Noorul-islam.NET :: ދެމިގެންވާ ޞަދަޤާތް : މީހާ މަރުވުމަށްފަހުވެސް އެމީހާގެ ޢަމަލުގެ ފަތަށް އޭގެ ސަވާބު އިތުރުވަމުން ދާނެ




ދެމިގެންވާ ޞަދަޤާތް : މީހާ މަރުވުމަށްފަހުވެސް އެމީހާގެ ޢަމަލުގެ ފަތަށް އޭގެ ސަވާބު އިތުރުވަމުން ދާނެ
Category »  އެޑިޓޯރިއަލް

ތާރީޚް: 5 ޖެނުއަރީ 2009

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލް-އިސްލާމް.ނެޓްގެ އެޑިޓަރ)

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި ދުނިޔޭގެ ޙަޔާތަކީ ވަގުތީ އެއްޗެކެވެ. ކަނޑައެޅިފައިވާ އަޖަލެއް ހަމަވުމަށްފަހު، މި ދުނިޔެ ދޫކޮށް އާޚިރަތުގެ ދަތުރު ފަށަން ޖެހިދެއެވެ. އެ ދަތުރުގެ އެންމެ ފުރަތަމަ މަންޒިލަކީ ކަށްވަޅެވެ. ބަރުޒަޚުގެ ޢާލަމެވެ. އެއީ އޭގެ ޙަޤީޤަތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އެނގިގެން ނުވާ ޙަޔާތެކެވެ. ދުނިޔޭގެ ޙަޔާތާ މުޅީން ތަފާތު ޙަޔާތެކެވެ. އެއީ ޢަމަލުކުރުމެއް ނުވާ ޙަޔާތެކެވެ. އެއީ އާޚިރަތުގެ ދަތުރުމަތީ މަންޒިލެވެ. މީހާ މި މަންޒިލުގައި އިންތިޒާރުކުރަމުން ގެންދަނީ ޢަދުލުވެރި ނިޔާގެ ބޮޑު ދުވަހަށެވެ. ޙިސާބު ބެއްލެވޭ ދުވަހަށެވެ. އެހެންކަމުން ދުނިޔެމަތީގައި އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަންނަވާނޭ ގޮތަށް ޙަޔާތް ހޭދަކުރި މުއުމިނު އަޅާ ގޮވަމުން ދާނީ [އޭ ﷲ އެވެ! ޤިޔާމަތް އަވަސްކުރައްވާނދޭވެ!] އެއާ ޚިލާފަށް އެއިލާހު ހަނދުމަ ނައްތާލައި ދުނިޔޭގެ ވަގުތީ އުފަލަށް ގެއްލިދިޔަ މީހާ ގޮވާނެއެވެ. [އޭ ﷲ އެވެ! ޤިޔާމަތް ޤާއިމު ނުކުރައްވާނދޭވެ!]

މިފަދަ ޙަޔާތެއްގައި ވާއިރުވެސް އެމީހެއްގެ ހެޔޮ ޢަމަލުގެ ފަތަށް އިތުރު ވުމަށް އެދޭމީހާއަށް އެކަމުގެ ފުރުޞަތު ވަނީ ބަޔާން ކުރައްވާ ދެއްވާފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރިވާކުރެއްވިއެވެ: ( إذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إلاَّ مِنْ ثَلاَثٍ : صَدَقَةٍ جَارِيَةٍ ، أَوْ عِلْمٍ يُنْتَفَعُ بِهِ ، أَوْ وَلَدٍ صَالِحٍ يَدْعُو لَهُ ) [1]  އިންސާނާ މަރުވުމަށްފަހު 3 ކަމަކުން އޭނާގެ ޢަމަލުތައް މެނުވީ ކެނޑިދެއެވެ. ދެމިގެންވާ ޞަދަޤާތެކެވެ. ނުވަތަ އެއިން ފައިދާލިބެވޭފަދަ ޢިލްމެކެވެ. ނުވަތަ އޭނާއަށްޓަކައި ދުޢާކޮށްދޭނެ ޞާލިޙު ދަރިއެކެވެ.

މިޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. (" الصدقة الجارية هي الوقف ")[2]  ދެމިގެންވާ ޞަދަޤާތަކީ އެއީ ވަޤުފެވެ.

ދެމިގެންވާ ޞަދަޤާތުގެ ބާވަތްތައް ވަރަށްވެސް ގިނަގުނައެވެ. މިސާލަކަށް މިސްކިތެއް ބިނާކުރުން، މަގުތައް ހެދުން، ވަޅުތަކާއި ތާނގީފަދަ ތަންތަން ހެދުން، ޤުރުއާން މުޞްޙަފް ޕްރިންޓްކޮށް ބެހުން ނުވަތަ އެކަމަށް ޚަރަދުކުރުން، މީސްތަކުންނަށް ފައިދާހުރި ޢިލްމުފެތުރުން (މިގޮތުން ފޮތްތަކާއި ރޯލުތަކާއި ސީޑީފަދަ ތަކެތި ކޮފީކޮށް ބެހުމާއި އެފަދަ ކަންކަމަށް ޚަރަދުކުރުން) ހިމެނެއެވެ.

މީގެ އިތުރަށްވެސް ހެޔޮކަމަކަށް ވާ ކޮންމެ ކަމަކަށް އެހީތެރިވުމަކީ ހެޔޮކަމެކެވެ. މީހަކަށް ހެޔޮކަމަކަށް މަގުދެއްކުމަކީ ހެޔޮ ކަމެކެވެ. ތިމާގެ އަމިއްލަ ދަރިންނަށް ޤުރުއާނުން އާޔަތެއް އުނގަންނައި ދިނުމަކީވެސް ހެޔޮކަމެކެވެ.

ތިމާގެ ދަރިއަށް ޤުރުއާނުން އާޔަތެއް ދަސްކޮށްދޭއިރު ނުވަތަ ނަމާދުކުރާނެގޮތް ދަސްކޮށްދޭއިރު ވިސްނާލާށެވެ! އެދަރި ދުނިޔޭގައި ހުރެ ކިތަންމެ ގިނަ ދުވަހެއްވިޔަސް، އެދަރި ޤުރުއާންކިޔަވާނަމަ، ނުވަތަ ނަމާދު ކުރާނަމަ އެކަމުގެ ސަވާބާއި ދަރުމަ ތިމާއަށް ލިބެމުންދާނެއެވެ. ރަނގަޅު ޞާލިޙު ދަރިއަކު ދޫކޮށްފައި ދިޔުމުން އޭނާގެ ސަބަބުން މުޖުތަމަޢަށް ލިބޭ ކޮންމެ ހެވަކާއި ލާބައަކަށްޓަކައި އޭނާއަށް ލިބޭ މިންވަރަށް ތިމާއަށް ލިބޭނެއެވެ. އެއީ އޭނާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ އެވެ.

މިސްކިތެއް ބިނާކުރާ އިރު ވިސްނާށެވެ! މި މިސްކިތުގައި މީހުން ނަމާދުކުރާހާހިނދަކު ތިމާގެ ޢަމަލުގެ ފަތަށް އޭގެ ސަވާބާއި ދަރުމަ އިތުރުވެގެން ދާނެއެވެ. އެކަމަށް އެދޭށެވެ! އަދި ކިޔަމަންތެރި އަޅުންނަށްޓަކައި ﷲ ގެ ޙަޟްރަތުގައި ވާކަންތައްތައް ހެޔޮވެގެންވެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ދެމިގެންވާ ޞަދަޤާތެއް ކުރާށެވެ! ފަހަރުގައި ތިމާގެ ހިތަށް އެއީ ކުޑަކަމެކޭ އަރާ ކަމެއް، އެއީ ﷲގެ ޙަޟްރަތުގައި ބޮޑުވެގެންވާ އަޖުރު ލިބޭފަދަ ޢަމަލަކަށްވެސް ވެދާނެއެވެ. އެހެންކަމުން ހެޔޮކަމެއް، އެއީ ކިތަންމެ ކުޑަކަމެއްކަމުގައި ވިޔަސް، އެކަން އަދާކުރުމުގެ ފުރުޞަތު ލިބިފައިވާ ވަގުތު އަދާކުރާށެވެ.

ﷲ އަށްޓަކައި އެއިލާހުގެ މަގުގައި ހޭދަކުރާމީހުންނަށްޓަކައި އެއިލާހުގެ އަމުރުފުޅަށް މަލާއިކަތްބޭކަލުން ދުޢާކުރައްވައެވެ. އޭ ﷲ! ހޭދަކުރާ މީހާއަށް އެއަށްވުރެ ހެޔޮ ބަދަލެއް ދެއްވާނދޭވެ!

އެހެންކަމުން މުސްލިމުންނަށް އެދެވިގެންވަނީ ވީހާވެސް ގިނަގިނައިން ހޭދަކުރުމަށެވެ. ﷲ ގެ މަގުގައި އެއިލާހު ދެއްވި މުދަލުން އެއިލާހު ރުހިވޮޑިގަންނަވާ މަގުގައެވެ. އަދި ހޭދަކުރުމުގައި އެއް ކަމަކަށް ހޭދަކުރުމަށްވުރެ، ގިނަ ކަންތައްތަކަށް ހޭދަކުރުން މޮޅުއިތުރު ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވައެވެ.

މިގޮތުން ހޭދަކުރާ ފައިސާގެ އެއްބައި މިސްކިތް ބިނާކުރުމަށް ހޭދަކުރެވިދާނެއެވެ. އަނެއްބައި ރޯދަވެރިން ރޯދަވީއްލުމަށް ، އަނެއްބައި ޔަތީމުކުދިން ބެލެހެއްޓުމަށް ޚަރަދު ކުރުމަށް، އަނެއްބައި ސްކޫލް ބިނާކުރުމަށް، އަނެއްބައި ފައިދާހުރި ދީނުގެ ޢިލްމު ފެތުރުމަށްޓަކައި ފޮތްތައް ޗާޕުކޮށް ބެހުމަށް ޚަރަދުކުރެވިދާނެއެވެ. މިގޮތަށް އެތައްއެތައް ހެޔޮކަމެއްގެ ދޮރުވަނީ ހުޅުވިފައެވެ.

މަދުވެގެން މިއުޅެނީ ހެޔޮކަންތައްތަކެއް ނޫނެވެ. އެކަންތައް ކުރާނެ މީހުންނެވެ.



[1] رواه مسلم (1631)

[2] شرح مسلم للإمام النووي (11/85)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި