Noorul-islam.NET :: ޣައިބަށް ކަށުނަމާދުކުރުމާމެދު އިސްލާމީ ފިޤުހުވެރީންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމުގެ މައްޗަށް ނަޒަރެއް

ޣައިބަށް ކަށުނަމާދުކުރުމާމެދު އިސްލާމީ ފިޤުހުވެރީންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމުގެ މައްޗަށް ނަޒަރެއް
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 25 ނޮވެމްބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

الحمد لله رب العالمين، والصلاة والسلام على رسول الله محمد وعلى آله وأصحابه أجمعين ومن تبعهم بإحسان إلى يوم الدين، وبعد :

ޣައިބަށް ކަށުނަމާދު ކުރުމަކީ ދީނުގެ ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފު އުފެދިފައިވާ ފިޤުހީ މައްސަލަތަކުން ކުރެ އެއް މައްސަލައެވެ. މި މައްސަލައިގައި ދަންނަބޭކަލުންގެ ހަތަރު ރައުޔެއް ވެއެވެ. އެހުރިހާ ރައުޔެއްވެސް ބުރަވަނީ ހަމަ ގާތްގަނޑަކަށް އެއް ދަލީލެއްގެ މައްޗަށެވެ.

އެއީ ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަބްޝްކަރައިގެ ނަޖާޝީގެ މައްޗަށް ޣައިބުގައި ކުރެއްވި ކަށު ނަމާދެވެ. ޢިލްމުވެރީންގެ ތެރެއިން ބައެއް ބޭކަލުން ވިދަޅުވަނީ އެއީ ނަޖާޝީއަށް ޚާއްޞަ ކަމެއް ކަމުގައެވެ. އަނެއްބައި ބޭކަލުން ވިދާޅުވަނީ އެއީ ނަޖާޝީއަށް ޚާއްޞަކަމެއްނޫން ކަމަށާއި އެއީ ޝަރުޢުކުރެވުނު ސުންނަތެއްކަމުގައެވެ. ތިރީގައި މިބަޔާންކުރަނީ ފިޤުހުވެރީންގެ ރައުޔުތަކެވެ.

ފުރަތަމަ ރައުޔު:

ޣައިބަށް ކަށުނަމާދުކުރުމަކީ އޮތްކަމެއްނޫނެވެ. މައްޔިތާގެ ޙާޟިރުގައި ނޫން ގޮތަކަށް ކަށުނަމާދު ކުރުމެއް ނެތެވެ. މިއީ އިމާމު އަބޫޙަނީފާއާއި އިމާމު މާލިކުގެ ރައުޔެވެ އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން ވާރިދުވެފައިވާ އެއް ރައުޔެވެ. މިބޭކަލުންގެ ޙުއްޖަތެއްކަމުގައި ވިދާޅުވަނީ ކީރިތި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ނަޖާޝީގެ މައްޗަށް ޣައިބުގައި ކުރެއްވި ކަށުނަމާދަކީ ނަޖާޝީއަށް ޚާއްޞަ ކަމެއްކަމުގައެވެ. އެހެންމީހަކަށް އެގޮތަށް ޣައިބަށް ކަށު ނަމާދެއް ނުކުރެވޭނެއެވެ. ނަޖާޝީގެ މައްޗަށް ކަށުނަމާދު ޣައިބުގައި ކުރައްވާފައިވަނީ ނަޖާޝީ އަވަހާރަވީ ޙަބްޝްކަރައިގައި ކަމުން އެއީ ކާފިރު ޤައުމެއްކަމުން އެތަނުގައި ނަޖާޝީގެ މައްޗަށް ކަށުނަމާދު ކޮށްފައި ނުވާތީ ކަމުގައި މި މިރައުޔުގެ ދަންނަބޭކަލުން ވިދާޅުވެއެވެ.

ދެވަނަ ރައުޔު:

މައްޔިތާގެ މައްޗަށް ޣައިބުގައި ކަށުނަމާދުކުރުމަކީ ޝަރުޢުގައި އޮތް ކަމެކެވެ. އެއީ އެމައްޔިތާގެ މައްޗަށް އޭނާ  މަރުވި ޤައުމުގައި ކަށުނަމާދު ކޮށްފައި ވިޔަސް ނުވަތަ ނޫނަސްމެއެވެ. މިއީ އިމާމު ޝާފިޢީގެ ރައުޔެވެ. އަދި މިއީ އިމާމު އަޙްމަދުގެ އަރިހުން އައިސްފައިވާ ގަދަބަހެވެ. މިބޭކަލުންގެ ދަލީލަކީ ހަމަ ޙަބްޝްކަރައިގެ ރަސްގެފާނު ނަޖާޝީގެ މައްޗަށް ކީރިތި ރަސޫލާ ޣައިބުގައި ކުރެއްވި ކަށުނަމާދެވެ. މި ރައުޔުގެ ބޭކަލުން ވިދާޅުވަނީ އެއީ ނަޖާޝީއަށް ޚާއްޞަކަމެއްނޫންކަމުގައެވެ. އެންމެ ފަހަރަކުވެސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމެއް ކުރައްވައިފި ނަމަ އެއީ ސުންނަތަކަށް ވާނެ ކަމެވެ.އެކަމެއް ނުކުރެއްވުމަށް އަމުރު ނުކުރައްވާހާ ހިނދަކު އެކަންކުރުމަކުން މައްސަލައެއްނޫންކަމުގައި މިރައުޔުގެ ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ.

ތިންވަނަ ރައުޔު:

ޣައިބުގައި ކަށުނަމާދު ކުރުމަކީ ޝަރުޢުގައި އޮތްކަމެއްނޫނެވެ. އެންމެ ޙާލަތެއްގައި މެނުވީއެވެ. އެއީ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރެވިފައިނުވާނަމައެވެ. މިޙާލަތުގައި ޣައިބުގައި ކަށުނަމާދު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. މިއީ އިމާމު އަޙްމަދުގެ އަރިހުން ވާރިދުވެގެންވާ ރައުޔެކެވެ.  މި ރައުޔު ބަޔާންކުރައްވާފައިވަނީ އިމާމު އިބުނު ޤައްޔިމާއި އިމާމު މަރުދާވީމެން ފަދަ ޢިލްމުވެރީންނެވެ.

ހަތަރުވަނަ ރައުޔު:

ޞާލިޙު ރަނގަޅު މީހުންނާއި އެމީހެއްގެ ފުށުން ގިނަގުނަ ހެޔޮކަން އިސްލާމުންނަށް ލިބިފައިވާ ލީޑަރުން ފަދަ ބޭފުޅުންނާއި ޢިލްމުވެރީން ފަދަ ބޭފުޅުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވިދާނެއެވެ. މިއީ ވެސް އިމާމު އަޙްމަދުގެ އަރިހުން ރިވާވެގެންވާ ރައުޔެކެވެ، މިއީ ސަޢޫދީ ޢަރަބިއްޔާގެ ދަންނަބޭކަލުންގެ މަޖިލީހުގެ ކުރީގެ ރައީސް ސަމާޙަތުއްޝައިޚު އިބުނު ބާޒުގެ ރައުޔެވެ. އަދި މިއީ މިހާރު ވެސް ދެޙަރަމްފުޅައި ސަޢޫދީ އަރަބިއްޔާގައި ޢަމަލުކުރެވެމުން އަންނަ އުޞޫލެވެ. މިގޮތަށް އެޤައުމުން ފަތުވާ ވެސް ނެރެފައިވެއެވެ. 

ޚުލާޞާ:
އިސްވެ ބަޔާންވެދިޔަ ގޮތުން މި މައްސަލައަކީ ދަންނަބޭކަލުންގެ މެދުގައި ޚިޔާލްތަފާތުވުމެއް އޮތް މައްސަލައެކެވެ. މިގޮތުން އިސްވެބަޔާންވެ ދިޔަ ހަތަރު ރައުޔު ޚުލާޞާ ކުރުމުން ދެމަޒްހަބެއް އެނގިބަޔާންވެދާނެއެވެ. އެއީ :

1-     ޣައިބަށް ކަށުނަމާދުކުރުމަކީ ޝަރުޢުގައި އޮތްކަމެއްނޫނެވެ. ނަޖާޝީގެ ޙާދިޘާއަކީ ޚާއްޞަ ޙާދިޘާއެކެވެ.

2-      ޣައިބަށް ކަށުނަމާދު ކުރުމަކީ ކުރެވިދާނެކަމެކެވެ. އެއީ މައްޔިތާގެ މައްޗަށް ކަށުނަމާދު ކުރީން ކުރެވިފައިވީ ނަމަވެސް އެމައްޔިތާއަކީ މުސްލިމުންނަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ މީހަކު ނަމަ އޭނާގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވިދާނެއެވެ. 

މިހެންކަމުން، މިމައްސަލައިގައި ދެގޮތަށް އަމަލުކުރެވިދާނެއެވެ. އަދާ ހަމައަށް މި ދެގޮތަށް ވެސް އުންމަތުގައި ޢަމަލުކޮށްފައިވެއެވެ. ޣައިބަށް ކަށުނަމާދު ކުރެވިދާނޭ ކަމަށް ދެކޭބަޔަކު އެކަންކުރާނީއެވެ. ނުކުރެވޭނޭ ކަމަށް ދެކޭ ބަޔަކު ނުކުރާނީއެވެ. މިއީ ތަނަވަސްކޮށް އޮތް ކަމެކެވެ. ބައެއް  އަޞްޙާބުން ދުނިޔެދޫކުރެއްވުމުން ކަށުނަމާދުގައި ބައިވެރިވެވަޑައިގަތުމުގެ ފުރްޞަތު ލިބިވަޑައިނުގަތުމުން  ކީރިތި ރަސޫލާ މައްޔިތާގެ ޤަބުރު ކައިރިއަށް ވަޑައިގެން ޤަބުރު ކައިރީގައި ހުއްޓި ހުންނަވައި ކަށުނަމާދު ކުރައްވާފައިވެއެވެ. އަދި އަދާހަމައަށް ވެސް ދެ ޙަރަމްފުޅުގައި ޣައިބަށް ކަށުނަމާދު ކުރެއެވެ. ދުނިޔޭގެ އިސްލާމީ ލީޑަރުންނަށާއި ޢިލްމުވެރީންނަށާއި އުންމަތަށް ގިނަގުނަ ޚިދުމަތްކޮށްފައި ދުނިޔެދޫކުރާ މީހުންނަށް ޣައިބަށް ކަށުނަމާދު ކުރެވިދާނެއެވެ. މިއީ އަރާރުންވާން ޖެހޭ މައްސަލައެއްނޫނެވެ.

ކުރީން ކަށުނަމާދުކޮށްފައިވާ ބަޔަކު އިތުރަށް ޣައިބަށް ކަށުނަމާދުކޮށްގެން ނުވާނެއެވެ. ޣައިބަށް ކަށުނަމާދު ކުރަންޏާ ކުރާނީ ކުރީން ނުކުރާ މީހުންނެވެ. والله أعلم .

وآخر دعوانا أن الحمد لله رب العالمين.

 

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި