Noorul-islam.NET :: ބައްޕަ ވަޒީފާގައި މަޝްޣޫލުވެ، މަންމަ ބާޒާރުމަތީގައި....

ބައްޕަ ވަޒީފާގައި މަޝްޣޫލުވެ، މަންމަ ބާޒާރުމަތީގައި....
Category »  އެޑިޓޯރިއަލް

ތާރީޚް: 14 މޭއި 2010

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ދަރިން ތަރުބިއްޔަތު ކުރުމަކީ ކޮންމެ މަންމައަކާއި ކޮންމެ މަންމައެއްގެ ޙަޔާތުގެ އެންމެ މުހިއްމު އެއް މަސްއޫލިއްޔަތެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މައިންބަފައިން އެބައިމީހުންގެ ޙަޔާތުގެ މުހިއްމު ކަންތައްތަކުގެ ލިސްޓު ހަދާލާއިރު، އެއިގެ އެންމެ ފަހަތުގައި ހިމަނާލަނީ ދަރިން ތަރުބިއްޔަތު ކުރުމެވެ.

ގޭގެ ކަންތައް ބެލެހެއްޓުމަށާއި އަނބި ދަރިންގެ ޚަރަދު ބެލެހެއްޓުމަށް ބައްޕަ ވަޒީފާ އަދާކުރެވެ. ރެއާއި ދުވާލު ހަތަރުދަމު ދުނިޔޭގެ މުދަލުގެ ފަހަތުގައި ބައްޕަ އުޅެނީއެވެ. ހަމަ އެއާއެކު މަންމަވެސް ބައްޕަގެ މަސައްކަތުގައި އެހީވުމުގެ ނިޔަތުގައި ވަޒީފާތައް އަދާކުރަނީއެވެ. ބާޒާރުމަތީގެ ފިހާރަތަކާއި އަމިއްލަ ނުވަތަ ސަރުކާރު އޮފީސް ތަކުގައެވެ. ޙަލާލެއް ޙަރާމެއް ބެލުމެއް ނެތި ދުނިޔެ އެއްކުރަމުން ދަނީއެވެ. މިގޮތަށް ދުނިޔަވީ ބިޒީކަމުގައި އުޅުމުގައި، އެބައިމީހުންގެ ހިތާއި ލޮލުގެ ފިނިކަން ކަމުގައިވާ ދަރިންގެ ތަރުބިއްޔަތާމެދު ވިސްނާލާނެ ފުރުޞަތެއް ނެތެވެ. ދަރިންނަށް ކޮށްދޭން ޖެހޭ ކަންތައް ތަކުގެ ތެރެއިން، ނުވަތަ ދަރިންގެ ޙައްޤު ތަކުގެ ތެރެއިން އެބައިމީހުން ހަނދާން ހުންނަނީ ހަމައެކަނި ދަރިންގެ ކެއިން ބުއިމާއި އަންނައުނާއި ބަލިވެއްޖެނަމަ އަޅާލުމެވެ. މިކަމުގައި ނަޢަމްސޫފިތަކާ އެއް ހަމައެއްގައި ވެއެވެ. ސަބަބަކީ އެތަކެތިވެސް އެތަކެތީގެ ދަރިންނަށް ކާއެތި ހޯދައިދޭން މަސައްކަތް ކުރެއެވެ. އަދި ބަލިވެއްޖެނަމަ އެއަށް އޯގާތެރިވެއެވެ.

ދެން އެ ނިކަމެތި ދަރިއެވެ. ފަހެ އޭނާ ވެގެންދަނީ ގެއްލިގެންދާ އަމާނާތަކަށެވެ. އަދި ބަލަހައްޓަންޖެހޭ ފަރާތުން އިހުމާލުވެވޭ މީހަކަށެވެ. އެއިގެ ސަބަބުން މުޖުތަމަޢުގައި ޖެހޭ ކޮންމެ ވައިރޯޅިއެއް ގެންދާ ދިމާއަކަށް ދެއެވެ. ނުބައި ފިކުރުތަކުގެ ޝިކާރައަކަށްވެދެއެވެ. ބައެއް ފަހަރު ގޭގައި ގެންގުޅޭ ނޯކަރުމީހާގެ ތަރުބިއްޔަތުގައި ހިމެނިގެން ދެއެވެ. އަނެއްބައިފަހަރު މަގުމަތީގައްޔާއި ގޯޅިގޯޅި ކަންމަތީގެ މީހުންގެ ތަރުބިއްޔަތުން ތަރުބިއްޔަތު ލިބިގަނެއެވެ. އަދި އޭގެ ސަބަބުން ޙަޔާތް ބައްޓަން ކުރުމަށް އަލިކުރާނެ ދަންމަރަކީ ފަސާދަވެފައިވާ އަޚްލާޤެއް ކަމުގައި ބެލެވެއެވެ.

ހިތާމައާއެކު ފާހަގަ ކުރަންޖެހެނީ މިއަދު އަޅުގަނޑުމެންގެ ދަރިންގެ ތެރެއިން ގިނަ ދަރިންނަށް ނަމާދުގެ ބަންގި އަޑުއިވުނަސް އެއީ މާބޮޑު ކަމަކަށް ނުވާކަމެވެ. އެއީ ތިމަންނައާ މުޚާޠަބު ކުރެވޭ އެއްޗެކޭ ހީ ނުވާކަމެވެ. އެއީ ކާފައާއި ކާފަގެ ރައްޓެހިން ދާންޖެހޭ ތަނެއްކަމުގައި ޤަބޫލު ކުރެވޭ ކަމެވެ. ހަމައެކަނި ހުކުރު ދުވަހު ނުވަތަ ހަމައެކަނި ޢީދު ދުވަހު ނޫނީ މިސްކިތުގެ އޮޅިގަނޑު ގިރާކޮށް މިސްކިތުގައި ތިބޭ ނަމާދުކުރާ މީހުން ނުފެންނަ ކަމެވެ. ކިރިޔާވެސް މިސްކިތް ފެންނަނަމަ ފެންނަނީ ރަމަޟާން މަހުގައެވެ.

ކަން މިހެން ހުރިއިރު ޙަލާލާއި ޙަރާމް ވަކިކޮށް ދެނެގަތުމުގެ ޙާލަތު ހުންނާނެ ގޮތް ވިސްނާލެވެއެވެ.

ލޮބުވެތި މައިންނޭވެ! ލޮބުވެތި ބަފައިންނޭވެ! ތިޔަ ބޭފުޅުންނާ ޙަވާލުވެފައިވާ ޒިންމާއާމެދު ފަރުވާ ކުޑަ ނުކުރައްވާށެވެ. އެއްވެސް ޙާލެއްގައި އަންހެނުން ވަޒީފާތަކަށް ދިޔުމަކީ ޙަރާމްކަމެކޭ ދަންނަވަނީއެއް ނޫނެވެ. އިސްލާމީ ޙުދޫދުގެ ތެރޭގައި ކުރެވޭނަމަ އެއީ ހުއްދަކަމެއް ކަމުގައި ޤަބޫލުކުރަމެވެ. އެހެން ނަމަވެސް، މައިންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ ނުފޫޒު ގަދަ ފަރާތެވެ. މުޖުތަމަޢުގެ ޖީލު ތަރުބިއްޔަތު ކުރުމުގައި އެންމެ ފުރިހަމަ ޒިންމާއެއް އަދާކުރެވޭނެ ފަރާތަކީ އެއީއެވެ. މަންމަގެ އުނގުން ލިބޭ ތަރުބިއްޔަތަކީ ދަރިންގެ މުސްތަޤްބަލް ބިނާކުރާ ކަންތައްތަކެވެ.

ލޮބުވެތި މައިންނޭވެ! ލޮބުވެތި ބަފައިންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. " إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلاَّ مِنْ ثَلَاثٍ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُوْ لَهُ " މާނައީ: " އާދަމުގެ ދަރިޔާ މަރުވުމަށްފަހު ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ކެނޑިގެން ދެއެވެ. (އެއީ) ދެމިގެންވާ ޞަދަޤާތެކެވެ. ނުވަތަ އެޢިލްމެއްގެ ސަބަބުން (އޭނާއަށާއި އެހެން މީހުންނަށް) ފައިދާކުރަނިވި ޢިލްމެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކުރާނެ ޞާލިހު ދަރިއެކެވެ."

އެހެންކަމުން ތިބާގެ ދަރިއަކީ މާދަމާ ތިބާ މަރުވުމަށްފަހު ތިބާއަށް ހެޔޮ ދުޢާ ކޮށްދެވޭ ފެންވަރުގެ، ޞާލިޙު ދަރިއެއް ކަމުގައި ހެއްދެވުމަށް މަސައްކަތް ކުރައްވާށެވެ. އަޅުގަނޑުމެންނަށް އޮތީ މަސައްކަތް ކުރުމެވެ. ތައުފީޤް ދެއްވާނީ ﷲ އެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޢިއްޒަތްތެރި ބެލެނިވެރިންނޭވެ! މިއީ ފެށުމެއް ކަމަށް ބަލައިގެން ކުރިއަށް ވަޑައިގަންނަވާށެވެ. ދަރިންނަށް ފުރިހަމަ ނަމޫނާއަކަށް ވެވަޑައިގަންނަވާށެވެ. ހަތް އަހަރުގެ ޢުމުރަށް ދިޔުމުން ނަމާދުކުރުމަށް ދަރިންނަށް އަމުރުކުރައްވާށެވެ. ދިހަ އަހަރު ވުމުން ނަމާދު ނުކުރާނަމަ އަދަބު ދެއްވާށެވެ. އެއީ އަނިޔާވާފަދަ އަދަބެއް ނޫނެވެ. އެހެނަސް އެއިގެ ތަދު އިޙްސާސް ވާ އަދަބެކެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި