Noorul-islam.NET :: މަސްތުވާތަކެތި އެތެރެކޮށް އޭގެވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުންކީއްތޯ؟

މަސްތުވާތަކެތި އެތެރެކޮށް އޭގެވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުންކީއްތޯ؟
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 18 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު ޝަހީމު ޢަލީ ސަޢީދު


 

މަސްތުވާތަކެތީގެ ވަބާއިން މުޅި ޤައުމު މިވަނީ ހަލާކުވެ ނެތިވެ ގޮސްފައެވެ. މިކަމުގެ އަސަރު ނުފޯރާ ޢާއިލާއެއް މަދުވާނެއެވެ. ދެ ޖިންސުގެ ޒުވާން ޖީލުގެ މުސްތަޤުބަލު މިވަނީ ބަނަވެފައެވެ. ހިތްމަތެއް، މިންނަތެއް ހިއްވަރެއް ނެތް ނިކަމެތި ޖީލެއް މިވަނީ މިޤައުމަށް ވާރުތަކޮށްފައެވެ. ކުށްވެރިވަނީ ކޮންބައެއް ހެއްޔެވެ؟ އެޒުވާނުން ހެއްޔެވެ؟ ނުވަތަ ކޮންބައެއް ހެއްޔެވެ؟ ޒިންމާނަގާނީ ކޮންބައެއް ހެއްޔެވެ؟ މިއީ ކޮންފަރާތްތަކެއްގެ އިހުމާލުންވީ ކަމެއްބާވައެވެ؟ ވެރިކަމުގެ އިހުމާލު ނުވޭހެއްޔެވެ؟ މައިންބަފައިންނާ ބެލެނިވެރިންގެ އިހުމާލު ނުވޭހެއްޔެވެ؟ ކަމާބެހޭ މުއައްސަސާތަކުގެ އިހުމާލު ނުވޭހެއްޔެވެ؟

އާދެ! ޤައުމުގެ ޙާކިމު އޭނާގެ ވާޖިބުތައް އިޚުލާޞްތެރިކަމާއެކު އަދާކުރިނަމަ، ނުވަތަ ފަސާދަކުރަނިވި ކަންކަމުން ޤައުމު ޙިމާޔަތްކުރުމަށްޓަކައި ހެދިފައިވާ އިދާރާތަކާއި، މުއައްސަސާތަކުގެ ޒިންމާ ހައްޤުގޮތުގައި ނެގުނު ނަމަ، ނުވަތަ ދަރީން ތަރުބިޔަތު ކުރުމުގައި މައިންބަފައިންނާ ބެލެނިވެރިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު ޙައްޤު ގޮތުގައި އަދާކުރެވުނު ނަމަ މިފަދަ ޙާލަތަކަށް ދިވެހި އިސްލާމީ އުންމަތް ވެއްޓިގެން ނުދާނޭކަން ކަށަވެރެވެ.

މީގެ އިތުރުން މިޤައުމު މިފަދަ ޙާލަތަކަށް ވެއްޓިގެންދިޔައީ އަޑީގައި ތިބެގެން، ދުނިޔަވީ ފައިދާއާއި މުއްސަނދިކަމަށްޓަކައި މަސްތުވާތަކެތީގެ އެތެރެކޮށް އޭގެ ވިޔަފާރި ކުރާ ބޮޑެތި މުޖުރިމުންތަކެއް މިޤައުމުގައި ވާތީއެވެ. މިބައިމީހުން ހޯދައި އިންސާފު ޤާއިމު ކޮށް މަރުގެ އަދަބުދެވޭނޭ ފަދަ ޤާނޫނެއް ފާސްކުރުން ކީއްތޯއެވެ؟

އެބައިމީހުންނާމެދު މިއަދު އިންޞާފު ޤާއިމު ނުކުރެވުނު ނަމަވެސް އިންޞާފު ޤާއިމު ކުރެވޭނޭ ދުވަހެއް އެބައޮތެވެ. އެދުވަހު އެބައިމީހުންނާ އެބައިމީހުންގެ ކަންތައްތައް ސިއްރުކޮށްގެން އުޅުނު އުއްމަތަށް ޚިޔާނާތްތެރި މުޖުރިމުން އަލިފާނުގެ ހިލިހިލައިން ކަސްތަޅު އެޅިގެންވާ ޙާލުގައި ﷲ ގެ ޢަދުލުވެރި ދަރުބާރަށް ޙާޟިރުކުރެވޭނެއެވެ. އަނިޔާވެރިންގެ ކިބައިން އެއްވެސް ޢުޒުރެއް ﷲ ޤަބޫލެއް ނުކުރައްވާނެތެވެ. އެދުވަހަކުން އެބައިމީހުންގެ ޖަޒާއަކީ ވޭންދެނި އަޒާބުގެ މަންޒިލެވެ. އެއީ ޖަހައްނަމަކަން ކަށަވަރެވެ.

މިޤައުމުގައި މިހާރު ފެތުރިގެން އުޅޭ ވައްކަން ކުރުމުގެ ވަބާއާއި، މީހުންމެރުމުގެ ވަބާއާއި، މީހުންގައި ކަޓަރު އެޅުމުގެ ވަބާއާއި، މީހުންގެ މުދާތައް ފޭރުމުގެ ވަބާއާއި ޙަސަދަވެރިކަމާ ޢަދާވާތްތެރިކަމާއި، ނާމާންކަމުގެ އަސްލަކީ މަސްތުވާތަކެއްޗާއި، މުންކަރާތްތަކާއި، ފަސާދަވެރިކަން މިޤައުމުގައި ފާޅުވެ ޢާއްމުވެގެން ދިޔަދިއުމެވެ.

އެމުޖަތަމަޢެއްގައި ރާއާއި، މަސްތުވާތަކެތި ޢާއްމު ވެއްޖެނަމަ، އެމުޖުތަމަޢެއްގައި ބިރުވެރިކަމާއި ނާމާންކަން ފެތުރިގަންނާނެއެވެ. ޒިނޭ ޢާއްމު ވާނެއެވެ. އެއްޖިންސުގެ ގުޅުން ހިންގާ މީހުން ގިނަވާނެއެވެ. ސަބަބަކީ ރާއަކީ ހުރިހާ ފާޙިޝްކަންކަމުގެ މަންމަ ކަމުގައިވީތީއެވެ.

މަސްތުވާތަކެތި ޢާއްމުވެއްޖެ މުޖުތަމަޢެއްގެ މީހުން ﷲ މަތިން ހަނދުމަނައްތާލާނެއެވެ. ނަމާދު އަޅާނެއެވެ. ރާ ބުއިމާއި ޒިނޭ ޢާއްމުވުމާއި މިފަދަ ކަންކަންކަމަކީ މިއީ ފަހު ޒަމާނުގެ ޢަލާމާތްތަކެވެ. އަދި މިފަދަ ކަންތައްތައް އެހެނިހެން ނަންނަމުގައި ފެތުރޭނޭ ކަމަށް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ.

މިސާލަކަށް ޒިނޭކުރުމަށް، މިހާރު ބޮޑީ ރިލެކްސް ކިޔާފާނެއެވެ. މިފަދަ ގޮތަކަށް މިފަދަ އަމަލުތައް ފެތުރިގެން ދެއެވެ. ކޮންމެ އަކަސް އިސްލާމްދީން ބާވާލެއްވުނު އެންމެ ބޮޑު ފަސްމަޤުޞަދުގެ ތެރޭގައި އިންސާނުންގެ ވިސްނުމާއި ބުއްދި ޙިމާޔަތްކުރެއްވުން ހިމެނެއެވެ. މީގެ ދަށުން ބަނގު ރާއާއި، އެހެނިހެން މަސްތުވާތަކެތިވަނީ ޙަރާމްކުރައްވާފައެވެ.

މަސްތުވާ ތަކެތީގެ ތެރެއިން ދިޔާއެއްޗެކަށް ވިޔަސް، ހިކި އެއްޗެކަށް ވިޔަސް މިއިން ކޮންމެ އެއްޗަކީ ވެސް ޙަރާމް އެއްޗެކެވެ. އަދި އެވިއްކައިގެން ހޯދާ ފައިސާ އަކީ ވެސް ކަނޑައެޅިގެން ޙަރާމްއެއްޗެކެވެ. ﷲ އެއްޗެއް ޙަރާމް ކުރައްވައިފިނަމަ، އެއެއްޗެއްގެ އަގުވެސް ޙަރާމްކުރައްވައެވެ. 

މިއަދު އަޅުގަނޑުމެން އެންމެ މަސައްކަތްކުރަންވީ މިވަބާއިން އަޅުގަނޑުމެންގެ ޤައުމު ޙިމާޔަތްކުރެވޭތޯއެވެ؟ ކުރިއަށް އޮތް ޖީލުތައް މިކަމުން މިންޖު ކުރެވޭތޯއެވެ؟ މިކަމުގެ ޙަޤީޤަތް ހޯދުމަށް އަޅުގަނޑުމެން މިވަނީ ނުކުޅެދިފައެވެ. މަސްތުވާ ތަކެތި އެތެރެކޮށް ވިއްކާ ހަދާ ކޮންބައެއްކަން ނޭގޭ ބޮޑެތި މުޖުރިމުންތަކެއް އަޑީގައި ތިބެގެން މި ކަން މިވަނީ މި ޤައުމުގައި ފަތުރާފައެވެ.

އަޅުގަނޑުގެ ނަޒަރުގައި މަސްތުވާތަކެތީގެ ވަބާއިން މިޤައުމު ޙިމާޔަތްކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކީ އެއްވެސް އޯގާތެރިކަމެއް ބެލުމެއްނެތި މަސްތުވާތަކެތި އެތެރެކުރާ މީހުންނާ އޭގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމެވެ.  މިކަން ކުރެވިދާނެ ކަން ދީނުގެ ހަމަތަކުން އެނގެން އެބައޮތެވެ. މިފަދަ ޙާލަތަކަށް ޤައުމުވެއްޓުމުން މިފަދަ އަދަބެއް އެމީހުންނަށް ދިނުމަކީ އަޅުގަނޑު ދެކޭގޮތުން ލާޒިމު ވެގެންވާ ކަމެކެވެ.

އިސްލާމްދީނުގެ އަޞްލު އުޞޫލަތުގެ އަލީގައި މިކަން ކުރެވޭނޭ މަގު ދައްކަވާފައި އެބައޮތެވެ. މަސްތުވާތަކެތި ޤައުމަށް އެތެރެކޮށް އެވިއްކާ ހަދާ މީހުންނަކީ ﷲ އާ އެކަލާނގެ ރަސޫލާ އާ ހަނގުރާމަކޮށް ބިންމަތީގައި ފަސާދަކޮށް އަޅުތަކުން މަގުފުރައްދާ މީހުންނެވެ. މިބައިމީހުންނަށް މަރުގެ އަދަބު ދެވިދާނެއެވެ. މިކަމުގެ ޙުއްޖަތަކީ އަލްމާއިދާ ސޫރަތުގެ 33 ވަނަ އާޔަތެވެ. މިއީ ސަޢޫދީ ޢަރަބިއްޔާއާއި އަދިވެސް ބައެއް އިސްލާމީ ޤައުމުތަކުގެ މީހުން ޢަމަލު ކުރަމުން އަންނަގޮތެވެ.  މިނޫން އެހެންގޮތަކުން މިކަން ކޮންޓްރޯލްކުރެވޭނޭ ކަމަށް ބުއްދި ޤަބޫލު ނުކުރެވެއެވެ.

ޣައިރު މުސްލިމު ޤައުމުތަކުގައިވެސް މަރުގެ އަދަބު ދެއެވެ. ދެތިން މީހަކު މަރާލަނިކޮށް މިކަން ހުއްޓިދާނެއެވެ. މިކަމަށް އެކަށީގެންވާ ޤާނޫނެއް އެކުލަވާލެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު ގޮވާލަމެވެ.

އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާކުރުމާއެކު ދީނީ ޢަޤީދާ ހަރުދަނާކުރެވެންވާނެއެވެ. ދީނީ ގޮތުން އެބައިމީހުންނަށް ފަރުވާ ނުދެވޭނަމަ، އަދި މާއްދީ ފަރުވާއަކުން ފައިދާއެއް ނުކުރާނެއެވެ. ޢަޤީދާ ހަރުދަނާ ނުވާނަމަ، ފަރުވާކުރިޔަސް ކުރީގެ ޙާލަތައް އެނބުރި ދިއުމަކީ ވަރަށް ގާތުގައިވާކަމެކެވެ. މިހާ ގިނަ ޢަދަދެއްގެ ޒުވާނުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިމިވަނީ އެބައިމީހުންނަށް އެކަށީގެންވާ ގޮތުގައި ދީނީ ތަރުބިޔަތު ނުދެވުމުގެ ސަބަބުންކަން ކަށަވަރެވެ.

    ވީމާ ސަރުކާރާއި، ދީނީ ޢިލްމުވެރިންނާއި، ކަމާބެހޭ މުއައްސާތަކާއި، ފުލުހުންނާއި ސިފައިންނާ، މައިންބަފައިންނާ ބެލެނިވެރިން އެންމެ އެކަތިގަނޑަކަށްވެގެން، އެހީތެރިވެގެން މިވަބާއިން ޤައުމު ސަލާމަތްކުރާމާ ހިނގާށެވެ! މިއެންމެންނަކީ  މިކަމުގައި ޒިންމާ ނަގަންޖެހޭނޭ ބައެއްކަމަށް އަޅުގަނޑު ދެކެމެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި