Noorul-islam.NET :: ފަލަސްޠީނުގެ ޚަބަރު ދިވެހިންނަށް ވަންހަނާވެފައި...
ފަލަސްޠީނުގެ ޚަބަރު ދިވެހިންނަށް ވަންހަނާވެފައި...
Category »  އެޑިޓޯރިއަލް

ތާރީޚް: 17 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް

 

އޭ މުސްލިމު ދިވެހިންނޭވެ! ތިޔަބައިމީހުން މިކަމާމެދު ކުޑަ ހިނދުކޮޅަކު ވިސްނާލާށެވެ!

މުސްލިމުންނަކީ އެއްބަޑު އެއްބަފާ ބައެކެވެ. އެބައިމީހުން އެއްބަޔަކު އަނެއްބައެއްގެ އުފަލާއި ހިތާމައިގައި ބައިވެރިވާން ޖެހެއެވެ. އެހެނީ އެބައިމީހުންނަކީ لا إله إلا الله މިކަލިމައިން ގުޅިފައިވާ ބައެކެވެ. އަދި އެއް ޤިބްލައެއްގެ އަހުލުވެރިންނެވެ. އެއް ފޮތެއްގެ އަހުލުވެރިންނެވެ.

އެކަކު އަނެކަކަށް ޙަމްދަރުދީ ވުމާއި، އެކަކު އަނެކަކަށް ރަޙުމުކުރުމާއި، އެކަކު އަނެކަކު ދެކެ ލޯބި ވުމުގައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުގެ އެއް ގުނަވަނަކަށް ލިބޭ ވޭން ތަޙައްމަލު ކުރުމުގައި މުޅި ހަށިގަނޑު ބައިވެރިވެއެވެ. މިއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުތަކުން އަޅުގަނޑުމެންނަށް އެނގެން އޮތް ޙަޤީޤަތެކެވެ.

މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައިވާ އަޅުގަނޑުމެންގެ މުސްލިމު އަޚުންގެ ޙާލާމެދު ވިސްނާ މީހެއްގެ ލޮލުން ހިތާމައިގެ ކަރުނަ ހުސްނުވާނެއެވެ. ކަޝްމީރެވެ. ޝީޝާނެވެ. އަފްޣާނިސްތާނެވެ. ޢިރާޤެވެ. މިހުރިހާ ތަނަކަށް ވުރެ ބޮޑަށް ދުނިޔޭގެ ޢުދުވާނު ތަކުގެ ބައްޕަ- އިޒްރޭލް-ގެ ޔަހޫދީންގެ އަތްދަށުގައި ނިކަމެތިވެފައިވާ އަޅުގަނޑުމެންގެ ލޮބުވެތި ފަލަސްޠީން ހިމެނެއެވެ.

ފަލަސްޠީނުގެ މުސްލިމުން، ޔަހޫދީންގެ ޢުދުވާނުތައް ތަޙައްމަލް ކުރަމުން ގެންދާތާ މިހާރު ޤަރުނެއްގެ ތިންބައިކުޅަ ދެބަޔަށް ވުރެ ގިނަ ދުވަސް ވީއެވެ. ފަލަސްޠީނުގެ ބިމުގައި ވަނީ ހަމައެކަނި އަހަރެމެންގެ މުސްލިމު އަޚުންނެއް ނޫނެވެ. އަދި މުސްލިމުންގެ ފުރަތަމަ ޤިބުލަ އެވަނީ އެ ނުލަފާ ޖައްބާރު ރަޙުމެއް ނެތް ޔަހޫދީންގެ ވަކި ތަކުގެ ޝިކާރައަކަށްވެފައެވެ.

ދޭތެރެ ދޭތެރެއިން މިނިކާވަގު ވަރުބަލި ފިލުވާލާ ފަދައިން، ޔަހޫދީ ފައުޖު ފަލަސްޠީނުގައި ހިންގާ ބަޣާވާތް މައިތިރި ކުރެއެވެ. އެއީ ދެން އެމީހުންގެ ބަޣާވާތް ބާއްވާނެގޮތާއިމެދު މަޝްވަރާކޮށް އެބައިމީހުންގެ ލަޝްކަރުތައް ތައްޔާރު ކުރުމަށެވެ. ދުނިޔޭގެ ލޮލުގައި( ޚާއްޞަކޮށް މުސްލިމު ޤައުމުތަކުގެ ލޮލުގައި) އަޅާލެވޭ އަނދުނެއްގެ ގޮތުގައެވެ.

ވިސްނާލާށެވެ! ޔަހޫދީ ޢުދުވާނުތައް އަމާޒު ކުރަނީ ހަމައެކަނި ޒުވާން ފިރިހެނުންނަކަށް ނޫނެވެ. ކުޑަކުދިންނާއި އަންހެނުންވެސް މިބައިމީހުންގެ ކިބައިން ސަލާމަތެއް ނުވެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައި ނޫޅެވޭ ވަރުގެ މުސްކުޅިންވެސް މެއެވެ.

ތާރީޚުގެ ފަތްފުށްތައް ހުޅުވާލާށެވެ. ކުޑަކުޑަ ފިރިހެން ދަރިއަކު، އޭނާގެ ބައްޕަގެ އުނގުތެރޭގައި އޮއްވާ ބަޑިޖަހާ މަރާލި ޙާދިސާއެވެ. ޙަމާސްގެ ބާނީ ޝައިޚް ޔާސީން ރަޙިމަހުﷲ - ޝަހީދު ކޮށްލެވުނު އިރު މުސްކުޅިއެކެވެ. އިންނަވަނީ ގޮނޑީގައެވެ. އެހެންނަމަވެސް އެ ޝައިޚްވެސް ވެގެންދިޔައީ މި އަނިޔާވެރި ލަޝްކަރުގެ ޝިކާރައަކަށެވެ. މިއީ އެއްމެ ދެ ޙާދިސާއެވެ. މިކަހަލަ ޙާދިސާއެއް ނުހިނގާ ދުވަހަކަށް ފަލަސްޠީނަށް އިރު ނާރައެވެ.

އެންމެ ފަހުން ފެނިގެން ދިޔައީ، އެބައިމީހުންގެ ލަޝްކަރުތަކާއި ޢާއްމުން ފަލަސްޠީނުގެ ޣައްޒާ ޙިޞާރު ކުރި ތަނެވެ. އެ ރަށަށް ކާބޯތަކެއްޗާއި ތެޔޮ ބަންދު ކުރިއެވެ. އަދި އަދަށް ދާނދެން އެމީހުން އެތިބީ އެ ޙާލުގައެވެ. ފަލަސްޠީނުގެ މުޖާހިދުންގެ ބަޔަކާއި ޙަމާސްގެ މުޖާހިދުން ގުޅިގެން ޣައްޒާއާއި މިޞްރާ ދެމެދުގެ ބޯޑަރު ފާރުން ބައެއް ގޮއްވާލައި، އެތަނުން މިޞްރަށް ޣައްޒާގެ މީހުންގެ އަސާސީ ބޭނުންތައް ފުއްދޭތޯ އެ އުޅެނީ ކިހާ ދަތި ޙާލެއްގައި ކަން ތަޞައްވަރު ކުރެވޭތޯއެވެ.

ތެދެކެވެ. ދިވެހިންގެ އަތުގައި ޔަހޫދީންގެ ޢަމަލުތައް ހުއްޓުވާލާނެ ހަތިޔާރުގެ ބާރެއް ނެތެވެ. އެހެންނަމަވެސް ދިވެހިންގެ އަތުގައިވެސް ދުޢާގެ ބާރު އެބައޮތް ނޫންތޯއެވެ؟؟؟ ތިމާގެ މުސްލިމު އަޚާ ނެތްތަނުގައި އޭނާއަށްޓަކައި ކުރާ ދުޢާ އަކީ މުސްތަޖާބު ދުޢާއެކެވެ. ކޮންމެ ނަމާދެއްގެ ފަހުގައި، ކޮންމެ މީހަކުވެސް އެމީހަކަށް އެނގޭ ބަހަކުން، ﷲގެ ޙަޟްރަތުގައި ފަލަސްޠީނާއި އެހެނިހެން ތަންތަނުގައި ނިކަމެތިވަމުންދާ މުސްލިމުންނަށް ނަޞްރު ދެއްވުން އެދި ދުޢާ ކުރެވިދާނެއެވެ.

ދިވެހި މީޑިއާއިން ފަލަސްޠީނުގެ މުސްލިމުންގެ ޙަލު ގެނެސް ދިނުމުގައި ވަރަށް ބޮޑަށް ޣާފިލުވެފައި ވާކަން ހިތާމައާ އެކު ފާހަގަ ކުރަމެވެ. ސިޔާސީ ޕާޓީތަކުން އެއްބަޔަކު އަނެއްބަޔަކަށް ކުރާ ފުރައްސާރައިގެ ޚަބަރު ދުވަހުން ދުވަހަށް ގެނެސްދެވެއެވެ. އަދި ދުނިޔޭގެ ފިލްމީ ދާއިރާތަކުގެ ޚަބަރު ގެނެސްދެވެއެވެ. ކުޅިވަރު ގެނެސްދެވެއެވެ. ޙަރާމް ކަންތައް ފެތުރުވެއެވެ.  

ނަމަވެސް ފަލަސްޠީނާއި ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންގެ ޙާލު ދިވެހިންނާ ހަމައަށް ގެނެސް ނުދެވެއެވެ. ކުޑަކުޑަ ސުރުޚީ އަކުން ފުއްދާލާ ދެތިން ނޫހެއް ފިޔަވައި، އެހެން އެއްވެސް ނޫހަކުން މި ޚަބަރުތައް ފަތުރާކަށް އަހައްމިއްޔަތެއް ނުދެއެވެ.

އޭ ދިވެހިންނޭވެ!! ﷲ ގެ ޙަޟްރަތުން އެފަދަ ދަތިކަމެއް އަހަރެމެންގެ މައްޗަށް އައުމުގެ ކުރިން، އިސްލާހުވެ، އެ މުސްލިމުންނަށް ޖެހިފައިވާ މުސީބާތުން އެމީހުން ސަލާމަތް ކުރެއްވުމަށް ދުޢާކުރައްވާށެވެ.

އަމިއްލަ އަނގައަށް ސުވަލެއް ލުމުގެ ކުރީގައި، ތިމާގެ މުސްލިމު އަޚުންތަކެއް ބަޑުހައި ހޫނުކަމުގައި ތިބިކަން ހަނދާންކޮށް އެމީހުންނަށްޓަކައި ދުޢާ ކުރާށެވެ. އަމިއްލައަށް ހެދުމެއް ލާއިރު ޢައުރަ ނިވާ ނުކުރެވިފައި ތިބިކަން ހަނދާންކޮށް އެމީހުންނަށްޓަކައި ދުޢާ ކުރާށެވެ. އަމިއްލައަށް ގޭގައި އުޅޭއިރު ތިމާގެ މުސްލިމު އަޚުންތަކެއް ބޯ ހިޔާވަހި ކަމެއް ނެތި ތިބިކަން ހަނދާންކޮށް އެމީހުންނަށްޓަކައި ދުޢާ ކުރާށެވެ. އަމިއްލައަށް އަމާންކަމުގައި އުޅޭއިރު ތިމާގެ މުސްލިމު އަޚުންތަކެއް އަތްމައްޗަށް މަރު ލައިގެން ތިބިކަން ހަނދާންކޮށް އެމީހުންނަށްޓަކައި ދުޢާ ކުރާށެވެ.

އޭ ހައްދަވާ ގެންގުޅުއްވާ އިލާހު!! ހަމަކަށަވަރުން ޔަހޫދީން މުސްލިމުންގެ ބިމުގައި މުސްލިމުން ނިކަމެތިކޮށްފިއެވެ. މުސްލިމުންގެ މައްޗަށް އަނިޔާވެރިވެ އަނިޔާވެރިކަމުން އިސްރާފުކޮށްފިއެވެ. އެބައިމީހުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ދެއްވާނދޭވެ!! އިބައިލާހުގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެމީހުންނަކީ އެއްވެސް ބައެއް ނޫނެވެ. އެބައިމީހުންނަށް ޢާދު ބާގައިގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ޢަޛާބެއް ފޮނުއްވާނދޭވެ. އެބައިމީހުންގެ މަކަރުވެރި ރޭވުންތައް އެބައިމީހުންގެ މައްޗަށް ރައްދު ކުރައްވައި، މުސްލިމުންގެ ޙަރަމް ޔަހޫދީންގެ އަތްދަށުން ސަލާމަތް ކުރައްވާނދޭވެ.!! އިބައިލާހީ ދުޢާ އިޖާބަކުރެއްވުމުގައި ދީލަތިވަންތަ އިލާހެވެ. އާމީން!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި