Noorul-islam.NET :: އެމެރިކާގެ ސަފީރު ދިވެހީންނަށް ޑިމޮކްރަސީގެ ފިލާވަޅުތައް ނަންގަވައިދެއްވަން ލަދުވެތިވެވަޑައި ނުގަންނަވަނީބާވައެވެ؟




އެމެރިކާގެ ސަފީރު ދިވެހީންނަށް ޑިމޮކްރަސީގެ ފިލާވަޅުތައް ނަންގަވައިދެއްވަން ލަދުވެތިވެވަޑައި ނުގަންނަވަނީބާވައެވެ؟
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 19 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމު ޢަލީ ސަޢީދު



 

ފަހުގެ އަހަރުތަކުގައި އަދި ވަކީން ޚާއްޞަކޮށް ރައީސް ޖޯޖު ޑަބްލިޔު ބުޝްގެ އިދާރާއިން މުސްލިމުންނަށް ޑިމޮކްރަސީ ދަސްކޮށްދިނުމަށް ވަރަށް ގިނަގުނަ ފިލާވަޅުތައް ނަގައި ވަރަށް މަސައްކަތްކުރަމުން އެބަދެއެވެ. މި ޑިމޮކްރަސީ އަކީ ޞަލީބީ ހަނގުރާމައެއްކަމުގައި ހުދުގޭގެ ދޮރާށި ބުޑުން ރައީސް ބުޝް ވަނީ އިޢުލާން ކުރައްވާފައެވެ.

ޒަޔަނިސްޓުންގެ ދިފާޢުގައި ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮންޖަހައި، މުސްލިމުންގެ ބިންތަކަށް އަރައި އަންހެނުންނާއި ކުޑަކުދީން މަރައި، މާތް ﷲގެ ކަލާމްފުޅު އަމާޒަކަށް ހަދައި ބަޑިޖަހައި، މުސްލިމުން ޖަލުތަކަށް އަޅައި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަށް ހިންގައި އެތަށް ޖަރީމާއެއް ބުޝްގެ ސަރުކާރު އިސްވެ އޮވެ އެދަނީ ކުރަމުންނެވެ. މުސްލިމު އެތަށް އަންހެން ދަރީންގެ ޢިއްފަތްތެރިކަންފޭރި އިންސާނުންގެ ތާރީޚުގައި ހިނގާފައިނުވާ ފަދަ އެތަށް ޖަރީމާއެއް އެމީހުން އިސްވެތިބެ އެދަނީ ކުރަމުންނެވެ. ކޮންބައެއްގެ މަޞްލަޙަތައްޓައިތޯއެވެ؟ ޢިރާޤުގެ ތެލާހުރެ އެމެރިކާ ސަރުކާރާއި ވިޔަފާރިވެރީންގެ ދަހިވެތިކަމުގެ ނަތީޖާއެއްގެ ގޮޮތުންނެވެ. އަދި ބިންމަތީގައި އޮތް ޒަޔަނިސްޓުންގެ "ވަގުތީ " ދައުލަތުގެ ޙިމާޔަތުގައެވެ. ޢިރާޤު ހަނގުރާމައިގެ ތެރޭގައި އެމެރިކާގައި ތިބި ޔަހޫދީ ޕޯޕުން ފަތުވާ ދެމުންދިޔައީ ރައީސް ޞައްދާމު ޙުސައިން ވައްޓާލެވިއްޖެނަމަ އިސްރާއީލާ ހަނގުރާމަކުރުމަށް ދުވަހަކުވެސް ބަޣްދާދުން ލަޝްކަރެއް ނުނިކުންނާނެކަމުގައެވެ. މިއަދު އެތަށް ހާސް ޞައްދާމު ވަނީ އުފެދިފައެވެ. ރައީސް ޞައްދާމުގެ ވަޢުދު ފުރިހަމަ ވެއްޖެއެވެ. އެމަނިކުފާނުގެ ހިއްވަރުގަދަ ރައްޔިތުން އެދަނީ ޢިރާޤު މިނިވަންކުރުމަށްޓަކައި ފިދާވަމުންނެވެ. ޢިރާޤަށް ވާރުތަވި ނަސްލީ ހަނގުރާމައަކީ އެމެރިކާއިން ގެނައި ކަންކަމެވެ.  ރައީސް ޞައްދާމްގެ ދުވަސްވަރު އެތަން އޮތީ ޢިލްމީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކުރިއަރާފައި ކަމަށް ޔޫ.އެންގެ ރިޕޯޓުތަށް އެބަ ބުނެއެވެ. އިންސާނީ ޙައްޤާއި ނުރައްކާތެރި ހަތިޔާރުގެ ނަމުގައި ޢިރާޤު ސުންނާފަތިކޮށް، ފުރާތު ކޯރު ލެއަށް ހަދައި މުސްލިމުންގެ ޚަޒާނާތަށް ލޫޓުވާލީ ހަމަ އެމެރިކާއިންނެވެ.

އަފްޣާނިސްތާނުގެ އަންހެނުންނާއި ކުޑަކުދީންނާއި، މުސްކުޅިންގެ ބޮލަށް މަތީން ބޮމުގެ ޑިމޮކްރަސީގެ ފިލާވަޅުތަށް އޮއްސަމުންދެއެވެ. ފަލަޞްޠީނުގެ ބާރަހާސް އަސީރުން އިސްރާއީލްގެ ޖަލުތަކުގައު އެބަވެއެވެ. އެއް އަހަރުގެ ކުޑަކުދީން ފެށިގެން އެންމެ މުސްކުޅިންނާ ހަމައަށެވެ. ފަލަޞްޠީނުގެ ޤާނޫނޫ ހަދާ މަޖިލީހުގެ ރައީސް އާއި އެމަޖިލީހުގެ ތިރީހަކަށް މެންބަރުން ވަނީ ޖަލަށް ލާފައެވެ. އެއީ ޓެރަރިސްޓުންކަމުގައި ބުނެއެވެ. އިންސާނީ ޙައްޤުތަކާއި އިންސާނިއްޔަތާ ޚިލާފަށް ފަލަޞްޠީނުގެ އެތަށް ރައްޔިތުން ބަނޑަށް ޖައްސައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި މީހުންތަށް އެދަނީ މަރަމުންނެވެ. އެބައިމީހުންގެ އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ނިކުންނަ ކޮންމެ މީހަކީ ޓެރަރިސްޓެވެ.

އެމެރިކާ ސަރުކާރުގެ އަނިޔާވެރި ބޭ އިންޞާފު ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ އިދާރާގެ އިތުބާރު މިއަދު ވަނީ ގެއްލިފައެވެ. ވަކި ފަރާތަކަށް ޖެހުމާއި ޑިމޮކްރަސީގެ ނަމުގައި ވަރުގަދަ ފިކުރީ، އަދި ޞަލީބީ ހަނގުރާމައެއް މުސްލިމުންނާ ދެކޮޅަށް އެމެރިކާއިން ދަނީ ކުރަމުންނެވެ. މިކަމުގައި ނަތީޖާއަކީ އެމެރިކާގެ ލޮބުވެތި ރައްޔިތުން ޝިކާރައަކަށް ވުމެވެ. އެމީހުނާމެދު ދުނިޔޭގެ މީހުން ކުރަމުން ދިޔަ އިތުބާރާއި، ވަމުން ދިޔަ ލޯބި ގެއްލުމެވެ. އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރަމުން ދިޔަ ރައްޔިތެއްގެ އަގުވެއްޓުމެވެ. ނަމަވެސް ޙަޤީޤަތަކީ އެމެރިކާ ސަރުކާރުން ކުރިއަށް ނެރެގެން އުޅޭ ޒަޔަނިސްޓް ސިޔާސަތަކީ އެމެރިކާގެ ރައްޔިތުން އެއިން ބަރީއަވެގެންވާ ސިޔާސަތެކެވެ. ބަޑިންނާއި މަކަރާއި ޙީލަތުން ދުނިޔެއަށް ޑިމޮކްރަސީ ގެނައުމުގެ ދުވަސް ވަނީ ފާއިތުވެފައެވެ.

މުސްލިމުގެ ހިތް ބަޣުދާދަށް އަރައި، އެތަނުގެ ޢިއްޒަތްތެރި ރައީސް ޢަރަބީންގެ ފަޚުރެއްކަމުގައިވާ ޢިރާޤުގެ ރައީސުލްޖުމުހޫރިއްޔާ އަދި ސަލާމަތީ ބާރުތަކުގެ އެންމެ މަތީ ކޮމާންޑަރ ސުންނީ މުސްލިމެއް ކަމުގައިވާ ރައީސް ޞައްދާމް ޙުސައިން މުސްލިމުންގެ ޢީދު ދުވަހު ޝަހީދުކޮށްލީ ކޮންބައެއްތޯއެވެ؟ މިއީ ޑިމޮކްރަސީގެ ނަމުގައި އެމެރިކާ އަޑީގައި އޮވެ ކުޅެމުންދާ ފިލްމެކެވެ. ރައީސް ޞައްދާމްގެ ބަދަލުގައި އެމެރިކާއިން ޢިރާޤު ތަނބަކަށް ލައިގެން އިރާނަށް ހަދިޔާކުރިއެވެ. މިއަދު ޢިރާޤުގައި ވެރިކަންކުރަނީ ޝިޔައީންނެވެ. އެމެރިކާއިން ގެނައި ޑިމޮކްރަސީގެ އަލީގައި އެއްމިލިޔަން މުސްލިމުން ވަނީ ހަނގުރާމައިގެ ސަބަބުން މަރުވެފައެވެ. އިންސާނިއްޔަތުކަމާއި މިނިވަންކަމަކީ ކޮބައިތޯއެވެ؟

އަޅުގަނޑުމެން އުންމީދުކުރަމުން ދިޔައީ އެމެރިކާ އަކީ އިންޞާފުވެރި ދައުލަތަށް ވާނެކަމަށެވެ. އިންސާނިއްޔަތާއިގެން ތަރައްޤީއާއި ތަހުޒީބުގެ އުސްމިންތަކަށް ދަތުރުކުރާނޭ ކަމަށެވެ. ނަމަވެސް އެމެރިކާފަދަ ނުފޫޒު ގަދަ ޤައުމަކުން ގެންގުޅެނީ މުސްލިމުންނާމެދު ޒާތީ ގޮތްތަކެކެވެ. ދީނީ މިނިވަންކަން  ގެނައުމުގެ ނަމުގައި މުސްލިމުންގެ ބިންތައް ފަސާދަކޮށް، އަދި ވަކި ބަޔަކު ސިޔާސީ މަސްރަޙުން އެއްކިބާކޮށް، މީހުން ބައިބަޔަށް އަޅައި ދުނިޔޭގެ ޢާއްމު މަޞްލަޙަތަށް ހުރަސް އަޅަމުންނެވެ. މިއީ އަދުގެ ތަހުޒީބު ދުނިޔޭގައި އުޅޭ އިންސާނުން ނުދަންނަ ކަމެއްނޫނެވެ. އެންމެ ނަށް ވެސް ޙަޤީޤަތް އެނގެއެވެ. ނަމަވެސް ގޮއަންޓަނާމޯ އަކީ އެމެރިކާގެ ސިޔާތަށް ގޮންޖަހައި އެމީހުންނަށް ނޫނެކޭ ބުނާ ކޮންމެ މީހެއްގެ މަންޒިލެވެ. އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކުގެ މައި މަރުކަޒެވެ.

ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކާއި ދީނީ މިނިވަންކަމުގެ ވާހަކަ ދެއްކުމުގެ ކުރީން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމުކުރުމަށް އެމެރިކާގެ ސަފީރު އެހީތެރިވާނެބާވައެވެ. އެހިނދު، ޣައިރު މުސްލިމުންނަށް ވެސް އެމީހުންގެ ޙައްޤުތަށް އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެއެވެ. ޣައިރު މުސްލިމުންގެ ޙައްޤުތައް އިސްލާމީ ދައުލަތެއްގެ ޤާނޫނުގެ ދަށުގައި މުސްލިމުންނާ ހަމަހަމަ ވެގެންވެއެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ދުނިޔެއަށް އެންމެ ވަރުގަދަ އިޞްލާޙީ އިންޤިލާބެއް ގެންނެވި މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ މުޖުތަމަޢުގައި ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންވަނީ އުޅެފައެވެ. ﷲގެ ޝަރުޢުގެ ޙުކުމްގެ ދަށުގައެވެ. އިންސާނުންނަށް އިންސާނީ ޙައްޤުތަށް ގެނައީ އިސްލާމެވެ. އިންސާނީ ޙައްޤަކީ ފަހަރެއްގައި އިންސާނުން ބޭނުންހާ ގޮތަކަށް އުޅުމުގެ ފުރްޞަތު ދީ ފިޠްރަތާ ހަނގުރާމަކުރުމެއްނޫނެވެ.  

އެމެރިކާގެ ސަފީރަށް އަޅުގަނޑުގެ ހިތުގެ އަޑީން އިޙުތިރާމްކުރާ ޙާލު އެމެރިކާއިން އިސްލާމުންނަށް އުނގަންނައިދޭ ޑިމޮކްރަސީގެ ފިލާވަޅުތަކަށް ބީރުކަންފަތެއް ދިނުމަށް ދިވެހީންނަށް ގޮވާލަމެވެ. އެއީ އަޅުގަނޑުމެން އަޑުއަހަން ޖެހޭ ފިލާވަޅުތަކެއްނޫނެވެ.

ސިޔާސީ ގޮތުން އެހެނިހެން ޤައުމުތަކާއި ދިވެހިދައުލަތުން ގުޅުން ބާއްވަންޖެހޭނެއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ދާޚިލީ ޤަރާރު ވާންޖެހޭނީ އަމިއްލަ ވަންތަ  ޤަރާރަކަށެވެ. ދިވެހިރާއްޖޭގެ ދީނާއި ޢަޤީދާއާއި ފުށުއަރާ ޒާތުގެ ކަންތައްތަކަށް ފުރްޞަތު ދެވިގެންނުވާނެއެވެ.

ޢަރަބި ޤައުމުތަކުގެވާ ހައްދުފަހައަޅާފައިވާ، ރައްޔިތުން އަޅުވެތިކަމުގަ އެތަށް އަހަރެއް ހޭދަކުރަމުންދާ ވެރިކަން ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް އެމެރިކާއިން ބާރު ނާޅަނީ ކީއްވެބާވައެވެ. އެއީ އެމެރިކާގެ ސިޔާސަތަށް އެބައިމީހުން ނަޞްރުދޭތީއެވެ. އެމެރީކާއަށް މުހިންމީ ޑިމޮކްރަސީއެއްނޫނެވެ. އެމީހުންގެ އަމިއްލަ މަޞްލަޙަތެވެ. ފަލަޞްޠީނުގެ ރައްޔިތުން ޑިމޮކްރަސީގެ ދަށުން ގެނައި ވެރިކަމަށް އެމެރިކާއިން ފުރަގަސް ދިނީ ކީއްވެބާވައެވެ. އެންމެ ކުޑަމިނުން ޙަމާސްގެ ސަރުކާރާ ވާހަކަ ދެއްކުމުގެ ދޮރުވެސް ބަންދުކުރީ ކީއްވެބާވައެވެ. ސިޔާސީ ހަމައަކީ ވެސް މީހުން ކިޔާ އެއްޗެހި އަޑު އަހާލުންތާއެވެ. ނަމަވެސް އެމެރިކާ ޚިޔާރުކުރީ ޢަދާވާތްތެރިކަމެވެ. ތުރުކީގައި އޮތް ޖަސްޓިސް ޕާޓީ އަކީ މިހާރު ވެރިކަންކުރާ ޕާޓީއެވެ. އެތަނުގެ ސެކިއުލަރ މިލިޓަރީ ޖެނަރަލުންނާ އެހެން ބައެއް ފަރާތްތަކުން ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ހޮވާފައިވާ ސަރުކާރު ވައްޓާލައި އެސަރުކާރުގެ ވެރީންނަށް ސިޔާސީ ކަންކަމުގައި ބައިވެރި ނުވެވޭ ގޮތް ހަދަން އުޅޭ އުޅުމާމެދު އެމެރިކާ ބަސްބުނުން ލަސްކުރަނީ ކީއްވެބާވައެވެ. މިހުރިހާ ކަމަކުން އެނގިފާޅުވެގެން ދަނީ އެމެރިކާގެ ސިޔާސަތަކީ މުނާފިޤު ސިޔާސަތެއްކަމެވެ.

މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ ހުޅަނގުގެ އެޖެންޑާތައް ސިކުނޑިއަށް ލައިގެން އުޅޭ ރަސްރަސްކަލުންނާއި ވެރީން މުސްލިމުންގެ މައްޗަށް ވެރިވެފައިވާ ކަމެވެ. އެމީހުންގެ ގާތު އެމީހުންގެ ރައްޔިތުންގެ ޙައްޤުތަކަށް ވުރެ، ކޮންޑެލިޒާ އެމީހުންގެ ކޯތާފަތްތަކަށް ދެއްވާ ބޮސް މާ ހެޔޮކަންބޮޑެވެ. މި ފަދަ ވެރީންނަށް މުސްތަޤުބަލްގައި އިސްލާމީ ޤައުމުތަކުގެ ވެރިކަމުން ޖާގައެއް ނެތެވެ. މިފަދަ އެޖެންޑާއެއް ގެންގުޅޭ ބަޔަކަށް ވެސް ޖާގައެއް ނެތެވެ. މިއީ އަޅުގަނޑުމެން ދިވެހި މުސްލިމު ރައްޔިތުން ދޭން ބޭނުންވާ މެސެޖެވެ. " އެމެރިކާއިން އަޅުގަނޑުމެންނަށް ޑިމޮކްރަސީ ދަސްކޮށް ދެއްވަން ނޫޅުއްވައި، އެމީހުންގެ އަބީންނަށް ކައްކަން ދަސްކޮށްދެއްވުން މާރަނގަޅުވާނެއެވެ". މިއީ ރަޝިޔާގެ ކުރީގެ ރައީސް ޕުޓިންގެ ޙިކުމަތްތެރި ބަސްފުޅެކެވެ.  

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި