Noorul-islam.NET :: ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މުޒާހަރާއެއް ބޭއްވުމަށް ގޮވާލަން
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ޙަމަލާތަކާ ދެކޮޅުހެދުމުގެ ގޮތުން ޞުލްޙަވެރިކަމާއެކު މުޒާހަރާއެއް ބޭއްވުމަށް ގޮވާލަން
Category »  އެޑިޓޯރިއަލް

ތާރީޚް: 1 ޖެނުއަރީ 2009

ލިޔުއްވީ : މުޙައްމަދު އަނީލް [ނޫރުލް-އިސްލާމް.ނެޓްގެ އެޑިޓަރ]

 

އިސްލާމީ އުއްމަތުގެ އެއް ގުނަން ކަމުގައި ވާ ފަލަސްޠީނުގެ ލޮބުވެތި މުސްލިމު އަޚުންނަށް ލިބެމުންދާ އަނިޔާތަކާމެދު ޣީރަތްތެރިވާ ކޮންމެ މުސްލިމު ދިވެހި ރައްޔިތަކަށް:

 

ލޮބުވެތި މުސްލިމު އަޚުންނާ އުޚްތުންނޭވެ! ޔަހޫދީންގެ އަނިޔާވެރި ލަޝްކަރުގެ ޢުދުވާނުތައް މެދުނުކެނޑި ޣައްޒާއަށް ދެމުންއެހެރަ ގެންދަނީ އެވެ. ހާމަކަމާއެކުގައެވެ. ދުނިޔޭގެ ޤާނޫނުތަކަށް ފުރަގަސްދީފައެވެ. އެބައިމީހުންނަށް ދުނިޔޭގެ ޤާނޫނުތައް އެއްޗަކަށްވާނީ ކިހިނެތްތޯއެވެ؟ އެބައިމީހުންނަކީ އެބައިމީހުން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ޤާނޫނުތައް ޤަބޫލު ނުކުރާ ބައެކެވެ. އަމިއްލައަށް ﷲ ބާވައިލެއްވި ފޮތް ބަދަލުކުރި ނުބައި މީހުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ލަޢުނަތް ޙައްޤުވެގެންވާ ބައެކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ ގާތަށް ﷲ ފޮނުއްވި ރަސޫލުން ޤަތުލު ކުރި ބައެކެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ފަލަސްޠީނުގައި ނިކަމެތިވެ ޙާލުގައި ޖެހި އަނިޔާ ލިބެމުންދާ މުސްލިމު އަޚުންތަކެއް ތިޔަބައިމީހުންގެ މަދަދަކަށް އެދެއެވެ. ތިޔަބައިމީހުންގެ ދީލަތި އެހީއަކަށް އެދި ލެއިން ފޯވެފައިވާ އެބައިމީހުންގެ އަތްތައް ތިޔަބައިމީހުންނާ ދިމާއަށް ދިއްކޮށްފިއެވެ.

ލޮބުވެތި މުސްލިމު އަޚުންނޭވެ! ﷲ ގެ މިއާޔަތް ކީރިތި ޤުރުއާނުގައި ވާކަން ހަނދާން ނައްތާލަނީ ތޯއެވެ؟

وَإِنِ اسْتَنصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ   سورة الأنفال: 72

އެބައިމީހުން ތިޔަބައިމީހުންގެ ކިބައިން ނަޞްރަށް އެދިއްޖެ ހިނދެއްގައި އެބައިމީހުންނަށް ނަޞްރުވެރިވުމަކީ ތިޔަބައިމީހުންގެ މައްޗަށް ވާޖިބެކެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ޙަދީޘް ކުރައްވާފައިވާކަން ހަނދާން ނައްތާލަނީ ހެއްޔެވެ؟

المسلم أخو المسلم، لا يظلمه، ولا يخذله  رواه مسلم

އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އަދި އޭނާގެ އަޚާ ނިކަމެތިނުކުރާނެއެވެ. (އަދި ނިކަމެތިވުމަށް ދޫކޮށްވެސް ނުލާނެއެވެ.)

ލޮބުވެތި އަޚުންނޭވެ! އެއް މުސްލިމަކު އަނެއް މުސްލިމެއްގެ ހިތާމައާއި ވޭން އުފުލުމުގައި މިސާލަކީ ކޮބައިކަން ބަޔާންކޮށްދެއްވީ މިއުއްމަތުގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއެވެ. އެކަލޭގެފާނު އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.

ލޮބުވެތި މުސްލިމު އަޚުންނޭވެ! ދުނިޔޭގައި ނިކަމެތިވަމުންދާ މުސްލިމުން، ޚާއްޞަކޮށް ޣައްޒާގައި ނިކަމެތި ކަމާއެކު އަނިޔާ ލިބެމުންދާ މުސްލިމު އަޚުންނާ ބައިވެރިވެ އަޑުއުފުލުމަށްޓަކައި ޞުލްޙަވެރި އެއްވުންތައް ބާއްވާށެވެ!

އެއީ ސިޔާސީ ހަލަބޮލިކަމުން އެއްފަރާތްވެ، ސަލާމަތްވެފައިވާ ކަމަކަށް ހަދާށެވެ. އެއްވުމުގައި ބައިވެރިވަނީ ވަކި ޕާޓީއަކަށް ނުވަތަ ވަކި މީހަކަށް ނިސްބަތްވާތީއެއް ނޫނެވެ. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމުގެ މިވަގުތުގައި އަޅުގަނޑުމެން 3 ލައްކަ މީހުންނަށް އެއްބައި ނުވެވިއްޖެނަމަ، މުޅި އިސްލާމީ އުއްމަތް އެއްބައިވަންތަ ވާނެހެއްޔެވެ؟

ލޮބުވެތި އަޚުންނޭވެ! މިފަދަ އެއްވުންތަކުގައި އިސްލާމީ އެއްބައިވަންތަކަމާއި ވަޙުދަތު މުޝްރިކުންނަށް ފެންނަންފަށައިފިނަމަ އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވަދެގެން ދާނެއެވެ.

ލޮބުވެތި މުސްލިމު އަޚުންނޭވެ! މިފަދަ އެއްވުމެއްގައި ޞުލްޙަވެރިކަމާއެކު ފަލަސްޠީނުގެ ލޮބުވެތި އަޚުންނާ އެއްކޮޅަށް އަޑު އުފުލާށެވެ! އަދި ދީނީ ޖަމާޢަތްތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން ބޮޑު ފަނޑެއް ހުޅުވާލައި އެއަށް ލިބޭ ފައިސާ ފަލަސްޠީނުގެ ޣައްޒާއަށް ގެންދިޔުމަށް މަސައްކަތް ފަށާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް ބިރުވެތިވެ ފާފަތަކުން އެއްކިބާވާށެވެ! ޓީވީ ރޭޑިއޯ ޗެނަލްތަކުން ފޮނުވާ ފާޙިޝް ޕްރޮގްރާމްތައް ހުއްޓާލާށެވެ! އަމިއްލައަށް ﷲ ގެ މަގަށް ރުޖޫޢަ ވާށެވެ! އެއަށްފަހު ދަންވަރު ހޭލައި ޠާހިރުވެ ދެރަކުޢަތް ނަމާދެއް ކުރާށެވެ! އެއަށްފަހު މަޑުމޮޅިކަމާއެކު ﷲ އަށް ދުޢާ ދަންނަވާށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި