Noorul-islam.NET :: ހުކުރު ދުވަހުގެ ޖަމާޢަތް އަޅައި ގަދަ ނިދީގައި ޣާފިލުވެފައި ތިބޭ މީހުން ބިރުވެތިވުން ހުއްޓެވެ.

ހުކުރު ދުވަހުގެ ޖަމާޢަތް އަޅައި ގަދަ ނިދީގައި ޣާފިލުވެފައި ތިބޭ މީހުން ބިރުވެތިވުން ހުއްޓެވެ.
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 28 މާޗް 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ހުކުރު ދުވަހަކީ ދުނިޔެއަށް އިރުއަރާ ދުވަސްތަކުގެ ތެރެއިން އެންމެ މާތް އަދި ބަރަކާތްތެރި ދުވަސްކަމުގައި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ. ހުކުރު ނަމާދަށް ތައްޔާރުވުމުގެ ގޮތުން ހިނައި ޠާހިރުވުމާއި، ރިވެތިފޭރާމާއި ހުވަނދު ލުމަކީ މަތިވެރި ސުންނަތްތަކެކެވެ.

ހުކުރުގެ ނަމުން ނަންދެވިފައިވާ ޚާއްޞަ ސޫރަތެއް ކީރިތި ޤުރްއާނުގައި ﷲ ބާވާލައްވާފައިވެއެވެ. ހުކުރު ދުވަހު މުއުމިނުންގެ ޢަމަލާއި ސުލޫކު ބަހައްޓަންވާ ގޮތް ވަރަށް ރަނގަޅަށް އެސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. ހުކުރުދުވަހުގެ ޚާއްޞަ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ކަމަކީ ހުކުރު ދުވަހުގެ މެންދުރުގެ ވަގުތުގައި މެންދުރު ނަމާދުގެ ބަދަލުގައި ކުރެވޭ ހުކުރު ނަމާދެވެ. ހުކުރު ނަމާދަކީ މުސްލިމުންގެ އިޖުތިމާޢީ އުޚުއްވަތްތެރިކަން ރަމްޒުކޮށްދޭ ވަރަށް މަތިވެރި ނިޝާނެކެވެ. ހައިބަތާއި ޤަދަރު އުފުލިގެންވާ މުހިންމު އަޅުކަމެކެވެ. ނަމަވެސް ހިތާމަޔަކީ މިމަތިވެރި އަޅުކަމުގެ މަތިން ޣާފިލުވެފައި ވާ ބައެއް މުސްލިމުން އިސްލާމީ މުޖްތަމަޢުގެ ތެރޭގައި އުޅޭކަމެވެ. ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމުން ލިބިގެންދާ މަތިވެރި ޘަވާބާއި ދަރުމަ އެބައިމީހުންނަށް ނޭނގެނީކަމުގައި ވެސް ވެދާނެއެވެ. އެބައިމީހުން އެކަން އެނގޭނަމަ، އެބައިމީހުން ފިރުކިފައި ނަމަވެސް އެޖަމާޢަތުގައި ބައިވެރިވުމަށް ދާނެކަން ހަމަ ޔަޤީނެވެ. ހުކުރު ދުވަހުގެ ޖަމާޢަތް އަޅައި، ގަދަ ނިދީގައި ޣާފިލުވެފައި ތިބޭ މީހުން ބިރުވެތިވުން ހުއްޓެވެ.

އާދެ! ހުކުރު ދުވަހުގެ ހުކުރުގެ ވަގުތުގައި ގަނެވިއްކުމާއި، އެހެނިހެން މަސައްކަތްތަކާއި ދުންޔަވީ އެންމެހައި ކަންކަމުން ދުރުވެ ﷲގެ މަތިވެރި ނިދާއަށް އިޖާބަ ދިނުމަށް އެކަލާނގެ މުއުމިނުންނަށް އަމުރުކުރައްވާފައިވެއެވެ. ހުކުރު ދުވަހުގެ ހުކުރުގެ ބަންގި ގޮވުމާއެކު އެއަށް އިޖާބަ ދިނުމަށް ﷲގެ އަމުރުފުޅު އައިސްފައިވުމުން ކަމުގެ ބޮޑުކަމާއި މަތިވެރިކަން ފާޅުވެގެންދެއެވެ. އަދި ހުކުރު ނަމާދު ނިމުމުން ދިރިއުޅުމުގެ މަސައްކަތްތަކުގައި މަޝްޣޫލުވެ ރިޒުޤު ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ﷲ ވަނީ ގޮވާލައްވާފައެވެ. މިއިން ދޭހަވެގެންދަނީ އިސްލާމްދީނުގެ މަތިވެރިކަމާއި ފުރިހަމަކަމެވެ. އެދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީންކަމެވެ. 

ހުކުރު ދުވަހުގައި ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މައްޗަށް ގިނަގިނައިން ޞަލަވާތްކިޔެވުމަކީ މަތިވެރި އަޅުކަމެކެވެ. އެކަލޭގެފާނުގެ މައްޗަށް އެދުވަހު ކިޔެވޭ އެންމެހައި ސަލާމާތް ޞަލަވާތެއް އެކަލޭގެފާނާއި ހަމައަށް ﷲ ފޯރުކޮށްދެއްވާނެކަމުގައިވެއެވެ.

ހުކުރު ދުވަހުގައި ކަހްފު ސޫރަތްކިޔެވުމަކީ ވަރަށް ގިނަގުނަ ޘަވާބާއި ދަރުމަހުރި މަތިވެރި ސުންނަތެކެވެ. އެއީ ނޫރެކެވެ. އަނެއް ހުކުރު އައުމާހަމައަށް މުސްލިމު އިންސާނާ އަށް ހުރި ރައްކާތެރިކަމެއްކަމުގައި ވެއެވެ. މިފަދަ މަތިވެތި އަޅުކަންކަމުން އަޅުގަނޑުމެން ޣާފިލުވެގެންނުވާނެއެވެ. އަދި، ހަމައެއާއެކު ހުކުރު ދުވަހުގައި ދުޢާ އިޖާބަކުރެއްވޭ ޚާއްޞަ ވަގުތެއްވާކަމުގައިވެއެވެ. ބައެއް ދަންނަބޭކަލުން ވިދާޅުވަނީ އެވަގުތަކީ ހުކުރު ދުވަހުގެ ޚަޠީބު މިންބަރަށް އަރުއްވާވަޑައިގަންނަވާ  ވަގުތުކަމަށެވެ. އަނެއްބައި ދަންނަބޭކަލުން ވިދާޅުވަނީ އެއީ ހުކުރު ދުވަހުގެ އަޞްރު ނަމާދުގެ ފަހުގެ ވަގުތު ކަމުގައެވެ. ވީމާ، ހުކުރު ދުވަހުގެ މިދެންނެވި ވަގުތުގައި ގިނަގިނައިން ދުޢާކުރުމުގައި ދެމިތިބުމަކީ ވަރަށް މުހިންމުކަމެކެވެ. މިކަންކަމުގެ މައްޗަށް އަޅުގަނޑުމެންގެ އަމިއްލަ ނަސްފުތަކާއި ދަރީން ތަރުބިޔަތު ކުރުމަކީ އަޅުގަނޑުމެންގެ ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިވެގެންދާނެ ކަމެއްކަން ޔަޤީނެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި