Noorul-islam.NET :: އެއީ ކޯޗެއްތަ؟




އެއީ ކޯޗެއްތަ؟
Category »  ވާހަކަ

ތާރީޚް: 7 ޖެނުއަރީ 2009

ތަރުޖަމާ ކުރެއްވީ : [ ބިލާލް ]

މުސްކުޅި ފިރިހެނަކު އޭނާގެ ގޭގެ މެދުގޯތީގައި އިށީނދެ އިނެވެ. ކައިރީގައި ވަރަށް މޮޅަށް ކިޔަވައިގެން ހުރި ފިރިހެން ދަރިޔަކުވެސް ހުއްޓެވެ. ދެމީހުން މިހެން ތިއްބާ ކުއްލިއަކަށް ކާޅެއް އައިސް ގޭގެ ފާރު މަތީގައި އިށީނދެއްޖެވެ. މުސްކުޅި ފިރިހެން މީހާ އޭނާގެ ދަރިފުޅު ގާތުގައި އެހިއެވެ. "އެއީ ކޯޗެއްތަ؟" ދަރިފުޅު ޖަވާބުގައި ބުންޏެވެ. "އެއީ ކާޅެކެވެ."

އޭގެ އިރުކޮޅެއް ފަހުން އަނެއްކާވެސް އެ މުސްކުޅި ބައްޕަ އެ ކާޅު ދައްކާފައި އެހިއެވެ. "ދަރިފުޅާ، އެއީ ކޯޗެއްތަ؟" ފިރިހެން ކުއްޖާ އަނެއްކާވެސް ޖަވާބުގައި އެއީ ކާޅެއް ކަމަށް ބުންޏެވެ. އަނެއްކާވެސް ހަމަ އޭގެ އިރުކޮޅެއް ފަހުން އެމީހާ އެ ކާޅު ދައްކާފައި ސުވާލުކުރިއެވެ. މިފަހަރު އެ ފިރިހެން ކުއްޖާ ބުންޏެވެ. "ކިތައް ފަހަރުތަ ބުނާނީ ތިޔައީ ކާޅެކޭ". މުސްކުޅި މީހާ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ދަރިފުޅު ގާތުން އެއީ ކޯޗެއްތޯ ސުވާލުކުރިއެވެ. މިފަހަރު އެ ކުއްޖާގެ މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފާޅުވާން ފެށިއެވެ. އަދި ތަންކޮޅެއް ބާރަށް އެއީ ކާޅެކޭ ކާޅެކޭ ކިޔާފައި ޖަވާބުދިނެވެ.

އޭގެ ފަހުން އިރުކޮޅެއް ވީމާ އަނެއްކާވެސް އެ ކާޅު ދައްކާފައި އެ ބައްޕަ ބުންޏެވެ. "ދަރިފުޅާ، އެއީ ފަހެ ކޯޗެއްތަ؟" ބައްޕަގެ މިސުވާލާއި އެކީ އެ ކުއްޖާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. "ބައްޕަ އަބަދު އެކައްޗެއް ތިޔަ ކިޔަނީ.. މަ ކިތައް ފަހަރު ޖަވާބު ދީފިންތަ. އަދިވެސް މިކިޔާ އެއްޗެއް ނީވެނީތަ؟" މިހެން ކިޔާފައި އޭނާގެ ބައްޕައާއި ދިމާލަށް ފަތިވަރެއް އަމުނާލިއެވެ.

ދެން އެ މުސްކުޅި ބައްޕަ ތެދުވެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ބާވެފައި އޮތް ޑައިރީއެއް ނެރެ ހިރަފުސް ފޮޅާލާފައި ދަރިފުޅުގެ އަތަށް ދިނެވެ. އަދި އެއިން ވަކި ސަފުހާއެއް ކިޔުމަށް ބުންޏެވެ.

ދަރިފުޅު އެ ސަފުހާ ކިޔާލިއެވެ. "މިއަދު އަހަރެންގެ ލޯބިވާ ދަރިފުޅާ އެކީ މެދު ގޯތީގައި ހުއްޓާ އެތަނަށް ކާޅެއް އައެވެ. އަހަރެންގެ ދެ ލޮލުގެ ފިނިކަން ފަދަ ދަރިފުޅު، އެ ކާޅު ދައްކާފައި އެއީ ކޯޗެއްތޯ އަހަރެންގެ ގާތުން ފަންސަވީސް ފަހަރު އެހިއެވެ. އަހަރެން އެއްވެސް ފޫހިކަމެއް ނެތި ފަންސަވީސް ފަހަރު އޭނާއަށް ޖަވާބުގައި އެއީ ކާޅެއް ކަމަށް ބުނީމެވެ. އެ ސުވާލަށް ޖަވާބު ދިނުމުން އަހަރެން އެ މައުސޫމް ދަރިފުޅަށްޓަކައި ހިތުގައި އަށަގެންފައިވާ ލޯބި ވީ އިތުރެވެ."

ދެން އެ ބައްޕަ އޭނާގެ ދަރިފުޅު ކައިރިއަށް ގެނެސްފައި ވަރަށް އޯގާތެރިކަމާއެކު، ބައްޕައަކާއި ދަރިއެއްގެ ދެމެދުގައިވާ ތަފާތު ކިޔައިދިނެވެ. ދަރިފުޅު ކުޑައިރު މި ސުވާލު ބައްޕަގެ ގާތުގައި ފަންސަވީސް ފަހަރު އެހީމުއެވެ. އެ ދުވަހު ބައްޕަ ޖަވާބު ދިނީ އުފަލާއި ހިތްހަމަޖެހުމާއި އެކުއެވެ. އެހެނަސް މިއަދު ދަރިފުޅުގެ ގާތުގައި ހަމަ އެ ސުވާލު މިކޮށްލީ އެންމެ ފަސްފަހަރުއެވެ. އެވަރުންވެސް ދަރިފުޅުގެ ގާތަށް ރުޅިއަތުވެއްޖެއެވެ. ފޫހިވެއްޖެއެވެ. ހިތްހަމަ ނުޖެހިއްޖެއެވެ.

ފަހެ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

"އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނު ވެރި ރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު، ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާއި ހަމައަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް "އުފް" ވެސް ނުބުނާށެވެ. (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ. އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"

"އަދި އޯގާތެރިކަމުގެ ގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ. އަޅުގެ ވެރި ރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައި ބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވާފާނދޭވެ!" {އަލް އިސްރާއު 24-23}

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި