Noorul-islam.NET :: އަންހެން ބެއިފުޅުންނަށް ޚާއްޞަ - ޢާއިލާގެ ތެރޭގައި ދާޢިއާ އަކަށް ވާނީ ކިހިނެއް؟ (ދެވަނަބައި)




އަންހެން ބެއިފުޅުންނަށް ޚާއްޞަ - ޢާއިލާގެ ތެރޭގައި ދާޢިއާ އަކަށް ވާނީ ކިހިނެއް؟ (ދެވަނަބައި)
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

9- ޘަޤާފީ ސުވާލު: ދީނީ ގޮތުންނާއި ޘަޤާފީ ގޮތުން އެއްބައަކު އަނެއް ބަޔަކަށް ސުވާލު ޖަވާބު ހޯދުމަކީ ތިމާ ލިބިގަންނަ ޢިލްމުތައް ތިމާމެނަށް ހަޖަމުވާ މިންވަރު ދަނެގަނެވޭނެ ކަމެކެވެ. އެހެން ކަމުން މިފަދަ ޕްރޮގްރާމުތައް ރާވައި ހެދުން މޮޅުވާނެއެވެ. މިކަމުގައި ރަނގަޅުވާނީ ދެތިން މަހުން އެއްފަހަރު ނަމަވެސް ޕިކްނިކް ދަތުރެއް ބާއްވައި އޭގައި ދީނީ، ޘަޤާފީ ކުޅިވަރު ބާއްވައި އޭގެ ތެރޭގައި މިފަދަ ޙަރަކާތްތައް ހިންގުމެވެ. އަދި އެކަމަށް ޢިނާމުތަކެއް ކަނޑައަޅައި ޙަރަކާތްތައް ކުރީއްސުރެން ހަމަޖައްސައި ކުދިންނަށް ވެސް އެކަންކަން އަންގައި އެކަމަށް ފަރިތަ ކުރުވުމަށް ފަހު ބޭއްވުމެވެ. އެއިރުން ކުދިންގެ މަޢުލޫމާތުތައް ތާޒާވެ ކުރިއަރާނެއެވެ. އަދި މަޖަލާއި ކުޅިވަރުގައި ނޭގުމެއްގެ ތެރޭގައި އުނގެނުން އިތުރުވެގެން ދާނެއެވެ. މީގެ ބޭނުމަކީ ފަހަރެއްގައި ވެސް އުނދަގޫ ސުވާލުތަކެއް ދީ އެމީހުންނަށް ދަތިއުނދަގޫ ތަކެއް ޖެއްސުމެއް ނޫނެވެ. ބައެއް މަޢުލޫމާތްތައް ތާޒާ ކޮށްލުމެވެ. އަދި ޚާއްޞަ މެސެޖެއް ފޯރުކޮށް ދިނުމެވެ. ރިވެތި މާޙައުލެއްގައި ކުޅެ މަޖާކޮށްލުމެވެ. މުނިފޫހި ފިލުވުމެވެ.

މިގޮތުން ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ ޢަމަލު ފުޅަކަށް ބަލައިލާނަމެވެ. ޢަބްދުﷲ އިންބު ޢުމަރު  ރަޟިޔަﷲ ޢަންހު ގެ ކިބައިން ރިވާވެގެން ވެއެވެ. އެއްފަހަރެއްގައި ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  މަޖްލިހެއްގައި އިންނަވާފައި އަޞްޙާބު ބޭކަލުންގެ އަރިހުން ސުވާލެއް ކުރެއްވިއެވެ. އެއީ ހަމައެކަނި މުނިފޫހި ފިލުވުމުގެ ގޮތުންނެވެ. އެއިރު އެތާނގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު  އާއި ޢުމަރު ރަޟިޔަﷲ ޢަންހު  ވެސް އިންނެވިއެވެ. އެހިނދު އެކަލޭގެފާނު އެއްސެވިއެވެ. ނިކަން ތިޔަބޭފުޅުން ވިދާޅުވެ ބައްލަވާށެވެ. މުސްލިމަކާ އެއްފަދަ ގަހަކީ ކޮބައި ހެއްޔެވެ؟ އެގަހުގެ ސަބަބުން މާތްﷲ އެއިލާހުގެ ރޯދި ތާއަބަދު މިންވަރު ކުރައްވައެވެ. އަދި އެގަހުގެ ފަތްތައް ގަހުގެ ދަށަށް ވެރިފައެއް ނުހުރެއެވެ. ޢަބްދުﷲގެ ފާނު ވިދާޅުވެފައި ވެއެވެ. އެހިނދު ތިމަންގެ ހިތްޕުޅަށް ޖަވާބު އެރިއެވެ. ނަމަވެސް ބައްޕާފުޅާއި އަބޫބަކުރުގެފާނު އިންނެވުމުން ޖަވާބު އަރުވާކަށް ކެރިވަޑައެއް ނުގަތެވެ. ދެން އެއްވެސް ބޭކަލަކު ޖަވާބު ނުދެއްވުމުން ކީރިތި ރަސޫލާ އެއީ ކަދުރު ރުށް ކަމުގައި ވިދާޅުވިއެވެ. ދެންފަހެ މަޖްލިސް ނިމިގެން ގެއަށް ދިޔަ މަގުމަތީގައި ތިމެން ބައްޕަގެ އަރިހުގައި ދެންނެވީމެވެ. އެއިރުގެ ސުވާލުގެ ޖަވާބަކީ ކަދުރުރުއް ކަމުގައި ތިމަންގެ ހިތަށް އެރިއެވެ. ނަމަވެސް ބައްޕަމެން ތިއްބެވީތީ ޖަވާބު އަރުވަން ކެރިވަޑައި ނުގަތީއެވެ. އެހިނދު ޢުމަރު ރަޟިޔަﷲ ޢަންހު  ވިދާޅުވިއެވެ. ދަރިފުޅު ޖަވާބު ދިންނަމަ ބައްޕަ ވަރަށް އުފާވީހެވެ.

10- ގޭތެރޭ ނޯޓު ބޯޑު: ނޯޓު ބޯޑެއް ގޭގެ އިސްތިޤުބާލު ކޮޓަރީގައި ނުވަތަ ކިޔަވާ ކޮޓަރީގައި ބަހައްޓާފައި ހުރުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައި ފެނެއެވެ. ކޮންމެ ދުވަހަކު ވެސް އެދުވަހެއްގެ ނުވަތަ އެހަފްތާއެއްގެ މެސެޖް ބޯޑުގައި ލިޔެފައި ބެހެއްޓިދާނެއެވެ. މިގޮތުން ދަސްކުރަންޖެހޭ ސޫރަތް ނަމަވެސް ނުވަތަ ޙަދީޘު ނަމަވެސް ނުވަތަ ދުޢާ ނަމަވެސް ލިޔެފައި ބެހެއްޓުމުން އެންމެނަށް ގިނަގިނައިން ފެނި ލޯމައްޗަށް ތަކުރާރުވޭވެ ހުރުމުން އެނޯޓަކާ އެމީހުނާ ގައިގޯޅިވުން ގިނަވެ އަމިއްލަކޮށްލުމަށް ނުވަތަ ދަސްކޮށްލުމަށް ފަސޭހަ ވެގެން ދިއުމަކީ ގާތްކަމެއް ކަމުގައި ފެނެއެވެ. މީގައި އެކޮޓަރިއަކާ ގުޅޭ ގޮތުން ކޮންމެ ކަހަލަ ބޯޑެއް ވެސް ބެހެއްޓިދާނެއެވެ. ވައިޓްބޯޑެއް ނަމަވެސް ނުވަތަ ފޮލާލީން ފޮތިބޯޑެއް ވިއަސް އެވެ. ނަމަވެސް ޗޯކުބޯޑު ނުބެހެއްޓުން ރަނގަޅުކަމަށް ފެނެއެވެ. އެހެން ވެއްޖެނަމަ އޭގެ ސަބަބުން ގޭތެރެ ހަޑިވުމާއި ގޭތެރޭގައި އަރިދަފުހުގެ ކަންތައް ވާރުތަވުމާއި ކުދިންގެ އަތާއި ހެދުން ހަޑިވުމާއި މިފަދަ ނޭދެވޭ އަސަރުތަކެއް ފޯރުމަކީ ދުރު ކަމަކަށް ނުވާނެއެވެ. 

11- ހުކުރު ޚުތުބާ: މިއީ ވަރަށް މުހިއްމު ފިޔަވަޅެކެވެ. އެއީ މިކަމަކީ އަޅުކަމެއްގެ ގޮތުން ކުރާ ކަމެއްގެ އިތުރުން ވަރަށް ފައިދާ ދޭނެ ކަމެކެވެ. ޚުޠުބާގައި ޢާއްމުކޮށް އޮންނާނީ އެހަފްތާއެއްގައި މުސްލިމުންނަށް ދޭން އޮންނަ ނަޞީޙަތަކާއި ވަޞިއްޔަތެކެވެ. ނަމަވެސް މީގައި ޝަރުޠުވެގެން ވަނީ ޚަޠީބުންނަކީ ދީނީ ޢިލްމުވެރިން ކަމުގައި ވުމެވެ. އެނޫން މީހުނަށް އެފަދަ މަސްއޫލިއްޔަތެއް އުފުލުމަށް ކުޅަދާނަ ވެގެނެއް ނުވާނެއެވެ. ރާއްޖޭގައި މިހާރު މިދެވޭ ޚުޠުބާގެ އުޞޫލު ބަދަލު ކުރެވިއްޖެ ނަމަ ރަނގަޅުވާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިފަދަ ޚުޠުބާތަކަކީ ޤައުމުގެ އެންމެހާ އަފްރާދުންނަށް ޝާމިލުވެ ޢާއްމުވާ ނަޞީޙަތަކަށް ވާތީ އެންމެ މޮޅު ގޮތަކީ ހުރިހާ ޚަޠީބުން ވެސް އެއް ޕޮލިސީއެއްގެ ދަށުން އެކަންތައް ގެންދިއުމެވެ.

އަންހެން ވެރިން ގޭގައި ހުކުރު ޚުޠުބާ އަޑުއަހަން ތިބުން ވަރަށް މުހިއްމުވާނެއެވެ. ބޭނުމަކީ އަޑު އިވުމެއް ނޫނެވެ. ކަނުލައި އަޑުއެހުމެވެ. ކައިރި މިސްކިތްތަކުން ނަމަ ސީދާ ސީދަލަށެވެ. ނޫންނަމަ ރޭޑިޔޯއިންނާއި ޓީވީންނެވެ. މިކަމަށްޓަކައި ރާއްޖޭގައި މިއޮންނަ ޚުޠުބާގެ އުޞޫލު ބަދަލުވާން އެބަޖެހެއެވެ. ދީނީ ޢިލްމުވެރިންނަށް ވަޢުޡު ނަޞީޙަތުގެ ހުއްދަ ދެވިފައިވާ ފަދައިން ޚުޠުބާ ކިއުމުގެ ބަދަލުގައި އެބޭފުޅުންނަށް ޚުޠުބާ ދިނުމުގެ ހުއްދަ ދެވިގެން ނޫނީ އިސްލާމް ދީނުގައި އޮންނަ ޚުޠުބާގެ ރޫޙު އާލާ ނުކުރެވޭނެއެވެ. އަދި ޢިލްމުވެރިން ވެސް ހަނދުމަ ބަހައްޓަން ޖެހޭ މުހިއްމު ނުގުތާއެއް އެބަ އޮވެއެވެ. އެއީ ޚުޠުބާއަކީ ބޭކާރު ވާހަކައިން ސަލާމަތް ވެފައިވާ ފާޑުކިއުމުގެ އުޞޫލުން ދުރު، ކުރުކުރު ނަޞީޙަތްތަކެއް ދެވޭ އެންމެންގެ ސިކުނޑިއާ ގުޅޭ ކުރު ޚުޠުބާއަކަށް ހެދުމެވެ. ނޫން ނަމަ އެފަދަ ޚުޠުބާ އަޑުއަހާ މީހުން މަދުވާން ފަށާފާނެއެވެ. އޭގެ ބޭނުން ކެނޑިދާނެއެވެ. އަދި ޚުޠުބާދޭ މީހާގެ އަމިއްލަ ބޭނުން ފުއްދާ އެއްޗަކަށް އެޚުޠުބާތައް ވެދާނެއެވެ.

12- މިސްކިތް ކައިރިވުން: ތިމާ އުޅޭ ގެއަކީ ވީހާ ވެސް މިސްކިތާއި ކައިރި ގެއަކަށް ހެދުމަށް ސަމާލުކަން ދިނުން ވަރަށް ރަނގަޅުވާނެއެވެ. އެއިރުން މިސްކިތުގެ ޙަރަކާތް ތަކުގައި ފަސޭހައިން ގޭގެ އަފުރާދުންނަށް ބައިވެރިވާން ފަސޭހަވާނެއެވެ.

13- ޢިލްމުވެރިންނާ ގުޅުން ބެހެއްޓުން: ބޮޑެތި ޢިލްމުވެރިންނާއި ތިމާއާ ގުޅުން ބެހެއްޓިފައި ހުރުން ވަރަށް މުހިއްމު ވާނެއެވެ. ޝަރުޠަކީ އެފަދަ ޢިލްމުވެރިންނަކީ ދީންވެރި ތަޤުވާވެރި ބަޔަކަށް ވުމެވެ. ޢިލްމުވެރިންނަކީ ބޭސްވެރިން ފަދަ ބަޔެކެވެ. ޢާއްމުންގެ ތަފާތު ރޫޙާނީ ބަލިތައް ހުށަހެޅި އެބަލިތަކުގެ ހެއުފަރުވާ އެބޭފުޅުންގެ ފަރާތުން ޢާއްމުންނަށް ލިބެންޖެހޭނެއެވެ. ކަމުގައި އިޚްލާޞްތެރިވާންވާނެއެވެ. ﷲއަށް ބިރުވެތިވާ ބަޔަކަށް ވާންވާނެއެވެ. މިގޮތުން ރަށުގެ ޢިލްމުވެރިންނާއި ޤައުމުގެ ޢިލްމުވެރިންނާއި ބޭރުގެ ޢިލްމުވެރިންނާ ވެސް ގުޅުން ބެހެއްޓިދާނެއެވެ. އެބޭފުޅުންގެ ފޯން ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ހޯދައި މުހިއްމު ކަންކަމުގައި އެބޭފުޅުންނާއި ސުވާލުކޮށް ހެދުމުން ޢިލްމު އިތުރުވެގެން ދިއުމާއެކު ޙިލްމުވެރިކަން ވެސް އިތުރުވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ  (المجادلة: 11) މާނައީ: (ދީނުގެ ވާހަކަ އަޑުއަހައި އުޅޭ) މުއުމިނުންނަށާއި (ދީނުގެ ނަޞީޙަތްދީ އުޅޭ) ޢިލްމުވެރިންނަށް މާތް ﷲ ދަރަޖަތަކެއް އުފުއްލަވައި (އެބައިމީހުން) މަތިވެރި ކުރައްވަތެވެ.

ޢިލްމުވެރިންގެ ގާތުން ނަޞީޙަތް ޙާޞިލު ކުރުމުގައި ބަލަންޖެހޭ ވަރަށް މުހިއްމު ނުގުތާއެއް އެބަ އޮވެއެވެ. އެއީ ދީނަކީ ޝަރުޢުގެ ތަފާތު އެތަކެއް ބައިތަކެއް އޮންނަ އެއްޗަކަށް ވެފައި، ދީނުގެ ކޮންމެ ޢިލްމުވެރިއަކީ ވެސް ގިނަ ފަހަރާ ކޮންމެވެސް އެއްރޮނގަކަށް ބޮޑަށް ހުނަރުވެފައިވާ ބޭފުޅަކަށް ވާތީ އެކިބޭފުޅުންނާ އެކިކަހަލަ މައްސަލަ އައްސަވައި ހެއްދެވުމެވެ. ޚާއްޞަކޮށް ފިޤުހީ މައްސަލަތަކަށް ޓަކާ ތިމާގެ ހިތް އެންމެ ބުރަވާ އެއްބޭފުޅަކަށް ނުވަތަ ދެބޭފުޅަކަށް ޚާއްޞަކޮށް އެބޭފުޅެއްގެ ކައިރިން ނޫނީ އެފަދަ މައްސަލައެއް އައްސަވާ ނުހެއްދެވުމެވެ. އަދި ފިޤުހީ މައްސަލަތަކަކީ އުޞޫލުތަކެއް ކަނޑައެޅި އެއުޞޫލުތަކުގެ ދަށުން އިސްތިންބާޠު ކުރެވި ނެރެވިފައިވާ ކަންކަމަށްވާތީ އެކިބޭފުޅުން ވިދާޅުވާ ޖަވާބު ބައެއް ފަހަރާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އެއިރުން ސުވާލު ކުރާ ފަރާތްތަކަށް މިފަދަ ކަންތައްތައް ބުރަ މައްސަލައަކަށް ވުމަކީ ގާތް ކަމެކެވެ.

14- ކޮމްޕިއުޓަރުގެ އެހީ: މިހާރަކަށް އައިސް މުޅި ދުނިޔެ މިއޮތީ ކޮމްޕިއުޓަރުގެ ޒަރީޢާއިން ގުޅިފައެވެ. ކޮންމެ ކަމެއް ވެސް ފަސޭހަކަމާއެކު ކުރެވޭނެ ގޮތް ހަމަޖެހިފައެވެ. އެއަށް ބޭނުންވާ އާލަތަކީ ކޮމްޕިއުޓަރެކެވެ.

މިފަދަ އާލަތެއް ގޭގައި ބެހެއްޓުމުގައި ވިސްނަންޖެހޭ މުހިއްމު ކަމަކީ މިއާލާތް ބެހެއްޓުމެއް ނޫނެވެ. އެއާލާތް ރަނގަޅު ގޮތުގައި ބެލެހެއްޓުމެވެ. ގޭގައި ކުދިން ބޭނުންހާ ގޮތަކަށް ބޭނުންކުރަން ހުންނަ އެއްޗަކަށް ވިޔަ ނުދިނުމެވެ. އެއަށް ފާރަވެރިވެ ކުދިންގެ ޙަރަކާތްތަކަށް ސަމާލުކަން ދިނުމެވެ. ޚާއްޞަކޮށް ބޮޑެތިމީހުން ނެތް ވަގުތު ތަކުގައި އެކުދިންނަށް މިނިވަންކަމާއެކު ފުރުޞަތު ނުދިނުމެވެ. ނަމަވެސް އަބަދު ވެސް ކުދިންނަށް ތިމާމެންގެ ފަރާތުން އިތުބާރު ކުރަންޖެހޭނެއެވެ. އަދި އެކަން ކުދިންނަށް އިޙްސާސްވާން ވެސް ޖެހޭނެއެވެ.

އިންޓަރނެޓުން ކުރެވޭނެ ވަރަށް ގިނަ ފައިދާތައް އެބަހުއްޓެވެ. އެއީ ދީނީ ސައިޑުތަކަށް ވަދެ މަޢުލޫމާތު ހޯދުމާއި ކަންކަމުގައި ދީނީ ޢިލްމުވެރިންގެ މަޝްވަރާ ހޯދުމާއި ލައިބުރަރީތަކަށް ވަނުމާއި ޤުރުއާނާއި ޙަދީޘާއި ތަފްސީރާއި ފިޤުހު ލައިބުރަރީއާއި ސައިޓުތަކުން ތިމާމެންގެ ޢިލްމު މުއްސަނދި ކުރުމެވެ. ނަމަވެސް މީގައި ވިސްނާލަންޖެހޭ ވަރަށް މުހިއްމު ނުގުތާއެއް އެބައޮވެއެވެ. އެއީ މިކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ވަރަށް މިނިވަން ކަމާއެކު ކުރެވެމުންދާ ކަމަކަށް ވާތީ ދުނިޔޭގައި އިސްލާމް ދީނާ އިދިކޮޅަށް ކުރެވޭ ފިކުރީ ހަނގުރާމުގެ އެންމެ ބޮޑު ދައުރެއް މިހާރު ކުޅެނީ އިންޓެނެޓުން ކަމުގައި ވާތީ ތިމާމެން ވަދެ އުޅޭ ސައިޓުތަކަކީ ކޮންކަހަލަ އިތުބާރު ހުރި ސައިޓުތަކެއްތޯ ނުހޯދާ އެފަދަ އެއްވެސް ސައިޓަކަށް ވަދެ ނެހެދުމެވެ. އިސްލާމީ ސައިޓުތަކުގެ ނަމުގައި ޤާދިޔާނީންނާއި ޔަހޫދީންނާއި ނަޞާރާއިން ހިންގައިއުޅޭ ސައިޓުތައް ވަރަށް ވެސް ގިނައެވެ.

ކޮންމެއަކަސް މިބުނެވުނު ނުގުތާތަކަކީ އަންހެން ބޭފުޅުންނަށް ގޭގައި ތިއްބަވައިގެން ތިމާމެންގެ ޢާއިލާގެ ތެރޭގައި ދީނީ ދަޢުވަތުދީ ދީން ކުރިއެރުވިދާނެ ކަމަށް ލަފާކުރެވޭ ނުގުތާތަކެވެ. މިނޫން މިފަދަ ނުގުތާތައް ވަރަށް ވެސް ގިނައެވެ. އެފަދަ ފައިދާދެނިވި ނުގުތާތަކެއް އަމިއްލަ ތަޖުރިބާއިން ހޯދިދާނެއެވެ. ބޭނުންވަނީ އެކަމަށް ވިސްނައިގެން ތިމާމެން އަންހެން ބޭކަނބަލުންގެ ކޮނޑުގައި މާތްﷲ ވަރަށް ބޮޑު ޒިއްމާއެއް އަޅުއްވާފައި ވާކަން އިޙްސާސުކޮށް އެޒިއްމާ ފުރިހަމަ ގޮތުގައި އަދާކުރެވޭތޯ ބެލުމެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް  ގެ މިބަސްފުޅު އަބަދުވެސް ހަނދުމައިން ނައްތާނުލެއްވުމެވެ. އެކަލޭގެފާނުގެ ޙަދީޘުކުރައްވާފައި ވަނީ މިފަދައިންނެވެ. " ... والمَرْأََةُ رَاعِيَةٌ فِى بَيْتِ زَوْجِهَا وَمَسْؤُولَةٌ عَنْ رَعِيَّتِهَا..." (مسلم) މާނައީ: އަދި އަންހެނާއަކީ އެކަމަނާގެ ފިރިމީހާގެ ގޭގެ ވެރިޔާއެވެ. އޭނާގެ ރަޢިއްޔަތުންނާ މެދު އޭނާއާ ސުވާލު ކުރެވޭނެއެވެ.

 

 

(ނިމުނީ)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި