Noorul-islam.NET :: ޙަމްދު ހުރީ ﷲ އަށެވެ. ދީނީގޮތުން އިސްލާހީ ބަދަލެއްގެ މަލަމަތި ފެންނަން ފަށައިފިއެވެ.
ޙަމްދު ހުރީ ﷲ އަށެވެ. ދީނީގޮތުން އިސްލާހީ ބަދަލެއްގެ މަލަމަތި ފެންނަން ފަށައިފިއެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 16 ނޮވެމްބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް

* އަމިއްލައަށް ޙުޠުބާ ދެއްވުމުގެ ޤާބިލުކަން ލިބިވަޑައިގެންފައިވާ ޢިލްމުވެރިންނަށް އެކަމުގެ ދޮރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުޅުވާލައްވައިފި

* އަންނަ ހުކުރު ދުވަހުން ފެށިގެން ދީނީ ނޫހެއް ނެރެވޭނެ ޑރ.މަޖީދު

* ރައީސް ނަޝީދުގެ ރިޔާސަތުގައި އައި އެންމެ ފުރަތަމަ ހުކުރު ނަމާދުގައި ރެކޯޑް އަދަދަކަށް މީހުން ބައިވެރިވެއްޖެ.

* ދީނީކަންކަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް ވިސްނަވައިދެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް އިސްލާމިކް އެފެއާރޒް މިނިސްޓަރ ވިދާޅުވެއްޖެ.

* ކީރިތި ޤުރުއާންގެ ދިވެހި އާ ތަރުޖަމާގެ ބައެއް ލަފްޒުތަކުގައި ނޫނުގައި ނުކުތާނުޖެހި ހުރިކަން ފާހަގަ ކުރެވިފައިވުމާއެކު އެކަން ރަގަޅުކުރެއްވުމަށް މިހާރު ބަހާފައިވާ ހުރިހާ ތަރުޖަމާތަކެއް އަބުރާގެންނަވަން ގަސްދުކުރައްވާކަމަށް އިސްލާމިކް އެފެއަރޒް މިނިސްޓަރު ވިދާޅުވެއްޖެ

* މިއަދު މިފެށުނީ އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި ހަމަތަކުގެ މަތިން ހިންގޭ ހެޔޮ ވެރިކަމުގެ ނިޒާމެއް - ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު

 

 

ﷲ އަށް ޙަމްދު ކުރަމެވެ. ދިގު މުއްދަތެއްގެ އިންތިޒާރަކަށްފަހު މި ދުވަސް ދެއްކެވި ކަމަށްޓަކައެވެ. ހަމަ އެއާއެކު މި ނިޢުމަތް ހެޔޮގޮތުގައި ބޭނުންކުރުމުގެ ތައުފީޤް ދެއްވުން އެދި ދުޢާކުރަމެވެ.

މަތީގައި ބަޔާން ކުރެވިފައި އެވަނީ ދިވެހިރާއްޖޭގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން، ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނަގާފައިވާ ސުރުޚީތަކެކެވެ. އެކަމަކަށް އެދި ދިވެހި ލޮބުވެތި ވަޠަނާއި އެ ވަޠަނުގެ ހެޔޮވިސްނޭ މުޞްލިޙުންގެ ނިދި ނަގާލިއެވެ. ޢިލްމުވެރިން އެބޭކަލުންގެ އަޑު އިއްވިއެވެ. މިއަދު ޢިލްމުވެރިންނަށް އެ ބޭކަލުންގެ ޙައްޤު މަޤާމް ލިބެން އުޅޭކަމުގެ މަލަމަތި މި ތަނަވަސް ވަނީއެވެ.

ދިވެހި މުޖްތަމަޢަށް ބަލާލައިފިނަމަ ދިވެހިން ބެހިގެން ދަނީ 4 ބަޔަކަށެވެ. އެއްބަޔަކީ ދީނުގައި ހިފެހެއްޓުމުގެ ނަމުގައި ދީނުގައި ނެތްކަންތައްތައް ގެނެސް، އެމީހުންގެ ޖަހާލަތުގެ ތެރެއިން، އަމިއްލައަށް ދީން ވިސްނައިގަންނަން އުޅެ، ދީނުގެ އެއްވެސް ހަރުދަނާ ޙުއްޖަތެއް ނެތި މީހުން ކާފަރުކޮށް، ދީނީގޮތުން ހައްދުފަހަނަޅާފައިގޮސް، މުސްލިމުންގެ ލޭ ހުއްދަކުރާ ބައެކެވެ.

އަނެއް ބަޔަކީ، މުސްލިމުންގެ ނަމުގައި ދީނުގެ ޙުކުމްތައް ނޭނގުމުގެ ސަބަބުން ޖާހިލު ކަންމަތީ ތިބި ބައެކެވެ.

ތިންވަނަ ބަޔަކީ ދީން އުނގެނި އެ އުނގެނުނު އެއްޗެއް ތިމާމެންގެ ހަވާނަފްސާއެއްގޮތަށް ބައްޓަންކޮށް، ދީނުގައި އަމިއްލަ މިނެއް ހަދައި،  ދުނިޔޭގެ މަދު ފައިސާކޮޅަކަށް ވިކުނު ބަޔަކާއި އެމީހުންނަށް ތަބާވި ބައެކެވެ.

ފަހު ބަޔަކީ، ދީނުގެ ބޮޑެތި ޢިލްމުވެރިންގެ ބަހުގައި ހިފައި، އެބޭކަލުން ދެއްވާ އިރުޝާދާއެކު، އިސްލާމްދީނުގައި ސާބިތުވެ، ﷲ ގެ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށްދެއްވާ ޢިލްމުވެރިންނާއި އެބޭކަލުންނަށް ތަބާވީ ޢާއްމުންގެ ބަޔެކެވެ.

ކުރީގެ ސަރުކާރުން، މިދެންނެވި ފުރަތަމަ ބައިގެ މީހުންނާ މުޢާމަލާތް ކުރަމުން ދިޔައީ ހަރުކަށިކަމާއި، ގޮތްދޫނުކުރުމުގެ ސިޔާސަތަކާއެކުގައެވެ. އޭގެ ސަބަބުން، ސަލްޓަންޕާކުގެ ބޮމުގެ ޙާދިޘާއާއި ހިމަންދޫ ހަމަނުޖެހުންފަދަ އެތައް ކަމެއް ފެނިގެން ގޮސްފައިވެއެވެ. އޭރުވެސް ދީނުގެ ޢިލްމުވެރިން ގެންދެވީ، އެހަރުކަށިކަމާއެކު އުޅޭ މީހުންނާ މުނާޤަޝާކޮށް، އެމީހުންގެ ވާހަކަތަކަށް ޢިލްމީ ރައްދުދީ، އެމީހުންގެ ކަންތައްތައް ޙިކުމަތާއެކު ގެންދިޔުމަށް ގޮވާލަމުންނެވެ. އެއީ ޢަލީގެފާނުގެ ޚިލާފަތުގައި އިބްނު ޢައްބާސް ފޮނުއްވައިގެން އިސްލާހު ކުރެއްވި ކުރެއްވުމުން ޢިބުރަތް ލިބިގަންނަމުންނެވެ. އަދި މިއަދުގެ ދުނިޔޭގައިވެސް، ސުޢޫދީ ޢަރަބިއްޔާފަދަ ބޮޑެތި ޤައުމުތަކުން ހަރުކަށިކަމާއެކު ހަރުކަށިކަމާ ކުރިމަތިލުމުގެ އުޞޫލު ދޫކޮށް ވާހަކަދައްކައި، އެމީހުންނަށް ނަސޭހަތްދިނުމުގެ ނަތީޖާ ފެނިފައިވާތީއެވެ.

މިއަދު އިވިގެން މިދަނީ އެފަދަ މީހުންނާ ވާހަކަ ދައްކައި، އެމީހުންގެ ފިކުރުތަކުގެ ހުރި ކަންތައް އިޞްލާޙުކުރުމަށް އާ ސަރުކާރުގެ އިސްލާމީ ވުޒާރާއިން މަސައްކަތް ފެއްޓެވި ޚަބަރެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބޭކަލުންނަށް ހެޔޮ ތައުފީޤު ދެއްވާށިއެވެ!

ދެން އިވިގެން ދިޔައީ އަމިއްލައަށް ހުކުރު ޚުޠުބާ ކިޔުއްވުމުގެ ހުއްދަ ބޮޑެތި ދީނީ ޢިލްމުވެރިންނަށް، ވަކި އުޞޫލެއްގެ ދަށުން ދެއްވާ ޚަބަރެވެ. ކުޑައިރުއްސުރެ އަޑުއަހަމުންއައި ހުކުރު ޚުޠުބާތައް ބަދަލުވެ، މުޖުތަމަޢުގައި އެވަގުތަށް އެންމެ މުހިއްމު މައުޟޫޢަށް ދީނީ ޢިލްމުވެރިން ހުކުރު ޚުޠުބާ ދެއްވަން ފެއްޓެވުމަކީ ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް އެޅޭ މުހިއްމު އިޞްލާޙީ ފިޔަވަޅެކެވެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، މި ހުއްދަވެސް ޖެހޭނީ ވަކި މިންގަނޑެއްގައި ހިފަހައްޓާށެވެ. މި ހުއްދަ ދެއްވަނީ ވަކި އުޞޫލެއްގެ މަތިން ކަމަށް މިނިސްޓަރ ޑރ.މަޖީދު ވަނީ ވިދާޅުވެފައެވެ. އަޅުގަނޑު ދެކޭގޮތުގައި އެއީ ވަރަށް މުހިއްމު އަދި އެހާ ޙިކުމަތްތެރި ނިންމެވުމެކެވެ. ސަބަބަކީ އަތުން ބީވެ ގޮސް، ދިވެހި ރާއްޖެއަކީ އަނެއް ޕާކިސްތާންކަމަށް ވުމަކަށް އަޅުގަނޑެއް ނޭނދެމެވެ.

މި ފުރުޞަތުގައި، ދީނަށް ލޯބިކުރާ، ދީނީ އަޚުންނަށް އަޅުގަނޑު ގޮވާލާނީ، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ފަހަތުގައި ތިއްބެވުމަށެވެ. އަދި އެބޭކަލުންގެ ނިންމެވުމަށް އިޙްތިރާމް ކުރެއްވުމަށެވެ. މިއަދު ދީނަށްލޯބިކުރާ، ދީނީ ދަޢުވަތުގެ މައިދާނުގައި ތިބި އަޚުން އެކުވެރިވެއްޖެނަމަ، މި ދިވެހި މުޖްތަމަޢު އިސްލާހުކޮށް ދީނާއި ގާތަށް ގެނައުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ވަރަށް ފަސޭހަވެގެން ދާނެއެވެ. އެއާ ޚިލާފަށް ތިޔަ ލޮބުވެތި އަޚުން ބައިބައިވެއްޖެނަމަ ދިވެހިންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި، އިސްލާމީ އުޚުއްވަތްތެރިކަން ޤާއިމު ކުރުމަކީ ދަތި އުނދަގޫ ކަމަކަށް ވެގެން ހިނގައިދާނެއެވެ.

ދީނީ ކަންތައް ތަކަށް ޚިޔާލު ބަހައްޓާ، ދީނަށް ލޯބިކުރާ ދީންވެރި ބަޔަކުކަމުގައި ދިވެހި ރައްޔިތުން ހެއްދެވުމަށް އަދުގެ ސަރުކާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރީން ކުރައްވާ މަސައްކަތަށް ޝުކުރުވެރިވަމެވެ. އަދި އެމަސައްކަތުގައި އެބޭކަލުންނަށް ހެޔޮވިސްނުމާއި ތައުފީޤު ދެއްވުން އެދި ދުޢާ ކުރަމެވެ.

އަދި ﷲ އަށް ޙަމްދާއި ޝުކުރު ކުރަމެވެ. ޝުކުރުވެރިވުން ޙައްޤުގޮތުގައި ޝުކުރުވެރިވާ މީހުންނަށް އެއިލާހު އިތުރު ކޮށްދެއްވައެވެ. އަދި ނިޢުމަތަށް ކުފުރުވެރިވާމީހާ ދަންނާށެވެ. ފަހެ އެއިލާހުގެ ހިއްޕެވުމަކީ ގަދަފަދަވެގެންވާ ހިއްޕެވުމެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި