Noorul-islam.NET :: އިސްތިޚާރާ ނަމާދު
އިސްތިޚާރާ ނަމާދު
Category »  ފިޤްހު

ތާރީޚް: 21 ޖެނުއަރީ 2009

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

 

މާތް ﷲ ރުއްސުންލެއްވި ޖާބިރު އިބްނު ޢަބްދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަންމެނަށް ކުރަންޤަޞްދުކުރާ ކޮންމެ ހެއުކަމެއް ކުރުމުގައި އިސްތިޚާރާ ކުރުމަށް ދަސްކޮށްދެއްވައެވެ. ތިމަންމެނަށް ޤުރުއާނުގެ އާޔަތް ދަސްކޮށްދެއްވާ ފަދައިންނެވެ. އެކަލޭގެފާނު ޙަދީޘު ކުރައްވާފައި ވެއެވެ. ތިޔައިން މީހަކު ކަމެއް ކުރުމަށް (ޢަޒުމު ކަނޑައެޅުމަކާނުލައި) ޤަޞްދުކޮށްފިނަމަ ފަރުޟުނަމާދު ނޫން ދެރަކްޢަތް ނަމާދެއް ކުރާށެވެ. އެއަށްފަހު މިފަދައިން ދުޢާ ދަންނަވާށެވެ. ދުޢާގެ ފަހުން ތިމާ ކުރަން ޤަޞްދުކުޅަ ކަމެއްގެ ނަން ގަންނާށެވެ.

ދަންނަބޭކަލުންގެ ތެރެއިން އިމާމު ނަވަވީއާއި އިބްނު ޙަޖަރު ވިދާޅުވަނީ މިތާނގައި ކަމެއްގެ މުރާދަކީ ވާޖިބުކަންތަކާއި ސުއްނަތް ކަންތަކާއި ޙަރާމް ކަންތަކާއި މަކްރޫހަ ކަންތައް ފިޔަވައި ހުއްދަވެގެންވާ އެހެނިހެން ކަންތައްތަކުގެ ވާހަކައެވެ.

އެއީ މިބުނެވުނު ފަދަކަމެއް ކުރުމަށް ނުވަތަ ނުކުރުމަކަށް އިސްތިޚާރާ ކުރުން ހުއްދައެއް ނުވާނެއެވެ. އެއާ ޚިލާފަށް ދީނާއި ދުނިޔޭގެ ޢާއްމު ހުއްދަކަންތައް ކުރުމުގައި އިސްތިޚާރާ ކުރުން ރަނގަޅުވާނެއެވެ.[1] އެދުޢާއަކީ:

اَللَّهُمَّ إِنِّي أَسْتَخِيرُكَ بِعِلْمِكَ وَأَسْتَقْدِرُكَ بِقُدْرَتِكَ وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ وَتَعْلَمُ وَلاَ أَعْلَمُ وَأَنْتَ عَلاَّمُ الْغُيُوبِ اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ (އެކަމެއް ހިތަށް އަރުވާފައި) خَيْرٌ لِي فِي دِينِي وَمَعَاشِي وَمَعَادِي وَعَاقِبَةِ أَمْرِي فَاقْدُرْهُ لِي وَيَسِّرْهُ لِي ثُمَّ بَارِكْ لِي فِيهِ وَإِنْ كُنْتَ تَعْلَمُ أَنَّ هَذَا اْلأَمْرَ  (އެކަމެއް ހިތަށް އަރުވާފައި) شَرٌّ لِي فِي دِينِي وَمَعَاشِي وَمَعَادِي وَعَاقِبَةِ أَمْرِي فَاصْرِفْهُ عَنِّي وَاصْرِفْنِي عَنْهُ وَاقْدُرْ لِي الْخَيْرَ حَيْثُ كَانَ ثُمَّ رَضِّنِي بِهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ. 

މާނައީ: އޭﷲ! އަޅު ތިޔައިލާހުގެ ޙަޟުރަތުން މަޝްވަރާއަކަށް އެދެމެވެ. އަދި ތިޔައިލާހުގެ ޙަޟުރަތުން އަޅުވާގިވެރިކަމަށް އެދިދަންނަވަމެވެ. އަދި ތިޔައިލާހުގެ މަތިވެރި ފަޟުލުވަންތަ ވެރިކަމަށް އެދި ދަންނަވަމެވެ. ތިޔައިލާހުއީ މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންތަ އިލާހުއެވެ. ފަހެ ކުޅަދުންވަންތަވެރި ފަރާތަކީ ތިޔައިލާހެވެ. އަދި ރަނގަޅަށް ދެނެވޮޑިގަންނަވަނީ ވެސް ހަމަތިޔައިލާހެވެ. ތިޔައީ ޣައިބުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަޅަކީ އެއްވެސް ކަމެއްގެ ކުޅަދާނަކަން ލިބިގެންވާ މީހަކީމެއް ނޫނީމެވެ. އަދި ކަންކަމުގެ ޙަޤީޤަތް ދެނެގަނެވޭ މީހެއްވެސް ނޫނީމެވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާމެދު ހެއުކަމުގައްޔާއި ރަނގަޅުކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގައި މަގުފަހިކޮށް ދެއްވައި ލުއިކޮށްދެއްވާނދޭވެ. އަދި އޭގައި ބަރަކާތް ލައްވާނދޭވެ. އޭﷲ! އަޅުގެ މިކަމުގައި (ދެން ނިޔަތް ގަތް ކަމެއްގެ ނަން ބަޔާންކުރާށެވެ.) އަޅުގެ ދީނާއި ދުނިޔޭގެ ދިރިއުޅުމާއި އާޚިރަތާއި އަދި ކަމުގެ އާޚިރު ނަތީޖާއާ މެދު، ނުބައި ކަމުގައްޔާއި ރަނގަޅުނޫން ކަމުގައި ތިޔައިލާހަށް ފެނިވޮޑިގަންނަވާނަމަ އަޅަށް މިކަމުގެ މަގުފަހިކޮށްނުދެއްވައި މިކަމާ އަޅާ ދުރުކުރައްވާނދޭވެ. އަދި އެކަމުގައި ބަރަކާތް ލައްވާނދޭވެ. އަދި ކޮންމެ ތާނކުގައި ވީނަމަވެސް އަޅަށް ހެއުގޮތް ލައްވާނދޭވެ. އަދި އެކަމަކަށް ތިޔައިލާހު ރުހިވޮޑިގަންނަވާނދޭވެ. ﷲގެ ޙަޟުރަތުން މެނުވީ އެއްވެސް އާރަކާއި ބާރެއް ލިބުމެއް ނުވެއެވެ. [1]  މާލިކް، އަޙްމަދު، މުސްލިމް ފިޔަވައި ފަސްއިމާމުން، ޠަބަރާނީ، އިބްނުއްސުއްނީ، ނަވަވީ

މިއީ ނޫރުލްއިސްލާމް ލައިބްރަރީގައި ޝާއިޢު ކުރެވިފައިވާ [ސުއްނަތްވެގެންވާ ދުޢާ 2] މި ފޮތުން ނަގާފައިވާ ލިޔުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި