Noorul-islam.NET :: ޓީވީ ޗެނަލްތައް އިސްލާމީ ޘަޤާފަތާ އެއްގޮތައް ކުރިއަށް ގެންދަވާށެވެ!

ޓީވީ ޗެނަލްތައް އިސްލާމީ ޘަޤާފަތާ އެއްގޮތައް ކުރިއަށް ގެންދަވާށެވެ!
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 16 އޭޕްރީލް 2009

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ދިވެހިރާއްޖެ މިއަދު ދެކެމުން މިދާ ދުވަސްވަރަކީ ދިވެހި ތާރީޚުގައި ނާންނަ ފަދަ އިޖުތިމާޢީ އެތައް ވަބާއެއް ދިވެހީންގެ ތެރެއަށް ޢާއްމުވަމުންދާ ދުވަސްވަރެކެވެ. ރާބުއިމާއި ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމާއި ވައްކަންކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މާރާމާރީ ހިންގުމާއި، ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމާއި މިފަދަ ޢަމަލުތަކަކީ އަދުގެ ދިވެހި މުޖުތަމަޢުގައި ފެތުރެމުން އަންނަ ވަބާތަކެކެވެ. މިކަމުގައި ކުރިމަތިވާ އެންމެ ބޮޑު ހިތާމައަކީ މިޢަމަލުތަކުގެ ޝިކާރައަކަށް ޤައުމުގެ އެންމެ މުހިންމު ރައުސުލްމާލުކަމުގައިވާ ޒުވާނުން ވެފައިވާ ކަމެވެ.

އާދެ! މީޑިޔާގެ ތަފާތު ވަސީލަތްތަކުން މިވާހަކަތަކަށް ހިތާމައާއެކު ހަރުއަޑުން ގޮވަމުން އަންނައިރު، އަނެއް ކޮޅުން އެވަސީލަތްތަކުން މުޖުތަމަޢަށާއި އެޒުވާނުންނަށް މި ދެއްކެނީ މުޅިން އެހެން ތަޞައްވަރެކެވެ. ބަދުއަޚްލާޤީ މަންޒަރުކަތާއި އިސްލާމީ މުޖުތަމަޢެއްގެ މީޑީޔާއިން ފެނިގެން ނުވާނެ އެތައް މަންޒަރެއް ދެއްކެއެވެ. ކުޑަކުދީންނާއި ޒުވާނުންނަށް ދައްކަންނުވާނެ އެތައް މަންޒަރުތަކެއް ބައެއް ޗެނަލްތަކުން އާދެއެވެ. އަދި ބުދަށް އަޅުކަންކުރާ މަންޒަރާއި މާރާމާރީ ހިންގާ ތަންތަނާއި ރާބޯ މަންޒަރާއި ޖިންސީ ޣަރީޒާއަށް މަގުފަހިވާ އެތައް އެތައް މަންޒަރުތަކާއި، ހެދުންލައިގެން ނިވާނުވެ ތިބެ ނެށުމާއި، މިފަދަ ކަންތައްތައް ފެންނަމުންދާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ބައެއް ފަހަރު މައިންބަފައިންނާއި ދަރީން އެއްތަނުގައި ތިބެގެން ބަލާލަން ނުކުރެވޭ ވަރުގެ މަންޒަރުތައް ދިވެހި ޗެނަލްތަކުން އާދެއެވެ. މިފަދަ ކަންތައްތަކަކީ މުޖުތަމަޢު ފުނޑުފުނޑުކޮށްލާނެ ވަރަށް ނުރައްކާތެރި ކަންކަމެވެ.

މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لاَ تَعْلَمُونَ (النور: ١٩) މާނައީ: " ހަމަކަށަވަރުން އީމާންވީ މީހުންގެ ތެރޭގައި ފާފަވެރި ޚަބަރުތަކާއި ފާފަވެރި ފާހިޝް ޢަމަލުތައް ފެތުރިގެން ދިއުމަށް ލޯބިކޮށް އެދޭމީހުން ނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުއްޓެވެ. މާތް ﷲ މޮޅަށް ދެނެވޮޑިގެން ވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. " 

މިފަދަ ބަސްފުޅުތަކުން ޢިބްރަތް ޙާޞިލްކުރަންވީ ނޫން ހެއްޔެވެ؟

އާދެ! މީޑީޔާއަކީ އިސްލާމީ ޖަމާޢަތައް ފާއިދާ ހުރި ގޮތުގައި އޭގެ ބޭނުން ހިފެން ޖެހޭނެ އެއްޗެކެވެ. މުޖްތަމަޢުގެ އެކި ފަންތިތަކަށް ފައިދާކުރާނެ ހެޔޮ މެސެޖް އެއިން ދެވެން ޖެހޭނެ އެއްޗެކެވެ. މުޖުތަމަޢުގައި ފެތުރޭ ނުރައްކާތެރި ވަބާތަކަށް ޙައްލު ހޯދައިދެވޭނެ އެންމެ މުހިންމު އެއް ވަސީލަތަކީ މީޑިޔާއެވެ. މި ގޮތުން މީޑިޔާގެ އެންމެ މުހިންމު އެއް ވަސީލަތަކީ ޓީވީ ޗެނަލްތައް ކަމުން، އިސްލާމްދީނުގެ އުޞޫލުތަކާއި މުސްލިމުންގެ އަޚްލާޤާއި ޘަޤާފަތާއި ގުޅޭ ގޮތައް އިސްލާމީ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުގެ ފަލްސަފާ ބައްޓަންކުރުމަކީ ޤައުމީ އަދި ދީނީ ވާޖިބެއް ކަމުގައި ނޫނީ ނުވެއެވެ.

ބައެއް ޗެނަލްތަކުން ދީނީ، އިޖުތިމާޢީ، ސިޔާސީ، ވަރަށް ރަނގަޅު ޕްރޮގްރާމްތައް ވެސް އާދެއެވެ. ޓީވީ ޗެނަލްތަކުން މުޅިން އަންނަން ޖެހޭނީ ދީނީ ދަރުސްތަކޭ އެއްވެސް ޙާލެއްގައި އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އަޅުގަނޑު މިދަންނަވަނީ އިޖުތިމާޢީ، ސިޔާސީ، އިޤްތިޞޯދީ، އަދި ކުޑަކުދީން، އަންހެނުން، ޒުވާނުން، މިފަދަ ދާއިރާތަކަށް ގެނެސްދެވޭ ޕްރޮގްރާމްތަކާއި، މުނިފޫހި ފިލުވުމަށް ގެނެސްދެވޭ ގިނަގުނަ ޕްރޮގްރާމްތައް އިސްލާމީ ޘަޤާފަތާ ތަޢާރުޟް ނުވާނޭ ގޮތައް ބައްޓަންކޮށް މިހާރަށް ވުރެ ހަރުދަނާކުރުމުގެ ވާހަކައެވެ.

މިއީ ދަތިކަމެއް ނޫނެވެ. ބޭނުންވަނީ ހިއްވަރާއި އީމާންކަމާއި އިޚްލާޞްތެރިކަމާއި މާޒީން ޢިބްރަތް ހޯދުމެވެ. ވީމާ މިފަދަ ކަންކަމާމެދު ޓީވީ ޗެނަލްތަކުގެ ވެރިން ވިސްނައި މުޖުތަމަޢުގެ ޙައްޤުގައި ﷲ އަށް ބިރުވެތިވުން ހުއްޓެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި