَعُ مَالٌ وَلاَ بَنُوْنَ ، إِلاَّ مَنْ أَتَى اللَّهَ بِقَلْبٍ سَلِيْمٍ.

ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތަށް ޙަމްދާއި ޘަނާ ދަންނަވަމެވެ. އަޅަމެން، މަދަދަށާއި ފާފަފުއްސެވުމަށްއެދި ދަންނަވަނީ އެ އިލާހަށެވެ. އަދި އަޅަމެން އީމާންވަނީވެސް އަދި ވަކީލު ކުރަނީވެސް އެ އިލާހަށެވެ. އަޅަމެންގެ ނަފްސުތަކުގެ ނުބައިކަމުންނާއި އަޅަމެންގެ ނުބައި ޢަމަލުތަކުން ރައްކާތެރިކަން އެދި ﷲއަށް ދަންނަވަމެވެ. އަދި ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދު  ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެ އިލާހުގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ. އެއަށްފަހު ދަންނާށެވެ! އޭ ﷲގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ހުރިހާ ވަގުތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޤްޥާވެރި ވާށެވެ! އަދި ސަލާމަތް ހިތަކާއިގެން ﷲގެ ޙަޟްރަތަށް ދިޔަ މީހަކަށްނޫނީ އެދުވަހަކުން ފައިދާ ނުކުރާނެ ދުވަހަށް ތައްޔާރުވާށެވެ! الشُّعَرَاءُ ސޫރަތުގެ 88 ވަނަ އާޔަތާއި 89 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ ޥަޙީކުރައްވާފައިވެއެވެ. ] يَوْمَ لاَ يَنْفَعُ مَالٌ وَلاَ بَنُوْنَ (88) إِلاَّ مَنْ أَتَى اللَّهَ بِقَلْبٍ سَلِيْمٍ (89) [ މި ދެއާޔަތުގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ އަންގަވާފައި މިވަނީ ޤިޔާމަތް ދުވަހުގެ ވާހަކައެވެ. އެ ދުވަހު މުދަލާއި ދަރިންގެ ފަރާތުން އެ މީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ވާހަކައެވެ. އަދި ސަލާމަތް ހިތަކާއިގެން ﷲގެ ޙަޟްރަތަށް ދިޔަ މީހަކަށްނޫނީ ސަލާމަތްކަމެއް ނެތް ވާހަކައެވެ. އަދި އެހެން އާޔަތެއްގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ ޥަޙީކުރައްވާފައިވެއެވެ. ]وَاتَّقُوْا يَوْمًا تُرْجَعُوْنَ فِيْهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لاَ يُظْلَمُوْنَ  ) [البَقَرَة281. ( މާނައީ: '' ﷲގެ ޙަޟްރަތަށް ތިޔަބައިމީހުން އެނބުރި ދާންޖެހޭނެ ދުވަހަކަށް ރައްކާތެރިވެ ތިބޭހުށިކަމެވެ! އެ ދުވަހަކުން، ކޮންމެ ނަފްސަކަށްމެ އެ ނަފްސެއް ކޮށްފައިވާ ޢަމަލުތަކުގެ ޖަޒާ ފުރިހަމައަށް ލިބޭހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް އަނިޔާވެރިއެއް ނުމެ ވެވޭހުއްޓެވެ."

ލޮބުވެތި އަޚުންނޭވެ! އިސްވެދިޔަ އާޔަތްތަކުން ވަރަށް މުހިއްމު ކަންތައްތަކެއް، ވިސްނުން ހިންގި ކޮންމެ މީހަކަށް ދޭހަވެގެން އެބަ ދެއެވެ. އޭގެ ތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ މުދަލާއި ދަރިންގެ ސަބަބުން އަޅުގަނޑުމެންނަށް މި ދުނިޔޭގައި ކިތަންމެ ކަމަކުން ސަލާމަތްކަމާއި ރައްކާތެރިކަން ލިބުނުކަމުގައި ވިޔަސް، މިފަދަ އެއްވެސް އެއްޗެއްގެ ލާބައެއް މަންފާއެއް  ޤިޔާމަތްދުވަހު އޭގެ ވެރިފަރާތަށް ނުފޯރާނެކަމެވެ. އެހެންކަމުން މުދަލާއި ދަރިންގެ ލޯބީގައި އާޚިރަތް ނަގާލުމަކީ ބުއްދީގެ އަހުލުވެރިޔަކު ކުރުން ހެޔޮވާވަރުގެ ކަމެއްނޫންކަމެވެ.

ޝައްކެއްނެތްގޮތުގައި، މުދަލާއި ދަރިން ހިމެނިގެންވަނީ ﷲ ސުބްޙާނަހޫ ޥަތަޢާލާ އިންސާނާއަށް ދެއްވި މަތިވެރި ނިޢްމަތްތަކުގެ ތެރޭގައެވެ. އަދި މި ނިޢްމަތަކަކީ އޭނާ އިމްތިޙާނުކުރެއްވުމުގެ ގޮތުން ދެއްވާ ނިޢްމަތްތަކެވެ. އެހެންކަމުން މިފަދަ ނިޢްމަތެއް ﷲ ދެއްވުމުން އެ ނިޢްމަތަކީ ﷲއާމެދު އޭނާ ޣާފިލްކުރާ އެއްޗަކަށް ނުހެދުމަށް އެ އިލާހު އޭނާއަށް ވަނީ އަންގަވާފައެވެ. المُنَافِقُوْنَ ސޫރަތުގެ 9 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ ޥަޙީކުރައްވާފައި ވެއެވެ.  ]يَاأَيُّهَا الَّذِيْنَ آمَنُوْا لاَتُلْهِكُمْ أَمْوَالُكُمْ وَلاَ أَوْلاَدُكُمْ عَنْ ذِكْرِ اللَّهِ وَمَنْ يَفْعَلْ ذَلِكَ فَأُولئِكَ هُمُ الخَاسِرُوْنَ )المُنَافِقُوْنَ (9: [. މި އާޔަތުގެ މާނައީ: " އޭ، އީމާންކަމުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ މުދަލާއި ތިޔަބައިމީހުންގެ ދަރިންނަކީ ﷲގެ ޛިކުރުން ތިޔަބައިމީހުން ޣާފިލުކުރާ ތަކެތިކަމުގައި ނުހަދާހުށިކަމެވެ! އަދި އެކަން އެގޮތަށްކޮށްފި މީހަކު ދަންނާށެވެ! ގެއްލެނިވެގެންވާ ބަޔަކީ ފަހެ، އެބައި މީހުންނެވެ!"

އަޅުގަނޑުމެންގެ ދަރިންނާއި މުދަލަކީ ﷲ ސުބްޙާނަހޫ ޥަތަޢާލާގެ މަތިވެރި ނިޢްމަތްތަކަށްވީއިރު، ތިމާގެ ހުރިހާ ވަގުތެއް ދަރީންނާއި މުދާ ބެލެހެއްޓުމުގައި  ހޭދަކޮށް، ނަމާދު ކުރުމާއި ޤުރްއާން ކިޔެވުމާއި އަދި މިނޫނަސް ﷲގެ ޛިކުރުން ތިމާ ޣާފިލުވެއްޖެނަމަ ޤިޔާމަތްދުވަހު އެ ދަރިންނާ މުދާ ވެގެންދާނީ އެމީހަކަށްހުރި ހަލާކަކަށެވެ. ﷲގެ ޛިކުރުން ތިމާ ޣާފިލުކުރާ އެއްޗަކަށް މުދާ ނުވާނީ އެތަކެއްޗާއި މަޝްޣޫލުވުމުގެ ސަބަބުން ނަމާދާއި އެހެނިހެން އަޅުކަންތަކަށް ހުރަސްނޭޅޭނަމައެވެ. އަދި އެ މުދަލުން ނެރެންޖެހޭ ޒަކާތް ފުރިހަމައަށް ނެރުމާއެކު، ޒަކާތުގެ އިތުރުންވެސް ﷲގެ ދީނަށް ނަޞްރު ދިނުމާއި ތިމާގެ މުއްސަނދިކަން ހުރި މިންވަރަކުން މީސްތަކުންގެ ޙާޖަތްތައް ފުއްދައިދީ ޙާލުގައި ޖެހިފައިވާ ނިކަމެތީންނަށް އެހީތެރިކަން ފޯރުވައިދެވޭނަމައެވެ. އަދި ހަމަ އެހެންމެ ﷲގެ ޛިކުރުން ތިމާ ޣާފިލުކުރާ އެއްޗަކަށް ދަރިން ނުވާނީ، ދަރިންގެ ކަންތައްތަކާ މަޝްޣޫލުވުމުގެ ސަބަބުން ނަމާދާއި އެހެނިހެން އަޅުކަންތަކަށް ހުރަސް ނޭޅޭނަމައެވެ. އަދި އެދަރިންނަށް އިސްލާމްދީން އުނގަންނައިދީ ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފައިވާނަމައެވެ. ސަލާމަތް ހިތެއްގެ ވެރިޔަކަށްނޫނީ މިކަންކަން މިގޮތަށް ފުރިހަމައެއް ނުކުރެވޭނެއެވެ.

އިސްވެދިޔަ އާޔަތްތަކުން ދޭހަވާ އަނެއް ކަމަކީ، ﷲސުބްޙާނަހޫ ޥަތަޢާލާގެ ޙަޟްރަތަށް ސަލާމަތް ހިތަކާއިގެން ދިއުމުގެ މުހިއްމުކަމެވެ. އެހެންކަމުން ސަލާމަތް ހިތަކީ ކޮބައިކަން ދަނެގަންނަން އެބަ ޖެހެއެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ހިތެއް ސަލާމަތް ހިތަކަށްވާނީ ފަސްކަމަކުން އެ ހިތް ސަލާމަތްވެގެންނެވެ. އެއީ: އެއްކައުވަންތަކަމާ ފުށުއަރާފަދަ ޝިރުކުތަކުން ސަލާމަތްވެގެންވުމާއި، ސުންނަތާ ޚިލާފު ބިދްޢަތަކުން ސަލާމަތްވެގެންވުމާއި، އަމުރުފުޅުތަކާ ޚިލާފު އެދުންތަކުން ސަލާމަތްވެގެންވުމާއި، ޛިކުރުކުރުމާ ޚިލާފު ޣާފިލުކަމުން ސަލާމަތްވެގެންވުމާއި، އިޚްލާޞްތެރިކަމާ ޚިލާފު ދެއްކުންތެރިކަމުން ސަލާމަތްވެގެންވުމެވެ. މި ފަސްކަމުން ސަލާމަތްވެއްޖެނަމަ އެއީ އީމާންކަމުގެ ނޫރުން ފުރިގެންވާ ހިތަކަށް ވެދެއެވެ.

ސަލާމަތް ހިތުގެ ލާމަޘީލު ނަމޫނާއެއްގެ ގޮތުގައި ކީރިތި ޤުރްއާނުގައި ﷲ ސުބްޙާނަހޫ ޥަތަޢާލާ ގެންނަވާފައިވަނީ މަތިވެރި ރަސޫލުބޭކަލުންގެ ތެރެއިން އިބްރާހީމް ޢަލައިހިއްސަލާމުގެ ހިތްޕުޅުގެ މިސާލެވެ. އެކަލޭގެފާނާ ބެހޭގޮތުން ޥަޙީކުރައްވާފައިވަނީ ] إِذْ جَآءَ رَبَّهُ بِقَلْبٍ سَلِيْمٍ)[الصَّافَّات(84 މާނައީ: " އެއީ ޝައްކާއި އެނޫންވެސް އެފަދަ ކަންތައްތަކުން ސަލާމަތްވެގެންވާ ހިތަކާއިގެން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވެވަޑައިގަތް ހިނދުގައެވެ."

ލޮބުވެތި މުސްލިމް އަޚުންނޭވެ! އިބްރާހީމް ޢަލައިހިއްސަލާމުގެ ހިތްޕުޅުގެ މި މަތިވެރި މިސާލަކީ އަޅުގަނޑުމެން އެއިން ޢިބްރަތް ލިބިގަތުން އައުލާވެގެންވާ ނަމޫނާ މިސާލެކެވެ. އެފަދަ ސަލާމަތް ހިތްޕުޅެއް އެކަލޭގެފާނަށް ލިބިވަޑައިގަތުމުގައި އީމާންކަމުގެ އެތައް ހަރުފަތެއް ގިރާކުރައްވާން ޖެހިވަޑައިގަތެވެ. ދުނިޔަވީ އެދުންތަކުގެ އެތަކެއް އިމްތިޙާނުތަކަކާ ކުރިމަތިލައްވައި އެހުރިހާ އިމްތިޙާނަކުން ފާސްވެވަޑައިގެންނެވިއެވެ. އީމާންކަމުގެ މަތިވެރި އިމްތިޙާނުގެ މި ދަތުރުފުޅުގައި ޙައްޤުގެ މަގުގައި ސާބިތުވެ ހުންނެވުމުގެ ގޮތުން، އެކަލޭގެފާނު ވެވަޑައިނުގަންނަވަނީ ކޮން ޤުރުބާނީއެއްތޯއެވެ..؟ ލޯބިވާ މައިންބަފައިންނާ ވަކިވެވަޑައިގެން އަމިއްލަފުޅު ވަޒަން ދޫކޮށްލައްވައި ހިޖުރަކުރެއްވިއެވެ. އެކަލޭގެފާނުގެ ރަށުގެ މީހުން އެކަލޭގެފާނު އަންދާލުމަށްޓަކާ އަލިފާންގަނޑަށް ވައްޓާލަން ތައްޔާރުވެފައިވަނިކޮށް ޖިބްރީލުލް އަމީނު ވަޑައިގެން، ކަލޭގެފާނު ތިމަންކަލޭގެފާނުގެ ކިބައިން އެދިވަޑައިގަންނަވަނީ ކޮންކަމަކަށްތޯ އެއްސެވި ހިނދު ދެއްވި ޖަވާބުން ދޭހަވެގެންދިޔައީ މާއްދީ އެއްވެސް ބާރެއްގެ ކުރިމަތީގައި އެކަލޭގެފާނުގެ އީމާންކަން ބަލިކޮށްނުލެވޭނެކަމެވެ. އެކަލޭގެފާނުގެ ޢުމުރުން ދުވަސްވެ މުސްކުޅި ޢުމުރުގައި  ލިބިވަޑައިގެންނެވި އެންމެ ދަރިކަލުންނާއި އެ ދަރިކަލުންގެ މަންމަ، އެއްވެސް ފެނެއް ކާބޯތަކެއްޗެއް ބޯހިޔާވަހިކަމެއް ނެތް، އެކަނިވެރިކަމާއި ނާމާންކަމާއި އަނދިރިކަން ވެރިވެފައިވާ ހަނަފަސް ސަހަރާއަކަށް، ﷲގެ އަމުރުފުޅަށް، ދޫކުރައްވާފައި ވަޑައިގަންނަވަންޖެހިވަޑައިގަތުމާއި، ތުއްޕުޅު ދަރިކަލުން ބޮޑުފުޅުވެ ފުރާ ފުރިހަމަވެގެން އައި ދުވަސްވަރު އެ ދަރިކަލުން ﷲއަށް ޤުރްބާންކުރައްވަން އެންގެވުމުން އެއްވެސް ޖެހިލުމެއް، އެއްވެސް ޝަކުވާއެއްނެތި އެ ކަންކަމާ ކުރިމަތިލައްވައި އެ ބޮޑެތި އިމްތިޙާނުތަކުން ފާސްވެވަޑައިގަތުން ހިމެނިގެން ދިޔައީ އީމާންކަމުގެ ކިހާ މަތިވެރި މިސާލުތަކެއްގެ ގޮތުގައިތޯއެވެ؟

ލޮބުވެތި މުސްލިމް އަޚުންނޭވެ! ސަލާމަތް ހިތަކާއިގެން ﷲގެ ޙަޟްރަތަށް ދިއުމަށްޓަކައި ހަމަ ކޮންމެ މުސްލިމަކަށްވެސް ބޭނުންވަނީ އީމާންކަމުގެ މިފަދަ މަތިވެރި މިސާލުތަކުން ޢިބްރަތް ޙާޞިލްކޮށް، ނުގުޑާފަދަ ވަރުގަދަ ޢަޤީދާއެއްގެ މަތީގައި ސާބިތުވުމެވެ. ހިތުގައި ބަލިމަޑުކަންއުފެދުމުގެ ސަބަބުން ސާބިތުކަންގެއްލި މަގުއޮޅިފައިވާ މީހުންގެތެރެއިން ނުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ﷲ ސުބްޙާނަހޫ ޥަތަޢާލާ އެންމެހައި މުސްލިމުންގެ ހިތްތައް، ނިފާޤުގެ ބަލިމަޑުކަމުން މިންޖު ކުރައްވައި ސަލާމަތް ހިތްތަކެއްގެ ގޮތުގައި ލައްވާށިއެވެ. آمِيْن!

أَقُوْلُ قَوْلِيْ هَذَا ، وَ أَسْتَغْفِرُ اللَّهَ العَظِيْمَ الجَلِيْلَ لِيْ وَ لَكُمْ وَ لِسَائِرِ المُسْلِمِيْنَ مِنْ كُلِّ ذَنْبٍ فَاسْتَغْفِرُوْهُ  إِنَّهُ هُوَ الغَفُوْرُ الرَّحِيْمُ .

-----------------

 

ފަހު خُطْبَـــة

 

الحَمْدُ لِلَّهِ الَّذِيْ هَدَانَا لِهَذَا وَمَا كُنَّا لِنَهْتَدِيَ لَوْلاَ أَنْ هَدَانَا اللَّهُ، وَ الصَّلاّةُ وَ السَّلاَمُ عَلَى رَسُوْلِ اللَّهِ وَ عَلَى آلِهِ وَ صَحْبِهِ وَمَنْ وَالاَهُ، أَمَّا بَعْدُ! فَيَا أَيُّهَا المُسْلِمُوْنَ! أُوْصِيْكُمْ وَ نَفْسِيْ بِتَقْوَى اللَّهِ عَزَّ وَ جَلَّ، فَإِنََّهَا أَعْظَمُ زَادٍ يُقَدِّمُ بِهِ العَبْدُ عَلَى مَوْلاَهُ، فَقَدْ قَالَ اللَّهُ تَبَارَكَ وَ تَعَالَى فِيْ مُحْكَمِ كِتَابِهِ ] وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الْأَلْبَابِ[

ﷲ ސުބްޙާނަހޫ ޥަތަޢާލާއަށް ޙަމްދާއިޘަނާ ދަންނަވަމެވެ. އެއީ އަޅަމެނަށް ތެދުމަގު ދެއްކެވި އިލާހެވެ. އެ އިލާހު ތެދުމަގު ނުދެއްކެވިނަމަ އަޅަމެންނަކީ ތެދުމަގު ލިބިގެންވީ ބަޔަކުކަމުގައި ނުވީހެވެ. އަޅަމެނަށް ތެދުމަގު ދެއްކެވުމަށް ﷲ ފޮނުއްވި ރަސޫލާ މުޙައްމަދު  ޞައްލަﷲ ޢަލައިހި ވަސައްލަމް އަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި އެ ބޭކަލުންނަށް ތަބާވީހާ ބަޔަކަށް ޞަލަޥާތާއި ސަލާމް ލެއްވުންއެދި ދުޢާކުރަމެވެ. އެއަށްފަހު ދަންނާށެވެ! ތިޔަބައިމީހުން ﷲ ސުބްޙާނަހޫ ޥަތަޢާލާއަށް ބިރުވެތިވާށެވެ. ފަހެ ބިރުވެތިކަމަކީ އަޅާ ﷲގެ ޙަޟްރަތަށް ކުރާ ދަތުރުގައި ގެންދާ އެންމެ ހެޔޮ ކޮއްތެވެ. ފަހެ ﷲ ސުބްޙާނަހޫ ޥަތަޢާލާ ބަޤަރާ ސޫރަތުގެ 197 ވަނަ އާޔަތުގައި ޥަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. " ތިޔަބައިމީހުން ދަތުރުގެ ކޮއްތު ލިބިގަންނާށެވެ! ފަހެ އެންމެ ހެޔޮ ކޮއްތަކީ ތަޤްޥާއެވެ. އޭ ބުއްދީގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުން ތިމަން އިލާހަށް ތަޤްޥާވެރި ވާށެވެ."

ލޮބުވެތި މުސްލިމް އަޚުންނޭވެ! "ތަޤްޥާ" އަކީ އަޅާގެ ހިތުގައި ޚާލިޤުވަންތަ އިލާހާމެދު އޮންނަ ވަރުގަދަ އީމާންކަމެއްގެ ސަބަބުން އުފެދޭ ބިރުވެތިކަމަކަށް ކިޔާ ނަމެކެވެ. އޭގެ ނަތީޖާއަކީ އެ ބިރުވެތިކަމުގެ ސަބަބުން ﷲގެ އަމުރުފުޅުތަކަށް ބޯ ލަނބައި ކިޔަމަންވެ، ނަހީކުރެއްވި އެންމެހައި ކަންތައްތަކުން ދުރުވެގަތުމެވެ. އަދި އޭނާގެ ހިތް ﷲގެ ޛިކުރުން ޣާފިލުވެގެން ނުދިއުމެވެ. ތަޤްޥާ އަކީވެސް ހިތުގައި ހިނގާ ޝުޢޫރެކެވެ. އަދި އީމާންކަމަކީވެސް ހިތުގައި ހިނގާ ޝުޢޫރެކެވެ. މިދެންނެވި ތަޤްޥާގެ ޝުޢޫރާއި އީމާންކަމުގެ ޝުޢޫރުން ހުސްވެފައިވާ ހިތަކީ ސަލާމަތް ހިތަކަށް ނުވާނެއެވެ. މި ދެ ޝުޢޫރުން ހިތް އެކަހެރިވެފައިވާނަމަ، އިސާހިތަކު އެ ހިތަށް ކުފުރާއި ޝިރުކާއި ނިފާޤުގެ ބަލިމަޑުކަންވެރިވެގެންފާނެއެވެ. އޭރުން އެހިތަކީ ސަލާމަތް ހިތަކަށް ނުވާނެއެވެ. އޭރުން އެ ހިތް ވާނީ ބަލިމަޑުކަން ފެތުރިފައިވާ ހިތަކަށެވެ. ނުވަތަ ކުފުރުގެ ސިއްކަ ޖެހިފައިވާ ހިތަކަށެވެ. މިފަދަ ހިތްތަކުގެ ވާހަކައަށް، سُوْرَةُ البَقَرَة ގެ 7 ވަނަ އާޔަތާއި 10 ވަނަ އާޔަތުގައި އިޝާރާތް ކުރެވިފައިވެއެވެ. މިފަދަ ހިތްތަކުގެ ވެރިންނަކީ އަބާއްޖަވެރިން ކަމުގައިނޫނީ ނުވެއެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! އިންސާނުންގެ ހިތަކީ ވަރަށް އަވަހަށް ގޮތްގޮތަށް ބަދަލުވެ ފުށްފުށަށް ޖެހޭ އެއްޗެކެވެ. އެހެންކަމުން އަޅުގަނޑުމެން އަބަދުވެސް ހިތަށް ސާބިތުކަން ދެއްވުންއެދި ﷲގެ ޙަޟްރަތުގައި ދަންނަވަން ޖެހޭނެއެވެ. މި އުއްމަތުގެ މާތް ރަސޫލާ  ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އެކަލޭގެފަނުގެ އުއްމަތުގެ އަޅުތަކުންނަށް، މިކަމަށް އެދި ﷲއަށް ދަންނަވާނެ ގޮތް ދަސްކޮށްދެއްވާފައެވެ. ފަހެ އެކަލޭގެފާނު މިފަދައިން ދުޢާ ކުރައްވާކަމުގައި އުއްމު ސަލަމާގެ އަރިހުން ތިރްމިޛީ  ރިވާކުރައްވާފައިވެއެވެ. { يَا مُقَلِّبَ القُلُوْبِ، ثَبِّتْ قَلْبِيْ عَلَى دِيْنِكَ { މާނައީ " އޭ ހިތްތައް ބަދަލުކުރައްވަވާ އިލާހެވެ! މި އަޅާގެ ހިތް، އިނބަ އިލާހުގެ ދީންމަތީގައި ސާބިތުކުރައްވާނދޭވެ!

 عِبَادَ اللَّهِ! صَلُّوا وَسَلِّمُوا عَلَى رَسُوْلِ اللَّهِ، فَقَدْ أَمَرَكُمُ اللَّهُ بِهَذَا فَقَالَ عَزَّ وَجَلَّ مِنْ قَائِلٍ: إِنَّ اللَّهَ وَ مَلاَئِكَتَهُ يُصَلُّوْنَ عَلَى النَّبِيِّ يَآأَيُّهَا الَّذِيْنَ آمَنُوا صَلُّوا عَلَيْهِ وَ سَلِّمُوا تَسْلِيْمًا. اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَ عَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَ عَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَ عَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَجِيْدٌ، اللَّهُمَّ ارْضَ عَنِ الخُلَفَاءِ الرَّاشِدِيْنَ، أَبِيْ بَكْرٍ وَ عُمَرَ وَ عُثْمَانَ وَ عَلِيٍّ، وَ عَنْ سَائِرِ الصَّحَابَةِ وَ التَّابِعِيْنَ، وَ عَنَّا مَعَهُمْ بِكَرَمِكَ وَ جُوْدِكَ يَا أَكْرَمَ الأَكْرَمِيْن َ.

އަޅަމެންގެ ވެރި ރަސްކަލާނކޮ! އަޅަމެންގެ ހިތްތަކަށް ސަލާމަތްކަން ދެއްވައި އިނބަ އިލާހުގެ ދީންމަތީގައި ސާބިތުކުރައްވައިފާނދޭވެ! ކުފުރުގެ ނުބައިކަމާއި ނިފާޤުގެ ބަލިމަޑުކަމުން އަޅަމެންގެ ހިތްތައް ރައްކާތެރި ކުރައްވާނދޭވެ! އީމާންކަމާއި ޢިލްމުގެ ނޫރުން އަޅަމެންގެ ހިތްތައް އަލިކުރައްވައިފާނދޭވެ! އަޅަމެނަށް ތެދުމަގު ދެއްކެވުމަށް ފަހު އެ މަގުން އަޅަމެން އެއްކިބާ ނުކުރައްވާނދޭވެ! އަޅަމެންގެ ތެރެއިން ފާފަވެރިން ކުރާ ފާފަތަކުގެ ސަބަބުން އަޅަމެންގެ މައްޗަށް ޢާއްމުވެގެންވާ ކޯފާއެއް ނުފޮނުއްވާނދޭވެ! ބޮޑެތި ޠޫފާންތަކާއި ބިންހެލުމާއި ހޮނުގުގުރިން އަޅަމެން ރައްކާތެރި ކުރައްވައި ސަލާމަތްކުރައްވާނދޭވެ! ނުރައްކާތެރި ޑްރަގާއި އެންމެހައި މަސްތުވާ ތަކެތީގެ ވަބާއިން އަޅަމެންގެ ޒުވާންޖީލު ސަލާމަތް ކުރައްވާނދޭވެ! އެންމެހައި އަޚްލާޤީ ނުބައި ބަލިތަކުން އަޅަމެންގެ ޅަ ދަރީންނާއި ޒުވާނުން ރައްކާތެރިކުރައްވާނދޭވެ! އަޅަމެންގެ ދަރިންނާއި މައިންބަފައިންގެ ގުޅުމާއި ލޯބި ހެޔޮގޮތުގައި ދަމަހައްޓަވާފާނދޭވެ! އިނބަރަސްކަލާނގެ ޙަލާލުކުރެއްވި ތަކެތި ޙަލާލުކަމުގައި ބަލައިގަނެ، ޙަރާމްކުރެއްވި ތަކެތި ޙަރާމްކަމުގައި ބަލައިގަންނަ ބަޔަކުކަމުގައި އަޅަމެން ލައްވައިފާނދޭވެ! އަޅަމެންގެ މުޖްތަމަޢުން ފިތުނަވެރިކަމާއި ޙަސަދަވެރިކަމާއި ބައިބައިވުން ނެތިކުރައްވައި އިސްލާމީ އެއްބައިވަންތަކަމުގެ ގަހަނާއިން އަޅަމެން ޒީނަތްތެރިކުރައްވައި ޤައުމުގައި ހަމަހިމޭންކަމާއި ޞުލްޙަމަސަލަސްކަން ލައްވައިފާނދޭވެ! އަޅަމެންނަކީ، އަޅަމެންގެ އަމިއްލަ އެދުމަށްވުރެ، އިސްލާމްދީނާއި ޤައުމުގެ މަޞްލަޙަތަށް އިސްކަންދޭ ބަޔަކުކަމުގައި ލައްވައިފާނދޭވެ! އަޅަމެންގެ މުޖްތަމަޢުން ތަދުމަޑުކަމާއި ބަލިމަޑުކަންފިއްލަވައި ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގެ ނިޢްމަތް އަޅަމެނަށް ދެއްވާނދޭވެ! އަޅަމެންގެ ވެރި ރަސްކަލާނކޮ! އަޅަމެންގެ ދީނާއި ދުނިޔޭގެ ކަންތައް ހެޔޮގޮތުގައި ހިންގުމަށް އިނބަރަސްކަލާނގެ ހޮއްވަވާފައިވާ ބަޔަކަށް ހެޔޮ ވިސްނުން ދެއްވައި އިނބަ ރަސްކަލާނގެ ރުއްސަވާމަގަށް މަގުދައްކަވައިފާނދޭވެ! އަޅަމެންގެތެރެއިން މަރުވެގޮސްފައިވާމީހުންނާއި ދިރިތިބީންނަށް ފާފަ ފުއްސަވައި ރަޙްމަތް ލައްވައިފާނދޭވެ!

عِبَادَ اللَّهِ! إِنَّ اللَّهَ يَأْمُرُ بِالعَدْلِ وَ الإِحْسَانِ وَ إِيْتَاءِ ذِيْ القُرْبَى وَ يَنْهَى عَنِ الفَحْشَاءِ وَ المُنْكَرِ وَ البَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ ، أُذْكُرُوا اللَّهَ العَظِيْمَ الجَلِيْلَ يَذْكُرُكُمْ وَ اشْكُرُوا نِعَمَهُ يَزِدْكُمْ وَادْعُوْهُ يَسْتَجِبْ لَكُمْ وَلَذِكْرُ اللَّهِ أَكْبَرُ وَ اللَّهُ يَعْلَمُ مَا تَصْنَعُوْنَ .

=======

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި