Noorul-islam.NET :: ބަދު ނަސީބު ވެރިއެއް...
ބަދު ނަސީބު ވެރިއެއް...
Category »  އެޑިޓޯރިއަލް

ތާރީޚް: 8 ޑިސެމްބަރު 2009

ލިޔުއްވީ : ޢަބްދުﷲ ޞިއްދީޤް (ނޫރުލްއިސްލާމްގެ ޑިޕިޔުޓީ އެޑިޓަރ)

 

بســـم الله، والحــمد لله، والصلاة والسـلام على رسـولله، وعلى  آله و صحبـه أجمعيـن: و بعـد:-

 

ލޯ!!!!! ލޮލަކީ ވަރަށް ނާޒުކު ގުނަވަނެކެވެ. ދެލޮލުގެ ގުޅުމަކީ ވަރަށް ބޮޑަށް ލާމެހިފައިވާ ގުޅުމެކެވެ. ދެ ލޯވެސް ފިޔަ ޖަހަނީ އެކުގައެވެ. އެއް ލޮލުން ކަރުނަ އަޅާކަމުގައި ވަނީނަމަ އަނެއްލޯވެސް އެ ލޮލުގެ ވޭނުގައި ބައިވެރިވެ ކަރުނަ އަޅައެވެ. އެހެންނަމަވެސް އެލޮލަކުން އަނެއްލޯ ނުފެނޭ ނޫން ހެއްޔެވެ!

ޝައްކެއް ނެތެވެ. އިންސާނާގެ ގުނަވަންތަކުގެ ތެރެއިން ލޮލަކީ ﷲ މިންވަރު ކުރެއްވި ވަރަށް މުހިއްމު ގުނަވަނެކެވެ. ފެނުމުގެ ޙިއްސު އެކަލާނގެ ލެއްވެވީ ލޮލުގައެވެ. ލޮލުގެ މުހިއްމުކަން ފުރިހަމަޔަށް ކިޔައިދޭން އެނގޭނީ ލޮލުގެ ފެނުމުން މަޙްރޫމް ވެފައިވާ މީހަކަށެވެ. ދެ އަތުގެ މުހިންމުކަން ބުނެދެވޭނީ ދެއަތް ނެތް މީހަކަށެވެ. ޚުލާޞާއަކީ ނިއުމަތެއްގެ މުހިންމުކަން ތަޞައްވުރުވެސް ކުރެވޭނީ އެ ނިޢުމަތް ނެތިދިޔުމުންނެވެ.

ދެ އަތް ކަނޑާލެވި އަދި ދެފައިގެ ވާގި ނެތިފައި، އިސްލާމީ ދައުލަތެއްގެ ހޮސްޕިޓަލެއްގައި 23 އަހަރުވަންދެން އުމުރުން 10 އަހަރުގައި އެޑްމިޓް ކުރެވިފައިވާ ޒުވާނާ ކައިރިން ސުވާލުކުރެވުނެވެ. " ދެއަތް ސަލާމަތުން ހުރިނަމަ އެންމެ ގިނައިން އެ ދެއަތް ބޭނުން ކުރާނީ ކޮންކަމެއްގައި ތޯ ؟" ޒުވާނާ ރޮމުން ބުންޏެވެ. އެއްއަތުން ކީރިތި ޤުރުއާން ހިފަހައްޓައިގެން ކިޔަވަމުން އަނެއް އަތުން ޞަފްޙާތައް ހިއްލަމުން މުޅި އުމުރުގައިވެސް ގެންދިޔައީމުހެވެ. ނަމަވެސް ވަގުތު ވަނީ ފައިތުވެފައެވެ. ނަޞޭޙަތް އަޑު ނައަހާ ރައްޓެހިންނާއެކު ގޮސް އާދަޔާއި ޚިލާފަށް ބާރަށް ބައްޕަގެ ކާރުގައި ގޮސް އެކްސިޑެންޓެއްވެ މިޙާލަށް ވެއްޓުނީއެވެ. ބާރަށް ނުދުއްވަން ބުނެ މަންމަ ބުނުއްވި ހެޔޮބަސް ހަނދާން ނައްތާލެވުނީމައެވެ.

ނަޞޭޙަތްތައް ލިބެއެވެ. ދަރުސްތައް އަޑުއަހަމެވެ. ކީރިތި ޤުރުއާނުގެ އަލީގައެވެ. ފުރިހަމަ ވެގެންވާ ނަބަވީ އިރުޝާދުގެ އަލީގައިވެސް މެއެވެ. އެހެންނަމަވެސް ތިމާގެ ބުއްދިއާއި ފިކުރާއަށް ވިސްނުނު ބައިގައި ހިފައި ނުވިސްނުނު ބައި ދޫކޮށްލަނީއެވެ. ކޮންމެއަކަސް ދީނަކީ ތިމާއަށް ވިސްނުނު ގޮތެއްނޫނެވެ. ރުހުނަސް ނުރުހުނަސް، ވިސްނުނަސް ނުވިސްނުނަސް ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އޭ ބުނެވިއްޖެނަމަ ޤަބޫލު ކުރުން ކޮންމެ މުސްލިމެއްގެ މައްޗަށް އިސްލާމްދީން ލާޒިމް ކުރެއެވެ. ބުރުގާގެ ވާހަކަ ބުނުމުން ހަމަ އެކަނި އިސްތަށިގަނޑު ނިވާކުރުމަށް އިސްލާމްދީން އެހާބާރު އަޅަނީ ކީއްވެގެންހޭ ކިޔައި ބަހަނާތައް ދެއްކުން އެއީ ބުއްދިވެރީންގެ އުސޫލެއްނޫނެވެ. ކޮންމެ ކަމެއްގައިވެސް މަތިވެރި ފައިދާ ތަކަކާއި ޙިކުމަތްތައް ﷲ ލެއްވެވިއެވެ. އެހެންނަމަވެސް ބައެއް ކަންކަމުގައި ލެއްވެވިގެންވާ އިލާހީ މަތިވެރި ޙިކުމަތް ވިސްނައިގަތުމަށް މި ނިކަމެތި އިންސާނާ ވަނީ ނުކުޅެދިފައެވެ. އިމްތިޙާނު ކުރެއްވުމުގެ ގޮތުންނެވެ. އެންމެ ހެޔޮ ޢަމަލު ކުރަނީ ކޮން ބަޔަކުތޯ ބެއްލެވުމަށްޓަކައެވެ.

ދީނުގައި ކަމެއް އައިސްފައިވާނަމަ އެކަމެއްގެ ޙިކުމަތް ނޭނގުނު ކަމުގައި ވިޔަސް އެއަށް ޢަމަލުކުރުން ފިޔަވައި އެހެން އެއްވެސް ގޮތެއް މުސްލިމުންނަކަށް  ނެތެވެ. ޙިކުމަތް އެނގެންދެން ނޫނީ ތިމާއަށް އެކަން ވިސްނެންދެން މަޑުކޮށްލައިގެން ހުރެ ޢުމުރުން ހޭދަވެގެންދާ ކޮންމެ ފަޅި ސިކުންތެއްވެސް އެ ޙާލަތުގައި އެވޭތުކުރަނީ ފުރިހަމަ މުސްލިމެއްގެ ގޮތުގައެއް ނޫނެވެ.

ކޮންމެއަކަސް މި ލޮބުވެތި ގުނަވަނުގެ ފެނުމުގެ މަތިވެރި ޙިއްސު ބައެއްގެ ކިބައިން ﷲ ގެންދަވައެވެ. މި ބަދު ނަޞީބު ވެރިން ނަކީ ކޮބައިތޯއެވެ؟ އާދެ! މިބައި މީހުންނަކީ މިފަދަ މަތިވެރި ނަސޭހަތްތައް އަޑުއެހުމަށްފަހު އެއާ އެއްގޮތަށް ޢަމަލު ނުކުރާ މީހުންނެވެ. އިންކާރު ކުރާ މީހުންނެވެ. ހެޔޮނަޞެޙަތް އަޑުއެހުމަށް އެފަދަ ހެޔޮ މަޖިލިސްތަކަށް ދިޔުމަށް ޢުޛުރުދައްކާ ޙަޒިރުނުވާ މީހުންނެވެ. މި މީހުންގެ ވާހަކަ ﷲ ވަނީ ބަޔާން ކުރައްވަފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ أَعْرَضَ عَنْ ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنْكًا وَنَحْشُرُهُ يَوْمَ الْقِيَامَةِ أَعْمَى)) މާނައަކީ " ތިމަން ﷲ ފޮނުއްވި ޤުރުއާނަށް ތަބަޢަ ނުވާމީހުންނަށް ފަހެ ހަމަކަށަވަރުން ދަތި އުނދަގޫ ދިރިއުޅުމެއް ދައްކަވާނެތެވެ. ތިމަން ﷲ އެފަދަމީހާ ކަނުމީހެއްގެ ގޮތުގައި މަޙްޝަރު ކުރައްވާ ހުށީމެވެ."

ކުޅަދުންވަންތަ ﷲ ގެ މި ނިންމެވުމާ ހިތްހަމަ ނުޖެހިގެން ޤުރުއާނުގެ އަލީގައި ދެވުނު ނަސޭހަތް އެއްކަންފަތުން އަޑުއަހާފައި އަނެއްކަންފަތުން ބޭރު ކޮށްލި ނިކަމެތި އިންސާނާ ބުނާނެއެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ.  قَالَ رَبِّ لِمَ حَشَرْتَنِي أَعْمَى وَقَدْ كُنْتُ بَصِيرًا މާނައަކީ؛ "އޭނާ ދަންނަވާނެއެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ ﷲ ތިމަންނަ ލޯކަނު މީހެއްގެ ގޮތުގައި މަޙްޝަރު ކުރެއްވީ ކީއްވެގެންތޯއެވެ؟ ހަމަ ކަށަވަރުން ތިމަންނައަކީ ދުނިޔެ މަތީގައި ލޮލަށް ފެންނަ މީހަކީމެވެ."

އިންސާނާގެ މިޖަދަލުގެ ޖަވާބުގައި އެދުވަހުން ﷲ ވަޙީކުރައްވާނެއެވެ. (( قَالَ كَذَلِكَ أَتَتْكَ آَيَاتُنَا فَنَسِيتَهَا وَكَذَلِكَ الْيَوْمَ تُنْسَى  )) = سورة طه 124،125،126 = މާނައަކީ؛ "ހަމަ އެފަދައިން ތިމަން ﷲގެ އާޔަތްތައް ކަލެޔަށް ދުނިޔެ މަތީގައި ފޮނުއްވެވުމަށްފަހު ކަލޭ ހަނދާންނައްތާލީމުއެވެ. ( ނުވިސްނަމުއެވެ. ) ހަމަ އެފަދައިން މިއަދު ކަލޭ ހަނދާންނައްތާލެވުނީއެވެ."

މިފަދަ ބަދުނަޞީބުވެރިއެއްގެ ގޮތުގައި މަޙްޝަރު ކުރެވެން ބޭނުންވާނީ ފަހެ ކާކު ހެއްޔެވެ؟؟

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި