Noorul-islam.NET :: ރާއްޖޭގެ މިސްކިތްތަކުގައި ހެދޭ ޖަމާޢަތްތަކުގެ ޞައްޙަކަމާމެދު
ރާއްޖޭގެ މިސްކިތްތަކުގައި ހެދޭ ޖަމާޢަތްތަކުގެ ޞައްޙަކަމާމެދު
Category »  ސުވާލާއި ޖަވާބު

ތާރީޚް: 7 މޭއި 2010

އަޞްލު : އެމްވީ އިސްލާމް ކިޔުއޭ www.mvislamqa.com

ސުވާލު: މިހާރަކަށް އައިސް ބައެއް ފަރާތްތަކުން މިސްކިތުގެ ޖަމާޢަތް ދޫކޮށްލާ މިސްކިތުގެ ޖަމާއަތް ނިމުމުން ވަކިން ނަމާދުކުރާތަން ދަނީ ފެންނަމުންނެވެ. މިމީހުން ބުނާގޮތުގައި މިސްކިތްތަކުގެ ޖަމާޢަތްތަކަކީ ސައްޙަ ޖަމާއަތްތަކެއް ނޫނެވެ. އެހެންކަމުން އަޅުގަނޑުގެ ސުވާލަކީ މިފަދަ ފަރާތްތަކުގެ އެބުނާވާހަކައަކީ ދީނީ ގޮތުން ކިހާ ވަރެއްގެ ވާހަކައެއްތޯއާއި ރާއްޖޭގެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުމަކީ ނަމާދަށް އެއްވެސް އަސަރެއް ކުރާވަރުގެ ކަމެއްތޯއާއި އެޖަމާއަތްތަކީ ސައްޙަނޫން ޖަމާއަތްތަކެއްތޯއެވެ.

ޖަވާބު:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:

ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންގެ މައްޗަށް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެކެވެ. އެކަމުގެ ދަލީލުތައް ބައިވަރެވެ. އޭގެ ތެރޭގައި:

1.   ﷲ ވަޙީ ކުރައްވާފައިވެއެވެ. (و إذا كنت فيهم فأقمت لهم الصلاة فلتقم طائفة منهم معك و ليأخذوا أسلحتهم ) މާނައަކީ: "އެބައިމީހުން (މުސްލިމުން) ގެ ތެރޭގައި ކަލޭގެފާނުން ހުންނަވައި، އެމީހުންނަށްޓަކައި ނަމާދު ގާއިމް ކުރައްވައި، (އެބަހީ ބަންގި އާއި ގަމަތް ދެއްވައި) ފިނަމަ، އެމީހުންގެ ތެރެއިން ބަޔަކު، ކަލޭގެފާނުންގެ އަރިހުގައި ނަމާދަށް ގާއިމްވާހުށި! އަދި، އެބައިމީހުން، އެބައިމީހުންގެ ހަތިޔާރު ހިފާހުށި!....." (ސޫރަތުއް ނިސާ ގެ 102 ވަނަ އާޔަތް).

މިއާޔަތުގެ ވަޖްހުލް އިސްތިދްލާލަކީ: ޖަމާޢަތުގައި ނަމާދު ކުރުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ އަމުރު ކުރައްވާފައިވާކަން، އަދި ދެވަނަ އަށް އަންނަމީހުންވެސް ޖަމާޢަތުގައި ނަމާދުކުރުމަށް އަންގަވާފައިވުން، ހަމަ މިއާޔަތުގެ ފަހަތުބައިގައި ވަޙީކުރައްވަނީ (و لتأت طائفة أخرى لم يصلوا فليصلوا معك ) މާނައަކީ: "އަދި ނަމާދު ނުކޮށްތިބިބަޔަކު އަންނަހުށި! އަދި، އެބައިމީހުން ކަލޭގެފާނުންގެ އަރިހުގައި ނަމާދުކުރާހުށި!" (މިއާޔަތުގައި މިވަނީ ހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރާނެ ގޮތުގެ ވާހަކައެވެ).

މިއާޔަތުން ދޭހަވާ ގޮތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ޢައިނިއްޔަ ފަރްޟެކެވެ. (ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވާ ކަމެއް ކަމެވެ). އެހެނީ ޖަމާޢަތުގައި ނަމާދު ކުރުމަކީ ސުންނަތެއް ކަމުގައިވީނަމަ ހަނގުރާމައިގެ މައިދާނުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ނުކުރެއްވީހެވެ. އަދި ޖަމާޢަތުގެ ނަމާދަކީ ކިފާޔަތުގެ ފަރްޟެއް (އެއްބަޔަކު ކުރުމުން ދެން ތިބި މީހުންގެ މަތިން ފުދިގެންވާ ފަރުޟު) އެއް ނަމަ، ދެވަނަ ޖަމާޢަތުގެ މީހުންވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރެއް ނުކުރެއްވީހެވެ. ފުރަތަމަ ޖަމާޢަތުގެ މީހުން ޖަމާޢަތުގައި ކުރުމުން ދެންތިބިމީހުން ގެ މަތިން ފުދުނީހެވެ. އަދި ހަނގުރާމައިގެ ބިރުވެރި ޙާލަތުގައިވެސް ޖަމާޢަތުގައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވުމުން ދޭހަވަނީ، ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެއް ކަމެވެ.

2.  އަބޫހުރައިރާ-ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "މުނާފިގުންގެ މައްޗަށް އެންމެ ބަރު އުނދަގޫ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. އެދެނަމާދުގައިވާ މާތްކަން އެބައިމީހުންނަށް އެނގޭނަމަ ބަނޑުޖަހައިގެން ނަމަވެސް މިސްކިތަށް އައީހެވެ، ނަމާދަށް ގަމަތް ދިނުމުން މީސްތަކުންގެ ތެރެއިން މީހަކާ އިމާމުވެ ނަމާދު ކުރުމަށް ޙަވާލުކޮށްފައ، ޖަމާޢަތަށް ނައިސް ތިބި މީހުންގެ ގެތަކަށް ގޮސް ހުޅުޖައްސަވައިފާނަމޭ ތިމަން ކަލޭގެފާނުގެ ހިތްޕުޅަށް އަރާވަޑައިގަންނަވައެވެ".

3.  އިމާމް އަޙްމަދު-ރަޙިމަހު ﷲ- ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. "ގޭގޭގައި އަންހެނުންނާއި ކުޑަކުދިން ނުތިބޭނަމަ، ޢިޝާނަމާދަށް ގަމަތް ދިނުމަށްފަހު މިސްކިތަށް ނައިސް ތިބޭމީހުންގެ ގެތަކުގައި ހުޅުޖެއްސެވުމަށް އަމުރުކުރެއްވީމުހެވެ".

4.  އެއް ދުވަހަކު ލޯފަންމީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. އެހެންކަމުން ތިމަންނާ ޖަމާޢަތަށް މިސްކިތަށް ނުގޮސް ހުރުމުގެ ހުއްދަ ދެއްވުން އެދެމެވެ. ދެން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް އެކަމުގެ ހުއްދަ ދެއްވިއެވެ. އެމީހާ ނިކުމެގެން ދާން ހެދުމުން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް ގޮވާލައްވާ ގެންނެވިއެވެ. އަދި ސުވާލު ކުރެއްވިއެވެ. "ތިބާ އަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟"، އެމީހާ ދެންނެވިއެވެ. "އާދޭހެވެ"، ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވެއްޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ".

ޖަމާޢަތަށް ނަމާދަށް ނުގޮސް ގޭގައި ނަމާދު ކުރުމަކީ ރަގަޅު ގޮތް ކަމުގައިވީނަމަ، ލޯފަންމީހާ އަށް އެހުއްދަ ދެއްވީހެވެ.

5.  އިބްނު ޢައްބާސް-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ބަންގީގެ އަޑު އިވި، ޢުޛުރެއް މެދުވެރިނުވެ، މިސްކިތަށް ނުދިޔަ މީހާ ގެ ނަމާދެއް ނުވެއެވެ". ދެންނެވުނެވެ. "ޢުޛުރަކީ ކޮބައިތޯއެވެ؟، ޙަދީޘް ކުރެއްވިއެވެ. "ބިރުވެރިކަމެއް ނުވަތަ ބަލިމަޑުކަމެކެވެ".

6.  ޢަބްދުﷲ ބިން މަސްޢޫދު- ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިން ތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސް މީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެ ކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސްތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާމީހުންނެވެ".

މިޙަދީޘުން ދޭހަވާ ގޮތުގައި މިސްކިތުގެ ޖަމާޢަތަށް ޙާޟިރު ނުވެ ތިބޭނީ ކަނޑަ އެޅިގެން މުނާފިގުންނެވެ.

ކޮންމެ އަކަސް މިސްކިތުގެ ޖަމާޢަތަކީ މިފަދަ މަތިވެރި ދަރަޖައެއް ދެއްވާފައިވާ ކަމަކަށްވީ ހިނދުގައި މިސްކިތަށް ނައިސްތިބުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ކަމެއް ކުރާމީހެއްނަމަ، އަވަހަށް އެކަމަކުން ތައުބާވެ ރުޖޫޢަވުން ހުއްޓެވެ.

ރާއްޖޭގައި މިސްކިތަށް ޖަމާޢަތަށް ނުދާ ބައެއް މީހުން ދައްކަމުން ދާ ވާހަކައަކީ ޝާފިޢީ މަޛްހަބަށް ނަމާދު ކުރުމަށް އިމާމުންނަށް ސަރުކާރުން އަންގާފައިވާ ކަމަށާއި، ފަތިސްނަމާދުގައި ގުނޫތު ކިޔާ މައްސަލައާއި މިފަދަ ބައެއް ކަންތައް ތަކެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރުން އެފަދަ އަމުރުތަކެއް ކޮށްފއިވީނަމަވެސް މިހާރު ﷲ ގެ ރަޙްމަތުން އެކަންވަނީ ފޮހެވިގެން ގޮސްފައެވެ. އަދި އެކަން އެގޮތަށް އޮތް ކަމުގައިވީނަމަވެސް ޙައްގު ގޮތަކީ އެއީ ނޫންކަން ތިރީގައި މިލިޔާ ފަތްވާ އިން ދޭހަވެގެންދެއެވެ.

ދާއިމީ ގޮތެއްގައި  ފަތިސްނަމާދުގައި ގުނޫތު ކިޔުމަށް ސަރުކާރުން މަޖްބޫރު ކުރުވައިފިނަމަ ކަންތައްކުރާނީ ކިހިނަކުންތޯ ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިންކޮޅަކާއި ކުރެވުނު ސުވާލާއި އޭގެ ޖަވާބު. ފަތްވާ ގެ އޮރިޖިނަލް ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތްކޮށްލައްވާށެވެ.

http://www.islamqa.com/ar/ref/59925/

ސުވާލު: އަޅުގަޑުމެންނަކީ ދެކުނު އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ ބަޔަކީމެވެ. ސަރުކާރުން މިސްކިތްތަކުގެ އިމާމުންނަށް އަންގާފައިވަނީ ޝާފިޢީ މަޛްހަބަށް ނަމާދު ކުރުމަށެވެ. އެހެންކަމުން މިފަދަ މުގައްލިދުންގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވާނެތޯއެވެ. މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އެބައިމީހުން ފަތިސްނަމާދުގައި ގުނޫތު ކިޔަނީ ސުންނަތެއް ކަމުގައި ދެކިގެންނެވެ. އަދި ފަތިސްނަމާދުގައި  ހަނދާންނެތިގެން ގުނޫތު ނުކިޔިއްޖެނަމަ ކުށުސަޖިދަ ވެސް ޖަހައެވެ؟

ޖަވާބު:

ﷲ އަށް ޙަމްދު ހުއްޓެވެ.

ފުރަތަމަ:

 ފަތިސްނަމާދުގައި ދާއިމީކޮށް ގުނޫތު ކިޔުމަކީ ސުންނަތެއް ނޫނެވެ. ސުވާލު ނަމްބަރު (20031) އާއި ސުވާލު ނަމްބަރު (5459) ގައި މިކަންވާނީ ބަޔާން ކޮށްދެވިފައެވެ.

ދެވަނައަށް:

ފަތިސްނަމާދުގައި ގުނޫތުކިޔާ މީހެއްގެ ފަހަތުގައި ތިޔަބައިމީހުން ތިޔަ ކުރާ ނަމާދަކީ ޞައްޙަ ނަމާދެކެވެ. ދާއިމީ ގޮތެއްގައި ގުނޫތު ނުކިޔާ މީހަކު ހުރިނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ކުރުން އައުލާކަން ބޮޑުވެގެންވެއެވެ. ސުންނަތް ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

ޢިލްމުވެރިން އިޚްތިލާފުވެފައިވާ ބައެއް އިޖްތިހާދީ މައްސަލަ ތަކާއި ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ-ރަޙިމަހު ﷲ- ވިދާޅުވެފައިވެއެވެ. ފަތިސްނަމާދުގައްޔާއި ވިތްރީގައި ގުނޫތުކިޔުމާއި މިފަދަ މައްސަލަތަކާއި ގުޅިގެން ވިދާޅުވިއެވެ.

"ދެގޮތުންކުރެ ކޮންމެ ގޮތަކަށް ކުރިކަމުގައިވީނަމަވެސް އަޅުކަން ޞައްޙަވެ، ފާފަވެރި ނުވާނެކަމަށް ޢިލްމުވެރިން އިއްތިފާގްވެލައްވާ މައްސަލަތަކެވެ. އެހެންނަމަވެސް މޮޅުއިތުރު ގޮތަކީ ކޮބައިކަމާއި، ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރެއްވީ ކޮންގޮތަކަށް ކަމާއި މެދު ޢިލްމުވެރިން ދެބަސްވެވަޑައިގަންނަވައެވެ. ފަތިސްނަމާދާއި ވިތުރީގައި ގުނޫތު ކިޔުމާއި، އަޑުހަރުކޮށް ބިސްމި ކިޔުމާއި، އިސްތިޢާޛާ ގެ ޞީޣާ އާއި މިނޫންވެސް މައްސަލަތަކެވެ. ހުރިހާ ޢިލްމުވެރިންވެސް އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި އަޑުހަރުކޮށް ބިސްމި ކީ ކަމުގައި ވީނަމަވެސް ނަމާދު ޞައްޙަވާނެއެވެ. އަދި ސިއްރުން ބިސްމި ކީ ކަމުގައިވީ ނަމަވެސް ނަމާދު ޞައްޙަވާނެއެވެ. ފަތިސްނަމާދުގައި ގުނޫތު ކިޔާ މީހާގެ ނަމާދުވެސް ޞައްޙަވާނެއެވެ. އަދި ފަތިސް ނަމާދުގައި ގުނޫތު ނުކިޔާ މީހާގެ ނަމާދުވެސް ޞައްޙަވާނެއެވެ. ވިތުރީގައި ގުނޫތު ކިޔުންވެސް ހަމައެފަދައެވެ". އިބްނު ތައިމިއްޔާގެ ވާހަކަ ކޮޅު ނިމުނީއެވެ.

އަދިވެސް އެކަލޭގެފާނުގެ "ފަތާވާ" ގެ 23/115 ގައި ވިދާޅުވެފައިވެއެވެ.

"އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ދޭހަވަނީ ގުނޫތު ކިޔުން ވަނީ މުސްލިމުންނަށް ބޮޑު މުޞީބާތެއް މެދުވެރިވާހިނދުގައި ކަމެވެ. ގުނޫތު ކިޔުމަކީ ނަމާދު ގެ އަބްޢާޟު ސުންނަތެއްކަމުގައްޔާއި، ނުކިޔައިފިނަމަ ކުށުސަޖިދަ ޖަހަން ޖެހޭނެކަމަށް ދެކިލައްވާ ބޭކަލުންގެ ވާހަކަ ބިނާކުރައްވާފައިވަނީ ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ސުންނަތެއްކަމުގައްޔާއި، އެއީ މެދުއައްތަޙިއްޔާތު ފަދަ ކަމެއްކަމުގައި ދެކިލައްވައިގެންނެވެ. އެހެންނަމަވެސް ޙަގީގަތަކީ އެއީ ނޫން ކަން ބަޔާންވެގެންވެއެވެ. ފަތިސްނަމާދުގައި ގުނޫތު ކިޔުމަކީ ރަވާތިބު ސުންނަތެއް ނޫންކަން ދޭހަވެއެވެ. އަދި ފަތިސްނަމާދުގައި ގުނޫތު ނުކިޔުމަކުން ކުށުސަޖިދަ ޖަހަން ނުޖެހޭކަންވެސް ދޭހަވެއެވެ. އެހެންނަމަވެސް އެއީ ސުންނަތެއްކަމުގައި ދެކިގެން އެކަންކޮށްފީމީހަކަށް ފާފައެއްނެތެވެ. އެނޫންވެސް އިޖްތިހާދީ މައްސަލަތަކެކޭ އެއްފަދައިން މިމައްސަލާގައި ވެސް އެމީހެއްގެ އިޖްތިހާދަށް ބުރަވެވިދާނެއެވެ. އެހެންކަމުން، އިޖްތިހާދު ކުރެވިދާނެފަދަ މައްސަލަތަކުގައި މައުމޫމުން އިމާމާ އަށް ތަބަޢަވާންވާނެއެވެ. އިމާމާ ގުނޫތު ކިޔައިފިނަމަ ގުނޫތު ކިޔަންވާނެއެވެ. ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވަނީ (إنما جعل الإمام ليؤتم به) މިފަދައިންނެވެ. މާނައަކީ "އިމާމާ ލެވިފައިވަނީ އޭނާއަށް ތަބަޢަ ވުމަށެވެ". އަދިވެސް ޙަދީޘް ކުރެއްވިއެވެ. (لا تختلفوا على أئمتكم) މާނައަކީ: "ތިޔަބައިމީހުންގެ އިމާމުންނާއި ތަފާތުވެ ނުގަންނާށެވެ". އަދިވެސް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ބުޚާރީގައި އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (يصلون لكم ، فإن أصابوا فلكم ولهم ، وإن أخطأوا فلكم وعليهم) މާނައީ: "އެބައިމީހުން (އިމާމުން) ނަމާދު ކުރަނީ ތިޔަބައިމީހުންނަށްޓަކައެވެ. ރަގަޅަށްކޮށްފިނަމަ ތިޔަބައިމީހުންނަށާއި އެމީހުންނަށް(އިމާމުންނަށް)ވެސް ހެޔޮވެގެންވެއެވެ. ނުބައިވެއްޖެނަމަ ތިޔަބައިމީހުންގެ ނަމާދަކަށް މައްސަލައެއްނެތެވެ. ގޯސްއޮތީ އެބައިމީހުންނަށެވެ.(އިމާމުންނަށެވެ). މިހިސާބަށް އިބްނުތައިމިއްޔާގެ ވާހަކަކޮޅު ނިމުނީއެވެ.

އައްޝެއިޚް އިބްނު ޢުޘައިމީން-ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. "ދާއިމީ ގޮތެއްގައި ފަތިސްނަމާދުގައި ގުނޫތު ކިޔާ އިމާމަކު އަހަރުމެން ތެރޭގައި އުޅެއެވެ. އެފަދަ މީހެއްގެ ފަހަތަށް ނަމާދަށް އަރަންވީތޯއެވެ؟ އަދި އެފަދަ އިމާމުން ގެ ދުޢާގައި ބައިވެރިވެ އާމީން ކިޔަންވީތޯއެވެ؟ 

ޖަވާބުގައި ވިދާޅުވިއެވެ.

"ފަތިސް ނަމާދުގައި ގުނޫތުކިޔާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރަނީނަމަ، އިމާމާ އަށް ތަބަޢަވުމުގެ ގޮތުން ގުނޫތުގައި ބައިވެރިވާށެވެ. އަދި ދުޢާގައި އާމީން ވެސް ކިޔާށެވެ. އަލްއިމާމް އަޙްމަދު-ރަޙިމަހުﷲ- މިފަދައިން ވިދާޅުވިއެވެ". (މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން ގެ 14/177).

ސަޢޫދީ ޢަރަބިއްޔާގެ ފަތްވާކޮމެޓީއާއި އަންނަނިވި ސުވާލުކުރެވުނެވެ. "ފައިކުރި ތިރިކޮށްފައި ހުންނަ އަދި ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ދާއިމީކޮށް ގުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ނަމާދު ޞައްޙަވާނެތޯއެވެ؟

ޖަވާބުގައި އެބޭފުޅުން ވިދާޅުވިއެވެ. ނަމާދުގައި ވާއަތް މަތީ ކަނާ އަތް ބޭއްވުމަކީ ސުންނަތެކެވެ. ފައިކުރި ތިރިކުރުމަކީ ސުންނަތާއި ދުރުގޮތެވެ. ބައެއް މާލިކީންނާއި ޝާފިޢީން ދެކޭގޮތަށް ފަތިސްނަމާދުގެ ފަހު ރަކްޢަތުގައި ދާއިމީކޮށް ގުނޫތު ކިޔުމަކީ ސުންނަތާއި ޚިލާފު ގޮތެވެ. ސަބަބަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން އެކަން ޘާބިތުވާން ނެތުމެވެ. އެކަލޭގެފާނު ގުނޫތު ކިޔުއްވީ ބޮޑެތި މުޞީބާތްތައް މެދުވެރިވުމުންނެވެ. އަދި އެކަލޭގޭފާނު ވިތްރީ ގައި ގުނޫތު ކިޔުއްވިއެވެ. ސުވާލުގައިވާ ފަދައިން އިމާމް މީހާ ފައިކުރި ތިރިކޮށް، ދާއިމީގޮތެއްގައި ގުނޫތުކިޔާ އުޅޭނަމަ، ޢިލްމުވެރިން މެދުވެރިކޮށް އެފަދަ މީހަކަށް ނަޞޭޙަތްދިނުން ހުއްޓެވެ. އަދި ސުންނަތުގައި އައިސްފައިވާގޮތް އޭނާ އަށް ބަޔާންކޮށްދޭންވާނެއެވެ. އޭނާ ގަބޫލުކޮށްފިނަމަ ﷲ އަށް ޙަމްދު ހުއްޓެވެ. އޭނާ ދެކޮޅުހަދައިފިނަމަ، ސުންނަތާއި އެއްގޮތަށް ނަމާދުކުރާ އިމާމަކު ހުރެއްޖެނަމަ،ސުންނަތަށް ރައްކައުތެރި ވުމުގެ ގޮތުން އެފަދަ މީހެއްގެ ފަހަތުގައި ނަމާދު ކުރުން ހުއްޓެވެ. އެނޫން އިމާމަކު ނެތިއްޖެނަމަ، ޖަމާޢަތަށް ރައްކައުތެރިވުމުގެ ގޮތުން އޭނާގެ ފަހަތުގައި ނަމާދު ކުރާށެވެ. ދެގޮތުންކުރެ ކޮންމެ ޙާލަތެއްގައިވެސް ނަމާދު ޞައްޙަވާނެއެވެ". އހ. (ފަތާވާ އައްލަޖްނަތުއްދާއިމާ 7/366).

ދެން އޮތީ ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަކީ ސަރުކާރުން މުސާރަ ނަގާބަޔަކަށްވާތީވެ އެފަދަ އިމާމުންގެ ފަހަތުގައި ނަމާދު ޞައްޙަ ނުވާނެކަމަށް ބުނާވާހަކަތަކެވެ. މިކަމާއި ގުޅޭގޮތުން ކުރިވިފައިވާ ސުވާލާއި އޭގެ ޖަވާބުގެ ދިވެހި ތަރްޖަމާ މިތަނުގައި ނަކަލު ކޮށްލާނަމެވެ. وبالله التوفيق والهداية.  މިފަތްވާގެ އޮރިޖިނަލް ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.

http://islamqa.com/ar/ref/135691/

ސުވާލު: އަޅުގަޑުގެ ބައެއް ރަޙްމަތްތެރިން ޖަމާޢަތަށް މިސްކިތަށް ނުދަނީ އެމިސްކިތްތަކުގެ އިމާމުންނަކީ މުސާރަވެރި ބައެއްކަމަށްވާތީ ކަމަށް ބުނެ، އެމީހުން ސުވާލު އުފައްދާ ބުނަމުން ދަނީ  އިމާމުންގެ މަގްޞަދަކީ މުދާ ހޯދުންކަމަށް ވަނީ ނަމަ އެމީހުންގެ އިމާމަތު ޞައްހާވާނެބާއެވެ؟ އެހެންކަމުން މީސްތަކުންނައިގެން އިމާމުވެ ނަމާދު ކުރާ މީހުން ސަރުކާރުން މުސާރަނެގުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟

ޖަވާބު:

ﷲ އަށް ޙަމްދު ހުއްޓެވެ.

ފުރަތަމަކަމަކީ: ކުޅަދާނަކަން ލިބިގެންވާ ފިރިހެނުންގެ މައްޗަށް މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބު ކަމެކެވެ. ސީދާވެގެންވާ ތެދުމަގު ގެއްލިފައިވާ ފާފަވެރިޔަކު މެނުވީ ޖަމާޢަތުގައި ނަމާދަށް ނުގޮސް ނުހުންނާނެއެވެ.

1.  ޞަޙީޙް މުސްލިމް ގެ 654 ވަނަ ޙަދީޘް ގައި އައިސްފައިވެއެވެ. ޢަބްދުﷲ ބިން މަަސްޢޫދު- ރަޟިޔަ ﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މާދަމާ މުސްލިމެއްގެ ގޮތުގައި މާތް ﷲ އާއި ބައްދަލުކުރަން އެދޭމީހާ ބަންގީގެ އަޑު އިވޭ ހިނދުގައި މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަށް ރައްކައުތެރިވާށެވެ. ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ހިދާޔަތުގެ މަގުތައް ޝަރްޢު ކުރައްވާފައެވެ. މިސްކިތުގައި ޖަމާޢަތުގައި ނަމާދު ކުރުމަކީ ނަބިއްޔާ އަށް ދެއްކެވި ހިދާޔަތުގެ މަގުތަކުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މިސްކިތަށް ނުގޮސް ފަސްޖެހި ގޭގައި ނަމާދު ކުރާ މީހެއް ފަދައިން ތިޔަބައިމީހުން ގޭގައި ނަމާދުކޮށްފިނަމަ، ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލެވުނީއެވެ. ތިޔަބައިމީހުންގެ ނަބިއްޔާގެ ސުންނަތް ދޫކޮށްލައިފިނަމަ، މަގުގެއްލި ހަލާކުވެގެން ހިނގައިދާނެއެވެ. އެއްވެސް މީހަކު ވުޟޫކޮށްގެން ނަމާދަށް މިސްކިތަށް ގޮސްފިކަމަށްވަނީނަމަ، އޭނާގެ ކޮންމެ ފިޔަވަޅަކަށް ހެޔޮކަމެއް ދެއްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް އޭނާގެ ދަރަޖަ މަތިކުރައްވާނެއެވެ. އަދި ކޮންމެ ފިޔަވަޅަކަށް ފާފައެއް ފުއްސަވައިދެއްވާނެއެވެ. މިސްކިތަށް ޖަމާޢަތަށް ނައިސްތިބޭކަން ކަށަވަރީ މުނާފިގުކަން އެނގި ބަޔާންވެގެންވާމީހުންނެވެ".

2.  އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. "އެއް ދުވަހަކު ލޮލަށް ނުފެންނަ ލޯފަންމީހަކު އައިސް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ މިސްކިތަށް ގެންގޮސްދޭނެ މީހަކު ނެތެވެ. އެހެންކަމުން ތިމަންނާ ޖަމާޢަތަށް މިސްކިތަށް ނުގޮސް ހުރުމުގެ ހުއްދަ ދެއްވުން އެދެމެވެ. ދެން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް އެކަމުގެ ހުއްދަ ދެއްވިއެވެ. އެމީހާ ނިކުމެގެން ދާން ހެދުމުން ރަސޫލު ﷲ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- އޭނާ އަށް ގޮވާލައްވާ ގެންނެވިއެވެ. އަދި ސުވާލު ކުރެއްވިއެވެ. "ތިބާ އަށް ބަންގީގެ އަޑު އިވޭ ހެއްޔެވެ؟"، އެމީހާ ދެންނެވިއެވެ. "އާދޭހެވެ"، ކީރިތި ރަސޫލާ-ޞައްލަ ﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވެއްެޖެނަމަ (ބަންގީގެ އަޑުއިވިއްޖެނަމަ) އެޔަށް އިޖާބަ ދޭށެވެ".

އިބްނުލްމުންޛިރް-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ލޯފަންމީހާ އަށް ޢުޛުރެއް ނުވާ ހިނދުގައި ލޮލަށްފެންނަ މީހާއަށް ޢުޛުރެއް ނުވުން މާ އައުލާ ކަން ބޮޑެވެ". (އަލްއައުސަޠު 4/134، އަލްމުޣްނީ 2/3).

ޖަމާޢަތުގެ ނަމާދަކީ ވާޖިބެއްކަން ދޭހަވާ ދަލީލުތައް އިތުރަށް ބެއްލެވުމަށް ސުުވާލު ނަމްބަރު 8918 އަށް ޒިޔާރަތްކޮށްލައްވާށެވެ.

ދެވަނަކަމަކީ:

އިމާމުމީހާ ސަރުކާރުން މުސާރަ ނަގާކަމަށްވަނީ ނަމަ، އެއީ ބައިތުލްމާލުން އޭނާއަށް ދެވޭ އެއްޗެއްނަމަވެސް، ނުވަތަ މިސްކިތުގެ އަހްލުވެރިންގެ ފަރާތުން އޭނާ އަށް ލިބޭ އެއްޗެއް ކަމުގައިވީނަމަވެސް، އެކަމުގައި އޭނާގެ މައްޗަށް ފާފަ އެއް ނެތެވެ.

އަލްބަހޫތީ "އަލްކައްޝާފު" އޭ ކިޔުނު ފޮތުގެ (1/475) ގައި ލިޔުއްވާފައިވެއެވެ. "ޝަރްޠަކާއި ނުލާ އިމާމާ އަށް އެއްޗެއް ދެވިއްޖެނަމަ މައްސަލަ އެއް ނެތެވެ. އެއީ ބައިތުލްމާލުން ނުވަތަ މީސްތަކުން އަތުން ނަގާފައި ދިން އެއްޗެއް ނަމަވެސް އެވެ".

ސަޢޫދީ ގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ އައްޝެއިޚުލް ފައުޒާން އާއި ސުވާލު ކުރެވުނެވެ. "އަހަރެންނަކީ އަލްއައުގާފް ގެ މުވައްޠަފަކީމެވެ. އަހަރެންގެ ވަޒީފާ އަކީ ދީނީ ޝިޢާރު ތައް ފާޅު ކުރުމެވެ. ނުވަތަ އިމާމްވެ ނަމާދު ކުރުމެވެ. އެކަމަށް އަހަރެން މުސާރަ އެއްވެސް ނަގަމެވެ. އަހަރެންގެ މުސާރަ ޙަލާލުވާނެހެއްޔެވެ؟ އަދި ދަންނަވަމެވެ. އަހަރެންނަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ނުވެއެވެ؟

ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ. "އިމާމުންނަށް ބައިތުލް މާލުން ދިނުމަށް ކަޑައެޅިފައިވާ އެއްޗެއް ނަގައިގެން އިމާމުވެ ނަމާދު ކުރުމަކީ މައްސަލައެއް ނޫނެވެ. ސަބަބަކީ އޭގެ ސަބަބުން (ވަޒީފާ އަދާ ކުރުމުން ލިބޭ ޢިނާޔަތުގެ ސަބަބުން) ﷲ އަށް ކިޔަމަންތެރި ކަން އަދާ ކުރުމަށް އެހީތެރިވެދޭތީވެއެވެ.  މިއީ ދުނިޔަވީ އެދުމެއްނެތި، ﷲ ގެ ޙަޟްރަތުން ދަރުމަ އާއި ޘަވާބަށް އެދި އިމާމުކަން ކޮށްފިނަމައެވެ. އިމާމުކަން ކުރަނީ ހެވަށް އެދިގެންނެވެ. އަދި ޢިނާޔަތަށް އެދެނީ ދުނިޔަވީ ޙާޖަތުތައް ފުއްދާ، އިމާމު ކަމަށް ވަގުތު ހުސްކުރުމަށެވެ. އެހެންކަމުން، އިމާމުވެ ނަމާދު ކުރާމީހާ އެކަމުގެ މައްޗަށް އުޖޫރައެއް ނެގުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އަދިކިއެއްތަ، އޭގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަށް އިތުރު ބާރަކަށްވެއެވެ. އެހެންނަމަވެސް، އިންސާނާގެ ގަޞްދަކީ އަޅުކަމާއި ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން ކުރެވޭ ކަންތަކަކީ ދުނިޔެ ޙާޞިލްކުރުން ކަމަށްވަނީނަމަ، އެއީ ހުއްދަ ކަމަކަށް ނުވާނެއެވެ. އަދި އެކަމަކީ ބާޠިލް ކަމެކެވެ". (އަލްމުންތަގާ މިން ފަތާވާ އަލް ފައުޒާން 49/49-50).

މީސްތަކުން ދޭތަކެތީގައި އިމާމު މީހާ ހިފިކަމުގައިވީނަމަވެސް، އެކަމަށް ޝަރުޠުކުރެވިފައިނުވަނީނަމަ  އެއީ މައްސަލައެއް ނޫނެވެ. އަދިކިއެއްތަ، މީސްތަކުން ދިން އެއްޗެއް އޭނާ ހިފަނީއެވެ. މަދުވިޔަސް ގިނަވިޔަސް މައްސަލަ އެއް ނެތެވެ.

އަލްއިމާމް އަބޫދާވޫދު-ރަޙިމަހުﷲ- ވިދާޅުވިއެވެ. ތިމަންނާ ރަމަޟާން މަހު ނަމާދުކޮށްދޭނީ މިވެނި ވަރަކަށް ދީނާރު ދިނުމުންނޭ ބުނާ އިމާމަކާއި ބެހޭ ގޮތުން އިމާމް އަޙްމަދު-ރަޙިމަހު ﷲ- އާއި ސުވާލުވެވުނު އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. އިމާމް އަޙްމަދު-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "ﷲ ގެ ޙަޟްރަތުން މާފަށް އެދެމެވެ. މިފަދަ މީހުންގެ ފަހަތުގައި ނަމާދު ކުރަނީ ކާކުތޯއެވެ؟

އަދިވެސް އެކަލޭގެފާނު ވިދާޅުވިކަމަށް އައިސްފައިވެއެވެ. "ޒަކާތް ނުދޭ މީހެއްގެ ފަހަތުގައި ތިޔަބައިމީހުން ނަމާދު ނުކުރާހުށިކަމެވެ. އަދި އަޖުރު ދިނުމަށް ޝަރުޠު ކުރާ މީހެއްގެ ފަހަތުގައި ވެސް ނަމާދު ނުކުރާށެވެ. ޝަރުޠު ކުރުމަކާއި ނުލާ އެއްޗެއް ދިނުމަކުން މައްސަލައެއް ނެތެވެ". (އަލްމުޣްނީ ގެ 2/9).

އިބްނު ނުޖައިމް-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "ވަކި ޢަދަދެއް ދިނުމަށް ޝަރުޠު ނުކުރާކަމަށްވެފައި، މިސްކިތުގެ އަހުލުވެރިން އޭނާގެ ޙާޖަތުދެނެގެން ދޭ އެއްޗަކަށް އޭނާ ރުހެނީ ކަމަށްވަނީނަމަ މައްސަލަ އެއް ނެތެވެ". (އަލްބަޙްރުއް ރާއިގް 1/268).

ތިންވަނަކަމަކީ: އިސްވެދިޔަވާހަކަތަކުން ދޭހަވާ ގޮތުގައި އިމާމަކު ސަރުކާރުން މުސާރަނެގުން، ނުވަތަ މީސްތަކުން ދޭ ހަދިޔާގައި ހިފުމަކީ އެއީ އޭނާގެ އިމާމަތަށް އެއްެވެސް އަޘަރެއް ކުރާނެ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ މައްޗަށް ޖަރަޙަ ކުރުން ހުއްދަވާ ވަރުގެ ކަމެއްވެސް ނޫނެވެ. ސަބަބަކީ އެއީ އެއްވެސް މަޖްބޫރުކަމެއްނެތި އޭނާ ނަގާ އެއްޗަކަށްވީތީއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އިމާމު މީހާ އަކީ ފަގީރަކަށް ނުވިނަމަވެސް މުސާރަނެގުމަކީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. އަދި ޝަރުޠު ކޮށްގެން ހޯދިނަމަވެސް މައްސަލައެއް ނެތެވެ. މިއީ މާލިކީ، ޝާފިޢީ އަދި ޙަންބަލީ މަޛްހަބުގެ ބައެއް ފިގްހުވެރިން ދެކިލައްވާ ގޮތެވެ. (ޢާދިލް ޝާހީން ގެ އަޚްޛުލްމާލި ޢަލާ އަޢްމާލިލް ގުރްބި ގެ 1/206-220 ބައްލަވާ).

ކަންއޮތީ މިހެންކަމަށްވީ އިރު، މިފަދަ އިޖްތިހާދީ މައްސަލަތަކުގައި ތިމާގެ ރައުޔާއި ޚިލާފުވާމީހާ އާއި ދެކޮޅުހެދުމެއް ނެތެވެ. އަދި އެފަދަ މީހުންގެ މައްޗަށް އިންކާރު ކުރުމެއްވެސް ނެތެވެ. އެއީ ދަލީލުގެ ގޮތުން ބޮޑަށް ރަގަޅުކަމަށް އެމީހުންނަށް ގަބޫލުކުރެވޭ ގޮތެވެ. އެހެންކަމުން މިފަދަ ކަންތަކުގައި އެމީހުންގެ މައްޗަށް ޢައިބުބަސް ނުބުނުން ހުއްޓެވެ".

ހަތަރުވަނަ ކަމަކީ:

އިމާމާގެ މަގްޞަދަކީ ފައިސާހޯދުންތޯ ނުވަތަ ނޫންތޯ، މިފަދަ ކަންތައް ބެލުމަކީ އަޅުގަޑުމެންގެ މައްޗަށް ލާޒިމް ވެގެންވާ ކަންތަކެއް ނޫނެވެ. އެފަދަ ކަންތަކަކީ ﷲ އަށް ވަކީލުކޮށްލައިގެން ދޫކޮށްލަން ޖެހޭކަންތަކެވެ. އަދި މުޢާމަލާތު ކުރަން ޖެހޭނީ ބޭރުފުށަށެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "މީސްތަކުންގެ ހިތް ދެފަޅިކޮށް، ބަނޑުފެޅުމަކަށް ތިމަން ކަލޭގެފާނަކަށް އަމުރުވެވިގެންނެއް ނުވެއެވެ".

އެމީހުންގެ ހިތުގައިވާ އެއްޗެއް އަޅުގަޑުމެންނަށް އެގުނު ކަމުގައިވީނަމަވެސް، އެކަމަކުން އަޅުގަޑުމެންގެ ނަމާދަކަށް-އިންޝާ ﷲ- އަޘަރެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި އޭނާގެ ނިޔަތް ގޯސްވުމުން އޭގެ އަދަބު އޮތީ އެމީހަކަށެވެ. އަދި އެކަމުގެ ސަބަބުން ޖަމާޢަތުގައި ނަމާދު ކުރުން މަނަލެއްވެސް ނުކުރެއެވެ. އަދި ތަގްވާގެ ގޮތުން މަތިވެރި ރަގަޅު އެހެން އިމާމަކު ފެނިއްޖެނަމަ އެމީހެއްގެ ފަހަތުގައި ނަމާދު ކުރާނީއެވެ. އެފަދަ އިމާމަކު ނުފެނިއްޖެނަމަވެސް ޖަމާޢަތް ދޫކޮށްލުމަކީ ހުއްދަވެގެންވާ ގޮތެއް ނޫނެވެ. ސުންނަތުގައި ވާ ގޮތަކީ ރަގަޅު އެހެން އިމާމަކު ނެތްކަމަށްވަނީނަމަ، ހުކުރުނަމާދާއި ޖަމާޢަތުގައި ކުރެވޭނަމާދުތައް އިމާމުމީހާ ފާފަ އަކަށް އަރައިގަތުމުގެ ސަބަބުން ދޫކޮށް ނުލުމެވެ.

އިމާމް ޠަޙާވީ އެކަލޭގެފާނުގެ "ޢާގީދާ" ގައި ލިޔުއްވާފައިވެއެވެ. "ގިބްލައިގެ އަހްލުވެރިއެއްނަމަ، ފާޖިރެއް ނަމަވެސް، އަދި ޞާލިޙް މީހެއް ނަމަވެސް، އެމީހެއްގެ ފަހަތުގައި ނަމާދު ކުރެވޭނެއެވެ. އަދި އެމީހުންގެ ތެރެއިން މަރުވާ މީހުންގެ މައްޗަށް ކަށުނަމާދުވެސް ކުރެވޭނެއެވެ".

ޝައިޚުލްއިސްލާމް އިބްނުތައިމިއްޔާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ބިދްޢަވެރި ފާޖިރު އިމާމެއްގެ ނުލަފާކަން މަނާކުރުމަށްޓަކައި އޭނާގެ ފަހަތުގައި ނަމާދު ކުރުމަށް ވުރެ ބޮޑު ނުބައިކަމަކަށް އަރައިގަންނަން ޖެހެނީނަމަ، އެގޮތެއް ހުއްދަ އެއް ނުވާނެއެވެ. އަދިކިއެއްތަ، ހުކުރުނަމާދާއި، ޢީދުނަމާދު އަދި މިނޫންވެސް ޖަމާޢަތުގައި ކުރެވޭ ނަމާދު ތައް އެނޫންމީހެއްގެ ފަހަތުގައި ކުރެވެން ނެތްނަމަ އެފަދަ އިމާމެއްގެ ފަހަތުގައި ކުރަންވާނެއެވެ. އެހެންކަމުން މުޚްތާރު ބިން އަބީ ޢުބައިދުއްޘަގަފީ އާއި ޙައްޖާޖު ބިން ޔޫސުފް ގެ ފަހަތުގައި ޞަޙާބީން ހުކުރުނަމާދާއި އެނޫންވެސް ޖަމާޢަތުގެ ނަމާދުތައް ކުރެއްވިއެވެ. ފާޖިރު އިމާމެއްގެ ފަހަތުގައި ނަމާދު ކުރުމަށް ވުރެ ހުކުރުނަމާދާއި ޖަމާޢަތުގެ ނަމާދު ގެއްލުވާލުމުގެ ގެއްލުން މާބޮޑެވެ. ޚާއްޞަ ގޮތެއްގައި އެމީހުންގެ ފަހަތުގައި ނަމާދު ކުރުން ދޫކޮށްލުމުގެ ސަބަބުން އެމީހުން އިޞްލާޙު ވާނެ ކަމުގެ މަގެއް ފެންނަން ނެތް ނަމަ އެވެ. އެހެންކަމުން ޝަރްޢީ މަޞްލަޙަތެއް ގެއްލުވާލެވެނީ އެއްވެސް ނުބައިމަގެއް ދުރުކުރުމެއްނެތިއެވެ. އެހެންކަމުން ޖަމާޢަތަށް ނުދާމީހުން ސަލަފުންގެ ތެރޭގައި ބަލާ އުޅެނީ ބިދްޢަވެރިންގެ ތެރޭގައެވެ. ޞާލިޙް ރަގަޅު އިމާމެއްގެ ފަހަތުގައި ނަމާދު ކުރެވެނީ ނަމަ، ފާޖިރެއްގެ ފަހަތުގައި ކުރުމަށްވުރެ އައުލާ ކަން ބޮޑެވެ". (މަޖްމޫޢުލް ފަތާވާ 23/343).

އެހެންކަމުން އަޅުގަޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވަނީ  މާތް ﷲ އެކަލާންގެ ނަންފުޅު މަތިވެރިކުރެވި، އަދި، އެނަންފުޅު ގެނެވުމަށް އިރާދަ ކުރައްވައި، އަމުރު ދެއްވައިފައިވާ ގެތަށް ކަމުގައިވާ މިސްކިތަށް ޖަމާޢަތަށް ދިޔުމަށް ނަޞޭޙަތްތެރި ވުމެވެ. އަދި މުސްލިމުންނާއި އެކު މިސްކިތަށް ގޮސް، ޖަމާޢަތުގައި ބައިވެރިވެ، މުސްލިމުންގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމަށް މަސައްކަތްކޮށް، އެކަކު އަނެކަކުގެ ނެތިނުބައި ކިޔުމާއި، ނުބައިހީތަށް ހީކުރުމާއި، ބައިބައިވުމުން ދުރުހެލިވުމެވެ. والله أعلم.

 

ދެންއޮތީ ވަކި މަޛްހަބަކަށް ނަމާދު ކުރާތީވެ ޖަމާޢަތަށް ނުދަނީއްޔޭ ބުނާވާހަކަ ތަކަށް ރައްދު ދިނުމެވެ. މިކަމާއި ގުޅޭގޮތުން ވެސް ޢިލްމުވެރިންނާއި ކުރެވިފައިވާ ސުވާލަކާއި އޭގެ ޖަވާބު ނަގްލު ކޮށްލާނަމެވެ. وبالله التوفيق.  މި ފަތްވާގެ އަޞްލު ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.

http://www.islamqa.com/ar/ref/103339/

ސުވާލު: ވަކި މަޛްހަބަކަށް މީސްތަކުން ތަބަޢަ ކުރުވުމަށް މަސައްކަތް ކުރެވިދާނެތޯއެވެ؟ ޝަރްޢީ މައްސަލައެއްގެ ޙުކުމް ބަޔާން ކޮށްދިނުމުގައި އެހެންމަޛްހަބު ތަކުގެ ވާހަކަ ތައް ކިޔައިނުދީ ހަމައެކަނި ވަކި މަޛްހަބެއް މީސްތަކުންނަށް އުގަންނައިދިނުމަށް މަސައްކަތް ކުރުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟ ﷲ ތިޔަ ބޭކަލުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ؟

ޖަވާބު: الحمد لله، والصلاة والسلام على رسول الله، وبعد:

އިޖްތިހާދު (އަމިއްލަ އަށް މައްސަލަތަކުގެ ޙުކުމް ހޯދުން) ކުރުމުގައްޔާއި ތަގްލީދު (ވަކި މަޛްހަބަކަށް ތަބަޢަވުން) ކުރުމުގައި ރަށުގެ އަހުލުވެރިން ބެހިގެންވަނީ ދެބަޔަކަށެވެ.

ފުރަތަމަބަޔަކީ: ޝަރްޢީ ޙުކުމްތައް އިސްތިންބާޠު ކޮށް ދެނެގަތުމުގެ ޢިލްމާއި މަޢުރިފާ ލިބިގެންވާ ޢިލްމުވެރިން، މިފަދަ މީހުންގެ މައްޗަށް ލާޒިމްވެގެންވަނީ ދަލީލުގެ ގޮތުން އެމީހަކަށް ފެނުނު އެންމެ ރަގަޅު ގޮތަކަށް ތަބަޢަވުމެވެ.

ދެވަނަބަޔަކީ: ޝަރްޢީ ޢިލްމުގެ ރޮގުން ފަތްވާދީ އިޖްތިހާދުކޮށް، ޙުކުމްތައް އިސްތިންބާޠު ކުރުމުގެ ގާބިލުކަން ލިބިގެން ނުވާ ޢާއްމުންގެ މީހުން، ނުވަތަ ޝަރްޢީ ދާއިރާ ނޫން އެހެނިހެން ރޮގުތަކުން ކިޔަވައިގެން ތިބިމީހުން. މިފަދަ މީހުންގެ މައްޗަށް ލާޒިމްވެގެން ވަނީ ޢިލްމުވެރިންކުރެ ސުވާލުކޮށް މައްސަލަތަކުގެ ޙުކުމް އޮޅުން ފިލުވުމެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވަނީ މިފަދައިންނެވެ. "ތިޔަބައިމީހުންނަށް ނޭގެނީނަމަ، ދަންނަ މީހުންކުރެ ސުވާލުކުރާ ހުށިކަމެވެ". (ސޫރަތުއް ނަޙްލު ގެ 43 ވަނަ އާޔަތް). އެހެންނަމަވެސް، ދަންނަބޭކަލުންނަކީ މަޢުޞޫމް ބަޔަކުކަމުގައި ދެކިގެން ނުވާނެއެވެ. އެމީހުން ތަގްލީދު ކުރުމުގައި ޔަހޫދީންނާއި ނަޞާރާއިން ފަދައިން ހައްދުފަހަނަ އަޅައިގޮސްގެންވެސް ނުވާނެއެވެ. އެހެންވެއްޖެ ކަމަށް ވަނީނަމަ އެއީ ދީނުން ބޭރުވުމެވެ. ﷲ ގެ ވަޙީ ބަސްފުޅުގެ މާނާގައިވެއެވެ. "އެމީހުން، އެމީހުންގެ ބޮޑެތި ޢިލްމުވެރިންނާއި، ރާހިބުންނާއި، މަސީޙް ޢީސަބްނު މަރްޔަމް އަކީ، ﷲ ފިޔަވައި، ރައްބުން ކަމުގައި ނަގަތެވެ. ނަމަވެސް، އެއެންމެންނަށް އަމުރުކުރެވިފައިވަނީ ހަމައެކަނި އެއްކައުވަންތަ ﷲ އަށް އަޅުކަންކުޅައުމަށެވެ. އެކަލާންގެ ފިޔަވައި، ޙައްގުވެގެންހުރި އަޅުކަންވެވޭ އެހެން އެއްވެސް އިލާހަކު ނެތެވެ. އެމީހުން އެކަލާންގެ ރަސްކަންފުޅާއި އެއްހަމަކުރާ ހުރިހާ އެއްޗެއްގެ މައްޗަށް އެކަލާންގެ ހުސްޠާހިރުވަންތަކަމާއެވެ". (ސޫރަތުއް ތައުބާގެ 31 ވަނަ އާޔަތް).

މިފަދަ ޢިލްމުވެރިންގެ ފަތްވާ ތަކަށް ތަބަޢަވާށޭ ބުނެވުނު ބަހުގެ މަގްޞަދަކީ ދަލީލު ތަކުގެ މައްޗަށް ބުރަވެ ދީނީ މައްސަލަތަކުގެ ޙުކުމް އޮޅުން ފިލުވުމުގައި ދީނީ ޢިލްމުވެރިން ގެ އެހީތެރިކަން ހޯދުމެވެ. ފަހަރެއްގައިވެސް އެ ޢިލްމުވެރިންނަކީ މުގައްދަސް، މަޢުޞޫމް ބަޔަކު ކަމުގައި ދެކުމެއް ނޫނެވެ. އަދި އެމީހުންނަކީ ވަލީވެރިން ކަމުގައި ދެކުމެއްވެސް ނޫނެވެ.

އިބްނުތައިމިއްޔާ-ރަޙިމަހުﷲ- އެކަލޭގެފާނުގެ "މަޖްމޫޢުލް ފަތާވާ ގެ 20/211" ގައި ވިދާޅުވެފައިވެއެވެ. " ﷲ އަށާއި ރަސޫލާ އަށް ކިޔަމަން ގަތުމަށް މާތް ﷲ ވަނީ އަންގަވާފައެވެ.ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފިޔަވައި، އެހެންއެއްވެސް މީހަކު، އެމީހަކު ކުރާކޮންމެ އަމުރަކަށް ކިޔަމަން ވުމަށް އަންގަވާފައެއް ނުވެއެވެ. މިއުއްމަތުގެ ނަބިއްޔާ އަށް ފަހުގައި އެންމެ މާތް ބޭފުޅާ ކަމުގައިވާ އަބޫބަކުރުގެފާނުވެސް ވިދާޅުވީ ތިމަންނާ ﷲ އަށް ކިޔަމަން ގަންފިނަމަ ތިޔަބައިމީހުން ތިމަންނާއަށް ކިޔަމަން ގަންނާށެވެ. ތިމަންނާ ﷲ އަށް އުރެދިއްޖެކަމަށްވަނީނަމަ، ތިޔަބައިމީހުން ގެ މައްޗަށް ތިމަންކަލޭގެފާނަށް ކިޔަމަން ގަތުމެއް ނެތެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފިޔަވައި އެހެން އެއްވެސް މީހަކީ އެމީހަކު ކުރާ އަމުރުތަކުގައްޔާއި، ނަހީކުރާ ކަންތަކުގައި މަޢުޞޫމު ބަޔެއް ނޫނެވެ. އެހެންކަމުން އެއް އިމާމަށްވުރެ ގިނަ އިމާމުންގެ ވެސް ބަސްފުޅަކީ "ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފިޔަވައި ކޮންމެ މީހަކީ ވެސް އެމީހެއްގެ ބަސް ގަބޫލުކުރެވި އަދި ރައްދުވެސް ކުރެވޭ މީހެކެވެ".

އިސްވެ ބަޔާން ކުރެވުނު ވާހަކަތަކުން ދޭހަވެގެންދަނީ ޖަމާޢަތަށް ނަމާދަށް ދިޔުމުގެ މުހިއްމުކަމެވެ. އަދި އެޖަމާޢަތުގައި އެމީހެއްގެ އިޖްތިހާދާއި ޚިލާފަށް ކަމެއް ހިނގި ކަމުގައިވީނަމަވެސް ޖަމާޢަތް ދޫކޮށްލުން އެއްގޮތަކަށް ވެސް ހުއްދަވެގެން ނުވާކަމެވެ. އެހެންކަމުން އަޅުގަޑުމެންގެ ރާއްޖޭގައި ވަކި ޖަމާޢަތް ހަދައިގެން ނަމާދު ކުރާ އަޚުންނަށް ދޭން އޮތް ނަޞޭޙަތަކީ ޢިލްމުވެރިންގެ ބަސް ގަބޫލުކޮށް، މުޖްތަމަޢު އިޞްލާޙު ކުރުމުގައި އެންމެން އެކުގައި އަތްގުޅާލަމާތޯއެވެ. އެއްބައިވަންތަ ކަމަކީ ގަދަފަދަ ބާރެކެވެ. ހަމައެފަދައިން، ބައިބައިވެ ދެބަސްވެގަތުމަކީ ދީނުގެ ޙައްގުގައި ވެވޭ ބޭއިންޞާފެއްކަން ކަށަވަރެވެ. ތިޔަ އަޚުންގެ ހިތުގައިވާ ޝައްކުތަކުގެ ޖަވާބު ޢިލްމުވެރިން ގެ ބަސްކޮޅުތަކުގެ އަލީގައި ގެނެސްދެވިއްޖެކަމަށް އުއްމީދު ކުރަމެވެ. ﷲ ތަޢާލާ އަޅަމެން އެންމެންނަށް ހެޔޮ ތައުފީގް ދެއްވައި، ދިވެހި އުއްމަތް އަބަދުގެ އަބަދަށް އިސްލާމީ އުއްމަތެއްގެ ގޮތުގައި ލަހައްޓަވާށިއެވެ. އާމީން. والله أعلم.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި