Noorul-islam.NET :: ކުރިން އަޅާފައިވާ ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.

ކުރިން އަޅާފައިވާ ލޯވަޅުތައް ބަންދު ނުކުރެވެނީސް އަލުން އިތުރު ލޯވަޅެއް އަޅަނީ ހެއްޔެވެ؟ އުޅަނދު ޣަރަޤު ވެދާނެއެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 9 އޮކްޓޯބަރ 2009

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

އަޅުގަނޑުމެންގެ ޤައުމުގެ ޒުވާނުންގެ ގިނަ ޢަދަދެއް މިވަނީ މަސްތުވާ ތަކެތީގެ އަވާގައި ޖެހިފައެވެ. މުޅި އުއްމަތް އެކީ އެއް އަޑަކުން އުފުލަނީ ޒުވާނުން މި ވަބާއިން ސަލާމަތް ކުރުމުގެ ހަޅޭކުގެ އަޑެވެ. ކެބިނެޓް ބައްދަލުވުންތަކާއި މަޖިލީހުގެ ޖަލްސާތަކުން ފެށިގެން މަސްވެރި އޮޑި ފަހަރުގައިވެސް ދެކެވިފައިވާ އެއްމެ ހޫނު އެއް މައުޟޫޢަކީ މިއީއެވެ. އެކަމަށްޓަކައި ތަފާތު ފެންވަރުގެ ޖަލްސާ ތަކާއި ސެމިނާރު ތަކާއި ބައްދަލުވުން ބޭއްވިއްޖެއެވެ. އެހެން ނަމަވެސް ވީކަމެއް ޙަރާމޭ ބުނުމަކީ ދޮގަކަށް ވުމަށްވުރެ ތެދަކަށް ވުމާ ގާތް ކަމެކެވެ.

ކަން މިހެން ހުރި އިރު، ހަނދާނަށް އަންނަނީ އަޅުގަނޑުގެ ލޮބުވެތި އުސްތާޛު، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވަރަށް ގިނައިން ވިދާޅުވެ ދެއްވާ ވަރަށް އަގުހުރި މިސާލެކެވެ.

ކަނޑުމަތީގައި ދުއްވާ އުޅަނދެއްގައި ތިބި ބަޔެކެވެ. އެ އުޅަނދުގެ އަޑީގައި ލޯވަޅެއް ހެދި، އެއިން އުޅަނދަށް ފެން އަރަން ފަށައިފިއެވެ. އެވަގުތު ކައްޕިތާނު އުޅަނދުގައި ތިބި އެންމެން އެއްކޮށްފައި ކަންތައް ކުރާނެ ގޮތާމެދު މަޝްވަރާކުރިއެވެ. އެކި މީހުން އެކި ޖަވާބު ދެމުން ގެންދިޔައެވެ. އެމީހަކަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ. ހުރިހާ އެންމެންވެސް އެއް ހިއްވަރާއެކު، އުޅަނދަށް އަރަމުންދާ ފެން ހިއްކުމަށް ބާލިދީ ތަކާއެކު މަސައްކަތް ކުރުމަށް އެކަކު ޚިޔާލު ދިނެވެ. އަނެކަކު ބުނެލީ ޝިފްޓު ބަހާލައިގެން އެ މަސައްކަތް ކުރުމަށެވެ. އެއިގެ ތެރޭގައި ހުރި ތަންކޮޅެއް ޒަމާނީ ތަޢުލީމުގެ މީހަކު ބުންޏެވެ. ހަދަންވީ ގޮތް ތިމަންނަ އަށް އެނގެއެވެ. އެންމެން ވެސް ޙިއްސާ ވާގޮތަށް ކުއްޔަށް ޕަންޕެއް ގެންނަން ހިނގާށެވެ. އެއިރުން އީޒީ ކަމާއެކު، މިކަން ކުރެވިދާނެއެވެ.

ހުރިހާ އެންމެންގެ ޚިޔާލު މިގޮތަށް ހުރިއިރުވެސް އެކަކަށްވެސް އެ އުޅަނދުގެ އަޑީބައިގައި ހެދިފައިވާ ލޯވަޅު ބަންދު ކުރުމުގެ ޚިޔާލެއް ނައެވެ.

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ މިސާލެވެ. އެންމެންވެސް މަޝްވަރާ ކުރަނީ މަސްތުވާ ހިކި ތަކެއްޗާއި ދިޔާ ތަކެތިން މުޖްތަމަޢު ސަލާމަތް ކުރާނެ ގޮތަކާމެދު އެވެ. އެވަބާގައި ޖެހިފައިވާ މީހުން އެއިން ސަލާމަތްކޮށް އެއިން ދުރުކުރާނެ ގޮތަކާމެދުގައެވެ. ނަމަވެސް އެތަކެތި ވަންނަ ލޯވަޅު އެއިގެ އެންމެ ފުރިހަމަ ގޮތުގައި ބަންދު ކުރުމުގެ ޚިޔާލެއް ފިކުރެއް ގިނަމީހުންގެ ކިބައިގައި ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

މިފުރުޞަތުގައި އަދުގެ ސަރުކާރުން މަސްތުވާ ތަކެއްޗަށް ހުޅުވިފައިވާ މަގު ބަންދު ކުރުމަށް ކުރައްވާ މަސައްކަތަށްޓަކައި ޝުކުރު ދަންނަވަމެވެ. އެބޭފުޅުންގެ މަސައްކަތް އިތުރަށް ފުޅާކޮށް ހުރިހާ ލޯވަޅުތައް ބަންދު ކުރުން އަވަސް ކުރެއްވުމަށް އާދޭހާއެކު ގޮވާލަމެވެ.

މުޖްތަމަޢު މިހާ އަނދިރި ހިސާބެއްގައި ވަނިކޮށް، ކުއްލިއަކަށް އިވިގެންދާ އަޑަކީ މާލޭގައި އަލަށް އެޅި ފަސްތަރީގެ ހޮޓަލެއްގައި ބަނގުރާ ވިއްކުމުގެ ހުއްދަ ދިނުން އެދި ސަރުކާރުގައި ދަންނަވައި އެކަމުގެ މަޝްވަރާ ކުރެވެމުން ދާ ވާހަކައެވެ. ރަސްމީ ކޮށް ކަމުގައި ވިޔަސް ނުވަތަ ނުރަސްމީ ކޮށް ކަމުގައި ވިޔަސް މިފަދަ ވާހަކައެއް ދެކެވިއްޖެއެވެ. އަޑެއް ކިއްޔާ ރެނދެއްލާނެއޭ ބުނެވޭ ބީދައިން، މިކަމުގައިވެސް ކޮންމެވެސް ބައެއްގެ މަކަރުވެރި ރޭވުންތަކެއް އެބަ ވެއެވެ.

މި ފުރުޞަތުގައި ނޫރުލްއިސްލާމް ޓީމްގެ ނަމުގައްޔާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް މި ގޮވާލަނީ އެއްވެސް ޤަވާޢިދެއްގެ ދަށުން މީހުން ދިރިއުޅޭ ރަށެއްގައި ބަނގުރާ ވިއްކުމުގެ ހުއްދަ ނުދެއްވުމަށެވެ. އަދި އެފަދައިން އެއްވެސް ގޮތަކަށް އެއްވެސް ޙާލެއްގައި އެއްވެސް ޤަވާޢިދެއްގެ ދަށުން ހުއްދަ ދެއްވައިފިނަމަ ބަނގުރާ ޢާއްމުވެ އެއިގެ ފަސާދަ މުޖްތަމަޢަށް މިހާރަށްވުރެ ބޮޑަށް ކުރާނެކަމީ އެއާމެދު އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށް ދަންނަވަމެވެ.

މީހުން ދިރިއުޅޭ ރަށްތަކުގައި ބަނގުރާ ވިއްކަން އެދޭ މީހުންނޭވެ! މުޖްތަމަޢުގައި ފާޙިޝް ޢަމަލުތައް ފަތުރާ އަދި ފަތުރަން މަސައްކަތް ކުރާ މީހުންނަކީވެސް ދުނިޔެމަތީގައާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނޭ ބައެކެވެ. ތިޔަބައިމީހުންނަށް ހަނދާންކޮށްދޭން ބޭނުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ވަޙީ ބަސްފުޅެވެ. ﷲ ވަޙީ ކުރައްވައެވެ.  
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ  [النور : 19] މާނައީ : ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝުކަންތައް ފެތުރިގެން ދިޔުމަށް ލޯބިކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭގެއެވެ.

ސިޔާސީ ޕާޓީތަކާއި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި އަމިއްލަ ފަރުދުންނަށް އަޅުގަނޑުމެން ގޮވާލަނީ، ދިވެހި ޤައުމުގައި މިފަދަ ކަމެއް ކުރެވުނަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުއްވުމަށެވެ. އަދި ހަނދުމަ ކުރައްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީ ބެލެނިވެރިއެކެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބަޔަކާމެދު މާދަމާ- ޤިޔާމަތް ދުވަހުން ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނާ ސުވާލު ކުރައްވާނެއެވެ.

ﷲ ގެ ކޯފާއެއް އަތުވެއްޖެނަމަ އަންނާނީ ހަމައެކަނި ނުބައި ޢަމަލުތައް ހިންގި މީހުންނަށް އެކަންޏެއްނޫނެވެ. އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތް ނުކޮށް ތިބޭމީހުންވެސް އޭގައި ޝާމިލު ވާނޭކަން ކަށަވަރެވެ . މާތް ﷲ ވަޙީ ކުރައްވައެވެ. وَاتَّقُوا فِتْنَةً لا تُصِيبَنَّ الَّذِينَ ظَلَمُوا مِنْكُمْ خَاصَّةً  [الأنفال : 25]  މާނައީ : ތިޔަބައިމީހުންގެ ތެރެއިން އަނިޔާވެރިވި މީހުންނަށް އެކަނި ކުރިމަތިވެ ނުދާނޭ ފިތުނައަކަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. އެބަހީ ﷲ ގެކޯފާއެއް އަތުވެއްޖެ ހިދެއްގައި ކުރިމަތިވާނީ ހަމައެކަނި ފާފާކުރިމީހުންނާ އެކަންޏެއް ނޫނެވެ.

 

اللهم ހައްދަވައި ގެންގުޅުއްވާ އިލާހު! އެންމެހައި ފާޙިޝްކަންތައްތަކާއި މުންކަރާތްތަކާއި ބަލިމަޑުކަމާއި ތަދުމަޑުކަން އަޅުގަޑުމެންގެ މުޖްތަޢުންނާއި އެންމެހައި އިސްލާމީ މުޖްތަޢްތަކުން ދުރުހެލިކުރައްވައި ރައްކާތެރި ކުރައްވާދޭވެ! އާމީން



 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި