Noorul-islam.NET :: އާ ކޮންމެ ކަމަކީ ހަމަ ބިދުޢައެއް ހެއްޔެވެ؟

އާ ކޮންމެ ކަމަކީ ހަމަ ބިދުޢައެއް ހެއްޔެވެ؟
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 24 މޭއި 2009

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމު އަލީ ސަޢީދު

 

ބިދުޢަ މިލަފްޒަކީ އިސްލާމްދީނުގެ ޢަޤީދާއާއި އަޅުކަމާ ބެހޭ ފޮތްތަކާއި މަޞްދަރުތަކުން ފެންނަ ލަފްޒެކެވެ. މީގެ އަޞްލު މާނައަކީ ފަހެ ކޮބައިބާވައެވެ؟ އާދެ! ލުޣަވީ (ބަހުގެ) ގޮތުން ބަލާއިރު ބިދުޢައިގެ މާނައަކީ " އަޞްލެއް ނަމޫނާއެއް ނެތި އަލަށް އުފެދޭ ކޮންމެ ކަމެކެވެ." މިއީ މި ލަފްޒުގެ ލުޣަވީ މާނައެވެ. ނަމަވެސް ދަންނަބޭކަލުންގެފޮތްތަކުގައްޔާއި ދީނުގެ މަޞްދަރުތަކުގައި މި ލަފްޒުގެ މާނަ އައިސްފައިވަނީ މުޅިން އެހެން ގޮތަކަށެވެ. ބިދުޢައިގެ މާނައިގައި ދަންނަބޭކަލުން ވިދާޅުވެފައިވަނީ އެއީ ކީރިތި ޤުރްއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢާއި ކަނޑައެޅިގެން ޚިލާފުވާ ގޮތައް އަޅުކަމާއި ޢަޤީދާގެ ތެރެއަށް ދީނުގެ ނަމުގައި އަލަށް ވެއްދޭ ކޮންމެ ކަމެކެވެ.

ވީމާ މީސްތަކުންގެ ދިރިއުޅުމާއި ދުންޔަވީ ޙަޔާތާއި ޘަޤާފަތުގެ ތެރެއިން އަލަށް އުފެދޭ ކޮންމެ ކަމަކީ ދީނުގެ ނަޒަރުގައި ބިދުޢައަށް ނުވާނެއެވެ. މީސްތަކުން ލާފޭރާމާއި ދިރިއުޅުމަށާއި ދަތުރު ފަތުރު ކުރުމަށް ދުނިޔެއަށް އަލަށް ތަޢާރަފް ވެފައިވާ ވަސީލަތްތަކަކީ ޝަރުޢީ ނަޒަރަކުން ބިދުޢެއްނޫނެވެ. މިފަދަ ކަންކަމަކީ ވެސް މިއީ ބިދުޢަ ކަމަށް ބަލައި އެކަންކަމުން ދުރުވެގަންނަން އުޅޭ ބަޔަކު އިސްލާމުންގެ ތެރެއަށް ފެތުރިފައިވެއެވެ. މިއީ އިސްލާމްދީނުގެ އަޞްލުތަކާއި އަސާސީ ރުކުންތަކުގެ ޙަޤީޤަތާ މުޅިން ޚިލާފު ވިސްނުމެކެވެ.

އާދެ! ދީނުގެ ތެރެއަށް ދީނުގެ ނަމުގައި ވެއްދޭ އާ ކަންކަމަކީ ހަމަކަށަވަރުން ވެސް ބިދުޢައެވެ. މި ގޮތުން ޒިޔާރަތްތަކަށް ނަދުރުބުނުމާއި، މަރުވެފައިވާ މައްޔިތުންކުރެން ކަންކަމަށް އެދުމާއި މިފަދަ ކަންކަމަކީ މިއީ ދީނުގެ އަޞްލުތަކާއި ޚިލާފު ބިދުޢަތަކެކެވެ.

އެހެން ނަމަވެސް ދަންނަބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކުގައި ވަކި ކޮޅެއްގައި ތިބި ބަޔަކު އެއީ ބިދުޢަވެރިން ކަމުގައި ނުބެލެވޭނެއެވެ. ޚިލާފު ހުރި މައްސަލަތަކުގައި ވަކިކޮޅެއްގައި ތިބި ބަޔަކު ބިދުޢަވެރި ކުރުމަކީ ސަލަފުންގެ މަންހަޖެއްނޫނެވެ. މިސާލަކަށް އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އަޑުހަރުކޮށް ބިސްމި ކިއުންފަދަ ކަންކަމީ ޢިލްމުވެރީންގެ މެދުގައި ދެކޮޅަށް ބަޙުޘްކުރެވިފައިވާ މައްސަލަތަކެވެ. ވީމާ އަޑުހަރުކޮށް ބިސްމި ކިޔުމަކީ އެއްވެސް ޙާލެއްގައި ބިދުޢައެއްކަމުގައި ނުބެލެވޭނެއެވެ. އަދި ސިއްރުން ކިއުމަކީ ވެސް އެފަދަ ކަމެއްކަމުގައި ނުބެލެވޭނެއެވެ.

މިއަދު މުޖުތަމަޢުގެ ދީނަށް ލޯބިކުރާ ކޮންމެ ފަރުދަކު ބިދުޢައިގެ ޙަޤީޤަތް ހޯދުން މުހިންމެވެ. މީގެ ޙަޤީޤަތް މީސްތަކުންނަށް އޮޅިފައި ވުމުން ތިމާ ހުންނަ ގޮތާއި ތިމާ ކައިބޮއެ އުޅޭ ތަކެއްޗާއި ލާ ފޭރާން ނުލާ ކޮންމެ މީހަކު މިވަނީ ބިދުޢަވެރި އަކަށް ވެފައެވެ. މި ފިކުރު ތަރައްޤީވާ މިންވަރަކުން އެފިކުރު ގެންގުޅޭ މީހާ މުސްލިމުންގެ ޖަމާޢަތާ ދުރުވެއެވެ. މިކަމުގެ ޙަޤީޤަތް ވިސްނާލި ކޮންމެ މީހަކަށް މާޒީއާއި ޙާލުގެ ދުލުން ބަޔާންކޮށްދެއެވެ. މި ނުރައްކާތެރި ފިކުރީ ވަބާ މުޖުތަމަޢުން ފޮހެލެވޭނީ ދީނުގެ ޞައްޙަ މަޢްލޫމާތު އިތުބާރު ހުރި މަޞްދަރުތަކުން ހޯދައިގެންނެވެ.

މުސްލިމު ޒުވާނުންނެވެ! އިސްލާމްދީނުގެ ނަމުގައި ތަފާތު ފިކުރުތަކާއި ވިސްނުންތައް މުޖުތަމަޢުތެރޭގައި ފެތުރެމުންދާއިރު އެވިސްނުންތަކުގެ ޙަޤީޤަތް ބެލުމެއްނެތި އެއަށް ނިސްބަތްވުމަކީ އެދެވޭގޮތެއްނޫނެވެ. އިސްލާމްދީނުގެ ޞައްޙަ މަޞްދަރުތަކުން މަޢްލޫމާތު ހޯދުމުގެ ޝައުޤުވެރިކަން ތިޔަ ޒުވާނުންގެ ހިތްތަކުގައި އުފައްދާށެވެ! އިތުބާރު ހުރި ޢިލްމުވެރީންނާއި ސުވާލުކުރާށެވެ. މާތް ﷲ ތިޔަ ޒުވާނުންނަށް ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި