Noorul-islam.NET :: މާރާމާރީ ހިންގައިގެން ދީނީ ޚިޔާލުތަފާތުވުންތައް ނައްތާލުން

މާރާމާރީ ހިންގައިގެން ދީނީ ޚިޔާލުތަފާތުވުންތައް ނައްތާލުން
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމު ޢަލީ ސަޢީދު


ދީނުގެ ކަންކަމުގައި އުފެދޭ ޚިޔާލުތަފާތުވުންތަށް ނައްތާލަން މަސައްކަތްކުރަންވާނީ ދީނުގެ ދަލީލުތަކާއި ޙުއްޖަތް ޤާއިމުކޮށްގެންނެވެ. މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި މަންހަޖަކީ މިއީއެވެ. ދީނީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުން ނައްތާލުމަށް އަތް އުފުލުމަކީ އެއްވެސް ޙާލެއްގައި އޮތްގޮތެއްނޫނެވެ. ލޭ އޮހޮރުވާލަން ދިމާކުރުމަކީ އެއްވެސް ޙާލެއްގައި ހުއްދަވާނޭ ކަމެއްނޫނެވެ. ވަކިން ޚާއްޞަކޮށް މުސްލިމުންގެ މެދުގައި މިކަން އޮވެގެންނުވާނެއެވެ. އިސްލާމްދީނުގައި އިންސާނެއްގެ ލޭ އޮހޮރުވާލުން ހުއްދަ ކުރައްވާފައިވަނީ އެންމެ ދެމަޤާމެއްގައެވެ. އެއީ އިސްލާމްދީނުގައި ކަނޑައެޅިފައިވާ ޙައްދެއް ޤާއިމުކުރުމުގެ  ގޮތުންނާއި، ހަނގުރާމައިގެ މައިދާނުގައެވެ. މި ދެކަމުގައި ވެސް އަސްލު ބާރުލިބިގެންވަނީ މުސްލިމުންގެ ޙާކިމަށެވެ. ޙައްދު ޤާއިމުކުރުންވަނީ ވެސް ޙާކިމުގެ އަމުރަށެވެ. އަދި ހަނގުރާމައިގައިވެސް ދުޝްމަނުންގެ ލަޝްކަރަށް ޙަމަލާދިނުމުގެ އަމުރުނެރެނީ ޚުދު ޙާކިމެވެ. ނުވަތަ އޭނާ ކަނޑައަޅާ ފަރާތެވެ.

ކީރިތި ޤުރްއާނާއި ނަބިއްޔާ  ޞައްލަﷲޢަލައިހި ވަސައްލަމަގެ ސުންނަތުގެ މަންހަޖަކީ، އަދި މި އުންމަތުގެ ދަންނަބޭކަލުންގެ މަންހަޖަކީ ޙުއްޖަތާއި ބުރްހާނުގެ އަލީގައި ބަޔާންކުރުމެވެ. ދީނީ ގޮތުން ޚިޔާލުތަފާތުވެގެން ދިޔަ، އިސްލާމްދީނަށް ނިސްބަތްވި  ޖަމާޢަތްތައް" ފިރުޤާ " ތަކުގެ މީހުންނާ ސުންނަތް ޖަމާޢަތުގެ އަހުލުވެރިން ވާހަކަ ދައްކައި ޙައްޤު ޤާއިމުކޮށްފައިވަނީ ދަލީލުތަކުގެ އަލީގައެވެ. ޝިޔަޢީންނާއި، މުޢްތަޒިލީންނާއި، މުރްޖިއާއިންނާއި، ޚަވާރިޖުން ފަދަ ޖަމާޢަތްތަކާ ސުންނަތުގެ އަހުލުވެރިން ދިމާކޮށްފައިވަނީ ޙައްޤުގެ ދަލީލުތަކުގެ އަލީގައެވެ. މިކަމުގައި އެތައް ބަޙުޘްތަކެއް، އެތައް ފޮތެއް ދަންނަބޭކަލުންވަނީ ލިޔުއްވާފައެވެ. އަޞްޙާބު ބޭކަލުންގެ ޒަމާނަށް ބަލާލަމާ ހިނގަވާށެވެ. ޚަވާރިޖުންނާ ކުރިމަތިވި މައްސަލަތަކުގައި މާތް ﷲ ރުއްސުން ލެއްވި ޢަބްދުﷲ ބިން ޢައްބާސް ސަފީރެއްގެ ގޮތުގައި އެބައިމީހުންގެ ގާތަށް ފޮނުވުނެވެ. އެކަލޭގެފާނު ކީރިތި ޤުރްއާނުގެ ދަލީލުތަކުގެ އަލީގައި ރިވެތި ގޮތުގައި އެބައިމީހުންނާ ޖަދަލުކުރެއްވިއެވެ. ނަތީޖާއަކީ ވަރަށް ގިނަ ބަޔަކު ރަނގަޅު ވެގެން އައުމެވެ. އެއަށް ފަހު ވަޑައިގެންނެވި ދަންނަބޭކަލުންގެ ވެސް މަންހަޖަކީ މިއީއެވެ. އިމާމު އަޙްމަދު، އިމާމު ޣަޒާލީ، އިމާމު އިބުނު ތައިމިއްޔާ، އިމާމު އިބުނު ޤައްޔިމް މެން ފަދަ ބޮޑެތި ޢިލްމުވެރިން، ބިދުޢަވެރި ފިރްޤާތަކާއި އިސްލާމީ ޢަޤީދާ ހަލާކުކޮށްލަން މަސައްކަތްކުރި ފަލްސަފާވެރިންނަށް ރައްދު ދެއްވުމުގައި އެގެންގުޅުއްވި މަންހަޖަކީ ކޮންފަދަ ރިވެތި މަންހަޖެއްތޯއެވެ؟

" ތިޔަބައިމީހުންނަކީ ތެދުވެރިންކަމުގައި ވަނީ ނަމަ، ޙުއްޖަތް ( ދަލީލު ) ގެންނާށެވެ!  " މިހެންވަނީ ކިތައް ކިތައް އާޔަތެއްގައި ތޯއެވެ؟ ކިތައް ޙަދީޘްފުޅުގައިތޯއެވެ؟ ވީމާ މިކަންކަމާމެދު ފިކުރު ހިންގަވައި، އަޅުގަނޑުމެންގެ ޢަމަލުތައް އެއާ އެއްގޮތައް ބެހެއްޓުމަކީ މުހިންމުކަމެކެވެ.

ތިމާއާއި ދީނީ ގޮތުންވެސް އަދި އިޖުތިމާޢީ ކަމެއްގައި ވެސް ޚިޔާލުތަފާތުވާ މީހާގެ ލޭ އޮހޮރުވާލާއި، އޭނާގެ ގައިގައި ތަޅައިގެން ތިމާ ދެކޭ ގޮތް އެމީހާއަށް ވިސްނުވާ ނުދެވޭނެއެވެ. އަދި އެގޮތައް ވިސްނުވާ ދޭން ޢަމަލުކުރުމަކީ ވަރަށް ފިނޑިކަމެކެވެ. ތިމާ ދެކޭ ގޮތް އަނެކުންނަށް ވިސްނުވާދޭންވާނީ ކުރިން ދެންނެވިހެން، ޙިކުމަތާއި ރިވެތިވަޢުޡާއި، ހުއްޖަތާއި ދަލީލުތަކުގެ އަލީގައި އެންމެ ރިވެތިގޮތުގައި ޖަދަލު ކޮށްގެންނެވެ. އެގޮތުން އެމީހަކަށް ޙައްޤު ޤަބޫލު ނުކުރެވިއްޖެ ނަމަ ޖެހޭނީ ﷲ އަށް ވަކީލު ކުރާށެވެ.

މާރީ މާރީ ހިންގައިގެން ދީނުގެ ކަންތައްތައް ޙައްލުކުރަން ދިމާކޮށްފި ނަމަ، ހަމަޖެހުން ގެއްލި، މުޖުތަމަޢު ފަނާވެދާނެއެވެ. މުޖުތަމަޢުގެ ސަފުތައް ބައިބައިވެ އެކުވެރިކަން ގެއްލި ހިނގައިދާނެއެވެ. އިސްލާމްދީން ބަދުނާމުވެގެން ހިނގައިދާނެއެވެ. މިއިން އެއްވެސް ކަމަކަށް މަގު ފަހިވިޔަދީގެންނުވާނެއެވެ. މާތް ﷲ މުސްލިމު އެންމެނަށް ހިދާޔަތުގެ މަގު ދައްކަވައި އެމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވާށި. އާމީން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި