Noorul-islam.NET :: އަންހެން ބެއިފުޅުންނަށް ޚާއްޞަ - ޢާއިލާގެ ތެރޭގައި ދާޢިއާ އަކަށް ވާނީ ކިހިނެއް؟

އަންހެން ބެއިފުޅުންނަށް ޚާއްޞަ - ޢާއިލާގެ ތެރޭގައި ދާޢިއާ އަކަށް ވާނީ ކިހިނެއް؟
Category »  އުޚްތުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

މިއީ ލޮބުވެތި މުސްލިމް އުޚްތުންނަށް ޚާއްޞަ މަގެކެވެ. ތިޔައީ މުސްލިމް އަންހެނުންނެވެ. ދުނިޔޭގެ އެހެނިހެން އަންހެންތަކުން ފަދަ ބަޔަކު ނޫނީމުއެވެ. ތިޔަކަނބަލުންނީ ﷲއާއި އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް އީމާންވެގެން ތިއްބެވި ބޭކަނބަލުންނީމުއެވެ. މިއީމާނުގެ ސަބަބުން ތިޔަކަނބަލުންގެ ކިބައިން ރިވެތި ސުލޫކާއި އަޚްލާޤު ފާޅުވާނެއެވެ. ތިޔަކަނބަލުންގެ ދިރިއުޅުމުން ޙާޞިލުވެފައިވާ މަގަކުންނެވެ. އެކަންވާރަކުން އޭގައި ހުރި އެއްޗެއް ނޫނީ ނުފައިބާނެ ބީދައިންނެވެ. ނިކަން އަމިއްލަ ނަފްސާ ސުވާލުކޮށްލައްވަ ބައްލަވާށެވެ. ތިމަންނަ އުފެއްދެވީ ކޮން ފަރާތަކުންތޯއެވެ؟ އުފެއްދެވި ސަބަބަކީ ކޮބައިތޯއެވެ؟ ޖަވާބު ވަރަށް ފަސޭހަ އެވެ. އެއަށް ދެވޭނީ އެންމެ ޖަވާބެކެވެ. އެއީ ﷲއެވެ. އެއިލާހު އަޅުގަނޑުމެން އުފައްދަވާފައި ވަނީ އެއިލާހަށް އަޅުވެތިވެ އުޅުމަށެވެ. ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ  (الذاريات : 56) މާނައީ: އަހުރެން (އެބަހީ ﷲ) ޖިއްނީންނާއި އިންސީން، އަހުރެންނަށް އަޅުވެތިވެ އުޅުމަށް މެނުވީ ނުހައްދަވަމެވެ.

 

މިބުނެވުނު އަޅުވެތި ކަމުގެ މުރާދަކީ ފަހަރެއްގައި ވެސް ހަމައެކަނި ނަމާދާއި ރޯދަފަދަ ވަކި މިވެނި އަޅުކަމެއް ކުރުމެއް ނޫނެވެ. އެކަމުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ މައިދާނެއް ޝާމިލުވާން ޖެހެއެވެ. ޚާލިޤުވަންތަ މާތް ﷲ އެއިލާހުގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް  އަށް އެކަން ބަޔާން ކުރައްވައި އަމުރު ކުރައްވާފައިވަނީ މިފަދައިންނެވެ. قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ    *   لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَاْ أَوَّلُ الْمُسْلِمِينَ   (الأنعام: 162- 163) މާނައީ: "ބުނާށެވެ. ހަމަކަށަވަރުން ތިމަންގެ ނަމާދާއި ތިމަންގެ މުދަލުގެ އަޅުކަމާއި ތިމަންގެ ދިރިހުރުމާއި ތިމަންގެ މަރުވުން ވަނީ ޢާލަމްތަކުގެ ވެރި ﷲއަށެވެ. އެއިލާހަށް އެއްވެސް ޝަރީކަކު ނުވެއެވެ. މިގޮތުގެ މަތީ ދެމިހުރުމަށް ތިމަންއަށް ވަނީ އަމުރުކުރެވިގެންނެވެ. އަދި ތިމަންއަކީ އެންމެ ފުރަތަމަ މުސްލިމުންގެ ތެރެއިން މީހަކީމެވެ."  ކަންމިހެން އޮތުމާއެކު ތިޔަ ކަނބަލުން ދެނެލައްވަންޖެހޭ ވަރަށް މުހިއްމު ކަންތައް ތަކެއް އެބަވެއެވެ. ތިމަންމެނަކީ ދިރިއުޅުމުގެ ކޮންމެ މައިދާނެއްގައި ވެސް ﷲގެ އަޅުންކަން ދަންނަންޖެހެއެވެ. މަދުރަސާގައި ކަމުގައި ވިއަސް އެވެ. އޮފީހުގައި ކަމުގައި ވިއަސް އެވެ. މަގުމަތީގައި ކަމުގައި ވިއަސް އެވެ. ބާޒާރުގައި ކަމުގައި ވިއަސް އެވެ. ގޭގައި ކަމުގައި ވިއަސް އެވެ. ދަރިންގެ ކަންތައް ބެލެހެއްޓުން ކަމުގައި ވިއަސް އެވެ. ފިރިންނާ މުޢާމަލާ ކުރުން ކަމުގައި ވިއަސް އެވެ. މިއިން ކޮންމެ މައިދާނެއް ގައި ދުނިޔޭގައި ވާހައި އަންހެނުންނާއި ތަފާތު ބަޔަކަށް ތިޔަ ކަނބަލުން ވާންވާނެއެވެ.  އެއީ އަހަރެމެން މުސްލިމުން ކަމުގައި ވާތީއެވެ.

ދަޢުވަތް ދިނުމަށް ފަހި މަގުތަކެއް:

ތިރީގައި ބަޔާން މިކުރަނީ ޢާއިލާތެރޭގައި ދީނަށް ގޮވާލުމަށް ބޭނުން ކުރެވިދާނެ ބައެއް މަގުތަކެވެ. މީގެ ތެރެއިން ތިޔައިން ބޭކަނބަލަކަށް ފަސޭހަފުޅުވެއްޖެ މަގެއްގައި ހިއްޕެވިދާނެއެވެ. އެމަގެއް ތިޔަ ގޭގައި ބޭނުންކުރަން ފަސޭހަވާނަމައެވެ. ނުވަތަ ތިޔަ ގޭގެ އަހުލުވެރިންގެ ދިރިއުޅުމުގެ ޠަބީޢަތާ އެމަގެއް ގުޅޭނަމައެވެ. އެއީ:

1- ގޭތެރޭދަރުސު (ފިލާވަޅު) : މިއީ ގޭގެ އެންމެން ތިބެގެން ބޭއްވިދާނެ ފިލާވަޅެވެ. މިފިލާވަޅު ކޮންމެ ދުވަހަކު ބޭއްވުން ރަނގަޅު ވާނެއެވެ. ނޫންނަމަ މަދުވެގެން ހަފުތާއަކު އެއްދުވަހު ބޭއްވޭތޯ ބައްލަވާށެވެ. މިދަރުސުގައި ތަފާތު މާއްދާތައް އެކުލެވޭނން ވާނެއެވެ. އެއްދުވަހު ލޮބުވެތި ރަސޫލާގެ ސިޔަރަތުންނެވެ. އަނެއް ދުވަހު ފިޤުހު ފޮތަކުންނެވެ. އަނެއް ދުވަހު ޢަޤީދާގެ ފިލާވަޅެކެވެ. އަނެއް ދުވަހު އަޚްލާޤާއި އަދަބުގެ ފިލާވަޅެކެވެ. އަނެއް ދުވަހު އަޅުކަމުގެ މާތްކަމުގެ ވާހަކައިން މިގޮތަށެވެ.

މީގައި އެންމެ މުހިއްމުވާނެ ކަމަކީ ދަރުސު ބާއްވާ ތަނަކާއި ވަގުތެއް ކަނޑައަޅައި އެންމެން ވެސް ސަމާލުކަން ދީގެން މިކަން ކުރުމެވެ.

2- ކީރިތި ޤުރުއާން ހިތުދަސް ކުރުން: މި ޕްރޮގްރާމުގައި ވަކި އާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ޚާއްޞަ ކުރެވިދާނެއެވެ. އެއް ދުވަހު ފިލާވަޅު ނަގާދީފައި އަނެއް ދުވަހު ދަސްކިޔައި ދިނުން ވެސް ކުރިއަށް ގެންދެވިދާނެއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ވާޖިބަކަށް މިމަސައްކަތް ހަމަޖެއްސުމަކީ ވަރަށް މުހިއްމު ތަރުބަވީ ފިޔަވަޅެއް ކަމުގައި އަޅުގަނޑު ދެކެމެވެ. މިހެނީ ޤުރުއާން ދަސްކުރުމަކީ ވަރަށް ދަރުމަ ހުރި ކަމެކެވެ. އެދަރުމައިގެ ބޮޑުކަން ކުދިންނަށް ވިސްނައި ދިނުމުން ކުދިން އެކަމަށް ބޮޑަށް ޝައުޤުވެރި ވާނެއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘު ފުޅެއް އިމާމް އަޙްމަދާއި އަބޫދާއޫދު ރިވާކުރައްވާފައި ވެއެވެ. އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. "ޤުރުއާން ކިޔަވައި ހިތުދަސްކޮށް އެއަށް ޢަމަލުކޮށް އުޅޭ މީހާގެ މައިބަފައިންގެ ބޮލުގައި މާތް ﷲ ޤިޔާމަތް ދުވަހުން ނޫރުންވާ ތާޖެއް އަޅުއްވާ ހުއްޓެވެ. އޭގެ އަލިކަމާއި ރީތިކަން، އިރުގެ އަލިކަމަށް ވުރެން ރީތިވެފައި އަލި ގަދަވެގެން ވެއެވެ. ވުމާއެކު އެއިރު (އެބަހީ އެމީހާ) ހަމައެކަނި ކަލޭމެންގެ ތެރޭގައި އުޅޭތީވެ (އެއިން ކަލޭމެނަށް ލިބޭ ފައިދާ މިހާ ބޮޑުވެގެންވާއިރު، ޢަމަލީ މައިދާނުގައި އުޅެ) ޤުރުއާނަށް ޢަމަލުކުރާ މީހާއަށް ލިބޭނެ ދަރުމައާއި މަތިވެރިކަމުގެ ބޮޑުކަން ކަލޭމެން އިޙްސާސުކޮށްލަ ބަލާށެވެ. " އެހެން ރިވާޔަތެއް ގައި މިފަދައިން އައިސްފައި ވެއެވެ. "އަދި އޭނާގެ މައިބަފައިންގެ ގައިގައި ރަނުގެ ގަހަނާ އެޅެވޭ ހުއްޓެވެ. އެއީ ދުނިޔޭގައި އެމީހުންގެ ލޮލަށް ފެނިފައިވެސް ނުވާހާ ރީތި ގަހަނާ ތަކެކެވެ. އެހިނދު އެދެމީހުން ދަންނަވާނެތެވެ. އަޅަމެންނަށް މިގަހަނާ ދެއްވީ ކޮން ސަބަބަކާ ހުރެ ތޯއެވެ؟ އެމީހުނަށް ޖަވާބު ދެއްވެވޭނެއެވެ. ތިޔައީ ކަލޭމެންގެ ދަރިފުޅު ޤުރުއާން ދަސްކުރުމުގެ ސަބަބުން ކަލޭމެނަށް ދެއްވަވާ ނިޢުމަތެވެ."

3- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙަދީޘުތައް ދަސްކުރުން: މީގައި ރަނގަޅުވާނީ އެކަލޭގެފާނުންގެ ޙަދީޘުފުޅު ތަކުގެ ތެރެއިން އެކަލަކަށް މުހިއްމުވާ، ދިރިއުޅުމުގެ މައިދާންތަކަށް ބޭނުންޖެހެމުންދާ ހަދީޘުތަކަށް އިސްކަން ދީ އެފަދަ ޙަދީޘްތައް ދަސްކޮށް ހެދުމެވެ. މިކަންތައް ކުރިއަށް ގެންދިއުމަށް ރަނގަޅު ވާނެކަމަށް އަޅުގަނޑަށް ފެންނަ ހަރުފަތްތަކަކީ:

- ކަރުދާސް ކޮޅެއްގައި ރީއްޗަށް ޙަދީޘު ލިޔެފައި އެންމެނަށް ބަހާލުން.

- ކަނޑައެޅޭ ކޮންމެވެސް ވަގުތެއްގައި އެންމެން ޙާޟިރުކޮށް އެޙަދީޘު ކިޔާލުން.

- އެއަށްފަހު ކޮންމެ ފަރުދަކު ވެސް އެއްފަހަރު އަޑުއިއްވާލުމަށް ޓަކައި ކިޔައިލުން.

- ދެން ދަސްކުރުމަށް ޓަކާ ދުވަހެއް ކަނޑައެޅުން.

މިގޮތުން ޙަދީޘު އިޚްތިޔާރު ކުރުމުގައި ކޮންމެ ވެސް މަޝްހޫރު ކުޑަ ޙަދީޘު ފޮތެއް ގެންގުޅެވިދާނެއެވެ. އިމާމު ނަވަވީގެ ސާޅީސް ޙަދީޘު ފޮތް ފަދަ ނުވަތަ އެކަލޭގެފާނުންގެ ރިޔާޟުއްޞާލިޙީން ފަދަ ފޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެއެވެ. މިފޮތް ފޮތް ވަނީ މިޒަމާނުގައި ތަފާތު ބަސްބަހަށް ތަރުޖަމާ ކުރެވިފައެވެ. ނަވަވީގެ ސާޅީސް އަކީ ދިވެހި ބަހަށް ވެސް ތަރުޖަމާ ކުރެވިފައިވާ ފޮތެކެވެ.

4- ގޭގެ ލައިބުރަރީ : މިކަމަށްޓަކައި ގޭގައި ކުޑަކުޑަ ލައިބުރަރީ އެއް ހެދިދާނެއެވެ. އެއީ ހަރުގަނޑެއްގައި ތަފާތު ބަސްބަހުން ތަފާތު ޢުމުރުފުރާއާ ގުޅޭގޮތުން ތަފާތު މާއްދާތަކުގެ ފޮތްތައް ބެހެއްޓިދާނެއެވެ. ދެޖިންސަށް ބޭނުންވާ ކަހަލަ ފޮތްތަކެވެ. މިކަމުގައި ލައިބުރަރީގެ އުޞޫލު ދަސްކޮށް ދިނުން މޮޅުވާނެއެވެ. ކުއްޖަކު ހަރުގަނޑުން ފޮތެއް ނަގައިފިނަމަ ހަރުގަނޑަށް އެފޮތް ނުލައި މޭޒުމަތީގައި ބޭއްވުމަށް އެންގިދާނެއެވެ. އަދި ޤަވާޢިދާ އެއްގޮތަށް ފޮތް ހަރުގަނޑުގައި ޖެހުމަށް ކޮންމެ ދުވަހަކު ކަނޑައެޅޭ އެއްކުއްޖަކު ހަމަޖެއްސިދާނެއެވެ. ފޮތް ކިއުމަށް ވެސް ކަނޑައެޅޭ ވަގުތެއް ހަމަޖައްސައިގެން ގޭގެ ހުރިހާ އެންމެން އެކަމުގައި ޝާމިލުވެގެން ކަނޑައެޅޭ ވަގުތަކަށް ކިޔަމުންދާނީއެވެ. ކުދިންނަށް އަންގަންވާނީ ފޮތް ކިޔަމުންދާއިރު ދިމާވާ ކޮންމެ އުނދަގޫ ބަހެއް ނޯޓުކުރަމުން ދިއުމަށެވެ. އަދި ގަނޑި ނިމިމުން ކުޑަ ވަގުތު ކޮޅަކަށް އެކުދިންނާ ސުވާލުކޮށް އެބަސްތައް ބުނެދީ ހަދާނީއެވެ. ބަހެއްގެ މާނަ ބުނެދިނުމުގައި ބަލަންޖެހޭނީ އެބަހެއް ތިންފަހަރަށް ވުރެން ގިނައިން ތަކްރާރު ވެފައި ވާކަމުގައި ވާނަމަ އެވެ. ނޫންނަމަ އެބަހެއް ފަހަށް ދޫކޮށްލާނީއެވެ. އަދި މިގޮތުން މާނަ ބުނެ ދިނުމުގައި މޮޅުގޮތަކީ އެހެން ކުއްޖަކާ ސުވާލު ކުރުމަށް ފަހު އެކުއްޖަކަށް އެނގޭނަމަ އެކުއްޖަކު ލައްވާ އެބަހުގެ މާނަ ބަޔާންކުރުމެވެ. އެއިރުން ގްރޫޕް ސްޓަޑީއެއްގެ އުޞޫލުން ތަޢުލީމީ މާޙައުލެއްގައި މަޖަލާއެކު މަސައްކަތް ކުރިއަށް ދާނެއެވެ.

5- އޯޑިއޯ-ވީޑިއޯ ލައިބްރަރީ: ހަމަ އެއާއެކު ގޭގައި އޯޑިއޯ ރޯލްތަކާއި ވީޑިއޯ ކެސެޓްތަކާއި ސީޑީތައް އެކުލެވޭ ލައިބްރަރީއެއް ތައްޔާރުކޮށްފައި ބެހެއްޓުމަކީ މުހިއްމު ކަމެކެވެ. މީގައި ތަފާތު ޢުމުރުގެ ކެސެޓްތައް ހުރުން ބޭނުމެވެ. އަދި ތަފާތު މައުޟޫޢު ތަކަށް ދީނީ ޢިލްމުވެރިން ދެއްވާފައިވާ ތަޤްރީރުތަކާއި ނަޞީޙަތްތައް ބެހެއްޓިފައި ހުންނަން ވާނެއެވެ. އަދި އެނޫންވެސް ޢާއްމު މަޢުލޫމާތަށް ބޭނުންވާ ކަހަލަ ސީޑީތައް ވެސް އެކުލެވިފައި ވާންވާނެއެވެ. ހަމައެއާއެކު ބުއްދިވެރި ކުޑަކުދިންގެ ވާހަކަ ތަކާއި ކާޓޫނުތައް ވެސް މިލައިބްރަރީގައި ބެހެއްޓިދާނެއެވެ. އަދި މަގުމަތީގެ ޙައްޤުތަކާއި ޤަވާޢިދުތަކާއި އެނޫންވެސް ބޭނުންތެރި އިޖްތިމާޢީ ކަންތައްތަކާ ބެހޭގޮތުން އެކުލަވާލެވިފައިވާ ވާހަކަތަކާއި ސިލްސިލާތައް ވެސް އިޚްތިޔާރު ކުރެވިދާނެއެވެ. ނަމަވެސް މީގައި ވިސްނަންޖެހޭނެ ކަމަކީ އިޖްތިމާޢީ ގޮތުންނާއި ޢަޤީދާގެ ގޮތުން ގޯސް މަޢުލޫމާތު ލިބިދާފަދަ އެއްޗެހި ބެހެއްޓިގެން ނުވާނެއެވެ.

6- ވާހަކަ: މިއީ ކުޑަ ކުދިންނަށްޓަކައި ބޭނުން ކުރެވިދާނެ ވަރަށް މުހިއްމު ވަސީލަތެކެވެ. އެކުދީންގެ އީމާންތެރިކަން ވަރުގަދަކޮށް ﷲއަށް ލޯބިޖެއްސިދާނެ ގަދަފަދަ ލަޝްކަރެކެވެ. އަދި މީއީ އެކުދިންގެ ބުއްދި ހެލިފެލި ކޮށް، މުރާލި ކޮށްލަދޭ އެއްޗެކެވެ. ހިތްތައް މައިތިރިކޮށް ޤަރާރުކޮށްލަ ދޭނެއެވެ. ޢިބްރަތްތަކާއި ފިލާވަޅުތައް ލިއްބައިދޭނެއެވެ. މިކަމަށްޓަކައި ނަބީބޭކަލުންގެ ބައެއް ވާހަކަތައް ވެސް ކޮންމެހެން މުހިއްމުވާނެއެވެ. މިވަސީލަތް ބޭނުން ކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޙަޤީޤީ ވާހަކަތައް ހުށަހެޅޭތޯއެވެ. އެނޫން ވާހަކަތައް ކޮންމެ ވެސް ވަރަކަށް ބޭނުންކުރި ކަމުގައި ވިއަސް އެއިން ރިވެތި ސުލޫކެއް ބަދަލުވެ، ހެއު ޢިބްރަތެއް ލިބޭކަހަލަ ވާހަކަތަކަށް ވާންވާނެއެވެ.

ކީރިތި ޤުރުއާނުގެ ވާހަކައިގެ ތެރެއިން އަޞްޙާބުލް އުޚްދޫދަކީ ކުޑަ ކުދިންނަށް ކިހާ ފައިދާދޭނެ ވާހަކަ އަކަށް ވާނެހެއްޔެވެ؟ އަދި ކަހުފު ބާގައިގެ ވާހަކައަކީ ބޮޑެތި މީހުނަށްޓަކާ ކިހާ ރަގަނޅު ވާހަކައެއް ހެއްޔެވެ؟ މަރިޔަމުގެފާނުންގެ ވާހަކައާއި ޖަދަލުކުރި އަންހެންމީހާގެ ވާހަކައަކީ ކިހާ ރީތި އަންހެނުންގެ ވާހަކަ ހެއްޔެވެ؟ ޔޫސުފުގެފާނުގެ ވާހަކައިން ޢިބްރަތް ލިބި ނުގަނެވޭނީ ކޮންމެ ޢުމުރެއްގެ މީހަކަށް ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ.

7- ނޫސް މަޖައްލާ ކިއުން: މިތާނގައި ބަލަންޖެހޭނީ އިސްލާމީ ރިވެތި އުޞޫލަށް ތަބާވެފައިވާ މަޖައްލާތަކެވެ. އެއިން ކުދިންނަށް އެކަށީގެން ނުވާ ނުރަނގަޅު ތަރުބިއްޔަތު ލިއްބައިދޭ ނޫސްމަޖައްލާތަކާއި ލާދީނީ ޙަރަކާތްތަކާއި ފާޙިޝު މަންޒަރުތަކާއި ގޮތްކުޑަ ޢަމަލުތައް އަންގައިދޭ މަޖައްލާތައް ގޭގައި ގެންގުޅެވިގެން ނުވާނެއެވެ. އަދި އެތަކެތި ކުދިންގެ އަތްމައްޗަށް އަރާގޮތް ވެގެންނުވާނެއެވެ. މިހާރަކަށް އައިސް އަޚްލާޤީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިލްމީ ތަރިންގެ ވާހަކައާއި މިއަދު ދުނިޔޭގައި އޮންނަ ލާއިންސާނީ ލާއަޚްލާޤީ ސިޔާސީ ފަލްސަފީ އޮއިވަރާއި ލޯބީގެ އަނދިރި ދުނިޔެއަށް ކުޑަކުދިން ވައްދައިފިނަމަ އެފަދަ ކުދިބައެއްގެ ކިބައިން ފައިދާގެ ބަދަލުގައި ގެއްލުން ލިބިގެން ދިއުން ބޮޑަށް ގާތްވާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.

8- މިސްކިތްތަކުގެ ދަރުސު: މިސްކިތްތަކުގައި ދެވޭ ދީނީ ދަރުސުތަކަށް ހަފުތާއަކު އެއްދުވަހު ނަމަވެސް ޙާޟިރުވުމަކީ ރަނގަޅު ކަމެކެވެ. އީމާންކަން އިތުރުވާނެ ކަމެކެވެ. ވަޢުދާއި ވަޢީދުގެ ބަސްތަކުން މުއުމިނުންނަށް ނަފާކުރާނެއެވެ. އެހެންކަމުން އެވާހަކަތައް އަޑުއަހައި އެފަދަ ތަކެތި ރެކޯޑްކޮށް ގޭގައި ގެންގުޅުން މުހިއްމުކަން ބޮޑެވެ. މީގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ނުވާކަހަލަ މަޖްލިހެއް ކަމުގައި ވާނަމަ އެކަމުގައި ބައިވެރި ވެގެނެއް ނުވާނެއެވެ. އެއީ އެއިންލިބޭނެ ފައިދާއަށް ވުރެން ބޮޑުވާނީ ގެއްލުންކަމަށް ވާތީއެވެ. އެފަދަ މަޖްލިހަކުން ލިބޭނެ ބަރަކާތެއް ވެސް ނޯންނާނެކަން ކަށަވަރެވެ. އެއީ އުރެދުމެއްގައި ބަރަކާތް ނުލައްވާނެތީއެވެ.

(ނުނިމޭ) 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި