Noorul-islam.NET :: ގެއްލުނު ހާރު

ގެއްލުނު ހާރު
Category »  ވާހަކަ

ތާރީޚް: 21 ޑިސެމްބަރު 2008

ތަރުޖަމާ : [ބިލާލް]


މައްކާއަށް ވަރަށް ތަދުމަޑު ދުވަސްވަރެއް ކުރިމަތިވިއެވެ. މީސްތަކުން ނިކަން ހާލުގައި ޖެހި ކާނެ ބޯނެ އެއްޗެއް ނެތި ބަނޑަށް މަރުވާ ހިސާބުގައި ދުވަސްތައް ވޭތުކުރަމުން ދިޔައެވެ.

މި ދުވަސްވަރު މައްކާގައި ވަރަށް ޞާލިޙު އަޅުވެރިޔަކު ދިރިއުޅުނެވެ. މިއަޅުވެރިޔާ އެއްދުވަހަކު މަގެއް މަތީން ދަނިކޮށް ވަރަށް އަގު ބޮޑު ހާރެއް ފެނުނެވެ. އޭނާ ވަގުތުން އެނަގާފައި ޖީބަށް ލައިގެން ހިނގައިގަތީ މިސްކިތާ ދިމާލަށެވެ.

އޭނާ މިސްކިތަށް ދިޔަ މަގުމަތީގައި ހާރެއް ގެއްލިގެން އެ ވާހަކަ ގޮވަމުން ހިނގާ މީހަކު ފެނުނެވެ. ދެން މި އަޅުވެރިޔާ އެ މީހާ ގެއްލިގެން އުޅޭ ހާރު ސިފަކޮށްދިނުމަށް އެދުނެވެ. ޝައްކު ކުރާނެ އެއްވެސް ޖާގައެއް ނޯންނާނެހާ ފުރިހަމައަށް އެ މީހާ އެ ހާރު ސިފަކޮށްދިނެވެ. ދެން އަޅުވެރިޔާ އެއްވެސް އުޖޫރައަކާއި ނުލައި އެ ހާރު އޭގެ ޙައްޤު ވެރިޔާ އާއި ހަވާލުކުރިއެވެ.

އެއަށްފަހު އަޅުވެރިޔާ އެހާރުގެ ބަދަލުގައި އެއަށް ވުރެ ރަނގަޅު އެއްޗެއް ދެއްވުމަށް އެދި ކީރިތި ﷲ އަށް ދުޢާ ކުރިއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އަޅުވެރިޔާ ދަތުރަކު ދިޔުމަށް ކުޑަ ބޯޓަކަށް އަރައިގެން ކަނޑު މައްޗަށް ނުކުތެވެ. ނަމަވެސް އިރުކޮޅެއް ނުވެ އައި ބާރުގަދަ ތޫފާނެއްގައި ޖެހި ބޯޓު ހަލާކުވިއެވެ. މުޅި ބޯޓު ކުދި ކުދި ވިއެވެ. ދެން އޭނާއަށް މަޖުބޫރުވީ ކުޑަ ކުޑަ ލަކުޑިކޮޅެއްގެ އެހީ ހޯދާށެވެ. އޭރުވެސް ވަރަށް ވައި ގަދައެވެ. އެހެންވެ ވަޔާ އެއްގޮތަށް އޭނާވެސް ދެ ފަރާތަށް ދެ ފަރާތަށް ގެންދެއެވެ. އަދި އެންމެ ފަހުން އެގޮތް މިގޮތުން އޭނާ ރަށަކަށް ލެއްގިއެވެ.

ރަށަށް އަރާ ހިނގާލިތަނުން އެންމެ އިހަށް ފެނުނީ މިސްކިތެކެވެ. އޭނާވެސް އެހެންމީހުންނެކޭ އެއްގޮތަށް އެ ޖަމާޢަތުގައި ބައިވެރިވެ ނަމާދު ކުރަން ފެށިއެވެ. ނަމާދުން އަވަދިވުމަށް ފަހު މިސްކިތުގައި އިށީނދެ ޤުރްއާން ކިޔަވަން ފެށިއެވެ.

އަޅުވެރިޔާގެ ކިޔެވުން އަޑުއިވުނު ހިނދު މީސްތަކުން ހައިރާންވެފައި ސުވާލުކުރިއެވެ. [ކަލެއަށް ޤުރުއާން ކިޔަވަން އެނގޭ ހެއްޔެވެ؟] އަޅުވެރިޔާ އާނ އެކޭ ބުންޏެވެ. ރަށު މީހުން އެދުނީ އެމީހުންގެ ދަރީންނަށް ޤުރުއާން ކިޔަވައި ދިނުމަށެވެ. އެހެންވެ އޭނާ ކުދީންނަށް ޤުރުއާން ކިޔަވައިދޭން ފެށިއެވެ. އަދި އެކަމަށްޓަކައި ކުޑަ އުޖޫރައެއް ނަގަންފެށިއެވެ.

އެހެން ދުވަހަކު އޭނާ ކޮންމެވެސް އެއްޗެއް ލިޔަން އިންތަން ރަށު މީހުންނަށް ފެނުނެވެ. ހަމަ ކުރީދުވަހެކޭ އެއްގޮތަށް އެމީހުން އެދުނީ އެމީހުންގެ ދަރީންނަށް ލިޔަން ކިޔަން ދަސްކޮށްދިނުމަށެވެ. އެހެންވެ އަޅުވެރިޔާ އެކަންވެސް ކުޑަ މުސާރަޔަކަށް ކޮށްދޭން ފެށިއެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ރަށުގެ ކަމުވޮށިގެން ވާ ބަޔަކު އައިސް އަޅުވެރިޔާގެ ގާތުން ރަށުގައި އުޅޭ ޔަތީމު އަންހެން ކުއްޖަކާ ކާވެނި ކޮށްފާނަންތޯ އެހިއެވެ. އެ ކުއްޖާގެ ބައްޕައަކީ ވަރަށް ޞާލިޙު މީހެއް ކަމުގައި ވެސް އެމީހުން ކިޔައިދިނެވެ.

އަޅުވެރިޔާ އެކަމަށް ރުހި ޤަބޫލުވިއެވެ.

ފަހުން އަޅުވެރިޔާ ކިޔައިދިނެވެ. [އަހަރެން އެ ކުއްޖާ އާއި ކާވެނި ކުރުމުން ފެނުނީ އެކުއްޖާގެ ކަރުގައި އެއްކަލަ އަގު ބޮޑު ހާރު އޮތްތަނެވެ. އެ އަންހެން ކުއްޖާ ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ މައްކާއަށް ކުރި ދަތުރެއްގައި އެ ހާރު ގެއްލުމުން ވަރަށް ޞާލިޙު މީހެއް އެ ހާރު އަނބުރާ ބައްޕައަށް ރައްދު ކޮށްދިން ކަމަށް ބުންޏެވެ. އެ ކުއްޖާ ބުނިގޮތުގައި އޭނާގެ ބައްޕަ ސަޖިދައިގައި އޮވެ އެ ފަދަ ޞާލިޙު މީހަކު އޭނާގެ ދަރިފުޅަށް ދެއްވުމަށް ވަރަށް ގިނައިން ދުޢާކުރެއެވެ. މިހުރިހާ ވާހަކައެއް އަޑު އެހުމަށްފަހު، މައްކާއިން ބައްޕައާ ދިމާވި މީހަކީ އަހަރެން ކަމުގައި އަހަރެންގެ ލޯބިވާ އަނބިމީހާގެ ގާތުގައި ބުނީމެވެ.]

މި ވާހަކަ އިބްނު ރަޖަބާއި އަދި އެނޫންވެސް ބައެއް ޢިލްމުވެރިން ރިވާކުރައްވާފައި ވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި