Noorul-islam.NET :: އަޅުގަނޑުގެ ޤަލަމުން ފޯކައިދޫގައި ހިނގައިދިޔަ ޙާދިޘާ

އަޅުގަނޑުގެ ޤަލަމުން ފޯކައިދޫގައި ހިނގައިދިޔަ ޙާދިޘާ
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 21 މާޗް 2009

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

الحمد لله رب العالمين، والعاقبة للمتقين، ولا عدوان إلا على الظالمين المفسدين، والصلاة والسلام على من أرسله الله بين يدي الساعة بشيرا للصادقين في إيمانهم، ونذيرا للمجرمين الذين يفسدون في الأرض ولا يصلحون، وعلى آله الطيبين، وأصحابه الذين حملوا لواء الإيمان والأخوة، ومن تبعهم بإحسان إلى يوم الدين.أما بعد:

ށ. ފޯކައިދޫ އޮފީސް ބަންދުކޮށްގެން އެއްމަހާއި ނުވަ ދުވަސް ވެފައި ވަނިކޮށް އެރަށުގެ ރައްޔިތުންނަށް ދެމުން ދިޔަ އަސާސީ ޚިދުމަތްތައް ހުއްޓި ރަށުގައި ރުޅިވެރިކަމާއި ދެކޮޅުވެރިކަން އުފެދިފައިވީހިނދު، ދީނުގެ ފިޤުހީ ފަރުޢީ ޚިލާފެއް ހުރި މިފަދަ މައްސަލައަކާގުޅިގެން އެފަދަ ދަރަޖައަކަށް ކަންތައްތައް ދިއުމުން އެމައްސަލަ ޙައްލުކުރުމަށް އަޅުގަނޑު އެރަށަށް ދިޔައީމެވެ. އެއީ އެ ޙަރަކާތުގައި އިސްވެތިބި ބައެއް މީހުންނާއި ރަށުގެ އިސްވެރިންނަށް ފޯނުން އެމުއްދަތުގައި ވާހަކަ ދައްކައި ޙައްލެއް ނައުމުންނެވެ. އެރަށަށް ފައިބާ އެރަށުގެ މަދަރުސާގެ ހޯލަށް ރައްޔިތުން އެއްކުރީމެވެ. ޤުނޫތުގެ މައްސަލައިގައި ދެފަރާތުގައި ތިބި ލޮބުވެތި ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ވާހަކަ ދެއްކީމެވެ. ގާތް ގަނޑަކަށް ދެގަޑިއިރު ވަންދެން ވާހަކަ ދެއްކީމެވެ. އެބައިމީހުންނަށް ހެޔޮ ނަޞީޙަތްތެރިވީމެވެ. އިރުޝާދު ދިނީމެވެ. ﷲ އަށް ބިރުވެތި ވުމަށް ދެންނެވީމެވެ. އެވަރުގެ ކަމަކާ މީހުން އަރާރުންވެ އުޅުން ރަނގަޅު ނޫން ކަމުގައި ދެންނެވީމެވެ. އަދި އެމީހުން އޮޅުން ފިލުވަން ބޭނުން ވަރަށް ގިނަ ކަންތައްތައް އޮޅުން ފިލުވައިދިނީމެވެ. ދީނުގައި ކަން އޮތްގޮތް ބަޔާންކުރީމެވެ. އެއްވެސް ކަމެއް އޮޅުވާނުލަމެވެ.

 

އޮފީސް ބަންދުކުރަން ޖެހުނު ސަބަބާމެދު 

މިރަށުގައި މިއީ ޒަމާންވީ ފިތުނައެކެވެ. މީގެ ކުރީން ވެސް ޝަކީބުގެ އިމާމުކަމުގައި މިހެން މިކަންވުމުން، އޭނާ ހުރީ ސަސްޕެންޑްކޮށް ގޭގައި ބަހައްޓާފައެވެ. އެއީ ކުރީގެ ސަރުކާރުގެ ދުވަސްވަރުގައެވެ. ފަހުން ސިވިލްޤާނޫނުގެ ދަށުން އެގޮތައް މީހުން ނުބެހެއްޓޭ ގޮތަށް އޮތުމުންނާއި، އޭނާ ވަޒީފާއަށް ނެރުމަށް ބޭނުންވާތީވެ މިނިސްޓްރީން އޭނާ ވަޒީފާއަށް ނެރުނެވެ. އޭނާ އަލުން އިމާމުކަމަށް އައިސް ޤުނޫތު ނުކިޔައެވެ. އެއްވެސް މައްސަލައެއް މެދުވެރި ނުވެއެވެ. ނަމަވެސް ފަހުން އެރަށުގައި ޤުނޫތު ނުކިޔާ މީހުންނަށް ނިސްބަތްވާ  އިއްޒަތްތެރި ބޭފުޅަކު "ކަންވީކީ ހީކުރި ގޮތަކަށްނޫނެވެ" މިހެން ސުރުޚީ ޖަހައި ލިޔުމެއް ނެރުނެވެ. މި ލިއުން ނެރުމުން ވަރަށް ގިނަ ރައްޔިތުން ހޫނުވެ، އެނގިދާނެތާއޭ ކަންވީ ހީކުރި ގޮތަކަށް ނޫންކަން، ބުނެ ނިކުމެ އޮފީސް ބަންދުކޮށް ހެދިއެވެ. މި ފިތުނައިގެ ފެށުމަކީ މިއީ ކަމުގައި ވަރަށް ގިނަ ރައްޔިތުން އަޅުގަނޑުގެ ގާތުގައި ބުނެފައިވެއެވެ. އަދި މިކަމުގައި ފަހުން އެހެންކަހަލަ ކުލަތަކެއް ޖެހި މައްސަލަ ބޮޑުވެގެން ދިޔަކަން އަޅުގަނޑަށް އެނގިފައިވެއެވެ.

އެ ލީފްލެޓް އަޅުގަނޑު ވެސް ދުށީމެވެ. އޭގައި ރަނގަޅުވާހަކަވެސް ހުއްޓެވެ. ނަމަވެސް އެގައިވާ ސުރުޚީއަކީ މަލާމާތުގެ ސުރުޚީއެކެވެ. ލިޔެފައިވަނީ ދީނުގެ ވާހަކައެވެ. ދީނީ ގޮތުން ބަލާއިރު ވެސް މުރާޖިޢާކޮށްލަން ޖެހޭ ވާހަކަތަކެއްވެސް އޭގައި ވެއެވެ. މިއީ ވަގުތާ ޙާލަތާއި ނުގުޅޭ ޢަމަލެކެވެ.  ﷲ އަށް ޝުކުރުކުރަންވީ ވަގުތު ރައްޔިތުންނަށް މަލާމާތްކުރެވުނީއެވެ. ޤުނޫތު ނުކިޔާ އިމާމު އަލުން އައުމުން ﷲ އަށް ޝުކުރުކޮށް ތިބިނަމަ ރަނގަޅު ނޫންތޯއެވެ؟ ނަމަވެސް މަލާމާތުގެ ބަހުން މުޅި ރައްޔިތުންނާ މުޚާޠަބްކުރުމުން ނަތީޖާ އަކީ އެތަށް ފިތުނައެއް އޭގެ ސަބަބުން އުފަންވުމެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެދިފައިވެއެވެ. އޮފީސް ބަންދުކުރަން ޖެހުނީ ހަމަ އެކަނި ޤުނޫތުގެ ސަބަބުން ނޫންކަމުގައި ރައްޔިތުން ބުނެއެވެ. ވަރަށް ގިނަ ދީނީ މައްސަލަތަކުގައި އެމީހުން ޤަބޫލުކުރާ ގޮތް ނޫން ގޮތްތަކެއް ފެންނަމުން ދިޔަތީކަމަށް އެމީހުން ބުނެއެވެ. އަދި އެމީހުން އަޑުއަހަށް ބޭނުން ނުވާ ބައެއް ފަތުވާތައް ވެސް އަޑުއިވޭތީ ކަމަށް ވެސް އެމީހުން ބުނެއެވެ. ޙަޤީޤަތް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ކޮންމެ އަކަސް މިވާހަކަތަކަކީ ރައްޔިތުން ބުނާ ވާހަކަތަކެވެ. އަޅުގަނޑު މިދަންނަވަނީ އެމީހުން ހާމަކުރި ސަބަބުތަކުގެ ވާހަކައެވެ. އަޅުގަނޑު ވަކިގޮތަކަށް ދެކޭތީއެއްނޫނެވެ. ދީނަށް އުޅޭ ކުދީންގެ ފަރާތުން އަޅުގަނޑަށް ފެނުނީ ރިވެތި އަޚުލާޤެވެ. ކެތްތެރި ކަމެވެ. އެމީހުންނަށް ވެސް އޮޅުން އަރާފައިވާ ދީނީ ކަންތައްތަކެއް ހުއްޓެވެ. އެރަށަށް ޢިލްމުވެރިން ފޮނުވައިގެން މިފަދަ މައްސަލަތައް ޙައްލުކުރުމަށް ބޭނުންވަނީ އެހެންވެގެންނެވެ.  

 

ދާއިމީ ކޮށް ޤުނޫތު ކިއުން ސުންނަތެއްތޯ އަޅުގަނޑު ބުނިން ހެއްޔެވެ؟

އެރަށުގެ ރައްޔިތުންނާ މުޚާޠަބްކޮށް އަޅުގަނޑު މި މައްސަލައިގައި ވާހަކަ ދެއްކީމެވެ. ދާއިމީކޮށް ޤުނޫތު ކިއުމަކީ ސުންނަތެއް ނޫންކަމަށް އެރަށުގެ ޙާޟިރުވެ ތިބި އެންމެހައި ރައްޔިތުންގެ ގާތު ދެންވީމެވެ. އެވަގުތު ސްކޫލު ހޯލް ހޫނުވެ، ވަރަށް ގިނަ ބަޔަކު ނިކުމެ އަޑުގަދަކޮށް ހެދިއެވެ. ނަމަވެސް ފަހުން އެބައިމީހުން ހޯލަށް ޙާޟިރުވެ އަޅުގަނޑުގެ ވާހަކަ އަޑުއެހިއެވެ. އަޅުގަނޑު ވަރަށް ސާފުކޮށް އެމީހުންނަށް ބުނެދިނީމެވެ. ދާއިމީކޮށް ފަތިސް ނަމާދުގައި ޤުނޫތު ކިއުން ސުންނަތެއް ނޫންކަމަށް ތަކުރާރުކޮށް ބުނީމެވެ. އެ ރަށުގެ އެންމެހައި ރައްޔިތުން މިކަމަށް ހެކިވާނެއެވެ. ނަމަވެސް މިކަން ޤަބޫލު ކުރުމެއްނެތި އެމީހުން އެދެމުން ދިޔައީ އިމާމު ވަކިކުރުމަށެވެ. އަޅުގަނޑު ދެންނެވީމެވެ. (އަޅުގަނޑު ޞަލީބަށް އެރުވިޔަސް ތިޔަކަމެއް ނުވާނެއެވެ. އޭނާ ކިތައްމެ ނިކަމެތި ވިޔަސް އޭނާ އަށް ވެސް ޙައްޤުތަކެއް ވެއެވެ. ) ހަމަ މިހެންނެވެ. ދީނުގެ ހެޔޮގޮތުގެ ޙައްޤުގައި އަޅުގަނޑު ވަކާލާތުކުރަމުން ދިޔައީ ވަރަށް ކެތްތެރިކަމާއެކުގައެވެ. ﷲ ދެނެވޮޑިގެންވާނެއެވެ.

 

އަޅުގަނޑު ހުށަހެޅި ޙައްލު

އިމާމު ޝަކީބު ވަޒީފާއިން ވަކިކުރަން އަޅުގަނޑު ބޭނުމެއް ނުވިއެވެ. އަދި އެއީ ވާނޭ ކަމެއްވެސް ނޫނެވެ. ދެން ރަށުގެ މީހުންގެ ގާތުގައި އަޅުގަނޑު ދެންނެވީމެވެ. ރަށުގެ ދެ މިސްކިތް ހުރުމުން ޤުނޫތު ކިޔާ އިމާމަކު ވެސް ހުރީމާ ކިޔަން ބޭނުން މީހުން އޭނާގެ ފަހަތަށް ދާނީއެވެ. ކިޔަން ބޭނުން ނުވާ މީހުން ނުކިޔާ އިމާމުގެ ފަހަތަށް ދާނީއެވެ. ނަމަވެސް ރަށުގެ ރައްޔިތުން މިކަމެއް ޤަބޫލެއް ނުކުރިއެވެ.

ދެން އަޅުގަނޑު އެބައިމީހުނާއެކު ހޯލުން ނިކުމެގެން އޮފީހުގެ ކުރިމައްޗަށް އައީމެވެ. އެމީހުންގެ ގިނަ ޢަދަދެއްގެ ބަޔަކު އަޅުގަނޑުގެ ފަހަތުން އައެވެ. ވަރަށް އަޑުގަދައެވެ. އިވެންނުވާ ޒާތުގެ ދަށުދަރަޖައިގެ ބައެއް ބަސްތައް ވެސް އިވެމުންދިޔައެވެ. އަރާރުން ވަރަށް ބޮޑެވެ. ތަޅާފޮޅުމާ ހަމައަށް ދާންވެސް އުޅުނެވެ. ނަމަވެސް ނަސޭހަތްތެރިވުމުން އެކަން ދޫކުރީއެވެ.

 

ޝަކީބުއާ ބައްދަލުކުރުން

އަޅުގަނޑު ޝަކީބު ގެނައީމެވެ. އަދި ޖެހިގެން އުޅޭ މައްސަލަ ދެކޮޅުން އަޑު އަހާލުމުގެ ބޭނުމުގައެވެ. ރަށުގެ މަޞްލަޙަތު އޮތް ގޮތުން، މުސްލިމު ޖަމާޢަތުގެ ތެރޭގައި ރުޅިވެރިކަމާ ފިތުނަވެރިކަން އުފެދުމުން އަދި އެއްބަޔަކު އަނެއްބަޔަކަށް އަރާރުންވެ ލޭ އޮހޮރުވުމާ ހަމަައަށް ދާންކައިރިވެފައި ވުމުން، އެމީހުންގެ ހިތްތަށް އެކުވެރިކުރައްވާތޯ ދުޢާކުރުމަށް އަޅުގަނޑު ޝަކީބަށް ދެންނެވީމެވެ. އެއީ ނާޒިލާއެއްގެ ގޮތުންނެވެ. އަޅުގަނޑު މިކަމާ ބެހޭ ގޮތުން ރާއްޖޭގެ އެހެން ޢާލިމުންނާ މަޝްވަރާކުރީމެވެ. އަދި ޑޮކްޓަރ ޢަބްދުލްމަޖީދުއާވެސް މަޝްވަރާކުރީމެވެ. އެވަގުތު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. ޝަކީބަށް ދެންނެވީމެވެ. ފަތިސްނަމާދުގައި ދުޢާކުރާށެވެ. އަދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބޭނުން ނަމަ ދުޢާކުރާށެވެ. އެއްމަސްވަންދެންނެވެ. ނުވަތަ އަޅުގަނޑު އަންގަންދެންނެވެ. އެ މުއްދަތުގެ ތެރޭގައި އެ ރަށަށް އިތުބާރު ހުރި ޢިލްމުވެރީން ފޮނުވައިގެން ރައްޔިތުންނަށް މަޢްލޫމާތުދީ ހައްޤު ފޯރުކޮށްދޭނޭ ކަމަށް ބުނީމެވެ.

ދެން ރަށުގެ މީހުން ވެސް ކޮންމެ ވެސް ވަރަކަށް މައިތިރިވެއެވެ. ދެން އަޅުގަނޑު ފުރައިގެން ދިޔައީ ފޮނަދޫއަށެވެ.

އެރޭގައި އެރަށުގައި މަޑުކޮށްފައި އަނެއް ދުވަހު މާލެ އަންނަން ފުރަން އަތިރިމައްޗަށް ގޮސް އުޅެނިކޮށް ފޯކައިދޫގެ ޙާލަތު ގޯސް ވެގެން އުޅޭކަމުގެ މަޢްލޫމާތު ލިބުމުން އެރަށަށް ދިޔައީމެވެ.

 

ރަށުގެ މަންޒަރު

އަޅުގަނޑު އޮފީހަށް ދިޔައިރު މަޞްލަހަތު ވަރަށް ގޯހެވެ. ދަނގަޑު ހޮޅިޔާއި ކޯރާޑި މަރުތެޔޮ، އަދިވެސް ތޫނު ބައެއް އެއްޗެހިތައް އެއްކޮށްފައި ހުއްޓެވެ. ދައުލަތުގެ ދިދަ ވައްޓާލިއެވެ. އިމާމުގެ ދުވަސް ދުއްވާލާނޭ ކަމަށާއި، އިރު އޮއްސުމުގެ ކުރީން ލޭ އޮހޮރުވާލާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ. އެއީ މެންދުރެއްހާއިރެވެ. އަދި ރަށުގެ ކުޑަކުދީންނާއި ވަރަށް ގިނަ ޢަދަދެެއްގެ އަންހެނުންނާއި ބޮޑެތި މީހުން އެއްވެ ޝަކީބާ ދެކޮޅަށް އަޑު އުފުލަމުން ދިޔައެވެ. ޝަކީބު ވަކިކުރުމަށް އެދެމުން ދިޔައެވެ. އަދި ތޫނު އެއްޗެއްގެ ބޭނުން ނުކުރުމަށާއި، ލޭ އޮހޮރުވައިފި ނަމަ އެ ފިތުނަ އަބަދަށް ދެމިގެންދާނޭ ކަމަށް ބުނެ ކެތްތެރިކަމާއެކު ނަޞޭހަތް ތެރިވީމެވެ. ކުޑަކުދީންނަށް ނުބައި ނަމޫނާ ނުދެއްކުމަށް އާދޭސް ކުރީމެވެ. އެފަދަ ބިރުވެރި ޙާލަތެއްގައި އެމީހުން ވަނިކޮށް އެއުރެން ދޫކޮށް ނުދިއުމަށްޓަކައި ތިން ފަހަރު މަތިން އަޅުގަނޑުގެ ދަތުރު ގަޑި ލަސްކުރަން ޖެހުނެވެ. އެއުރެންގެ ޙާލަތު ފެނިފައި އަޅުގަނޑު ވަރަށް ކަންބޮޑުވިއެވެ. ލޭ އޮހޮރިގެން ހިނގައިދާނެތީއެވެ. އެމަންޒަރު ދުށް މީހަކަށް ނޫނީ ސިފަކުރާކަން ނޭގޭނެއެވެ.  އަޅުގަނޑު އެމީހުންގެ ތެރޭގައި ހުރެ ނަޞޭޙަތް ތެރިވަމުން ގެންދިޔައީވެ. ނަމަވެސް އަޅުގަނޑުގެ ބަސް ޤަބޫލު ނުކޮށް މެންދުރު ނަމާދުގެ ވަގުތުގައި ވެސް 15 ވަރަކަށް މީހުން ވެގެން ގޮސް މިސްކިތައް ހުރަސް އެޅިއެވެ. އިމާމު މިސްކިތަށް ވަނުން މަނާކުރިއެވެ. އަދި ބަޔަކު ނަމާދު ފަހުން އައިސް އަޅުގަނޑަށްވެސް ހުރަސް ކުރިމަތި ކުރަން އުޅުނެވެ. ނަމަވެސް އެމީހުންގެ ތެރޭގައިވާ ހެޔޮވިސްނޭ މީހުން އެގޮތް ގަބޫލު ނުކުރިއެވެ. އެ ރަށުގެ ރައްޔިތުން އަޅުގަނޑަށް ވަރަށް ހެޔޮކޮން ހިތިއެވެ. އެމީހުން ފަހުން ވެސް އެދެމުން ދިޔައީ ޝަކީބު ވަޒީފާއިން ވަކިކުރާށެވެ.

 

ދެވަނަ ދުވަހު ޝަކީބުއާ ބައްދަލުކުރުން

ރަށުގެ މީހުންގެ ތެރެއިން އިސް ބަޔަކާ، ރަށުގެ ވެރިންނާއި ޝަކީބު ބައިންދައިގެން އެންމެނަށް ނަޞޭޙަތް ތެރިވީމެވެ. އަދި ރަށުގެ އެ ފިތުނަވެރި ޙާލަތު ފިއްލެވުމަށާއި އެކުވެރިކަން ލައްވާތޯ ދުޢާކުރުމަށް އަނެއްކާވެސް ޝަކީބަށް ދެންނެވީމެވެ. ޝަކީބު ކުރީ ރޭ ވެސް ދުޢާކުރިއެވެ. ނަމަވެސް ރާއްޖޭގެ މީހުން ދަންނަ ދުޢާގެ ބައި ނައުމުން މީހުން ރުޅި އައީއެވެ. އަޅުގަނޑު ޝަކީބަށް ދެންނެވީމެވެ. ޤުނޫތު ނާޒިލާ ކިޔާއިރު އެބައި ގެނައުމަކުން މައްސަލައެއް ނޫންކަމާއި އެބައި ގެނެސްފައި ބާކީ ހެޔޮ ދުޢާ ކުރާށެވެ. އަޅުގަނޑުމެންނަށް ވުރެ، ތަޤްވާވެރި ދަންނަބޭކަލުން ވެސް ވަނީ އެ ދުޢާކިޔުއްވާފައެވެ. މި ގޮތަށެވެ. ޝަކީބަށް ދާއިމީކޮށް ޤުނޫތު ކިޔަން މަޖްބޫރު ނުކުރަމެވެ. އެއީ އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އަޅުގަނޑު ކުރާނޭ ކަމެއްނޫނެވެ. އަދި ޝަކީބަށް އަޅުގަނޑު އިންޒާރެއްވެސް ނުދެމެވެ. އެއީ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނޭ ކަމެއްނޫނެވެ. އަޅުގަނޑު ޝަކީބު ގާތު ދެންނެވީ މަހެއް ވަންދެން ދުޢާކުރާށެވެ. އެމުއްދަތުގެ ތެރޭގައި ޢިލްމުވެރީން ފޮނުވައި ރައްޔިތުންނަށް މަޢްލޫމާތު ފޯރުކޮށްދީ މި ފިތުނަ ރަށުން ނައްތާލާނެ ކަމުގައެވެ. ޝަކީބު ކަނޑާލަށް ބޭނުން ނުވާކަމުގައެވެ. ދީނަށް އުޅޭ ރަނގަޅު މީހުން އިމާމުންގެ ގޮތުގައި ތިބުމަކީ އަޅުގަނޑު އުފާކުރާ ކަމެއްކަމުގައި ދެންނެވީމެވެ.

މި ފަދަ ގޮތަކަށް މި މައްސަލަ ޙައްލު ނުވެއްޖެނަމަ އެހެން ފިޔަވަޅެއް އަޅަން ޖެހިދާނޭ ކަމަށް ރައްޔިތުންނާއި ޝަކީބަށް ދެންނެވީމެވެ. އެއީ މިފަދަ  މަޤާމެއްގައި ހުންނަ މީހަކު، ދެން އިތުރު ގޮތެއް ނެތިއްޖެނަމަ ކުރަންޖެހޭނެ ކަންތައްތައް ހުންނާނޭ ފަދައިންނެވެ. އެއްވެސް ޙާލެއްގައި އިންޒާރުގެ ގޮތުންނެއްނޫނެވެ. ޝަކީބަކަށް އަދި، ރައްޔިތަކަށް ވެސް އިންޒާރެއް ނުދެމެވެ. އަޅުގަނޑު އެންމެނާ މުޚާޠަބު ކުރީ ވަަރަށް އެކުވެރިކަމާއެކުގައެވެ.

 

ބަދުނާމުކުރުން

އަޅުގަނޑާމެދު ޒާތީ ދުޝަމަންކަމެއް ދާއިމީ ގޮތެއްގައި ގެންގުޅޭ ބައެއްމީހުން މާލޭގައި ތިބެގެން މި ޚަބަރުގެ ޙަޤީޤަތް އޮޅުވާލާ އަޅުގަނޑު ބަދުނާމު ކުރަން ފެށިއެވެ. އަދި ކަމާބެހޭ ޚަބަރު ފިތުނަވެރިކޮށް މުއުމިނުންގެ މުޖުތަމަޢުގައި ފިތުނަވެރިކަން ޢާއްމުވާގޮތަށް ޚަބަރު ފަތުރަން ފެށިއެވެ. އިންޓަރނެޓާއި އެސް އެމް އެސްގެ ޛަރީޢާއިން މި މީހުންވަނީ މިކަން ކޮށްފައެވެ. ކަންކަމުގެ ހަޤީޤަތް ބެލުމެއް ނެތި  މިފަދަ މައްސަލަތައް ބޮޑުކުރުމަކީ ކިހާ ބޮޑު ފިތުނައެއް ހެއްޔެވެ؟ އެއީ ސަލަފުންނާއި މުއުމިނުންގެ ގޮތް ހެއްޔެވެ؟ ހިތާމައިގެ ކޮޅެއް ނެތެވެ. ޤުނޫތުގެ މައްސަލައިގައި އަބަދުވެސް އަޅުގަނޑު ގެންގުޅޭ ރައުޔު ޝާއިޢު ކުރަމެވެ. ޢަދާލަތު ސައިޓުގައި ވެސް ވާނެއެވެ. ނޫރުލް އިސްލާމްގައި ވެސް ވާނެއެވެ.

ޤުނޫތަކީ ޝަރުޢުގައި އޮތް ސުންނަތެކެވެ. އޭގެ ސުންނިއްޔަތަށް އިންކާރުކުރެވޭނެ އެއްވެސް ޙުއްޖަތެއް ނެތެވެ. އެ ކިއުން ސުންނަތް ގޮތަކީ ކިޔަންޖެހޭފަދަ ސަބަބެއް މެދުވެރިވުމުން ކިޔުމެވެ. އަދި އެ ސަބަބު ފިލާ ދިއުމުން ދޫކޮށްލުމެވެ. ޝާފިޢީ މަޛުހަބުގައި ފަތިސް ނަމާދުގައި ދާއިމީކޮށް ޤުނޫތު ކިޔުމަކީ ސުންނަތެއްކަމުގައި ބަޔާންވެފައިވެއެވެ. ނަމަވެސް އެއީ ޖުމުހޫރުންގެ ރައުޔެއްނޫނެވެ. މި މައްސަލައިގައި ދަންނަބޭކަލުންގެ މެދުގައި ދެބަސްވުން އުފެދިގައިވަނީ " ޤުނޫތު " މިލަފްޒަކީ ތަފާތު މާނަ ދޭހަވާ ލަފްޒެއްކަމުންނާއި، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމު ޤުނޫތު ވިދާޅުވުމަށް ފަހު ދޫކުރައްވާފައިވާތީއާއި، މިކަމުގައި ވާރިދުވެފައިވާ ބައެއް ޙަދީޘްތައް ޞައްޙަކުރެއްވުމުގައި ދަންނަބޭކަލުންގެ ރައުޔު ތަފާތުވެފައިވީތީއެވެ.

އަޅުގަނޑުގެ މަޢްލޫމާތުން އެނގޭގޮތުގައި ދާއިމީކޮށް ފަތިސް ނަމާދުގައި ޤުނޫތު ކިއުމަކީ ސުންނަތެއްނޫނެވެ. އަދި އެއީ ބިދުޢައެއް ވެސް ނޫނެވެ. އެއީ ޚިލާފުލްއައުލާއެވެ. މިފަދަ ކަންކަމުގައި އަރާރުން ވުމެއް ނެތެވެ. މިއީ އިބުނުލް ޤައްޔިމުގެ ވިދާޅުވެފައިވާ ފަދައިންނެވެ. އަދި އެނޫން ވެސް އެތަށް ދަންނަބޭކަލުންނެވެ. ޖުމުހޫރުންނެވެ. އަދި ބިދުޢައެކޭ ވިދާޅުވި ސަޢޫދީ ކުރީގެ މުފްތީ އިބުނު ބާޒު ރަޙިމަހުﷲގެ ނަޒަރުގައި ވެސް އެއީ ފުރެދުން ހުރި ބިދުޢައެއްނޫނެވެ. އިބުނު ބާޒު ވިދާޅުވަނީ ޤުނޫތު ކިޔާ އިމާމެއްގެ ފަހަތުގައި ނަމާދު ކުރާނަމަ އަތް ވެސް ނަގާށެވެ. ދުޢާގަ ވެސް ބައިވެރިވާށެވެ. އާމީން ވެސް ކިޔާށެވެ. ފުރެދުން ހުރި ބިދުޢަ އެއް ނަމަ އޭގައި ބައިވެރިވުމަށް ފަތުވާ ދެއްވީސްތޯއެވެ؟ އާދެ! ދާއިމީ ގޮތެއްގައި ކިޔުމަކީ އައުލާ ގޮތެއްނޫނެވެ. އަބަދުވެސް އަޅުގަނޑުގެ ރައުޔަކީ މިއީއެވެ.

މިވާހަކަތައް ބަޔާންކުރުމުގެ އުފާވެރިކަން ލިބިގަތީ ވަރަށް ގިނަ އަޚުން މިކަމުގެ ޙަޤީޤަތް ހޯދުމަށް އަޅުގަނޑުގެ ގާތުގައި އެދެމުންދާތީއެވެ. އަދި ކަމުގެ ޙަޤީޤަތް ބަޔާންކުރުމުގެ ގޮތުންނެވެ. އަޅުގަނޑުމެން އެންމެނަށް ﷲ ހިދާޔާއި ތައުފީޤު ދެއްވާށިއެވެ. އާމީން.

وآخر دعوانا أن الحمد لله رب العالمين.

21 މާރޗް2009 މ.

 

އަލްމުޚްލިޞް

މުޙައްމަދު ޝަހީމު ޢަލީ ސަޢީދު


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި