Noorul-islam.NET :: މަދީނާގެ ކަދުރުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ނަބަވީ ޙަދީޘްފުޅުތައް

މަދީނާގެ ކަދުރުގެ މާތްކަމާއި ބެހޭގޮތުން އައިސްފައިވާ ނަބަވީ ޙަދީޘްފުޅުތައް
Category »  ދީނީ ލިޔުން

ތާރީޚް: 11 އޭޕްރީލް 2010

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

 

އިސްލާމްދީން އައުމުގެ ކުރިންވެސް މަދީނާއަކީ ކަދުރުގެ ހެއްދުމަށް މަޝްހޫރު ރަށެކެވެ. އެހެންކަމުން ހިޖުރައިގެ ޙަދީޘްފުޅުތަކުގައި އައިސްފައިވެއެވެ. { ‏رَأَيْتُ فِي الْمَنَامِ أَنِّي أُهَاجِرُ مِنْ ‏ ‏مَكَّةَ ‏ ‏إِلَى أَرْضٍ بِهَا نَخْلٌ فَذَهَبَ وَهَلِي إِلَى أَنَّهَا ‏ ‏الْيَمَامَةُ ‏ ‏أَوْ ‏ ‏هَجَرٌ ‏ ‏فَإِذَا هِيَ ‏ ‏الْمَدِينَةُ ‏ ‏يَثْرِبُ.}.{ رواه البخاري ومسلم}. މާނައީ: " ހަމަކަށަވަރުން ތިމަންކަލޭގެފާނު ހުވަފެންފުޅުގައި މައްކާއިން ކަދުރު ރުއްތަކެއްވާ ބިމަކަށް ހިޖުރަ ކުރައްވާތަން ދެކެވަޑައިގަތީމެވެ. ތިމަންކަލޭގެފާނުގެ ހީފުޅުކުރެއްވީ އެއީ އަލްޔަމާމާ (ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައިވާ ތަނެއް) ނުވަތަ ހަޖަރު (މިހާރު ސުޢޫދީ ޢަރަބިއްޔާގައިވާ އަލްއަޙްސާ) ކިޔާތަން ކަމަށެވެ. ފަހެ، އެހެނެއްކަމަކު އެއީ އަލްމަދީނަތު ޔަޘްރިބެވެ.(ޔަޘްރިބަކީ މަދީނާއަށް ޖާހިލިއްޔަ ޒަމާނުގައިކިޔާނަމެވެ.).

މިގޮތުގެ މަތިން މަދީނާގެ އަހުލުވެރިން އައީ ކަދުރު ހެއްދުމާއި އޭގެ ވިޔަފާރި ކުރުމުގައި އެމީހުންގެ ދިރުއުޅުމަށް ޢިނާޔަތް ހޯދަމުންނެވެ. އަދި މިއަދާއި ހަމައަށްވެސް ކަންތައް ދަނީ މިގޮތަށެވެ. އެހެންކަމުން މަދީނާ ފުޅާވެގެން ދިއުމާއެކު ކަދުރު ހެއްދުމުގައި ވަނީ ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވާފައެވެ. މީގެ ނަތީޖާއަކީ މަދީނާއިން ބޭރުގައިވެސް އިތުރު ކަދުރު ދަނޑުބިންތަކެއް އުފެދިގެން ދިއުމެވެ.

މަދީނާގައި ތަފާތު ބާވަތް ބާވަތުގެ ކަދުރު ހުރެއެވެ. ދިހަވަނަ ޤަރުނުގެ ކުރީކޮޅު މަދީނާގައިވާ ކަދުރުގެ ބާވަތްތަކުގެ އަދަދު ސަތޭކަ ތިރީހަށް އަރައެވެ. އަދި މިއަދާއި ހަމައަށްވެސް މަދީނާގައި ތަފާތު ބާވަތުގެ ކަދުރު ހުރެއެވެ. އެއިން އެންމެ މަޝްހޫރީ ޢަޖުވާއޭ ކިޔުނު ކަދުރެވެ. ޢަޖުވާ ކަދުރާއި ބެހޭގޮތުން އައިސްފައިވާ ޙަދީޘްފުޅުތަކުގެ ސަބަބުން މިކަދުރުވަނީ އެހެން ކަދުރުގެ މައްޗަށް މަޝްހޫރުކަން ހޯދާފައެވެ. އެހެންކަމުން ޢަޖުވާ ކަދުރާއި ބެހޭގޮތުން އައިސްފައިހުރި ބައެއް ޙަދީޘްތައް ބަޔާންކޮށްލާނަމެވެ.

ރަސޫލު ﷲ ޞައްލަ ﷲ ޢަލައިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً لَمْ يَضُرُّهُ فِي ذَلِكَ الْيَوْمِ سُمٌّ وَلا سِحْرٌ} {رواه البخاري ومسلم}.

މާނައީ: " ކޮންމެދުވަހަކު ޢަޖުވާ ކަދުރުގެ ހަތް ކަދުރުން ހެނދުނުކޮށްފިމިހާއަށް (އެބަހީ ހެނދުނު ހައިބަނޑާ ހުރެ ޢަޖުވާގެ ހަތް އޮށް ކަދުރު ކައިފިމީހާއަށް) އެދުވަހު ވިހައަކުން އަދި ސިހުރަކުންވެސް ގެއްލުމެއްނުވާ ހުއްޓެވެ".

އިމާމް މުސްލިމުގެ ރިވާޔަތުގައިވަނީ{ مَنْ أَكَلَ سَبْعَ تَمَرَاتِ مِمَا بَيْنَ لابَتَيْهـَا حِينَ يُصْبِحُ لَمْ يَضُرَّهُ سُمٌّ حَتَّى يُمْسِيَ}. މާނައީ:" މަދީނާގެ އިރާއި ހުޅަނގުގައިވާ ދެއަވަށުގެ ދެމެދުގައިވާ ތަނުގައި ހެއްދޭ ޢަޖުވާ ކަދުރުގެ ހަތް އޮށުން ހެނދުނު ހައިބަނޑާ ކަދުރު ކައިފިމީހާއަށް ވިހައިން އެދުވަހު އިރުއެއޮއްސުމަށް ދާންދެން އެއްވެސް ގެއްލުމެއް ނުވާހުއްޓެވެ".

އަލްޢިސްމާޢިލީ އެކަލޭގެފާނުގެ މުސްތަޚްރަޖުގައި އަދި އަބޫ ނަޢީމް އެކަލޭގެފާނުގެ އައްތިއްބު ކިޔުނު ފޮތުގައި ރިވާކުރައްވާފައިވާ ޙަދީޘްފުޅުގައިވަނީ މަދީނާގައިވާ އަލްޢާލިޔާ (މިތަނަކީ މަސްޖިދުއްނަބަވީގެ ހުޅަނގަށްވާ ތަނެކެވެ) ކިޔުނު ސަރަހައްދުގެ އަޖުވާ ކަދުރުން ހެނދުނުކޮށްފިމިހާގެ ވާހަކައެވެ.

މިރިވާޔަތްތައް އެއްރިވާޔަތާއި އަނެއްރިވާޔަތް ޤައިދު ކޮށްދެއެވެ. ފުރަތަމަ ރިވާޔަތުގައި ވަނީ ވަކިތަނެއްގެ ކަދުރު ޛިކުރުނުކުރައްވައި ޢަޖުވާ ކަދުރުގެ ވާހަކައެވެ. ދެވަނަ ރިވާޔަތުގައި ވަނީ ވަކި ބާވަތެއްގެ ކަދުރެއް ޛިކުރުނުކުރައްވައި މަދީނާގެ ދެއަވަށެއްގެ ދެމެދުގައިވާ ކަދުރުގެ ވާހަކައިގެ އިތުރަށް ވަކި ޙާއްޞަކަދުރެއް ޚާއްޞަނުކުރައްވައި މަދީނާގެ ހުރިހާ ކަދުރެއްވެސް ޝާމިލުވާ ގޮތަށެވެ. އެހެނެއްކަމަކު މިރިވާޔަތުގައި ވަނީ ސިހުރުގެ ގެއްލުމުން ގެއްލުންވާ ވާހަކަ ޛިކުރުނުކުރެވި ހަމައެކަނި ވިހައިގެ ޛިކުރު ކުރެވިފައެވެ. ތިންވަނަ ރިވާޔަތުގައިވަނީ ޢަޖުވާ ކަދުރުގެ ވާހަކަ ޛިކުރު ކުރައްވާފައި އަދި އޭގެ އިތުރަށް އަލްޢާލިޔާ އޭކިޔުނު ސަރަހައްދުވެސް ޛިކުރުކުރައްވާފައެވެ. މިއަށް އަންނަނިވި ޢައިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅު ދަލީލުކޮށްދެއެވެ. { إِنَّ فِي عَجْوَةِ الْعَالِيَةِ شِفَاءً أَوْ إِنَّهَا تِرْيَاقٌ أَوَّلَ الْبُكْرَةِ}{ مسلم}. މާނައީ:" ހަމަކަށަވަރުން އަލްޢާލިޔާގެ ޢަޖުވާގައި ޝިފާ ވެއެވެ. ނުވަތަ ހަމަކަށަވަރުން އެއީ ވިހައިން ރައްކާތެރިވުމަށް ހެނދުނު ބޭނުންކުރެވޭ ފަރުވާއެކެވެ."

އަދި އިމާމް އަޙްމަދުގެ އަރިހުން ރިވާވެގެންވާ ރިވާޔަތެއްގައިވަނީ މިލަފުޟުންނެވެ.{ فِي عَجْوَةِ الْعَالِيَةِ أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحرٍ أَوْ سُمٍّ}{ مسند أحمد}. މާނައީ:" ހެނދުނު ހައިބަނޑާ ހުރެ އަލްޢާލިޔާގެ ޢަޖުވާ ކަދުރު ކެއުމުގައި ކޮންމެ ސިޙުރަކުން ނުވަތަ ވިހައަކުން ޝިފާވެއެވެ."

އިމާމް ނަވަވީ ޞަޙީހު މުސްލިމްގެ ޝަރަޙައިގައި ވިދާޅުވެފައިވެއެވެ. މިޙަދީޘްތަކުގައި މަދީނާގެ ޢަޖުވާ ކަދުރާއި މަދީނާގެ ކަދުރުގެ މާތްކަން ބަޔާން ވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ހެނދުނު ހައިބަނޑާ ކެއުމުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި އެހެނިހެން ބާވަތްތަކުގެ ކަދުރުތަކުގެ މައްޗަށް މަދީނާގެ ޢަޖުވާ ކަދުރުގެ މާތްކަންވެސް ބަޔާންވެގެންވެއެވެ. އަދި ހަތް އޮށް ކަދުރު ޢަދަދުކުރެވިފައިވުން ފަދަ ކަންކަމުގެ ޙިކުމަތް އަހަރެމެންނަށް އެނގިގެނެއް ނުވެއެވެ. އަހަރުމެންނަށް ވާޖިބުވެގެންވަނީ އެއަށް އީމާންވުމާއި އަދި އޭގައި މާތްކަމާއި ޙިކުމަތެއް ވާކަން ހިތުންތެދުކޮށް ޤަބޫލުކުރުމެވެ. އެއީ ނަމާދުގެ ރަކުޢަތްތަކުގެ ޢަދަދާއި ޒަކާތަށް ކަނޑައެޅިފައިވާ މިންވަރާއި މިފަދަ ކަންތައްތަކުގައިވާ ފަދައިންނެވެ.

އިސްވެބަޔާންވެދިޔަ ޙަދީޘްފުޅުތަކުން ޢަޖުވާ ކަދުރުގެ މާތްކަން ވަރަށް ސާފުކޮށް އެނގި ބަޔާންވެދެވެ. ޢަޖުވާ ކަދުރު މާތްވެގެންވުމުގެ އަނެއް ސަބަބަކީ ޢަޖުވާ ކަދުރަކީ ސުވަރުގޭގެ ކަދުރެކެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ. { الْعَجْوَةُ مِنَ الْجَنَّةِ ، وَفِيهَا شِفَاءٌ مِنَ السُّمِّ }{ رواه ابن ماجه, الترمذي, الطبراني وبن ابي شيبة. صحيح بمجموع طرقه}. މާނައީ:" ޢަޖުވާ ކަދުރަކީ ސުވަރުގޭގެ ކަދުރެކެވެ. އަދި އޭގައި ވިހައަށް ޝިފާވެއެވެ "

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި