މާތްﷲ ރުއްސުން ލެއްވި ޢާއިޝަތުގެ ފާނުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ( މައްކާގައި) ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަޞްޙާބު ބޭކަލުންގެ ތެރޭގައި 38 ބޭފުޅުން ވީހިނދު އަބޫބަކުރުފާނު އިތުރު އެކަލޭގެފާނަށް ދަންނަވަން ފައްޓަވައިފިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުމެން ( ދީން ) ފާޅުކުރަންވީއެވެ. ނަމަވެސް ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވަނީ ތިމަންމެން މަދުކަމަށެވެ. އެއަށްފަހުވެސް އަބޫބަކުރުގެފާނު އެގޮތުގެ މަތީގައި ހުންނަވައިގެން ކީރިތި ރަސޫލާ އެބަސްފުޅު ޤަބޫލު ކުރައްވަންދެން ދަންނަވާ އުޅުއްވިއެވެ.
ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް ދީން ފާޅުކުރަން އެނގެވިއެވެ. އިސްލާމު އެންމެން އަލްމަސްޖިދުލް ޙަރާމަށް ޖަމަޢަ ވެއްޖެއެވެ. އަދި ހަރަމަށް އައިސް އެތަން މިތަނުގައި އިށީނދެއްޖެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ޢާއިލާއާ އެކުގައެވެ.
އަބޫބަކުރުގެފާނު ތެދުވެ ވަޑައިގެން ވާހކަފުޅު ދެއްކެވިއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމް އިށީނދެ ވަޑައިގެން އިންނެވިއެވެ. އަބޫބަކުރުގެފާނު ވެވަޑައިގަތީ އެންމެ ފުރަތަމަ އިސްލާމްދީނަށް ގޮވައިލެއްވި ދާޢީ ކަމުގައެވެ. އަދި ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހެއުބަސް އެރުވި ދާޢީ ކަމުގައިވެސް މެއެވެ.މިއަޑު އަހާފައި އަބޫބަކުރުގެފާނަށާއި މުސްލިމުންގެ މައްޗަށް މުޝްރިކުންގެ ރުޅިވެރިކަމާއި ޙަސަދަވެރިކަން އެއުރެންގެ ލެއިނާރު ތަކުގައި އުތުރި އަރައިގެން ދިޔައެވެ. އަދި ހަރަމްފުޅުގެ ތެރޭގައި މުސްލިމުންގެ ގައިގައި ތަޅަން ފެށިއެވެ. ޚާއްޞަކޮށް އަބޫބަކުރުގެފާނުގެ ހަށިކޮޅުގައި ތަޅާ ވަރަށް ހާނީއްކަ ކުރިއެވެ. އަދި އުތުބާ ބުނު ރަބީޢާ ކިއުނު މީހަކު އަބޫބަކުރުގެފާނުންގެ އަރިހަށް އައިސް އޭނާގެ ފައިވާނުގެ ދެކިބަ އެއްކޮށްލައިގެން މޫނުފުޅާ ހަށިކޮޅުގައި ތަޅައި އަނިޔާކޮށް ހެދިއެވެ. މުޅި މޫނުފުޅު ޒަޚަމްކޮށް ނޭފަތްޕުޅުގެ ފިލާކޮޅު ބިންދާލައި މުޅިމޫނުފުޅުގެ ބައްޓަން ހަމަހަމަ ކޮށްލިއެވެ. މިޚަބަރު ލިބުމާއިއެކު އަބޫބަކުރުފާނުގެ ޤަބީލާ ކަމުގައިވާ ބަނޫ ތައިމުގެ މީހުން އަތުވެއްޖެއެވެ. އަދި އެމީހުން މުޝްރިކުންގެ އަތްދަށުން އަބޫބަކުރުގެފާނު ސަލާމަތްކުރިއެވެ. އަދި ފޮތިގަނޑަކަށް އެކަލޭގެފާނު ލައިގެން އުފުލާލައިގެން، އެކަލޭގެފާނުގެ ގެކޮޅަށް ގެންދިޔައެވެ. އެންމެންވެސް ހީކޮށްގެން ތިބީ އެކަލޭގެފާނު އަވަހާރަވަނީ ކަމަށެވެ. އެއަށްފަހު އެބައިމީހުން ހަމަ އެވަގުތު ހަރަމް ފުޅަށް އައިސް މުޝްރިކުންނަށް އެންގީ އބުބަކުރުގެފާނު އަވަހާރަވެއްޖެނަމަ ތިމަންމެން ޢުތުބާ ބުނު ރަބީޢާ މަރާލާނެ ކަމަށެވެ. މިކަމުގައި އިސްކޮށް ހުންނެވީ އެކަލޭގެފާނުގެ ބައްޕާފުޅު އަބޫޤުޙާފާއެވެ.
ދެން ދެވަނަ ފަހަރަށް އެބައިމީހުން އަބޫބަކުރުފާނުންގެ ގެއަށް އެނބުރި އައެވެ. އަދި އަބޫބަކުރުފާނު ހޭފުޅުލެއްވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެންމެ ފަހުން އެކަލޭގެފާނު ބަސްފުޅު ވިދާޅުވާން ފައްޓަވައިފިއެވެ. އެކަލޭގެފާނަށް ބަސްފުޅެއް ވިދާޅުވެވުނީ އެދުވަހުގެ ހަވީރުގައެވެ. ފުރަތަމަވެސް ވިދާޅުވި ބަސްފުޅަކީ ރަސޫލުﷲގެ ފާނުގެ ޙާލުކޮޅު ކިހިނަކުން ހެއްޔެވެ؟އެކަލޭގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނަށް ވަރަށް ހުތުރުބަސް ރައްދުކޮށް މަލާމާތްކޮށް ހެދިއެވެ. އަދި އެންމެން ތެދުވެގެން ހިނގައްޖެއެވެ. އަދި ދަމުންއެކަލޭގެ ފާނުގެ މަންމަ އުއްމުލް ޚައިރުގެ ގާތުގައި ބަލަހައްޓައި. ފެންފޮދެއް އެއްޗެއް އަރުވައި އުޅުއްވުމަށް ބުނެލިއެވެ. އެމީހުން ދިއުމުން މަންމަގެ ގާތުން ކީރިތި ރަސޫލާގެ ޚަބަރަކީ ކޮބައިތޯ އައްސަވަމުން ގެންދެވިއެވެ. އެކަމަނާ އެއްޗެއް ވިދާޅުނުވެ ހުންނަވާފައި އެންމެފަހުން އެކަމަނާގެ ދަރިފުޅަށް ދަރިފުޅުގެ އެކުވެރިޔާގެ ޚަބަރެއް އެއްގޮތަކަށްވެސް އަހަންނަކަށް އެނގިފައެއް ނުވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މަންމާއެވެ. ނިކަން ޚާއްތާބުގެ ދަރިކަނބަލުން ފާޠިމަތުގެ ގާތުން ރަސޫލާގެ ޚަބަރު ބެލިދާނެހެއްޔެވެ؟
އެކަމަނާ ނުކުމެ ވަޑައިގެން ފާޠިމަތުގެ އަރިހަށް ވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. މުޙައްމަދު ބުނު ޢަބްދުﷲއާ ބެހޭ އެއްވެސް ޚަބަރެއް އޮތްތޯ، އަބޫބަކުރު ކަމަނާއާ އެބަ ސުވާލުކުރެއެވެ.
ފާޠިމަތުގެފާނު: އަޅުގަނޑު އަބޫބަކުރަކީ އަދި މުޙައްމަދު ބުނު ޢަބްދުﷲއަކީ ކާކުކަންވެސް ނުދަންނަމެވެ. އެކަމަކު އެދިލައްވާނަމަ އަޅުގަނޑު ކަމަނާގެ ދަރިފުޅާ ބައްދަލުކޮށްލަން ހިނގައިދާނަމެވެ. އެހިނދު އެކަމަނާ އާއެކޭ ވިދާޅުވިއެވެ. ފާޠިމަތުގެފާނު އެހަބަރާއެކު އަބޫބަކުރުގެފާނުން ގެއަށް ވަޑައިގަތެވެ. އެގެއަށް ވަޑައިގަތްއިރު އަބޫބަކުރުގެފާނު ވަރަށް ބޮޑަށް އާލާސްކަންފުޅުގައި އޮންނަވަނިކޮށް ބައްދަލުވެ ވަޑައިގަތެވެ. އަދި އަބޫބަކުރުގެފާނުގެ އަރިހަށް ވަޑައިގެން ބައްލަވާފައި އަޑުފުޅު ލައްވައިގަތެވެ. ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. މިޤައުމުގެ މީހުން ކަލޭގެފާނަށް ތިޔަފަދަ އަނިޔާކޮށްފައި ވަނީ އެމީހުންގެ ނުބައި ކަމުންނާއި ކުފުރުގެ ސަބަބުންނެވެ. އަޅުގަނޑު އުއްމީދު ކުރަނީ މާތްﷲ އެމީހުންގެ ކިބައިން ބަދަލު ހިއްޕަވާނެ ކަމަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަބަރަކީ ކޮބައިތޯއެވެ. އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނުންގެ މަންމާ އެބައަޑުއައްސަވައެވެ.
އަބޫބަކުރުގެފާނު: އަޅުގަނޑުމެންނަކަށް މަންމާގެ ފަރާތުން ނުރައްކަލެއް ނެތެވެ.
އެކަމަނާ: އެކަލޭގެފާނު ޞައްޙަ ސަލާމަތުން އެބަހުންނެވިއެވެ.
އެކަލޭގެފާނު: ރަސޫލާ ކޮބައިތޯއެވެ.
އެކަމަނާ: ދާރުލް އައުޤަމްގައެވެ.
އެކަލޭގެފާނު: ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އަޅުގަނޑަށް ނުދެވޭހާ ހިނދަކު އަޅުގަނޑުގެ އަނގައަށް ފެންފޮދެއްވެސް ނުލާނަމެވެ.
ދެން މީސްތަކުންގެ ހިލަވަޅުތައް ކުޑަވުމުން އެދެބޭކަނބަލުން އެކަލޭގެފާނު ގައިކޮޅުގައި ހިފަހައްތައިގެން ސިއްރިސިއްރުން ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް ވަޑައިގަތެވެ. އެބޭކަލުން ވަޑައިގަނަވާތަން ފެނިވަޑައި ގަތުމާއެކު ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހަށް ވަޑައިގެން އަބޫބަކުރުގެފާނުގެ ގައިކޮޅުގައި އޮޅުލައްވައިގަތެވެ. އަދި އެކލޭގެފާނަށް ބޮސްދެއްވިއެވެ. މުސްލިމުންވެސް އައިސް އެކަލޭގެފާނާ އޮޅުލައިގަތެވެ. ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ވަރަށް ބޮޑަށް ހިތްވަރުދެއްވައި ހެއްދެވިއެވެ.
އަބޫބަކުރުގެފާނު: ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމައާއި ބައްޕަ ކަލޭގެފާނަށްޓަކައި ފިދާކުރަމެވެ. އެނުބައި ކަލޭގެ އަޅުގަނޑުގެ މޫނުގައި ތަޅައި ޗިސްޗިސް ކުރުންނޫން މާބޮޑުކަމެއް އަޅުގަނޑަކަށް ނުވެއެވެ. މިހިރީ އަޅުގަނޑުގެ މަންމައެވެ. އަޅުގަނޑަށް ވަރަށް ހެވެވެ. ކަލޭގެފާނަކީ ބަރަކާތްތެރި ބޭކަލެކެވެ. މަންމައަށްޓަކައި ހެޔޮ ދުޢާ ކޮށްދެއްވާށެވެ. އަދި އޭނާއަށް ﷲގެ މަގަށް ދަޢުވަތު ދެއްވާށެވެ. ފަހަރެއްގައި މާތްﷲ ކަލޭގެފާނުންގެ ބަރަކާތުން އޭނާ ނަރަކައިން މިންޖު ކުރައްވާފާނެއެވެ. ދެން ފަހެ ރަސޫލުﷲޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއަށްޓަކައި ދުޢާ ކުރެއްވިއެވެ. އެއަށްފަހު އެކަމނާއަށް ދީނަށް ގޮވައިލެއްވިއެވެ. އެވަގުތު އެކަމަނާ އިސްލާމްވެ ވަޑައިގަތެވެ.
އިތުރު މަޢުލޫމާތު :
1- އަބޫބަކުރުގެފާނުގެ ބައްޕާފުޅަށް ކިޔަނީ އަބޫ ޤުޙާފާއެވެ.
2- އަބޫބަކުރުގެފާނުގެ މަންމާފުޅުގެ އަޞްލު ނަންފުޅަކީ ސަލްމާ ބިންތި ޞަޙްޔެވެ. އެކަމާނާއަކީ އަބޫބަކުރުގެފާނުންގެ ބައްޕާފުޅު ދެބެއިންގެ ދެދަރި ބޭފުޅެވެ.
3- ފާޠިމާ ބިންތި އަލްޚައްޠާބަކީ ޢުމަރުބުނުލް ޚައްޠާބުގެ ކޮއްކޯފުޅެވެ. އެއިރު ޢުމަރުގެފާނު އަދި އިސްލާމްވެ ވަޑައި ނުގަންނަވައެވެ. އެކަމަނާއަކީ ސަޢީދު ބުނު ޒައިދުގެ އަނބިކަނބަލުންނެވެ. މިދެބޭކަލުން އެއިރު ވަނީ އިސްލާމްވެ ވަޑައިގެންފައެވެ.
|