Noorul-islam.NET :: ކެރިގެންހުރެ ބުނުން
ކެރިގެންހުރެ ބުނުން
Category »  ޚާއްޞަ ފައިލް

ތާރީޚް: 12 އޭޕްރީލް 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް އިދްރީސް ޙުސައިން

 

 

    حامداً ومصلِّياً ومسلِّماً أما بعد. އާދެ! އިރުގެ އަލިކަމާއި އަދި އެއިގެހޫނުކަންދެކި އިރާދިމާލަށް ކުއްތާ ވައްވައްޖެހުމަކުން ފަހަރެއްގައިވެސް އިރުގެ އަލިކަމާއި، އަދި އެއިގެ ހޫނުކަން ފަނޑުނުވާނެއެވެ. އަޅުގަނޑު ގަލަމް މިއުފުލައިލީއަކީ ފަހަރެއްގައިވެސް ބައެއްގެތެރޭގައި އަމަށުންހުރި މީހަކު އޮރިޔާން ކުރާކަށެއް ނޫނެވެ. މިހެން މިދެންނެވީ އަޅުގަނޑު އިތުރަށް އޭނާ އޮރިޔާންކުރާނެ ތަނެއްނެތީމައެވެ.

    ދަންނަވަންތޯއެވެ! ކެރިގެންހުރެ އެންމެފުރަތަމަ ބަހެއްބުނެލީ އިބުލީސްއެވެ. ﷲގެ ޙަޟްރަތުގައި އޭތި ކެރިގެންހުރެ ބުންޏެވެ. "އިނބައިލާހުގެ ޢިއްޒަތް ގަންދީބުނަމޭ، އެ އެންމެން މަގުފުރައްދާނަމޭ." ހަމަޔަޤީނުންވެސް ގަދަކީރިތިވަންތަ މާތް ޙައްޤުއިލާހުގެ ޙަޟްރަތުގައި އޭތި މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ. ދެންމިގޮތަށް ކެރިގެންހުރެ ބަހެއްބުނީ ފިރުޢައުނެވެ. އޭނާ ބުންޏެވެ. "އަހުރެންނީ ކަލޭމެންގެ އެންމެމަތިވެރި އިލާހޭ" މިހެން ބުނީއަކީ ނުކެރިއެއްނޫނެވެ. ކެރިގެންހުރެއެވެ. އަދި ބުނަންތޯއެވެ! މިގޮތަށް މިއުއްމަތުގައިވެސް ކެރިގެންހުރެ ބަސްތައް ބުނެލިމީހުން މަދެއްނޫނެވެ. ނަބީކަމަށް ދަޢުވާކުރި އެންމެންވެސް ދަޢުވާކުރީ ކެރިގެންތިބެއެވެ. މިއުއްމަތުގެ މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އިލްޒާމުތައް އަޅުވައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރި ޝާނަށް އުނިކަންލިބޭ ބަސްތައް ބުނެ، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްތައް ދޮގުކޮށް، އަދި އެޙަދީޘްތައް އަމިއްލައިން ހަދަހަދައިގެން ބަޔާންކޮށް ހެދުން މިއުއްމަތުގައި މުނާފިޤުންގެ ސިލްސިލާއިން ހިނގަމުން އައިސްފައިވެއެވެ. ނަމަވެސް މިސިލްސިލާގެ ބޮޅުތައް ދިވެހި މާޙައުލުން ފެންނަންފެށީ ވަރަށްފަހުންނެވެ. ކެރިގެންހުރެ ބުނުމުގެ ސިލްސިލާ ފުރަތަމަ ރާއްޖޭގައި ފެށިފައިވަނީ ލިއުމުންނެވެ. މިގޮތުން މިހާރު އަޅުގަނޑުމެން ދިވެހީންގެ އަތްމަތީގައިވާ "ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ" މީގެ ހެއްކަކަށްފުދެއެވެ. ﷲގެ ކަލާމާމެދު ޖެހިލުންކުޑަކޮށް ހިތުހުރިގޮތަކަށް ތަރުޖަމާކުރުމުގެ އިތުރުން އެއިގެ މާނަތައް ބަދަލުކޮށްފައިވަނީ ނުކުރިއެއްނޫނެވެ. މިގޮތަށް ކެރިގެންތިބެ މިކަންކުރެއްވެވި ބައެއްބޭފުޅުންވަނީ ދުނިޔެ ދޫކުރައްވާފައެވެ. ﷲއެމީހުންގެ ކުށް ޢަފޫކުރައްވަވައި އެމީހުންނަށް ރަޙްމަތް ލައްވާށި އާމީން. އަދި އެއިގެތެރެއިން މިހާރުވެސް ދުނިޔޭގައި ތިއްބެވި ބޭފުޅުންނަށް ތައުބާވެލެއްވުމުގެ ހެޔޮތައުފީޤު ދެއްވަވާށި، އާމީން.

    އާދެ! "ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ" މިފޮތުގައި އަޅުގަނޑު މިދެންނެވިފަދަ އެތަކެއް މިސާލުވެއެވެ. މިސާލަކަށް ބަޤަރާސޫރަތުގެ 191(ސަތޭކަ ނުވަދިހަ އެކެއް) ވަނައާޔަތަށް ބައްލަވާށެވެ. "ތިޔަބައިމީހުން އެމީހުން، އެމީހުންފެނުނު ކޮންމެތަނަކުން، އެމީހުންނާ ހަނގުރާމަކުރާށެވެ. އަދި އެބައިމީހުން ތިޔަބައިމީހުން ނެރުނުތަނުން ތިޔަބައިމީހުން އެބައިމީހުން ނެރެލާށެވެ. ދީނަށްޓަކައި އަނިޔާވެރިވެ ހާނިކަކޮށްހެދުން ޤަތުލުކުރުމަށްވުރެ ނުބައިކަން ބޮޑެވެ. ޙުރުމަތްތެރިވެގެންވާ މިސްކިތުގައި އެބައިމީހުން ތިޔަބައިމީހުންނާ ހަނގުރާމަކޮށްފުމަށް ދާނދެން ތިޔަބައިމީހުން އެބައިމީހުންނާ ހަނގުރާމަ ނުކުރާށެވެ. އެބައިމީހުން ހަނގުރާމަ ކޮށްފިނަމަ ތިޔަބައިމީހުންވެސް ހަނގުރާމަކޮށް އެބައިމީހުން ޤަތުލުކުރާށެވެ. ކާފިރުންނަށް ޖަޒާދިނުންއޮތީ އެފަދައިންނެވެ." ބައްލަވާށެވެ. ރަނގަޅަށް ވިސްނަވާށެވެ. މިތަރުޖަމާއިން ގެނެވިފައިވާ ބަދަލުތަކާހުރެ ދޭހަވާމާނަ އެއީ ﷲގެ އަމުރު ކަމުގައިވޭތޯއެވެ!

    ބުއްދިވެރި ވިސްނޭއަޚުންނޭވެ! މިތަރުޖަމާގައި ގެނެވިފައިވާ ބަދަލުތަކާއި، އަދި ނެރެވިފައިވާ މާނަ އެނގިލައްވާނީ މީގެ އަޞްލު ތަރުޖަމާ އެނގިލެއްވުމުންނެވެ. މީގެ އަޞްލުތަރުޖަމާ ބަޔާންކުރުމުގެ ކުރީގައި މުހިއްމު ބޭނުންތެރި ނުޤުތާއަކަށް އަލިއަޅުވާލާނަމެވެ.

    ލޮބުވެތި އަޚުންނޭވެ! ޤުރުއާން ޝަރީފަކީ މީހެއްގެ ބަހެއްނޫނެވެ. މީސްތަކުންގެ ވެރިއިލާހުގެ ކަލާމެވެ. އެއިލާހުގެ ވަޙީއެވެ. އެ އައިސްފައިވަނީ ޚިޠާބީ މޭރުމުންނެވެ. އާދެ! ﷲ އެއިލާހުގެ ލޮބުވެތި ޙަބީބު މުޙައްމަދުއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބު ކުރައްވައި، ނުވަތަ އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އަންގަވައި ވަޙީކުރައްވާފައިވާ އެއިލާހުގެ ވަޙީއެވެ. މޭރުމަކީ ވާހަކަދެއްކުމުގެ މޭރުމެވެ. މިހެންކަމުން ޤުރުއާން ޝަރީފުގެ ތަރުޖަމާ ކުރަމުންދާއިރު ޚާއްޞަގޮތެއްގައި މިކަމަށް ވިސްނަންޖެހެއެވެ. އިލާހީ ވަޙީގައިވަނީ ޝާހީގޮތެވެ. މަތިވެރިކަމާއި، ކިބްރިޔާވަންތަވެރިކަމުން އެވަނީފުރިފައެވެ. ތަރުޖަމާކުރަމުންދާއިރު މިގޮތް ހިފަހައްޓަންޖެހެއެވެ. މިގޮތުން އަސްލު ތަރުޖަމާ ވިދާޅުވާއިރު، މިކަން އިޙްސާސް ވެލައްވާނެއެވެ. ބައްލަވާށެވެ. ބަޤަރާ ސޫރަތުގެ 191 (ސަތޭކަ ނުވަދިހައެކެއް) ވަނަ އާޔަތުގެ އަސްލު ތަރުޖަމާ. "ތިޔަބައިމީހުންނަށް ގަދަކަންލިބުނުހެން އެމީހުން ޤަތުލުކުރާށޭ. އަދި އެމީހުން ތިޔަބައިމީހުން ނެރުނުގޮތަށް ތިޔަބައިމީހުން އެމީހުން ނެރޭށޭ. އަދި ޤަތުލުކުރުމަށްވުރެން ފިތުނަނުބައިކަންބޮޑޭ. ޙުރުމަތްތެރިވެގެންވާ މިސްކިތް ކައިރީ ތިޔަބައިމީހުން އެމީހުންނާ ހަނގުރާމަނުކުރާށޭ. އެތާގައި އެމީހުން ތިޔަބައިމީހުންނާ ހަނގުރާމަ ކޮށްފުމަށްދާނދެނޭ. އެބައިމީހުން ތިޔަބައިމީހުންނާ އެތާނގައި ހަނގުރާމަކޮށްފިއްޔާ އެމީހުންޤަތުލުކުރާށޭ. ކާފިރުންގެ ޖަޒާވަނީ އެގޮތަށޭ." މިއީ އަލްމަސްޖިދުލްޙަރާމްގެ ޙުރުމަތްތެރިކަމަށްޓަކައި އެމިސްކިތުގެކައިރީ މުސްލިމުން ހަނގުރާމަ ނުފެށުމަށް އައިޙުކުމް ބަޔާންވެގެންވާ އާޔަތެވެ. ފަހަރެއްގައިވެސް އެމިސްކިތުގައި ހަނގުރާމަފަށައިފުމަށްދާނދެން ކާފިރުންނާ ހަނގުރާމަނުކުރުމަށް އައި ޙުކުމެއްނޫނެވެ. ވިސްނަވާށެވެ. މިގޮތަށް ކެރިގެންހުރެ ޤުރުއާނުގެ ޙުކުމް ބަދަލުކޮށްހަދާނޭބަޔަކު އުފެދިފައިވާއިރު މިއުއްމަތުގެ ރަސޫލާއަށް **ބަސްބުނެ އެރަސޫލާގެ މައްޗަށް ދޮގުއިލްޒާމުއަޅުވާނޭމީހުން އުފެދުމަކީ ޙައިރާންވާންޖެހޭވަރުގެ ކަމެއްނޫނެވެ.

    އެކަމަކު ދަންނަވަންތޯއެވެ! މިހާރަކަށްއައިސް ރީތި ރަނގަޅުގޮތުގައި ބައެއްގެތެރޭގައި މަޝްހޫރުވެގަތުމުގެ ކުޅަދާނަކަންނެތުމުން ބައެއްމީހުން ހަޑިހުތުރު ގޮތްގޮތުން މަޝްހޫރުވާން އުޅެއެވެ. މިގޮތުން މަޝްހޫރުވެގަތުމުގެ އެދުން ބޮލަށްއަރައިގެންގޮސް ބައެއްމީހުން އަމިއްލައަށް އޮރިޔާންވެ މަޝްހޫރުވާން އުޅެއެވެ. ނަމަވެސް ކެރިހުރެބުނުމުގައި އޭނައަކަށް އިބިލީހަކަށްވުރެން ކުރިއެއްނުއެރޭނެއެވެ. އަދި ފިރުޢައުނަކަށްވުރެން މޮޅެއްނުވެވޭނެއެވެ. ވިއްޔާވާނެހާވެސް ވަރަކީ އެމީހުންނާއި އެކުވެވޭނީއެވެ. މިވެސް އެންމެ ރަނގަޅުވަރުކަމުގައިދެކި ފަހަރެއްގައި އޭނާ ފުދިގެންފާނެއެވެ.

    ދަންނާށެވެ! މުދަލާއި ޖާހުގެ ދަހިވެތިކަން އެމީހެއްގެ މައްޗަށް ގަދަވެއްޖެމީހާ އޭނާގެދީން ފުނޑުފުނޑުކުރާކަށެއް ފަސްނުޖެހޭނެއެވެ. އަދި ލަދުޙަޔާތްނެތިއްޖެމީހާ ހިތުހުރި ކޮންމެކަމެއްކުރުމަށާއި، އަދި ހިތަށްއެރި ކޮންމެއެއްޗެއް ބުނުމަކަށް ފަސްނުޖެހޭނެއެވެ. މިހާރު ލަދުޙަޔާތް ގެއްލިދަނީ މުދަލާއި، ޖާހުގެއެދުން އޭނާގެ ހިތުގައިގަދަވެ އެއިގެ ސަބަބުން ބޮޑާކަން އޭނާގެމައްޗަށް ވެރިވުމުންނެވެ. އެއިރުން އޭނާ ކެރިގެންހުރެ ކޮންމެފަދައެއްޗެއްވެސް ބުނެލާނެއެވެ.

    އާދެ! ކެރިގެންހުރެބުނުމަށް ތަފާތު ސަބަބުތައްވެއެވެ.

(1) މިނިވަންކަން މާބޮޑުވުން.

(2) މުދަލާއި، ޖާހުގެ ދަހިވެތިކަންބޮޑުވުން.

(3) ލަދުޙަޔާނެތިދިއުން.

(4) މުދަލުގެހޫނުކަން ސިކުނޑިއަށް އަސަރުކުރުން.

މިހަތަރުވަނަގޮތާއި ބެހިގެން ކުއްލިއަކަށް ވާހަކައެއް ހަނދާނަށް އަތުވެއްޖެއެވެ. އިންޑިއާގެ ބުރަހުމަން އާއިލާއެއްގެ ހަވޭލީއެއްގައި ކުނިފުހެންއުޅުނު ހަރީޖަން އަންހެނަކު އެއްދުވަހަކު ކުނިފުހެމުންގޮސް ކުއްލިއަކަށްތެދުވެ ވަރަށްހަމަޖެހިގެންހުރެ ހަވޭލީގެވެރި ބުރަހުމަން އަންހެންމީހާގެ ކައިރީގައި ބުންޏެވެ. "އަޅުގަނޑުގެ އަންހެންދަރިފުޅާއި ކަލޭމެންގެ ފިރިހެންދަރިފުޅު ކައިވެނިކޮށްދެމާ ހިނގާށެވެ. "ހަވޭލީގެވެރި ބުރަހުމަން އަންހެންމީހާ މިކަމާއި މާބޮޑުއަޅާލުމެއްނެތި ހިގައްޖެއެވެ. ހަރީޖަން ކަނބުލޭގެ ހަމައަނެއްދުވަހަކު ވަރަށްހަމަޖެހިލައިގެންހުރެ މިގޮތަށް ހަވޭލީގެވެރި ބުރަހުމަން އަންހެންމީހާ ކައިރީ ބުނެފިއެވެ. ހަރީޖަނުންނަކީ ދަށްފަންތީގެ މީހުންނެވެ. ބުރަހުމަނުންނަކީ މަތީފަންތީގެމީހުންނެވެ. މިހަރީޖަން ކަނބުލޭގެއަށް މިފަދަ އެދުމެއް ފާޅުކުރަން ކެރުނުކަމާއި މެދު ޙައިރާންވެގެން ބުރަހުމަން އަންހެންމީހާ މިވާހަކަ އޭނާގެ ފިރިމީހާގެ ކައިރީގައި ބުނެފިއެވެ. ފިރިމީހާބުންޏެވެ. "މީގެފަހުން އެކަނބުލޭގެ އެގޮތަށް އެދުންފާޅުކޮށްފިއްޔާ އެފާޅުކުރީ ވަކިޚާއްޞަ ތަނެއްގައިތޯ ފާހަނގަކުރާށެވެ. ވަކިއިތުރު އެއްޗެކޭ ނުބުނާށެވެ. ދެންއަނެއްކާވެސް އެއްކަލަ ހަރީޖަން ކަނބުލޭގެ ކުރިއެކޭއެއްގޮތަށް ހަވޭލީގެވެރި އަންހެންމީހާގެ ކުރިމަތީ ވަރަށްހަމަޖެހިލައިގެންހުރެ އޭނާގެ އެއްކަލައެދުން ފާޅުކޮށްފިއެވެ. ހަވޭލީގެ ވެރިއަންހެނުން ވިސްނާލިއިރު އެކަނބުލޭގެ އެގޮތަށް އޭނާގެ އެދުން ފާޅުކުރަމުން އައިސްފައިވަނީ ވަކިޚާއްޞަ ތަނެއްގައެވެ. މިހެންކަމުން ފިރިމީހާއަށް އޭނާމިކަން އަންގައިފިއެވެ. ފިރިމީހާ އަނެއްދުވަހު މަސައްކަތުބަޔަކުގޮވައިގެން ގޮސް އެތަންކޮންނަން އެންގިއެވެ. މަސައްކަތުމީހުން އެތަންކޮންނަމުން ދަނިކޮށް އެތަނުން މުށީގެ ބޮޑުގުޅިއެއް ފެނިއްޖެއެވެ. އެމީހުން އެނެރެބެލިއިރު އެވަނީ އަޝްރަފީތަކަކުން ފުރާލެވިފައެވެ. ހަވޭލީގެވެރި ބުރަހުމަންކަލޭގެ އޭނާގެ އަންހެނުންގެ ކައިރީ ބުންޏެވެ. "އެކަނބުލޭގެ ކުށެއްނެތެވެ. އެކަނބުލޭގެ ކެރިހުރެގެން އޭނާގެ އެދުން ފާޅުކުރަމުންދިޔައީ މިއަޝްރަފީތަކުގެ ހޫނުކަން އޭނާގެ ސިކުނޑިއަށް އަސަރުކުރީމައެވެ. ބަލާށެވެ. މީގެ ފަހުން އެކަނބުލޭގެއަކަށް އޭނާގެ އެދުން ފާޅުކުރާކަށެއް ނުކެރޭނެއެވެ."

    ދަންނަވަންތޯއެވެ! ބަޔަކުމީހުން ލާރިގަނޑެއްދިނުމުން އެއިގެހޫނުކަން ސިކުނޑިއަށްވެރިވެ، އެއިގެ ސަބަބުން ދީނާޚިލާފަށް ކެރިގެންހުރެ ބަސްބުނެފައިވާމީހުން އިސްލާމީ ތާރީޚުގައި މަދެއްނޫނެވެ. ވީމާ ޙައިރާންވާކަށްނުޖެހެއެވެ.  ފެށުނީއްސުރެން މުސްލިމުންގެތެރޭގައި މުނާފިޤުންވަނީ އުޅެފައެވެ. މުއުމިނުންގެ މަންމަ، ﷲރުއްސުންލެއްވި ސިއްތުނާ ޢާއިޝާ ޞިއްދީޤާގެ މައްޗަށް އިލްޒާމުތައް އަޅުވާލީ މުނާފިޤުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް އިލްޒާމުތައް އެޅުވުމުގައި އެމީހުން ފަސްޖެހިފައިނުވެއެވެ. ވީއިރު މިއަދު އަޅުގަނޑުމެންގެ ތެރެއިން އެފަދަ ކަންތައް ފެންނަން ފެށުމުން ތެދުވެރި މުއުމިނުން ޙައިރާންވާކަށް ނުޖެހެއެވެ. އެއިގެ ސަބަބުން ޖެހެނީ އީމާންކަން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާށެވެ. ބާޠިލް ބޯހިއްލާލާ ކޮންމެ ހިނދެއްގައި ޙައްޤުގެ އަލިކަން އިތުރުވެގެން ދާނެއެވެ.

    ދަންނާށެވެ! އީމާންކަމަކީ ހިތުތެރޭގައި ޢަޤީދާތަކެއްގެ މައްޗަށް ބިނާވެގެންވާ ޔަޤީންކަމެކެވެ. މިގަދަވެ ބަލިވެއެވެ. މީގެ މިސާލަކީ އަލިފާންގަނޑެއްގެ މިސާލެވެ. ހުއިތަކާއި، ހިކިވިނަތަކުން އަންދާލެވޭ އަލިފާންގަނޑު ބަލިވާނެއެވެ. ހިކިލަކުޑިދަރުތަކުން އަންދާލެވޭ އަލިފާންގަނޑު ގަދަވާނެއެވެ. އެގޮތަށް ޝައިޠާނީވަސްވާސްތަކާއި، ނަފްސުގެ ވަސްވާސްތައް ގަދަވެގެންވާމީހާ ﷲއަށް ބިރުވެތިވެ އެވަސްވާސްތައް އީމާންކަމުގެ އަލިފާންގަނޑުން އަންދާލުމުން އެމީހާގެ އީމާންކަން ގަދަވާނެއެވެ. މިއުސޫލުންބަލާއިރު އީމާންކަންގަދަ ވަރުގަދަމީހުންގެމީހުންގެ ޝައިޠާނީ ވަސްވާސްތަކާއި، ނަފްސާނީވަސްވާސްތައް ގަދަވާނެކަމީ ވަންހަނާވެގެންވާނެކަމެއްނޫނެވެ. ވީމާﷲގެ އަމުރާއި ނަހީއަށް ނުބަލައި ޝައިޠާނީވަސްވާސްތަކާއި، ނަފްސާނީވަސްވާސްތަކަށް ހެއްލިގެންދާމީހުން ތިމަންމެންގެ އީމާންކަން ވަރުގަދައޭ ބުނާބުނުމަކީ ޙަޤީޤަތާއި މުޅީން އިދިކޮޅު ދޮގުދަޢުވާއެކެވެ.

    ބައްލަވާށެވެ! ގަދަފަދަ ޙަމަލާތައްދެވެނީ ދިފާޢީނިޡާމު ވަރުގަދަ ތަންތަނަށެވެ. އަޅުގަނޑުމެން ދިވެހީންގެތެރޭގައި ވަރަށް މަޝްހޫރު މަޤޫލާއެކެވެ. "ބޮޑުއޮޑިއަށް ބޮޑުރާޅު ކުޑައޮޑިއަށް ކުޑަރާޅު" މިގޮތުން ﷲގެ އަމުރަށް ކިޔަމަންގަނެ ނަހީތަކުން ދުރުވެގަތުމުގެ ބާރު ގަދަވެގެންދާވަރަކަށް ޝައިޠާނީ އަދި ނަފްސާނީ ޙަމަލާތައް ވަރުގަދަވާނެކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ފަހަރެއްގައިވެސް ޝައިޠާނާގެ ވަސްވާސްތަކަށްހެއްލި، ނަފްސުގެ އެދުންތަކަށް ތަބާވާ މީހެއްގެ އީމާންކަން ވަރުގަދަނުވާނެއެވެ. އޭނާގެ އީމާންކަން ދުވަހަކަށްވުރެންދުވަހެއްދާނީ ބަލިވަމުންނެވެ. އެންމެފަހުން އޭނާގެ އީމާންކަން ހުލިވެދާނެއެވެ. ދަރުއަޅާ އަންދާނުލެވޭ އަލިފާންގަނޑެއް އަނދައަނދާ ނުހުންނާނެއެވެ. އެއަލިފާންގަނޑު އެންމެފަހުން ހުލިވެނިވޭނީއެވެ. އީމާންކަމުގެ އަލިފާންގަނޑު އަންދާލުމަށްވާ ދަރުތަކަކީ ޝައިޠާނީ ވަސްވާސްތަކާއި، ނަފްސާނީވަސްވާސްތަކެވެ. އެއިގެ ބަލިބަލި ވަސްވާސްތައް ހުއިތަކާއި، ވިނަތައް ފަދައެވެ. އަދި ގަދަފަދަ ވަސްވާސްތައް ހިކިލަކުޑިދަރުތައްފަދައެވެ. ވީއިރު ގަދަފަދަ ވަސްވާސްތައް އައުމުން އެވަސްވާސްތައް އީމާންކަމުގެ އަލިފާންގަނޑަށްލައި އަންދާލާމީހެއްގެ އީމާންކަން ގަދަވެގެންދާނެއެވެ.

    އާދެ! ﷲގެ ނަހީތަކަށް އަރައިގަތުމުގެ ވަސްވާސްތައް އައުމުން އެއަށް ޢަމަލުނުކޮށް ދޫކޮށްލާމީހުންނަށް ޖަންނަތުވާކަމުގެ ބަޝާރަތު އިލާހީ ހަޟްރަތުން އައިސްފައިވަނީ މިސަބަބާހުރެއެވެ. ފަހަރެއްގައިވެސް އެވަސްވާސްތަކަށް ޢަމަލުކުރާމީހުންގެ އީމާންކަން ގަދަނުވާނެއެވެ. ޙަޤީޤަތަށް ބުނާނަމަ ބުނަންޖެހެނީ އެފަދަމީހުންގެ އީމާންކަމެއްނުވެއެވެ. ޙަދީޘުގައި "ޒިނޭކުރާމީހާ އޭނާ މުއުމިނަކު ކަމުގައިވާޙާލު ޒިނޭނުކުރެއޭ، އަދި ރާބޯމީހާ އޭނާ މުއުމިނަކު ކަމުގައިވާޙާލު ރާނުބޮއޭ، އަދި ވައްކަން ކުރާމީހާ އޭނާ މުއުމިނަކު ކަމުގައިވާޙާލު ވައްކަންނުކުރެއޭ" މިގޮތަށް އައިސްފައިވެއެވެ. ވީއިރު ކަންފަތުގެޒިނޭއާއި، ލޮލުގެ ޒިނޭ އަދި އަތުގެޒިނޭކުރަމުންދާމީހެއްގެ އީމާންކަމެއް ނުވާނެކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.

    ބައްލަވާށެވެ! މާތްވެގެންވާ އިސްލާމްދީނުގައި ތިމާގެޤަޞްދާއިނުލައި ހިލޭއަންހެނަކަށް ބެލެވޭ ބެލުންފިޔަވައި ޤަޞްދާއިލައިގެން ހިލޭއަންހެނަކަށް ބެލުންހުއްދަނުވާއިރު ހިލޭއަންހެނެއްގެ ގައިގައި ބީހުންހުއްދަވާނީ ކިހިނެކުންތޯއެވެ! ބެލުން ހުއްދަނުވާއިރު ބީހުންހުއްދަނުވާނެކަން އަޅުގނޑުހިތުން ބުއްދިސަލާމަތުން ނެތްގަމާރަކަށް ނުވިސްނުނަސް، ކޮންމެހެޔޮވިސްނޭ ސަލާމަތްބުއްދީގެ ވެރިއަކަށް ވިސްނޭނެއެވެ. މިހެނީބެލުމުގެ ދާއިރާވަނީ ބީހުމުގެ ދާއިރާއަށްވުރެ އިސްވެގެންނެވެ. ބީހުމަށްވުރެން ކުރީގެ ދާއިރާގެ ދޮރުބަންދުކުރެވިފައިވާއިރު ބީހުމުގެ ދާއިރާގެދޮރު ހުޅުވާލެވިފައިވާނީ ކިހިނަކުންތޯއެވެ. ވިސްނަވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއީ ނަމޫނާއެވެ. ﷲގެ އަމުރާއި ނަހީ އަޅުގަނޑުމެންނާހަމައަށް ގެނެސްދެއްވާފައިވަނީ ހަމައެކަނި ޙަދީޘްކުރެއްވިކުރެއްވުމަކުން ނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ﷲގެ އަމުރާއި، ނަހީތަކަށް ޢަމަލުކުރައްވަވާ ދައްކަވާފައެވެ. ﷲ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ވަޙީކުރައްވަވާ އަންގަވާފައިވެއެވެ. "އެމީހުންގެ ލޯތައް ތިރިކޮށް އަދި އެމީހުންގެ ލަދުގުނަން ރައްކާކުރުމަށް މުއުމިނުން ކައިރީބުނާށޭ" މިއެންގެވުން ﷲއެންގެވީ ކުޅޭކުޅިވަރަކަށް ނޫނެވެ. އަދި މިއިން ބެލުމާއި ލަދުގުނަނާއި ދެމެދުހުރި ގުޅުން ކިތަންމެހާވެސް ސާފުކޮށް ހާމަވެއެވެ. ބެލުމުގެ ކުރީގައިވާ ދާއިރާއަކީ އަޑުއެހުމުގެ ދާއިރާއެވެ. މާތްވެގެންވާ އިސްލާމްދީނުގައި މިދާއިރާގެ ދޮރުތައްވެސްވަނީ ލަދުގުނަނުގެ ރައްކަލަށްޓަކައި ބަންދުކުރައްވަވާފައެވެ. "ހިލޭއަންހެނުންގެ އަޑަކީ ޢައުރައޭ" ޙަދީޘްކުރައްވައި އެދޮރު ބަންދުވެފައިވާކަން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އުއްމަތަށް އަންގަވާފައެވެ.

    ބުއްދިވެރީން ނިކަންވިސްނަވާށެވެ. އަޑުއެހުމާއި، ބެލުމާއި، ބީހުމާއި މިތިންދާއިރާ ފަހަނަޅައިގޮސްގެން މެނުވީ ހިލޭ އަންހެނަކާއިއެކު ލަދުގުނަނުގެޙަރަކާތެއް ނުހިންގޭނެއެވެ. މިހެންކަމުން ލަދުގުނަނުގެ ރައްކަލަށްޓަކައި މާތްވެގެންވާ އިސްލާމްދީނުގައި މިތިންދާއިރާގެ ދޮރުތައް ވަނީބަންދުކުރެވިފައެވެ. އާދެ! ހިލޭއަންހެނުންގެ ލަވައަޑުއެހުމާއި، އެކަނބަލުންގެ ނެށުންބެލުމާއި، އަދި އެކަނބަލުންގައިގައި ބީހުންވަނީ މާތްވެގެންވާއިސްލާމްދީނުގައި މަނާވެގެންނެވެ. އަސްލު ޒިނޭކުރުމާހަމައަށް ވާސިލުވެވޭނީ މިތިންދާއިރާ ފަހަނަޅާދިއުމަށްފަހުގައި ކަމަށްވާތީ މިއިންކޮންމެ ދާއިރާއެއް ފަހަނަޅާދިއުން ބެލެވޭނީ ޒިނޭކަމުގައެވެ. ﷲ ޒިނޭނުކުރާށޭ ވަޙީކުރެއްވެވުން ފިޔަވައި "ޒިނޭއާ ތިޔަބައިމީހުން ކައިރިނުވާށޭ" މިހެންވަޙީކުރެއްވެވީ މިދޮރުތައް ބަންދުކުރެއްވެވުމަށެވެ. ﷲ ރުއްސުންލެއްވި ސިއްތުނާ ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާވިދާޅުވިއެވެ. "ما مسَّ يدُ رسول الله صلى الله عليه وسلم يدَ امرأةٍ قط إلا بحق"  (ޔަޢުނީ: ޙައްޤުގޮތުގައި މެނުވީ އެއްގޮތަކަށްވެސް އަންހެނެއްގެ އަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަތްޕުޅު ނުބީހެއެވެ.)

    ދަންނަވަންތޯއެވެ! "المسّ" މިލަފްޒު ޢަރަބިބަހުގައި އައިސްފައިވަނީ އަތުންއެއްޗެއްގައި ބީހުމުގެ މާނައިގައެވެ. މިއީ މިލަފްޒުގެ އަސްލުމާނައެވެ. ނިކަން އިބްނުލްމަންޡޫރުގެ "ލިސާނުލްޢަރަބް" އަށް ބައްލަވާށެވެ. المس: سمُّك الشيء بيدكز قال الله تعالى: ((وإن طلقتموهنَّ من قبل أن تماسوهن)) وقرئ: ((من قبل أن تمسوهن)) قال أحمد بن يحيى: اختار بعضهم مالم تمسوهنَّ وقال: لأنا وجدنا هذا الحرف في غير موضع من الكتاب بغير ألف: يمسسني بشر فكل شيئ من هذا الكتاب، فهو فعل الرجل من باب الغشبان. وفي حديث فتح خيبر: فمسه بعذاب أي عاقبه. وفي حديث أبي قتادة والميضاة: فأتيته بها فقال: مسوا منها أي خذوا منها الماء وتوضؤوا. ويقال: مَسِسْتُ الشيئ أَمَسَّه مساً إذا لَمَسْتَه بيدك، ثم استعير الأخذ والضرب  لأنهما باليد، وا*** للجماع لأنه لمس، وللجن كأن الجن مسته: يقال: به مس من جنون. وقوله تعالى ((ولم يمسسني بشر)) أي لم يمسني على جهة التزوج، ((ولم أك بغيا)) أي ولا قُرِبْتُ على غير حد التزوّج.  ޢަރަބިބަސް ނުދަންނަމީހުން ޢަރަބި ރަނގަޅަށް ދަންނަމީހުން ކައިރީން މިކިއުއްވާށެވެ. ކީރިތި ޤުރުއާނުގައި ﷲވަޙީކުރައްވާފައިވެއެވެ. ((لايمسه إلا المطهَّرون)) ((ޔަޢުނީ ޠާހިރުވެގެންވާ ބަޔަކުމެނުވީ އޭގައި ނުބީހޭނެޔޭ.)) ބީހުމުގެ މާނަނޫން އެހެންމާނާގައި މިލަފްޒު ބޭނުންކުރެވިފައިވަނީ މަޖާޒީގޮތުންނެވެ. މިގޮތުން ޖިންނިމޮޔަވުމުގެ މާނާގައި ޤުރުއާނުގައި އައިސްފައިވެއެވެ. ((إلا كما يقوم الذي يتخبطه الشيطان من المسّ)) އަދި ކަމެއްކުރިމަތިވުން، ކަމެއްދިމާވުން މިމާނާގައިވެސް މަޖާޒީގޮތުން ބޭނުންކުރެވިފައިވެއެވެ. ޔޫސުފު ޢަލައހިއްސަލާމްގެ ބޭބެއިންތައް ޔޫސުފުޢަލައިހިސަލާމްގެ އަރިއަހަށް މިޞްރަށް ވަޑައިގެން ވިދާޅުވި ވިދާޅުވުން ޤުރުއާނުގައި ބަޔާންވެގެންވަނީ ((مسنا وأهلنا الضر)) މިގޮތަށެވެ. އައްޔޫބު ޢަލައިހިއްސަލާމް ﷲއަށް ދެންނެވި ދެންނެވުން ޤުރުއާނުގައި އައިސްފައިވަނީ ((إني مسَّني الضر)) މިގޮތަށެވެ. އަދި المسّ މިލަފްޒު ޖިމާޢުވުމުގެ މާނާގައިވެސް މަޖާޒީގޮތުން ޤުރުއާނުގައި އައިސްފައިވެއެވެ. ނަމަވެސް މަރްޔަމް ޢަލައިހައްސަލާމުގެ ވާހަކަ މަރްޔަމްސޫރަތުގައި ބަޔާންވެގެންވާއިރު މިލަފްޒުބޭނުންކުރެވިފައިވަނީ ހަމައެކަނި ޖިމާޢުވުމުގެ މާނާގައެއްނޫނެވެ. މިލަފްޒުގެ އަސްލުމާނަ އާދެ! ބީހުމުގެ މާނާގައެވެ. ޔަޢުނީ: ހުއްދަ ޙަލާލުގޮތުންވިޔަސް އަދި ޙަލާލުގޮތް ނުވިޔަސް މިހާތަނަށް ފިރިހެނަކު އެކަމަނާގެ ގައިގައި އެންމެކުޑަވެގެން އަތުން ބީހިފައިނުވާއިރު ދަރިއަކކު އެކަމަނާއަށް ލބޭނެގޮތަކާއިމެދު ޙައިރާންކަން ފާޅުކުރައްވަމުން ވިދާޅުވި ވިދާޅުވުން ﷲގެ ވަޙީ ބަސްފުޅުގައިވަނީ ((أنى يكون لي غلام ولم يمسسني بشر ولم أك بغيا)) މިގޮތަށެވެ. އަންހެނެއްގެ ގައިގައި ބީހެވޭނީ ހުއްދަ ޙަލާލުގޮތުން އާދެ! ކައިވެނީގެ ގުޅުމުން ގުޅިގެން ނުވަތަ ނަހަމަގޮތުން އާދެ! އަންހެންމީހާ ވިޔާނުދާގޮތަށް އުޅުމުންނެވެ.  މިދެގޮތުންކުރެގޮތެއް މެދުވރިވެ އެންމެކުޑަވެގެން ފިރިހެނަކުއަތުން ގައިގައިބީހިފައިވެސް މިހާތަނަށްނުވާއިރު ދަރިއަކުލިބޭނެގޮތާއިމެދު އެކަމަނާގެ ޙައިރާންކަންބޮޑުވެ ޖިބްރީލު ޢަލައިހިއްސަލާމްއާ ސުވާލުކުރެއްވެވީއެވެ. އަޅުގަނޑުހިތުން ވިސްނުމެއްނެތް ގަމާރަކަށް ނުވިސްނުނުކަމުގައިވިޔަސް މާތްވެގެންވާ އިންސާނުންގެތެރެއިން ބުއްދިސަލާމތުންވާ ކޮންމެމީހަކަށް ވިސްނޭނެއެވެ. މމިތާގައި ޖިމާޢުވުމުގެ ނަފީކުރުމަކުން ޙައިރާންކަން ބޮޑެއްނުވެއެވެ. އެއާ ޚިލާފަށް ބީހުމުގެ ނަފީކުރުމުން ޙައިރާންކަން އެއިގެ އންތިހާއަށް ދެއެވެ.

    ބައްލަވާށެވެ! ވިސްނަވާށެވެ! ޤުރުއާނަކީ ﷲގެ ކަލާމެވެ. އޭގެ ބަލާޣާތްތެރިކަންވަނީ އިންސާނަކަށް އެގެނެސް ނުގަނެވޭހާ ބޮޑަށެވެ. ބީހުންފަހަނަޅައިގޮސްގެންމެނުވީ ނުހިނގާނެ ކަންތަކަށް ބީހުންމަޖާޒީގޮތުން ބޭނުންކުރެވޭކަން މިއާޔަތުންދޭހަވެއެވެ. ޞަރީޙަކޮށް "ولم يجامعني بشر" ނުވަތަ "ولم يقربني بشر" ނުވަތަ "ولم ينكحني بشر" ނުވަތަ "ولم يتبشرني بشر" މިއިން އެއްވެސްގޮތަކަށް ބަޔާންނުކުރައްވަވައި "ولم يمسسني بشر" ވަޙީކުރެއްވެވީ މިއިން އެކަމަނާގެ ޢިއްފަތްތެރިކަމާއި، ލަދުވެތިކަމާއި، އަދި ޙައިރާންކަމުގެ ބޮޑުކަން ދޭހަވާގޮތަށް އެހެން އެއްވެސް ޢިބާރާތަކުން ދޭހަނުވާތީއެވެ. މިހެނީ ބީހުން މިއީ ޖިމާޢުގެ ފެށުމެވެ. ބީހިގެންމެނުވީ ޖިމާޢުނުވެވޭނެއެވެ. މާތްވެގެންވާއިސްލާމްދީނުގައި ނަހަމަގޮތުން ބީހުމުގެ ދާއިރާ ބަންދުކުރެވިފައިވަނީ މިހެންވެގެންނެވެ. އަދި ނަހަމަގޮތުން ހިލޭއަންހެނެއްގެ ގައިގައިބީހުން އަތުގެ ޒިނޭއަކަށް ބެލެވެނީ މިހެންވެގެންނެވެ. ވިސްނަވާށެވެ. ﷲއަށް ބިރުވެތިވާށެވެ.

    ދަންނަވަންތޯއެވެ! ޖިމާޢުވުމަކީ ހުއްދަޙަލާލުގޮތުން އަންހެނަކާ ރޭކުރުމެވެ. ޒިނޭއަކީ ނަހަލާލުގޮތުން ހިލޭއަންހެނަކާ ރޭކުރުމެވެ. ކަންފަތުން އަޑުއެހުމާއި، ލޮލުންބެލުން މަޖާޒީގޮތުން ޖިމާޢުގެ މާނާގައި ބޭނުންނުކުރެވި އަތުންބީހުން (المسّ) މަޖާޒީގޮތުން ޖިމާޢުގެ މާނާގައި ބޭނުންކުރެވިފައިވަނީ ބީހުމާއި ޖިމާޢުވުމާއި ދެމެދު އެހެންހުރަހެއް ނުވާތީއެވެ. އަދި މިއިން ބީހުމާއި ޖިމާޢުވުމާއި ދެމެދުވާގުޅުން ވަރަށް ފުރިހަމައަށް ހާމަވެއެވެ. މިހެންކަމުން ޤުރުއާން، އިލާހީކަލާމުގައި (المسّ) މިކަލިމަ މަޖާޒީގޮތުން ޖިމާޢުވުމުގެ މާނާގައި ބޭނުންކުރެވިފައިވުމުން ދޭހަވަނީ ޝަރީޢަތުގައި ބީހުމަށްވަކި ޚާއްޞަ މަޤާމެއްވާކަމެވެ. ވީއިރު ބީހުން ހުއްދަ ޙަލާލުގޮތުން ނޫންގޮތަކަށް ބޭނުންކުރެވިއްޖެނަމަ އާދެ! ހުއްދަ ޙަލާލުނޫންގޮތަކަށް އަންހެނެއްގެ ގައިގައި ބީހިއްޖެނަމަ މަޖާޒީގޮތުން އެވަނީ ޒިނޭއަށެވެ.

    ބުއްދިވެރިވިސްނޭ އަޚުންނޭވެ! ދެންނިކަންކެރިގެންހުރެ ބުނެބައްލަވާށެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ހިލޭއަންހެނުންގެ ގައިގައި ހުއްދަ ޙަލާލުނޫންގޮތުން ބީހިއުޅުއްވިކަމުގައި ކެރިގެންހުރެބުނުމުން އެބުނެވެނީ ކީކޭތޯއެވެ!! މިފަދަބޮޑު ނުބައި ދޮގު އިލްޒާމެއް ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ އިސްތަށިފުޅުގައި މުސްލިމަކު އަޅުވާނެތޯއެވެ؟ ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ހިލޭއަންހެނެއްގެ އުނގުގައި އިސްތަށިފުޅުއަޅުއްވައިގެން އޮތްނަވާ އަވަހާރަފުޅުލެއްޕެވިކަމަށް ކެރިގެންހުރެ ބުނާމީހާގެ މަޤްޞަދަކީ ފަހެ ހިލޭއަންހެނުންގެ ގައިގައި ބީހުން މިއީ މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލުކަމެއް ކަމުގައި ސާބިތުކުރުންތޯއެވެ؟ ﷲރުއްސުންލެއްވި އުއްމު ޙަރާމް ބިންތި މިލްޙާނު އާއި، އެކަމަނާގެ އެއްބަނޑުއެއްބަފާ އުޚުތެއްކަމަށްވާ އުއްމުސުލައިމް ބިންތި މިލްޙާނު އާއި ދެކަނބަލުންނަކީ ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމައާއި އެއްވެސް ގާތްގުޅުމެއްނުވާ ހިލޭ ދެއަންހެނުންކަމަށް ކެރިގެންހުރެ ބުނާމީހާގެ ބުއްދިސަލާމަތުންހުރިތޯ ފުރަތަމަ ބަލަންޖެހެއެވެ. މިހެނީ މިދެކަނބަލުންނަކީ ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ދެބޮޑުދައިތާފުޅުންކަމަށް އުއްމަތުގެ އިޖްމާޢުއިންވަނީ ސާބިތުވެ އެނގޭށެވެ. ﷲރުއްސުންލެއްވި އުއްމު ޙަރާމް ބިންތި މިލްޙާނު އިންނެވީ ޤުބާގައެވެ. ފިރިކަލުންނަކީ ﷲރުއްސުންލެއްވި ޢުބާދާ ބުނު ޞާމިތުއެވެ. ﷲރުއްސުންލެއްވި އުއްމު ސުލައިމް ބިންތި މިލްޙާނު އިންނެވީ މަދީނާގައެވެ. ފިރިކަލުންނަކީ ﷲރުއްސުންލެއްވި އަބޫޠަލްޙާއެވެ. މިދެކަނބަލުންގެ މަންމައަކީ މަލީކާބިންތި މާލިކުއެވެ. މިދެކަނބަލުން ދުނިޔެއަށް އުފަންވެވަޑައިގެންނެވީ މަދީނާގައެވެ. މިދެކަނބަލުންނަކީ ނައްޖާރު ވަންހައިގެ ޚަޒުރަޖު ޤަބީލާގެ ދެކަނބަލުންނެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބުގެ މަންމާފުޅު ސަލްމާބިންތި ޢަމްރުއަކީވެސް ނައްޖާރުވަންހައިގެ ޚަޒުރަޖު ޤަބީލާގެ އަންހެންބެއިފުޅެކެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ކާފާފުޅު ޢަބްދުލްމުއްޠަލިބު (ޝައިބާ) ދުނިޔެއަށް އުފަންވެވަޑައިގަތީ މަދީނާގައި މިޚަޒުރަޖު ޤަބީލާގައެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ބައްޕާފުޅު ޢަބްދުﷲ ދުނިޔެއަށް އުފަންވެވަޑައިގަތީވެސް ހަމަ މަދީނާގައި މިޚަޒުރަޖު ޤަބީލާގައެވެ. އާދެ! ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ކާފާފުޅުގެ މައިފުށުވަނީ މުޅިއެކަށް މަދީނާގައެވެ. އެއީ ނައްޖާރުވަންހައިގެ ޚަޒުރަޖު ޤަބީލާއެވެ.

    އާދެ! ﷲ ރުއްސުންލެއްވި އުއްމުޙަރާމް ބިންތި މިލްޙާނުގެ ފުރަތަމަ ފިރިކަލުންނަކީ ﷲ ރުއްސުންލެއްވި ޢަމްރު ބުނި ޤައިސު އެވެ. އުޙުދު ހަނގުރާމައިގައި ޝަހީދުވެވަޑައިގަތުމުން ﷲ ރުއްސުންލެއްވި އުއްމު ޙަރާމް ބިންތި މިލްޙާނުއާއި ކައިވެނި ބައްލަވައިގެންނެވީ ﷲ ރުއްސުންލެއްވި ޢުބާދާ ބުނި ޞާމިތު އެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ޤުބާއަށް ވަޑައިގެން ފަރިއްކުޅުއްވެވުމާއި، އަދި އަރާމުކުރެއްވެވުން މުޅިންވެސް ހަމަޖައްސަވާފައިވީ އެކަމަނާގެ ގަނޑުވަރުގައެވެ. އަދި މަދީނާގައި ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ވަޑައިގެން ފަރިއްކުޅުއްވައި، އަދި އަރާމުފުޅު ކުރައްވައިހެއްދެވީ ﷲ ރުއްސުންލެއްވި އުއްމުސުލައިމު ބިންތި މިލްޙާނުގެ ގަނޑުވަރުގައެވެ. މީ އެއްވެސް ތިމާގެކަމުގެ ގުޅުމެއްނެތިތޯއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ މި ދެކަނބަލުންނަށް މި ޚާއްޞަކަންދެއްވައި ބޮޑުދައިތާފުޅުންގެގޮތުގައި ދެކަނބަލުންނާއި މުޢާމަލާތު ކުރެއްވެވިކަން ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ އެންމެހައި މިތުރު އަޞްޙާބުން ދެނެވަޑައިގަންނައެވެ.

(قال النَّوَوِيُّ :  أم حرام وأم سليم كانتا خالتين لرسول الله صلى الله عليه وسلم محرمين إما من الرضاع وإما من النسب، فتحلّ له الخلوة بهما ، وكان يدخل عليهما خاصة لا يدخل على غيرهما من النساء . وقد دخل عليهما بعد نزول الحجاب دون غيرهما من النساء الأنصار والنبي صلى الله عليه وسلم لم يكن رضيعاً في المدينة، فتعين أن يكون ذلك من قبل أبيه عبد الله، فإنه ولد بالمدينة) مرقاة المفاتيح شرح مشكاة المصابيح ގެ 10 ވަނަ ޖިލްދުގެ 468 ވަނަ ޞަފްޙާ ބައްލަވާށެވެ. އިތުރު ތަފްޞީލާއެކު ފެނިވަޑައިގަންނަވާނެއެވެ.

ބުއްދިވެރި ވިސްނޭ އަޚުންނޭވެ! މާތްވެގެންވާ އިސްލާމްދީނުގައިވަނީ ޙަލާލު ކަންތަކާއި ޙަރާމްކަންތައް ބަޔާންވެ ނިމިފައެވެ. މާތްވެގެންވާ އިސްލާމްދީނުގައި ހުއްދަ ޙަލާލުކަމެއް އެ ހުއްދަ ޙަލާލުކަން މިޤަރުނުގެ ދިވެއްސަކު ކެރިގެންހުރެ ބުނެ ސާބިތު ކުރާކަށް ނުޖެހެއެވެ. މިއަދާ ހަމައަށް އާދެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އިން ފެށިގެން ކެރިގެން ހުރެ ބުނާ މީހާއާއި ހަމައަށް އައިއިރު ސާބިތުވެފައިނުވާ ހުއްދަ ޙަލާލުކަމެއް މާތްވެގެންވާ އިސްލާމްދީނުގައި އޮވެގެން ނުވެއެވެ. މިހެނީ އަޅުތަކުން ދުނިޔޭގައި އުޅުމަށް ﷲ ރުހިވޮޑިގަންނަވާ ގޮތް އާދެ! މާތްވެގެންވާ އިސްލާމްދީން މިހާތަނަށް އޭނާއާއި ހަމައަށް އައީ އެދީނުގައި ﷲ ހުއްދަ ޙަލާލު ކުރައްވާފައިވާ ކަމެއް ސާބިތުނުވެ އޮވެގެން ކަމުގައި އެއިރުންޖެހޭނީ ޤަބޫލު ކުރާށެވެ. މިގޮތަށް ޤަބޫލުކޮށްފިނަމަ އިސްލާމްދީނުގައި ހުއްދަ ޙަލާލުކަމެއް މިހާތަނަށް ޙަރާމްކަމަކަށް ހަދައިގެން އުޅުނުކަމަށް ޤަބޫލުކުރަން ޖެހޭނެއެވެ. މިއީ ޔަޤީނުންވެސް ބުއްދި ޤަބޫލު ނުކުރާ ބާޠިލު ކަމެކެވެ. މިހެނީ މިއުއްމަތް ބާޠިލު ކަމެއްގެ މައްޗަށް އިޖުމާޢު ނުވާނެކަން ޞައްޙަ ޙަދީޘްތަކުން އެނގިބަޔާންވެގެންވެއެވެ. ވީއިރު އޭނާ އެއުޅެނީ މާތްވެގެންވާ އިސްލާމްދީނުގައި ޙަރާމްކުރެވިފައިވާ ކަމެއް ހުއްދަ ޙަލާލު ކަމަކަށް ސާބިތުކުރެވޭތޯކަމާމެދަކު ޝައްކެއް ނެތެވެ. ނޫނަނަމަ ކެރިގެންހުރެ ބުނާކަށެއް ނުޖެހުނީހެވެ. އަދި ސިކުނޑިއަށް ވެރިވެފައިވާ މަސްތެއްގެ ބޮޑުކަމުން މިއުއްމަތުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބުހުތާންދޮގު ހަދައި އަދި މިހާތަނަށް އެއްވެސް މީހަކު އެރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްތަށިފުޅުގައި އަޅުވާފައިނުވާފަދަ ބޮޑު ހަޑިހުތުރު އިލްޒާމު އަޅުވައި ނެހެދީސްކަން ކަށަވަރެވެ. މިހެނީ ހުއްދަ ޙަލާލު މިއީ އަޞްލެވެ. އަޞްލު ސާބިތު ކުރާކަށެއް ނުޖެހޭނެއެވެ. އެވަނީ ސާބިތުވެގެންނެވެ. ސާބިތުކުރަން ޖެހެނީ ޙަރާމެވެ. ދަލީލާއި ހެކި ބޭނުންވަނީ ޙަރާމް ސާބިތުކުރުމަށްޓަކައެވެ.

    އާދެ! އަޅުގަނޑު ހިތުން މިހާރު އެއްވެސް މީހަކަށް ވިސްނައިގަތުން ދަތިކަމަކަށް ނުވާނެއެވެ.  ނަޞާރާއިން (ކްރިސްޓިއަނުން)ގެ ތެރޭގައިވާ އާދަކާދަތަކާއި އެއްގޮތަށް ހިލޭ އަންހެނުންނާއި ފިރިހެނުން އެކަކުއަނެކަކާއި ގައިގޯޅިވެ، ބީހި، ދޮންދީ (ކިސްކޮށް)، ހީސަމާސާކޮށް ޑާންސުކޮށް ހެދުން މާތްވެގެންވާ އިސްލާމްދީނުގައި މިހާތަނަށް ވަނީ މަނާ ކަންތައް ކަމަށެވެ. އެއީ ހުއްދަ ޙަލާލު ކަންތަކެއް ނޫނެވެ. މިއަދު މީހަކު ކެރިގެންހުރެ، އެކަންތައް ހުއްދަ ޙަލާލުކަންތައްތަކަކަށް ހެދުމަށް ހަޅޭލަންފެށި ފެށުން މިއީ އެއިގެ ވަރަށް ފުރިހަމަ ހެއްކެކެވެ.

ކުއްލިއަކަށް އަޅުގަނޑުގެ ހަނދާނަށް އައީ 1975 ވަނައަހަރު އަޅުގަނޑު ރަށަށްގޮސްގެން އުޅެނިކޮށް ދިމާވި ކުޑަކުޑަ ޙާދިޘާއެކެވެ. ގޭގައި އަޅުގަނޑު އުޅެނިކޮށް އަޅުގަނޑުގެ ކުޑައިރުގެ ވަރަށް ގާތް ރަޙުމަތްތެރިއަކު ބައްދަލުކުރަން އައިސް ވާހަކަދައްކަމުންގޮސް ބުންޏެވެ. "މައްސަލައެއް އެބަ އޮތެވެ." އަޅުގަނޑު ކޮބައިތޯއޭ ސުވާލުކުރުމުން ބުންޏެވެ. " މިހާރުގެ ސައިންސީ ތަޙުޤީޤުތަކުން ސާބިތުވެފައިވަނީ އިންސާނުން މިއީ ކުދިކުދި ސެލްތަކެއް ތަރައްޤީކުރަމުން އައިސް ރާމާމަކުނު ތަކަކަށެވެ. ޒަމާން ބަދަލުވާން ފެށުމުން އެ ރާމާމަކުނުތައް އިންސާނުންނަށް ބަދަލުވީ ކަމަށެވެ. ފަހަރެއްގައިވެސް އާދަމާއި ޙައްވާގެ ނަސްލު ދެމިގެން އުފެދިފައިވާ ބައެއް ނޫން ކަމަށެވެ." ކުއްލިއަކަށް އަޅުގަނޑު އަޅުގަނޑުގެ އެކުވެރިޔާއަށް ގޮވާލީމެވެ.  "އޭ ރާމާމަކުނުގެ ކާފަ ދަރިޔާއެވެ!" އަޅުގަނޑު މިހެން ގޮވާލިތަނުން ކުއްލިއަކަށް ރުޅިއައިސްގެން އަޅުގަނޑާއި ދިމާލަށް ބުންޏެވެ. "އަޅުގަނޑާއި ދިމާލަށް ތިހެން ނުކިޔާތި!" އަޅުގަނޑު ބުނީމެވެ. ތިޔަ ބުނި ސައިންސީ ތަޙުޤީޤުގެ ނުބައިކަމުގެ އެންމެ ބޮޑު ހެއްކަކީ ތިޔަ އައި ރުޅިއެވެ. އެމީހުންގެ ތަޙުޤީޤު ރަނގަޅުނަމަކަ ރުޅި އަންނާކަށެއް ނުޖެހުނީހެވެ. ކާބަފައިންނަށް ނިސްބަތްވުމުން ރުޅި ނާންނާށެވެ.

ކޮންމެއަކަސް އިސްވެ ދެންނެވި ކަންތައް އިސްލާމްދީނުގައި މިހާތަނަށް ޙަރާމްވެފައިވާކަމުގެ އެއް ހެއްކަކީ، ކެރިގެންހުރެ ބުނާމީހާއާއި ދިމާލަށް "ކަލޭގެ މަންމަގެ އުނގުގައި ހިލޭފިރިހެނަކު ބޯއަޅައިގެން އޮށޯވެ އެބައޮތޭ" މިހެން ބުނާތަނުން އޭނާ ރުޅިއައިސްގެން ހަޅޭލަން ފެށުމެވެ. އަދި އޭނާއާއި ދިމާއަށް ކަލޭގެ އަންހެނުންގެ އުނގުގައި ހިލޭފިރިހެނަކު ބޯއަޅައިގެން އެބައޮތޭ މިހެން ބުނާތަނުން ދުވެފައި ގެއަށް އަނބިމީހާއާ ދިމާލަށް ދާ ދިޔުމެވެ. މިގޮތަށް މިހެން ވާންޖެހުނީ، މާތްވެގެންވާ އިސްލާމްދީނުގައި މިކަންތައްތައް މިހާތަނަށް ޙަރާމްވެފައިވާތީއެވެ. އާދެ އިސްލާމްދީން ފެށުނީއްސުރެ އަދި މިހާތަނަށް ކޮންމެ މުސްލިމަކުވެސް އެކަން ދެކެފައިވަނީ ޙަރާމް ކަމެއް ކަމުގައެވެ.

    ބުއްދިވެރި އަޚުންނޭވެ! ކުޑަވެސް ޝައްކެއްނެތެވެ. ކެރިގެންހުރެ ބުނުމުގައި އިބްލީސް އަށް ވުރެން ކުރިއެއް ނޭރުނެވެ. އަދި ފިރުއައުނަކަށްވުރެން މޮޅެއް ނުވިއެވެ. ނަމަވެސް މުނާފިޤުންގެ ރައީސަށްވުރެން އޭނާ ވަރަށް ބޮޑުތަން ކުރިއަށް ޖެހިލައިފިއެވެ. އާދެ! މުނާފިޤުންގެ ރައީސަށް އޭނާ ގޮންޖަހާލައިފިއެވެ. މަދީނާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، ﷲ ރުއްސުންލެއްވި އުއްމު ސުލައިމްގެ ގަނޑުވަރަށް ވަޑައިގެން އަރާމުކުރައްވައި، އަދި ފަރީއްކުޅުއްވައި ހައްދަވާކަމާއި، އަދި ޤުބާއަށް ވަޑައިގެން ﷲ ރުއްސުންލެއްވި އުއްމު ޙަރާމް ބިންތި މިލްޙާންގެ ގަނޑުވަރުގައި މަޑުކުރައްވައި އަރާމުކުރައްވައި އެގަނޑުވަރުން ފަރިއްކުޅުއްވައި ހައްދަވާކަމާއި، އަދި މި ދެ އުޚުތުން ބޮޑުދައިތާފުޅުންގެ ގޮތުގައި ބައްލަވާކަން މުނާފިޤުންގެ ރައީސް ޢަބްދުﷲ ބުނި އުބައްޔު ބުނި ސަލޫލަށް ވަރަށް ރަނގަޅަށް ވަނީ އެނގިފައެވެ. ނަމަވެސް މިހާ ނުބައި ހަޑިހުތުރު އިލްޒާމެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިސްތަށިފުޅުގައި މިހާ ހަޑިހުތުރުކޮށް އަޅުވާލަން އޭނާއަކަށްވެސް ނުކެރުނެވެ. އޭނާއަށް ނުކެރުނު ނުކެރުން މިއީ އެދެކަނބަލުންނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޙުރަމުން ކަމުގެ މައްޗަށް ދޭހަކޮށްދޭ ވަރަށް ހަރުދަނާ ހެއްކެކެވެ. މެންދުރުގެ އިރުގެ އަލިކަމާއި އޭގެ ހޫނުކަން ދެކި، ކުއްތާ ވައްވައް ޖެހުމަކުން އިރުގެ އަލިކަމަށް އަދި އޭގެ ހޫނުކަމަކަށް ކުޑަވެސް އަޘަރެއް ނުކުރާނެކަން އޭނާއަށް ރަނގަޅަށް ވިސްނެއެވެ. އަންޞާރިއްޔަ ބޭކަނބަލުންގެ ތެރެއިން އެ ދެ އުޚްތުން ޚާއްޞަ ވެގެން ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަޙުރަމުންނަށް ވާތީކަން އޭނާއަށް މެންދުރުގެ އިރު ފަދައިންވަނީ ހާމަވެފައެވެ. އޭނާއަށް ކުޑަވެސް ޝައްކެއް ވީނަމަ ހިމޭނުން ނެތީސްކަން ކަށަވަރެވެ. މީގެ އެއްމެ މޮޅުކަމަކީ އޭނާ ރައީސަކަވެ ހުރެގެންވެސް ހިލޭއަންހެނުންނާއި މުނާފިޤުންގެ ތެރެއިންވެސް ސަލާމްކޮށް އަތުގައި ހިފާފައި ނުވާކަމެވެ.

    ޢިއްޒަތްތެރި ދީންވެރި އަޚުންނާއި އުޚްތުންނޭވެ! އަތް އުރާލައިގެން ކުޅިބަލަން ނުތިއްބަވާށެވެ! ހަތިޔާރުގައި ހިއްޕަވާށެވެ! މުއުމިނުންގެ ހަތިޔާރަކީ ދުޢާއެވެ. ޙަރާމްކަންތައްތަކާއި ދުރުވެލައްވާށެވެ. ކަންފަތާއި ލޮލާއި ހިތާއި ދުލާއި އަދި އަތް ރައްކާ ކުރައްވާށެވެ. ޙަރާމްތަކެތިން ކެއުމުން، ބުއިމުން އަދި އޮނުފޭރާންލުމުން ދުޢާ އިޖާބަ ނުވެވޭނެކަން ދަނެ، ވީހާވެސް ބޮށަށް ރައްކާތެރިވެ ލައްވާށެވެ. ރޭގަޑުގެ މެދުދަމުގައި ތެދުވެ ރަނގަޅަށް ޠާހިރުވެލައްވައިގެން ދެރަކުޢަތް ކުރައްވާށެވެ. ސަލާމްދިނުމަށްފަހު އަސްތަޣްފާރު ކުރައްވާށެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ދެން ﷲ އަށް ދުޢާ ދަންނަވާށެވެ. އޭ ﷲ! އިބައިލާހީ އައްސަވާ ވޮޑިގެންވާ އިލާހެވެ. އިބަ އިލާހީ އިރާދަކުރައްވަވާ ކޮންމެ ކަމެއް ކުރެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. އިބަ އިލާހުގެ ދީނަށް އިހާނެތިކޮށް ހިތާ މީހުން އިހާނާތްތެރި ކުރައްވާނދޭވެ! އިބައިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ދޮގު ތުހުމަތު އަޅުވާ މީހުންނަށްޓަކައި އިބަ އިލާހުގެ ޢިލްމުގައި ތައުބާ ވާނަމަ، އެއުރެންގެ މައްޗަށް ތައުބާ ލައްވަވައި، ހިދާޔަތު ދެއްވާނދޭވެ! ތައުބާ ނުވާނަމަ، އެމީހުންގެ ދުލުގައި ގޮށް ޖައްސަވައި، ބަޔަކަށް ޢިބުރަތް ޙާޞިލުވާނެ ބަލި ޖައްސަވައި، ގަދަފަދަ ހިއްޕެވުމަކުން އެބައިމީހުން ހިއްޕަވާނދޭވެ! އަޅަމެންނަށް އީމާންކަމުގެ ސަލާމަތްކަމާއި، ޞިއްޙަތާއި، ޢާފިޔަތުގެ ނިޢުމަތް ދެއްވާނދޭވެ! އިބައިލާހު ރުހިވޮޑިގަންނަވާ ޞާލިޙު އަޅުންގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ! އިބައިލާހުގެ ދީނަށް ނަޞްރުދޭ މީހުންގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ! އިބައިލާހުގެ ކޯފާއާއި ޢަޛާބުން އަޅަމެން ދިންނަވައި، އިބައިލާހުގެ ޖަންނަތު އަޅަމެންނަށް ދެއްވަވާނދޭވެ! އިބައިލާހުގެ ވަޢުދަކީ ޙައްޤު ވަޢުދެވެ. އިބައިލާހު އެންގެވީ ދުޢާ ކުރާށޭ، އިޖާބަ ކުރައްވާނަމޭ އެވެ. އަޅަމެންގެ ދުޢާ އިޖާބަ ކުރައްވަވާނދޭވެ! އާމީން.

وَصَلَّى الله عَلَى نَبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّم

والحمد لله ربِّ العالمين


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި