Noorul-islam.NET :: ދަރިންގެ ޙައްޤުތައް (ޤުރުއާނާއި ޞައްޙަ ސުއްނަތުގެ އަލީގައި) ފުރަތަމަ ބައި

ދަރިންގެ ޙައްޤުތައް (ޤުރުއާނާއި ޞައްޙަ ސުއްނަތުގެ އަލީގައި) ފުރަތަމަ ބައި
Category »  އެޑިޓޯރިއަލް

ތާރީޚް: 26 ޑިސެމްބަރު 2008

ލިޔުއްވީ : މުޙައްމަދު އަނީލް [ ނޫރުލް-އިސްލާމް.ނެޓް ގެ އެޑިޓަރ ]

الحمد لله رب العالمين، والصلاة والسلام على إمام المرسلين، نبينا مُحَمَّدٍ وعلى آله و أصحابه أجمعين:

ދަރިންނަކީ ﷲ ގެ ބޮޑުވެގެންވާ ނިޢުމަތެކެވެ. ޙަޤީޤީ ނިޢުމަތެއް ކަމުގައި ދަރީން ވެގެން ދާނީ އެ ދަރީންގެ ޙައްޤުތަކަށް ފުރިހަމައަށް މައިންބަފައިން ރައްކާތެރި ވުމުންނެވެ. ހެޔޮ ގޮތުގައި އެ ދަރީން ތަރުބިއްޔަތު ކޮށްގެންނެވެ.

ކީރިތި ޤުރުއާނާއި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައި ވަރަށް ގިނައިން ދަރިން ތަރުބިއްޔަތު ކުރުމުގެ އެންމެ ހެޔޮ ގޮތްތައް ވަނީ ބަޔާންކުރައްވާ ދެއްވާފައެވެ.

އާނއެކެވެ! ދަރީންނަކީ ﷲގެ ނިޢުމަތްތަކުގެ ތެރެއިން ނިޢުމަތެކެވެ. މި ނިޢުމަތްދެއްވުން އެދި އެތައް އަތްތަކެއް ނިކަމެތިކަމާ މަޑުމޮޅިކަމާއެކު ﷲ ގެ ޙަޟްރަތަށް އުފުލުނެވެ. އެ އަތްތަކުގެ ވެރިން، އެމީހުންނަށް މި ނިޢުމަތްދެއްވައި މާތްކުރެއްވުން އެދި ﷲ އަށް ދެންނެވިއެވެ. ﷲގެ ނަބިއްޔުންގެ ތެރެއިން ނަބިއްޔަކު ވިދާޅުވި ބަސްފުޅު ކީރިތި ޤުރުއާނުގައި ﷲ ބަޔާން ކޮށްދެއްވަވާފައިވެއެވެ. (رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ) އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ރަނގަޅު ހެޔޮލަފާ ދަރިން ދެއްވާނދޭވެ! ހަމަކަށަވަރުން އިބައިލާހީ ދުޢާ އައްސަވާ ވޮޑިގަންނަވާ އިލާހެވެ.

އަދިވެސް ﷲ ސުބްޙާނަހޫ ވަތަޢާލާ، އެއިލާހުގެ ޚިޔާރުކުރެއްވިގެންވާ އަޅުންނާމެދު ވަޙީ ކުރައްވާފައިވޭ. (وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا) އަދި އެބައިމީހުންނަކީ ؛ އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އަޅަމެންގެ އަނބީންނާއި ދަރީންގެ ކިބައިން އަޅަމެންގެ ލޯތަކަށް ފިނިކަން ދެއްވައި، އަޅަމެންނަކީ ތަޤުވާވެރިވާ މީހުންގެ އިމާމުންތަކެއް ކަމުގައި ލައްވާނދޭވެ! މިފަދައިން ދަންނަވާ މީހުންނެވެ.

ދަރިންގެ ސަބަބުން ލޯތަކަށް ފިނިކަން ލިބެއެވެ. ނަފްސަށް އުފާވެރިކަން ލިބެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ. އެދަރިންގެ ޙައްޤުތަކަށް ރައްކާތެރިވެ، އެދަރިން ﷲ ތަޢާލާ ރުހިވޮޑިގަންނަވާނޭ ގޮތުގެ މަތިން މައިބަފައިން އެބައިމީހުންގެ ވާޖިބު އަދާކޮށްފިނަމަ، އެއީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެހެން ނޫންނަމަ؛ އެއީ ބޮޑުވެގެންވާ ފިތުނައެކެވެ.

ދަރީންގެ ޙައްޤުތައް 2 ބަޔަކަށް ޢިލްމުވެރިން ބައްސަވާފައިވެއެވެ.

1-       ދަރިފުޅު ވުޖޫދަށް އައުމުގެ ކުރީގައި އަދާކުރަންޖެހޭ ޙައްޤުތައް

2-        ދަރިފުޅު ވުޖޫދަށް އައުމުގެ ފަހުގައި އަދާކުރަންޖެހޭ ޙައްޤުތައް

 

ދަރީން ދުނިޔެއަށް އައުމުގެ ކުރީގައި އެދަރީންގެ މަސްއޫލިއްޔަތު، ﷲ ތަޢާލާ މައިންބަފައިންގެ ބޮލުގައި އެޅުއްވި. އަދި އެދަރީން ދުނިޔެއަށް އައުމަށްފަހު، އެދަރީންގެ ތަރުބިއްޔަތާއި ބެލެހެއްޓުމާއި އެދަރީންގެ ޙައްޤުތައް އަދާކުރުމުގައި ދެމިތިބުމުގެ މަސްއޫލިއްޔަތު މައިންބަފައިންގެ ބޮލުގައި އެޅުއްވި.

 

ދަރިން ދުނިޔެއަށް އައުމުގެ ކުރީގައި މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1-    ރަނގަޅު ހެޔޮ އަންބަކު / ފިރިއަކު އިޚްތިޔާރު ކުރުން.

ބައްޕަ އޭނާގެ ދަރިއަށް ރަނގަޅު ޞާލިޙުމަންމައަކު ހޯދައި ދޭންޖެހެއެވެ. އެއީ އެދަރީގެ ޙައްޤު އަދާކުރާ މަންމައެކެވެ. އެދަރި ބެލެހެއްޓުމުގައި ފުރިހަމައަށް އޭނާގެ ވާޖިބު އަދާކުރާނެ މަންމައެކެވެ. އަމާނާތްތެރި މަންމައެކެވެ. އެދަރީގެ މައްޗަށް ރައްކާތެރިވާ، އަދި ބޭކާރު ގޮތުގައި ވަގުތު ދުއްވާ ނުލާ މަންމައެކެވެ.

ހަމައެފަދައިން މަންމަވެސް އޭނާގެ ދަރިއަށް ރަނގަޅު ބައްޕައަކު ހޯދައި ދޭންޖެހެއެވެ. އެއީ އޭނާގެ ދަރިއަށް ރައްކާތެރިވާ، އަދި ދަރީންގެ ޙައްޤުތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރާ ބައްޕައެކެވެ.

ރަނގަޅު ޞާލިޙު މަންމައެއް ނުވަތަ ބައްޕައެއް އިޚްތިޔާރު ކުރުމަކީ ދަރީންގެ ޙައްޤު ތަކުގެ ތެރެއިން ހިމެނޭ ވަރަށް މުހިއްމު ކަމެކެވެ.

އެހެންކަމުން ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.

تُنْكَحُ الْمَرْأَةُ لأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ

ހަތަރު ކަމަކަށްޓަކައި އަންހެނުންނާ ކައިވެނި ކުރެވެއެވެ. (އެއީ) އޭނާގެ މުދާވެރިކަމަށްޓަކައެވެ. އަދި އޭނާގެ ޙަސަބާއި ނަސަބުގެ މޮޅުކަމަށްޓަކައެވެ. އަދި އޭނާގެ ރީތި ކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރި އަންހެނާ ލިބިގަންނާށެވެ. ތިބާއަށް އުފާވެރިކަން ލިބޭހުއްޓެވެ.

 

ދީންވެރި އަންހެނާ ލިބިގަންނާށެވެ. ދަރިން ހެޔޮ ރަނގަޅު ޞާލިޙު ދަރިންގެ ގޮތުގައި، އޭނާގެ ވެރި އިލާހުގެ މަންހަޖުގެ މަތީގައި ތަރުބިއްޔަތު ކުރުމަށްޓަކައި އެންމެ މުހިއްމީ ޞާލިޙު ދީންވެރި އަންހެނެކެވެ.

ހަމަ އެގޮތަށް، ރަނގަޅު ޞާލިޙު ފިރިއަކު އިޚްތިޔާރު ކުރަން އަންހެނާއަށްވެސް ޖެހޭނެއެވެ. އެފިރިއަކީ އަމާނާތްތެރިކަމާއި ރިވެތި އަޚްލާޤްގެ ވެރިއަކަށް ވާންޖެހެއެވެ.

މީހާ އޭނާގެ އަނބިމީހާ އިޚްތިޔާރު ކުރުމުގައި ރީތިކަމާއި ނަސަބާއި މުދަލަށް އެކަނި ބަލައި، އޭނާގެ ދަރީންގެ މި ޙައްޤު ހަނދާން ނައްތާލައިފިނަމަ، ﷲ ތަޢާލާ އޭނާއާ އެކަމާ ބެހޭގޮތުން ސުވާލު ކުރައްވައި އެކަމަށް އޭނާއަށް ޙައްޤު ސަޒާ ދެއްވާނެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ފިރިމީހާ، އަންބަކު އިޚްތިޔާރު ކުރުމުގައި، އެއަންހެނާއަކީ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދޭނެ، ނުރަނގަޅު އަންހެނަކު ކަން އެނގި ހުރެ އިޚްތިޔާރު ކޮށްފިނަމަ، ﷲ ތަޢާލާގެ ޙަޟްރަތުގައި، އޭނާގެ ދަރިންނަށް އެ އަންހެނާ އަޅާނުލުމުގެ ސަބަބުން ދިމާވާ ކަންތައްތަކުގެ ޒިންމާ އޭނާގެ ބޮލުގައި އެޅޭނެއެވެ.

ހަމަ އެގޮތަށް އަންހެނާ، ފިރިއަކު އިޚްތިޔާރު ކުރުމުގައި އެފިރިހެނާއަކީ ދަރިންގެ ޙައްޤު ފުރިހަމައަށް އަދާ ނުކުރާނެ މީހެއްކަން އެނގި ހުރެ، އަދި ދަރިންގެ ތަރުބިއްޔަތުގައި އިހުމާލުވާނެ މީހެއްކަން އެނގިހުރެ އިޚްތިޔާރުކޮށްފިނަމަ، ފަހުން ދިމާވާ ނޭދެވޭ ކަންތަކާމެދު ﷲ ސުވާލު ކުރައްވާނެއެވެ.

ރަނގަޅު އަންބަކު ނުވަތަ ދަރިއަކު އިޚްތިޔާރު ކުރުމަކީ މައިންބަފައިންގެ ބޮލުގައި އެޅިފައިވާ ދަރިންގެ ޙައްޤުތަކުގެ ތެރެއިން ވާ ކަމެކެވެ. މީހާ ހޯދަން ޖެހޭނީ ގޮވާންކުރުމަށްޓަކައި ރަނގަޅު ބިމެކެވެ. ރަނގަޅު ބިމެއް ލިބިއްޖެނަމަ އެ ބިމުން ލިބޭ މޭވާ ފޮނިވާނެއެވެ.

މީގެ މާނައަކީ އަންހެނަކު، ނުބައި ފިރިއެއް ލިބުމުން އިމްތިޙާން ކުރެވިއްޖެ ޙާލެއްގައި އޭނާ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމެއް ނޫނެވެ. އެހެނެއްކަމަކު އެފަދަ އަންހެނާއަށްވަނީ ކެތްތެރިކަމާއެކު، ﷲގެ ޙަޟްރަތުން ވާގިއެދިހުރެ، އިސްލާހުވޭތޯ، އަދި ދަރީން ހެޔޮގޮތުގައި ތަރުބިއްޔަތުވޭތޯ ބެލުމެވެ. ﷲ ވަޙީކުރައްވާފައިވެއެވެ. (يُخْرِجُ الْحَيَّ مِنَ الْمَيِّتِ) މަރުވެފައިވާ އެއްޗަކުން ދިރިހުރި އެއްޗެއް އެއިލާހު ނެރުއްވައެވެ.

އެ ޞަލާޙިއްޔަތެއް ނެތް ބައްފަގެ މައިކަށިން ރަނގަޅު ޞާލިޙު ދަރިއަކު ނެރުއްވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ހަމަ އެގޮތަށް ރަނގަޅު ބައްޕައެއްގެ ކިބައިން ނުބައި ދަރިއަކު ނެރުއްވުމަކީ ވެސް އެކަށީގެންވާކަމެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަބޫޖަހުލުގެ ދަރިންގެ ތެރެއިން ޢިކްރިމާ ރަޟިޔަﷲ ޢަންހު ލައްވާފައެވެ. އެ ނުބައި ބައްޕަގެ މި ޞާލިޙު ދަރިއަކީ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ މާތްވެގެންވާ ޞަޙާބީއެކެވެ. މުސްލިމުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުންގެ ތެރެއިން ކޮމާންޑަރެކެވެ. ދީނަށްޓަކައި ބޮޑެތި މުސީބާތްތަކާ ޢިކްރިމާ ކުރިމަތިލެއްވިއެވެ.

ހަމަ އެގޮތަށް ރަނގަޅު ބައްޕައެއްގެ ކިބައިން ނުބައި ދަރިންވެސް ﷲ ވަނީ ނެރުއްވާފައެވެ. ނޫޙް ޢަލައިހިއްސަލާމްގެ ދަރިކަލުންނަކީ މީގެ މިސާލެކެވެ.

އެހެންނަމަވެސް އަޞްލަކީ ރަނގަޅު ޞާލިޙު މައިންބަފައިންގެ ދަރިން ރަނގަޅުވުމެވެ. އަދި ނުބައި މީހުންގެ ދަރިން ނުބައި ވުމެވެ.

 

(ނުނިމޭ)

 

ނޯޓް: މި މަޒުމޫނަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުނު މުޙައްމަދު މުޚްތާރު އައްޝިންޤީޠީ، فقه الأسرة (ޢާއިލާގެ ފިޤުހު) - މި މައުޟޫޢަށް ދެއްވާފައިވާ ސިލްސިލާ ދަރުސްތަކެއް އެއީ އަޞްލު ކަމުގައި ބަލައިގެން ތައްޔާރު ކުރާ މަޒުމޫނެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި