Noorul-islam.NET :: އިސްތިސްޤާ ނަމާދު




އިސްތިސްޤާ ނަމާދު
Category »  ފިޤްހު

ތާރީޚް: 14 މާޗް 2009

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު


 

1- ފެން ދަތިވެއްޖެނަމަ، ނުވަތަ ވާރޭ ވެހުން ލަސްވަނީނަމަ ވާރޭ ވެއްސެވުމަށް އެދި ނަމާދުކޮށް ދުޢާކުރުމީ ސުއްނަތެކެވެ. މިގޮތުން މޮޅުގޮތަކީ ބޮޑުޖަމާޢަތެއްގައި އެރަށެއްގެ ކުދިބޮޑު އެންމެން ޖަމާވެ ނަމާދުކުރުމަށްފަހު އިމާމުމީހާ ޚުޠުބާދިނުމެވެ. ޚުޠުބާގައްޔާއި ނަމާދުގެ ފަހުގައި ދުޢާކުރުން އޮންނާނެއެވެ. މިނަމާދަށް ކިޔަނީ އިސްތިސްޤާ ނަމާދެވެ. މިނަމާދުގައި އޮންނަނީ ދެރަކްޢަތެވެ. އިމާމު ޝާފިޢީއާއި އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ނަމާދު ކުރާނީ ޢީދުނަމާދު ކުރާ ފަދައިންނެވެ.[1] ޢީދުނަމާދުގެ ވަގުތުގައެވެ. ޤުރުއާން ބާރަށް ކިޔަވާފައެވެ. ފުރަތަމަ ރަކްޢަތުގައި ހަށަންބަންތަކްބީރަށް ފަހު ދުޢާއުލް އިފްތިތާޙުކިޔާފައި ހަތްތަކްބީރު ކިއަންވާނެއެވެ. އަދި ދެވަނަ ރަކްޢަތުގައި އެރަކްޢަތަށް ތެދުވާ ތަކްބީރުފިޔަވައި ފަސްތަކްބީރު ކިޔަންވާނެއެވެ. ނަމާދަކާ ނުލައިވެސް އިސްތިސްޤާގެ ދުޢާކުރެވިދާނެއެވެ. ނަމަވެސް ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވަނީ މޮޅުގޮތަކީ ނަމާދުކުރުންކަމުގައެވެ.[2]

 

2- މާތްﷲ ރުއްސުންލެއްވި އަނަސްގެފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހުކުރު ދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޚުޠުބާ ދެއްވަން މެންބަރުމަތީ ހުންނަވަނިކޮށް ބަޔަކުމީހުން އައިސް ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ. ވާރެއެއްނުވެހެވެ. ތަދުމަޑުކަން ވެރިވެއްޖެއެވެ. ގަސްތައް މަރުވެ ހިކިއްޖެއެވެ. ގެރިބަކަރިތައް ނެތިދަނީއެވެ. ވާރޭވެއްސަވާތޯ ﷲގެ ޙަޟުރަތުގައި ދަންނަވަންވީނުންތޯއެވެ؟ ދެންފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްو ﷲގެ ޙަޟުރަތަށް ކުއްތަންވެ اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا މިފަދައިން ދުޢާ ދެންނެވިއެވެ. އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. ﷲ ގަންދީބުނަމެވެ. އުޑުގައި އެންމެ ވިލާކޮޅެއްވެސް އެހިނދަކު ނެތެވެ. ކުއްލިއަކަށް ވިލާތައް ނަގައި މުޅި ޖައްވު ނިވާކޮށްލިއެވެ. ވާރޭ ވެހެން ފެށިއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  މެންބަރުން ފައިބައި ވަޑައިގަންނަވައިގެން ނަމާދު ކުރެއްވިއެވެ. ނަމާދުން ނިމިވަޑައިގަތް އިރުގައި ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އަނެއް ހުކުރު ދުވަސް އައިއިރުގައި ވެސް ހަމައެވަރަށް ބޯކޮށް ވާރޭ ވެހެއެވެ. ދެވަނަ ހުކުރު ދުވަހުގެ ޚުޠުބާ ދެއްވުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިންބަރުގައި ހުންނަވަނިކޮށް ބަޔަކު މީހުން އައިސް ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ. ގެތަށް ގެނބެނީއެވެ. މަގުތައް ބަންދުވެއްޖެއެވެ. އަޅުގަނޑުމެންގެ ކިބައިން ވާރެއިން ސަލާމަތްކޮށް ދެއްވުން އެދި ދުޢާ ދަންނަވާދެއްވަންވީ ނޫންތޯއެވެ. މިއަޑު އައްސަވާފައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހިނިތުންވެ ވަޑައިގަތެވެ. އަދި ﷲ އަށް ކުއްތަންވެވަޑައިގެން މިފަދައިން ދެންނެވިއެވެ. اَللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا ދެން މިދުޢާފުޅަށް ފަހު މަދީނާގެ ތެރެއިން ފެންގަނޑު ކެނޑިގެން ހިނގައްޖެއެވެ. މަދީނާއަކަށް ވާރޭގެ ތިކިވަރެއްވެސް ނުވެހެއެވެ. ނަމަވެސް މަދީނާގެ ވަށައިގެން ރަށްބޭރަށާއި މަދީނާއިން ބޭރަށް ވެހެމުން ދިޔައެވެ. އަނަސްގެފާނު ވިދާޅުވެފައި ވެއެވެ. ތިމަން ކަލޭގެފާނު މަގުމައްޗަށް ނިކުމެ ބަލާލީމެވެ. މަދީނާގެ ތެރެއަށް އެންމެ ވާރޭ ތިއްކެއް ވެސް ނުޖަހައެވެ. އެކަމަކު މަދީނާގެ ވަށައިގެން ވާރޭ ވެހެމުން ދިޔައެވެ. މަދީނާ ހީވަނީ ޖަވާހިރާއި މުތީން އައްކަންކޮށް ގަތާފައިއޮތް ތުއްރަވާއްސެއްހެންނެވެ.[3]

ދުޢާގެ މާނައަކީ: اللَّهُمَّ اسْقِنَا اللَّهُمَّ اسْقِنَا - اللَّهُمَّ حَوَالَيْنَا وَلاَ عَلَيْنَا (އޭﷲ! އަޅަމެނަށް ފެންދެއްވާނދޭވެ. އަޅަމެނަށް ފެންދެއްވާނދޭވެ... އޭﷲ! އަޅަމެންގެ ވަށައިގެން ވެއްސަވައި އަޅަމެނަށް ރަޙްމަތެއްކަމުގައި ލައްވާނދޭވެ. އަޅަމެންގެ މައްޗަށް ހުރި ކޯފާއެއް ނުވަތަ ހަލާކެއްގެ ގޮތުގައި ނުލައްވާނދޭވެ.)

 

3- މާތްﷲ ރުއްސުންލެއްވި ޢާއިޝާ ޞިއްދީޤާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ވާރޭ ނުވެހިގެން އެއްފަހަރެއްގައި މީސްތަކުން އައިސް، އެކަމުގެ ޝަކުވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ އަރިހުގައި ދެންނެވުމުން، މީސްތަކުން ރަށުގެ ރަށްބޭރުގެ ޢީދުގާހަށް (ޢީދުނަމާދު ކުރާތަނަށް) ނިކުތުމަށް އިތުރު އެކަލޭގެފާނު އެންގެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  އެދުވަހު ހެނދުނު ހޫނުނުވަނީސް އެތަނަށް ނިކުމެ ވަޑައިގެން މެންބަރަށް އަރައިވަޑައިގެން ތަކްބީރު ވިދާޅުވެ، ﷲއަށް ޙަމްދު ސަނާ ދެންނެވިއެވެ. ދެން ޙަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުންގެ ގެތަކުގައި ވަނީ ތަދުމަޑުކަން ޖެހިފައެވެ. ވާރޭވެހުން ވަނީ މާބޮޑަށް ލަސްވެފައެވެ. މަތިވެރި މާތް ﷲ އަހަރެމެންނަށް ވަނީ އެއިލާހަށް ދެންނެވުމަށާއި ދަންނަވާ ދެންނެވުމަށް އިޖާބަ ދެއްވާނެކަމަށް އަންގަވާފައެވެ. ދެން ދެއަތްޕުޅު އިސްތަށިފުޅަށް ވުރެން މައްޗަށް އުފުއްލަވައިގެން الْحَمْدُ لِلَّهِ .... މިފަދައިން ދުޢާދެންނެވިއެވެ. ދުޢާއިން ނިމިވަޑައިގެން ދެރަކްޢަތް ނަމާދު ކުރެއްވިއެވެ. ހަމަ އެހިނދުން ﷲގެ އިޛުނަފުޅާއެކު އުޑުމަތި ބަނަވެ ވިލާތައްނަގައި ގުގުރިއާއި ވިދުވަރުޖަހައި ވާރޭ ވެހެންފަށައިފިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  އަށް މިސްކިތަށް ވަޑައިނުގެންނެވެނީސް މަދީނާގެ ވާދީތަކުގައި ސޭލާބު ދެމެން ފަށައިފިއެވެ. މީސްތަކުން ވާރެއިން ސަލާމަތްވުމަށްޓަކައި ގެތަކަށް ވަދެ ނިވައިވާން ފަށައިފިއެވެ. މިތަން ފެނިވަޑައިގެން އިތުރު އެކަލޭގެފާނު ވަރަށްބޮޑަށް ހިނިފުޅުވަޑުވައި ޝަހާދަތް ވިދާޅުވިއެވެ.[4] އެދުޢާއަކީ:

اَلْحَمْدُ لِلَّهِ رَبِّ الْعَالَمِينَ الرَّحْمَنِ الرَّحِيمِ مَلِكِ يَوْمِ الدِّينِ لاَ إِلَهَ إِلاَّ اللَّهُ يَفْعَلُ مَا يُرِيدُ اَللَّهُمَّ أَنْتَ اللَّهُ لاَ إِلَهَ إِلاَّ أَنْتَ الْغَنِيُّ وَنَحْنُ الْفُقَرَاءُ أَنْزِلْ عَلَيْنَا الْغَيْثَ وَاجْعَلْ مَا أَنْزَلْتَ لَنَا قُوَّةً وَبَلاَغًا إِلَى حِينٍ.

މާނައީ: ޢާލަމްތަކުގެ ވެރި ﷲ އަށް ގިނަގުނަވެގެންވާ ޙަމްދާއި ސަނާ ހުއްޓެވެ. އެއީ ބޮޑަށް ރަޙްމަތްލައްވާ އިންތިހާއަށް އޯގާވަންތަ އިލާހެވެ. ޤިޔާމަތްދުވަހުގެ ވެރިއިލާހެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އެއިލާހު އިރާދަކުރައްވާކަމެއް ކުރައްވައެވެ. އަޅުގެވެރި ރަސްކަލާކޮ! ތިޔައީ ﷲ އެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވެއެވެ. ތިޔައީ ފުދިވޮޑިގެންވާ އިލާހެވެ. އަޅަމެންނަކީ ނިކަމެތި މުޙްތާޖުންނެވެ. އަޅަމެންގެ މައްޗަށް ވާރޭ ވެއްސަވާނދޭވެ. އަދި އަޅަމެންގެ މައްޗަށް ވެއްސަވާ ވާރެއަކީ ރަޙްމަތެއްކަމުގައްޔާއި އަޅަމެނަށް މުޙްތާޖުވާ މިންވަރަށް ވެއްސަވާ އެއްޗެއްކަމުގައި ލައްވަވާނދޭވެ.  

 

4- މާތް ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢަމްރުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވާރެއަށް އެދިވަޑައިގެން ދުޢާފުޅު ކުރައްވާނަމަ މިފަދައިން ދުޢާކުރައްވަތެވެ.[5]  

 اللَّهُمَّ اسْقِ عِبَادَكَ وَبَهَائِمَكَ وَانْشُرْ رَحْمَتَكَ وَأَحْيِ بَلَدَكَ الْمَيِّتَ

މާނައީ: އޭﷲ! ތިޔައިލާހުގެ އަޅުންނަށާއި އެންމެހާ ގެރިބަކަރި ޖަނަވާރުތަކަށް ފެންދެއްވާނދޭވެ. އަދި ތިޔައިލާހުގެ ރަޙްމަތް ފަތުރުއްވަވާނދޭވެ. އަދި ހިކިވެ މަރުވެފައިވާ ތިޔައިލާހުގެ ރަށުގެ ބިންގަނޑު ދިރުއްވާނދޭވެ.

 

5- މާތްﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް އަންހެނުންތަކެއް ރޮމުންރޮމުން އައިސް ވާރޭގެ ދަތިކަން ބަޔާންކޮށް ދެންނެވިއެވެ. އެހިނދު އިތުރު އެކަލޭގެފާނު މިދުޢާ ކުރެއްވިއެވެ. ދެން ދުޢާކޮށް ނިމިވަޑައިގަތުމާއެކު ވާރޭ ވެހެން ފެށިއެވެ.[6] އެދުޢާއަކީ: 

اللَّهُمَّ اسْقِنَا غَيْثًا مُغِيثًا مَرِيئًا مَرِيعًا نَافِعًا غَيْرَ ضَارٍّ عَاجِلاً غَيْرَ آجِلٍ.

މާނައީ: އޭﷲ! އަޅަމެންގެ މައްޗަށް ވާރޭގެ ނިޢުމަތް ވެއްސަވާނދޭވެ. އުފަލާއި ހިތްހަމަޖެހުންލިއްބައިދޭ، ތަރޯތާޒާކަން ގެނެސްދޭ އެއްޗެއްގެ ގޮތުގައެވެ. ފައިދާދެނިވި، ގެއްލުމުން މިންޖު ކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. ލަސްނުކޮށް އަވަސް އުއްމީދާއެކުގައެވެ.

 

 

ނޯޓް: މިއީ ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ލިޔުއްވާފައިވާ ((ސުއްނަތް ވެގެންވާ ދުޢާ 2 )) މި ފޮތުން ނަގާފައިވާ ލިޔުމެކެވެ. މި ފޮތް ނޫރުލްއިސްލާމް ވެބްސައިޓުގެ ލައިބްރަރީ އިން ހިލޭ ޑައުންލޯޑު ކުރެއްވޭނެއެވެ.

 



[1] އަލްއުއްމު، މިންހާޖުއްޠާލިބީން، އަލްމަޙައްލީ، އަލްމަޖްމޫޢު، އަލްމުޣުނީ، ހިދާޔާ

[2] ހިދާޔާ، ބިދާޔަތުލްމުޖްތަހިދް

[3] މާލިކް، އަޙްމަދު، ތިރުމިޛީ ފިޔަވައި ފަސްއިމާމުން

[4] އަބޫދާއޫދު، އިބްނުޙިއްބާން، ޙާކިމް

[5] މާލިކް، އަބޫދާއޫދު

[6] މާލިކް، އަބޫދާއޫދު، ބައިހަޤީ، ޚައްޠާބީ، އަލްމުންޛަރީ، ނަވަވީ


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި